މިލިޔުންކޮޅުގައި އަޅުގަޑު އިޝާރާތްކޮށްލަން ގަސްދުކުރަނީ ދިވެހިރާއްޖޭގެ ގައުމީ މަންހަޖުގައި ބަޔާންކޮށްފައިވާ މައިގަޑު ތަޞައްވުރު ތަންފީޒުކުރުމުގައި ބަލަންޖެހޭ މުހިއްމު ކަމަކާގުޅޭ ގޮތުންނެވެ. ގައުމީ މަންހަޖުގެ މައިގަޑު ތަޞައްވުރަކީ ”ކުދިން ދިރިއުޅުމަށް ތައްޔާރުކުރުން“ ކަމުގައި ސާފު ޢިބާރާތުން ލިޔެވިފައިވެއެވެ(ދިވެހިރާއްޖޭގެ މަދަރުސީ ތަޢުލީމުގެ ގައުމީ މަންހަޖު، 2014،ޞ.16). މި ތަޞައްވަރުގެ ތަފުސީލުދީފައިވާ ގޮތުގައި އެއީ އުނގެނުމާއި ހޯދާ ބެލުމަށް ޝައުޤުވެރިވާ، ޢިލުމު އުފައްދާ، ކާމިޔާބު ފަރުދުންތަކަކަށް ދަރިވަރުން ހެދުމެވެ. މިގޮތަށް ތަޞައްވުރު ތަންފީޒުކުރުމުގެ މަސައްކަތް ގުޅިގެންދަނީ މައިގަޑު ކޮންސެޕްޓެއް (މަފްހޫމެއް) ކަމަށްވާ ލައިފްލޯންގް ލާރނިންއާއެވެ. ލައިފްލޯންގް ލާރނިން އަށް ބޭނުންކުރެވޭ ދިވެހި ވަކި ބަހެއް އަޅުގަޑަށް ކިއިފައިވާ އެއްވެސް ލިޔުމަކުން ފެނިފައި އަދި ނެތެވެ. ނަމަވެސް އެލަފުޒު ދިވެހިބަހުން މާނަ ކުރާނަމަ، އެއީ ދިރިއުޅުމަށް ފަހި އުނގެނުން، ތާއަބަދަށް ފަހި އުނގެނުން، ނުވަތަ ތާ ޢުމުރަށް ފަހި އުނގެނުމޭ ވެސް ބުނެވިދާނެއެވެ. މިއިން ކޮންމެ މާނައެއްގައި ލައިފްލޯންގް ލާރނިން ބޭނުން ކުރެވުނު ނަމަވެސް އެކަން ގުޅިގެންދަނީ ދަރިވަރުންނަކީ މަދަރުސީ ހަޔާތް ނިންމައި ނިކުމެންގެންދާއިރު ދިރިއުޅުމުގެ ކަންކަމަށް ތައްޔާރުވެފައިވާ، އަމިއްލައަށް ކަންތައްތައް ހޯދައި ބަލައި، މަޢުލޫމާތު އުފައްދައި އެމަޢުލޫމާތުގެ ބޭނުން ތަފާތު ހާލަތްތަކުގައި ކުރުމަށް ގާބިލު ބަޔަކަށް ވުމެވެ.
ކުރިން ދެންނެވުނުފަދައިން ގައުމީ މަންހަޖު އެކުލަވައިލާފައި އޮތް އިރު ސާފުކޮށް ލައިފްލޯންގް ލާރނިން ހިމަނައިގެން ކިޔަވައިދިނުމަށް އިޝާރާތް ކުރެވިފައިވާކަން ހާމަވެއެވެ. ނަމަވެސް އެކަން ކުރަންވީ ޢަމަލީގޮތްތަކާއި އަދި އެމަންހަޖުގައިވާ ބީދައިން ދަރިވަރުންނަށް ތަޢުލީމު ފޯރުކޮށް ނުދެވޭ ކަމީ ފެންނަން ހުރި ހަގީގަތްތަކެވެ. މިގޮތުން ޓްރެޑިޝަނަލް (ގަދީމީ) ގޮތަށް މުދައްރިސަށް ބަރޯސާވާ (ޓީޗަރ-ސެންޓާރޑް) ކިޔަވައިދިނުމުގެ ގޮތްތައް ކުލާސްރޫމުގެ ތެރޭގައި ބޭނުންކުރެވޭނަމަ މަންހަޖުގެ ކުރިން ދެންނެވި ތަޞައްވުރު ތަންފީޒު ކުރުމަކީ ފަސޭހަކަމެއް ނޫނެވެ. މުދައްރިސަށް ބަރޯސާވާ ކިޔަވައިދިނުމުގެ ގޮތްތަކުގައި ޢާއްމުކޮށް ފެންނަނީ، ދަރިވަރުން ކުރާނެ ހުރިހާ ކަމެއް ކިޔައިދީ ހަދަންވީ ހުރިހާ ގޮތެއް އަލިފުން ޔާޔަށް ބުނެދޭ މަންޒަރެވެ. ކުލާހުގެ ކުރިމަތީގައި ހުރެގެން ފިލާވަޅު ޝަރަހަކޮށްދޭ މަންޒަރެވެ. ދަރިވަރުންނަށް ހަދަން ހަވާލުކުރެވޭ ވާރކްޝީޓުގައި ލިޔަންވާ ވަކި ޖަވާބުތަކެއް، ލިޔެވިފައި އޮންނަންވާގޮތް ކުރިން ކަނޑައެޅި ނިންމިފައި އޮންނަތަނެވެ. ކުލާސްރޫމުގައި މަސައްކަތެއް ހަވާލުކުރެވުނު ނަމަވެސް ދަރިވަރުންގެ އުނގެނުމުގެ ތަޖުރިބާތަކަށް ވުރެ ބޮޑަށް ވަކި ވަކި އިންޑިކޭޓާރތަކެއްގައި ފާހަގަ ލާން ބެލޭ ތަނެވެ. މިގޮތަށް ފިލާވަޅު ނުގެންދެވޭނަމަ ރަގަޅަށް ކިޔަވައިދެވުނު ކަމަށް ޚުދު މުދައްރިސުންނަށް ވެސް ގަބޫލު ނުކުރެވޭ ތަނެވެ. އަޅުގަޑު ހިތަށް އަރަނީ މިފަދަ ގޮތަކަށް ކިޔަވައިދޭނަމަ ދަރިވަރުން އިތުރަށް ކުރަންވީ ކަމެއް، ވިސްނަންވީ ވިސްނުމެއް، ހޯދަންވީ އެއްޗެއް، އޮންނާނެބާއެވެ. އަދި ހަމައެހެންމެ މިގޮތަށް ކިޔަވައިދެވޭނަމަ ދަރިވަރުންގެ ހިތުގައި އަމިއްލައަށް ކަންކަން ކުރުމުގެ ޝައުޤުވެރިކަމެއް، ރޫހެއް، ވިސްނުމެއް އަދި ގާބިލުކަމެއްވެސް އަށަގެންނުވޭނީ ކިހިނެއްބާއެވެ.
ހަމަމި ބީދައިން ވިސްނާއިރު، ބެލެނިވެރިންވެސް ދަރިފުޅުގެ ފޮތުގައި ލިޔެ ފުރައިލެވިފައިވާ ޞަފުހާތައް/ނޯޓްސް އަދި ފާހަގަ ޖަހައިފައި ދީފާއިވާ މާކްސްތަކެއް ނެތްނަމަ ދަރިވަރުންނަށް ކިޔަވައިދީފައިވާކަން ގަބޫލު ނުކުރެއެވެ. މާކްސް މަތިން ނުލިބޭނަމަ ދަރިވަރު އުނގެނުނު ކަމުގައިވެސް ގަބޫލު ނުކުރެވެއެވެ. އުނގެނުމުގެ ތަޖުރިބާ އާއި، އުނގެނުމުގެ އިހުސާސްތަކާއި، އުނގެނުމަށް ހޭދަ ކުރާ ވަގުތާއި، ގޯސްކޮށް ކުރެވޭ ކަންކަން/ހެދޭ މިސްޓޭކްތައް، ވިސްނޭގޮތްގޮތް، ހިތަށް އަރާ ޚިޔާލުތައް، އުފެދޭ ސުވާލުތައް، ދެކެވޭ ވާހަކަތައް، ހޯދޭ ހޯދުންތައް މިއިން އެއްވެސް ކަމެއް އުނގެނުމުގެ ތެރޭގައި ހިމެނޭ ބައިތަކަކަށް ނުވެއެވެ. އެންމެ ކުރުކޮށް ދަންނަވާނަމަ، ދަރިވަރުން އުނގެނުނު ކަމަށް ގަބޫލު ކުރެވެނީ ކިޔައިދިން ގޮތަށް އެއްޗެހިތަކެއް ހިތުން ކިޔައިލެވި، ސީދާ ބުނެފައި އޮތްގޮތަށް ނުވަތަ ކިޔައިދިން ގޮތަށް އެއްޗެއް ލިޔެވި ނުވަތަ އެ ކަމެއް ކުރަން ބުނާގޮތަށް ކުރެވޭ ނަމައެވެ. މިއީ ދަރިވަރުންގެ ދިރިއުޅުމަށް ފަހި އުނގެނުމެކޭ މުޅިއެކުން ދެންނެވޭކަށް ނެތެވެ. ސަބަބަކީ، އޭގައި ދަރިވަރުގެ ހިއްސާއަށް ވުރެ ބޮޑަށް މުދައްރިސުން ކަންކުރަންވީ ގޮތް ކިޔައިދީ، މަޢުލޫމާތު ކިޔައިދިން ގޮތަށް އެނގިފައިވޭތޯ ދަސްވެފައިވޭތޯ ބެލުމެވެ. މިމޭރުމުން ވިސްނާއިރު، ގަބޫލުކުރަންޖެހޭ އެންމެ ބޮޑު ހަގީގަތަކީ ސިކުޑިއަކީ އެއްޗެހި އަޅައި ފުރައިލެވޭ ހުސް ފުޅިއެއް ނުވަތަ ފޮއްޓެއް ނޫންކަމެވެ. އަދި އޭގައި ރައްކައުކުރާ މަޢުލޫމާތަކީ އަބަދުމެ ހުންނާނެ އެއްޗެއްވެސް ނޫންކަމެވެ. އެއްޗެއް ދަސްކޮށްލައި ވަގުތު ކިޔައިލަން އެނގުމަކުން މުޅިއެކުން އުނގެނުމަށްކަށް ވެސް ނުފުދޭ ކަމެވެ. އަދި ހަމައެހެންމެ އުނގެނި ދަސްކުރާ ކޮންމެ އެއްޗަކީ ހުރިހާ ކަމަކަށް ބޭނުންކުރެވޭނެ މަޢުލޫމާތެއްވެސް ނޫންކަމެވެ. ހަމަ މިއާއެކު އުނގެނުން ބިނާވެފައި އޮންނަންޖެހެނީ މީހަކު ބުނެދޭ، ކިޔައިދޭ އެއްޗެއްގެ މައްޗަށް ބަރޯސާވެފައެއްވެސް ނޫންކަމެވެ. އެއާއި ޚިލާފަށް އުނގެނުމަކީ ސީދާ ދަރިވަރުންގެ ދިރިއުޅުމާ ގުޅޭ ތަޖުރިބާތަކަކަށްވާން ޖެހެއެވެ. އަދި ހަމައެހެންމެ، ފަހުންވެސް ބޭނުންކުރެވޭ ފަދަ ގޮތަށް އަމިއްލަ ހިއްސާ ބޮޑުކޮށް ކުރެވޭ ކަންތައްތަކަކަށް ވާންޖެހެއެވެ.
ދިރިއުޅުމަށް ފަހި އުނގެނުމާ ގުޅޭގޮތުން ވާހަކަ ދައްކަވާފައިވާ ޢިލުމުވެރިން ވަރަށް ގިނައެވެ. އޭގެ ތެރެއިން ފާހަގަކޮށްލެވޭ އެއްބޭފުޅެއް ކަމަށްވާ، މެނުއެލް ލަންޑަން (2011) ހާމަކުރައްވާގޮތުގައި އުނގެނުން އެންމެ ބޮޑަށް ގުޅެން ޖެހޭނީ ދިރިއުޅުމަށް އަންނާނެ ބަދަލުތަކަށް، ތަފާތު ހާލަތްތަކަށް، ތަފާތު ކަންކަމަށް، އެކިގޮތްގޮތަށް، އެކި ދާއިރާތަކަށް އަމާޒު ކުރެވޭ ގޮތަށެވެ. މާނައަކީ، މިހާރު އުނގެނޭ އެއްޗެއް، ފަހުންވެސް އެކަން އިތުރަށް އުނގެނުމަށް ކުރެވޭނެ ކަމެއް ނުވަތަ ހޯދުމަށް ކުރާނެ ކަންތައްތައް ދަސްކުރުމާއެވެ. ހަމައެކަނި މަޢުލޫމާތުތަކެއް ދަސްކުރުމަކަށް ނޫނެވެ. މެނުއެލް ލަންޑަން އިތުރަށް ޝަރަހަކުރައްވަނީ، ދިރިއުޅުމަށް ފަހިކޮށް އުނގަންނައި ދެވޭނަމަ، ދަރިވަރުންގެ އުނގެނުން ގުޅިގެންދާން ޖެހޭނީ ތަފާތު ހާލަތްތަކާ އެކު އުޅެން އެނގުމާއި ބަދަލުވާ ހާލަތްތަކަށް ފެތުމާއި، އަދި ވަކި ހާލަތެއްގައި ކުރަންވީ ވަކި ކަމެއް އަމިއްލައަށް ވިސްނަން އެނގުން ފަދަ ކަންކަމާއެވެ. މަޢުލޫމާތު ތަކެއް އޮތްގޮތަށް ދަސްކޮށްގެން މިކަން ހާސިލު ނުވާނެކަމަށް ލަންޑަން އިތުރަށް ލިއުއްވާފައިވެއެވެ. މިމޭރުމުން ވާހަކަ ދައްކަވަމުން، ވިދާޅުވަނީ ދިރިއުޅުމަށްފަހި އުނގެނުމުގެ ހުނަރަކީ ކުއްޖާގެ މަދަރުސީ ހަޔާތް ނިމި ޒުވާނަކަށްވެ މުޖުމަޢަށް ނިކުތުމަށް ވެވޭ ތައްޔާރީގެ ފުރަތަމަ ފިޔަވަޅުގޮތުގައެވެ. މިގޮތުން އޭނާ ހާމަ ކުރައްވާގޮތުގައި މިހުނަރުތައް ލިބިފައިވާނަމަ އެކުއްޖެއްގެ ހަޔާތުގެ ދެން ހުރި ހަރުފަތްތަކުގައި އުނގެނުމުގެ ތަޖުރިބާތަކާއި، ދަސްކުރެވޭ ހުނަރުތަކާއި، އަދި ލިބޭ ގާބިލިއްޔަތުތައް ހަރުދަނާވެގެންދާ މިންވަރު އިތުރުވެއެވެ.
އެހެން ބައެއް ލިޔުންތަކުން ހާމަވާ ގޮތުގައި ދިރިއުޅުމަށް ފަހި އުނގެނުމަކީ ތާއަބަދު ދެމިގެންދާ އުނގެނުމުގެ ހުނަރުތަކެއް ލިބުމާއެކު ދިރިއުޅުމުގެ ކުރިއޮތްތާގައި ކުރަންޖެހޭ މަސައްކަތްތަކާއި ވަޒީފާގެ ދާއިރާތަކަށް ލޯހުޅުވުމަށް ބޭނުންވާ ފިޔަވަޅެއްކަން ބަޔާންވެފައި ވެއެވެ (ލަންޑަން އަދި ސްމިތިއަރ، 1999). މިނޫންވެސް އެހެން ފަރާތްތައް އިޝާރާތްކުރައްވަނީ އެއީ ދިރިއުޅުމުގެ ކޮންމެ ކަމެއްގައިވެސް ކަންކުރަންވީ ގޮތް، ކަމެއް އިތުރަށް އޮޅުންފިލުވަން ކުރަންވީ ކަމެއް، މަޢުލޫމާތު ހޯދާނެ ގޮތެއް، ވިސްނުމަށް ބޭނުން ކުރެވިދާނެ އުކުޅުތަކެއް، ކަންކަން ދިމާވުމުން ހައްލު ކުރަންވީ ގޮތްތަކެއް އަދި ހާލަތެއް ބަދަލުވުމުން ވިސްނުން ގެންގުޅެންވީ ގޮތްތަކެއް ހޯދަން އެނގުމެވެ(ޝާރޕްލްސް، 2000). މިޢިލުމުވެރިންގެ ބުނުންތަކުން ހާމަވަނީ ސްކޫލު ނިމޭއިރު ދަރިވަރުން ތިބެންޖެހެނީ ދިރިއުޅުމަށް ފަހި އުނގެނުމުގެ ހުނަރުތަކެއް ލިބި މުޖުތަމަޢެއްގައި އެހެން މީހަކަށް ބަރޯސާ ނުވެ އުޅެން ދަސްވެފައި ފަރުދަކަށްވެފައި ކަމެވެ.
މިމައުޟޫޢުގައި ވާހަކަ ދައްކަވާ ބައެއް ބޭފުޅުން އިތުރަށް ފާހަގަކުރައްވާފައިވަނީ ދިރިއުޅުމަށް ފަހި އުނގެނުން ހިމަނައިގެން ކިޔަވައިދިނުން ގެންދެވޭނަމަ ދަރިވަރުންނަކީ ދިރިއުޅުމަށް ބޭނުންތެރި ސިފަތަކެއް ލިބިފައިވާ ބަޔަކަށް ވާނެކަމެވެ. މިގޮތުން ހިމެނޭ ބައެއް ސިފަތަކަކީ ރެސިލިއެންސް (ކަންކަމުން ފަސޭހައިން އަރައިގަނެވޭ)، ރިސޯރސްފުލްނެސް (އަމިއްލަ ނަފުސު ދަންނަ، އަމިއްލަ ގާބިލުކަންކަން ދެނެހުންނަ، ކަންކަމަށް ފަސޭހައިން ހޭނޭ)، ރިފްލެކްޓިވްނެސް (ކަންކަމުގައި ވިސްނުމާއި ރިވެލިކުރުމާއި، ގޮތްނިންމުމާއި) އަދި އަމިއްލައަށް އުނގެނުމުގެ ހުނަރުތައް ލިބިފައިވާ ދިރިއުޅުމުގެ ތަފާތު ހާލަތްތަކަށް އަންނަ ބަދަލުތަކާއެކު އުޅެން ދަންނަ ބަޔަކަށް ވުމެވެ (ކްލެކްސްޓޮން، 2000). މިކަމާގުޅޭގޮތުން އެހެން ޢިލުމުވެރިއެއް ކަމަށްވާ، ކެންޑީ (1991)ގެ ކުރީގެ ލިޔުމެއްގައި ބަޔާންކުރައްވަނީ ދިރިއުޅުމަށް ފަހި އުނގެނުމުގެ ހުނަރުތަކުގެ ތެރޭގައި މީހަކަށް ބަރޯސާ ނުވެ އުނގެނޭނެ ގޮތާއި އަދި އިތުރަށް އެކަން ތަރައްގީ ކުރާނެގޮތާއި، މަޢުލޫމާތު ހޯދާނެގޮތާއި، ކަންކަމުގެ ތަފާތު ހާލަތްތަކާއެކު ދިރިއުޅޭނެ ގޮތާއި، އަމިއްލަ ނަފުސު ބެލެހެއްޓުމާއި، ކަންކަމުގައި އަމިއްލަ އިހުސާސްތައް ކޮންޓްރޯލު ކުރުން ފަދަ ކަންކަން ހިމެނޭކަމެވެ. މިހާރު ޒުވާންވަމުން އަންނަ ޖީލަކީ ކަންކަމުގައި ފަސޭހައިން ގޮސްހުސްވެ ހަދާނެގޮތްބޮޑުވެ، ކުރާނެ ނުކުރާނެ ކަމެއް ނޭނގި އަމިއްލަ އިހުސާސްތައް ކޮންޓްރޯލް ކުރުމަށް ދަތިބައެއް ގޮތުގައި ދިރާސާތަކުން ފާހަގަ ކުރެއެވެ. މިފަދަ ކަންކަމަށްވެސް އެންމެ އެކަށޭނަގޮތުގައި ދަރިވަރުން ތައްޔާރު ކުރެވޭނެ އެއްގޮތަކީ ކިޔަވައިދިނުމުގައ ދިރިއުޅުމަށް ފަހި އުނގެނުމުގެ ހުނަރުތަކަށް ދަރިވަރުން ގާބިލު ކުރުވައިގެންނެވެ.
އިސްވެދިޔަ ޢިލުމުވެރިންގެ ވާހަކަ ކޮޅުގެ އިތުރުން ދިރިއުޅުމަށް ފަހި އުނގެނުމުގެ ހުނަރުތަކާ ގުޅޭ ގޮތުން ޔުނައިޓެޑް ނޭޝަންސް ޗިލްޑްރަންސް ފަންޑް (ޔުނިސެފް) އިން ޝާއިކުރައްވާފައިވާ މަދަރުސީ ކިޔަވައިދިނުމުގައި ސަމާލުކަންދޭންޖެހޭ ޓްރާންސްފަރަބްލް ސްކިލްތައް (ދިރިއުޅުމަށް ބޭނުންވާ ހުނަރުތައް) މައިގަޑު 3 ދާއިރާއެއް ފާހަގަކޮށްލެވެއެވެ. ހޫލަ 1 ގައި ދައްކާލެވިފައިވާ ގޮތުން، އެ ދާއިރާތަކަކީ، ބިންގާ ހުނަރު، ޑިޖިޓަލް ހުނަރު، އަދި ވަޒީފާމައިދާނުގެ ހުނަރެވެ. މިއިން ކޮންމެ ދާއިރާއެއް ކުރު ތަފުސީލާއެކު ތިރީގައި ލިޔެވިފައިވާނެއެވެ.
ހޫލަ 1.މަދަރުސީ ނިޒާމުގައި ދަރިވަރުންގެ ކިބައިގައި ހަރުލައްވަން ޖެހޭ ހުނަރުތައް (ޔުނިސެފް، 2019)
- ފައުންޑޭޝަން ސްކިލްސް (ބިންގާ ހުނަރުތައް)، މިއީ އުނގެނުމުގެ ތަފާތު ކަންކަމާގުޅޭ ހުނަރުތަކެވެ. މިސާލަކަށް، ހިސާބުގެ ޢިލުމު، ލިޔެކިޔުމުގެ ހުނަރު، ވާހަކަ ދެއްކުމުގެ ހުނަރު، މަޢުލޫމާތު އުފެއްދުމާއި، ހޯދުމުގެ ހުނަރު، ވިސްނުމުގެ ހުނަރު ، މީހުންނާއި މުޢާމަލާތު ކުރުމުގެ ހުނަރު، އިޖުތިމާޢީ އިންތަކާއި މިންތައް ދެނެގަތުގެ ހުނަރު އަދި މުޖުތަމަޢެއްގައި އުޅުމަށް ބޭނުންވާ ތަފާތު ހުނަރުތަކެވެ.
- ޖޮބް ސްޕެސިފިކް ސްކިލްސް (މަސައްކަތު ދާއިރާތަކާއި ގުޅޭ ތަފާތު ހުނަރުތައް)، މިބާވަތުގައި ހިމެނެނީ މަސައްކަތެއް ކުރުމަށް ބޭނުންވާ ޓެކްނިކަލް މަޢުލޫމާތާއި ހުނަރުތަކެވެ. މިސާލަކަށް ވަޑާންކުރުން، އޮފީސް މަސައްކަތްތައް، ދަނޑުވެރިކަން، މަސްވެރިކަން އަދި މިނޫންވެސް ވަޒީފާގެ މައިދާނުގައި ކުރެވޭ ތަފާތު މަސައްކަތްތަކައި ގުޅޭ ހުނަރުތަކެވެ.
- ޑިޖިޓަލް ސްކިލްސް (ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކުރުމުގެ ހުނަރު)، މިކަމަކީ ބަވަނަ ވަމުން މިއަންނަ ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައިވެސް ސުކޫލުގެ ނިޒާމުގެ ތެރޭގައި ދަރިވަރުންނަށް ދަސްކޮށްދެވެންޖެހޭ ހުނަރުތަކެކެވެ. މިސާލަކަށް ޑިޖިޑަލް ޕްލެޓްފޯމް/މަންސަތައް ބޭނުންކުރުމާއި، އިންޓަރނެޓްގެ ވަސީލަތްތައް ބޭނުންކުރުމާއި، ޑިޖިޓަލްކޮށް މަޢާމަލާތު/މުވާސަލާތުކުރުމާއި، ޑިޖިޓަލްކޮށް މަޢުލޫމާތު ލިބިގަތުމާއި ފޯރުކޮށްދިނުމާއި، އަދި އެކަންކަމުގެ ޢާއްމު އުސޫލުތަކާއި ހިފަހައްޓަންޖެހޭ އިންތަކާއި މިންތައް އެނގުމާއި އަދި ޑިޖިޓަލް ދުނިޔޭގައި ރައްކައުތެރި ވާންވީގޮތްތަކާއި ސަމާލުވާންވީ ކަންކަން އެނގުން ފަދަ ގިނަ ގުނަ ހުނަރުތަކެވެ (ޔުނިސެފް، 2019).
އިސްވެ އިޝާރާތްކުރެވިދިޔަ ވާހަކަ ކޮޅަކީ ގައުމީ މަންހަޖުގެ ތަންފީޒުކުރުމުގައި ސަމާލުކަން ދޭންޖެހޭ މުހިންމު ކަންތައްތަކެކެވެ. ގައުމީ މަންހަޖުގެ ތަޞައްވުރު އެންމެ ފުރިހަމަ ގޮތުގައި ހާސިލުކުރެވެން އޮތީ ދިރިއުޅުމަށް ފަހި އުނގެނުމުގެ ހުނަރުތައް ދަރިވަރުންގެ ކިބައިގައި އާލައިކޮށް ހުރުލައްވައިގެންނެވެ. ކުރިންވެސް އިޝާރާތްކުރި ފަދައިން މިކަމުގައި ގިނަފަރާތްތަކެއްގެ ވިސްނުން ބަދަލު ކުރަންޖެހެއެވެ. މިގޮތުން އަޅުގަޑުމެންގެ ބެލެނިވެރިން ބަލައިގަންނަންވީ އުނގެނުމަކީ ހަމައެކަނި ލިބޭ މާކްސްތަކަކުން ބަލައިލެވޭ އެއްޗެއް ނޫންކަމެވެ. މުދައްރިސުން ގަބޫލުކުރަންވީ ލިބިފައިވާ މަޢުލޫމާތުތައް ކިތަންމެ ފަރިތަކޮށް ޝަރަހަ ކޮށްގެން ކިޔަވައިދެވުނު ނަމަވެސް އެންމެ ފުރިހަމަ ގޮތުގައި ކިޔަވައިދެވުމަކީ އެއީ ނޫންކަމެވެ. ދަރިވަރުން ބަލައިގަންނަންވީ މަޢުލޫމާތަކީ، ކޮންމެ ފަހަރަކު މީހަކު ކިޔައިދޭން ޖެހޭ އެއްޗެއް ނޫންކަމާއި އަދި އަމިއްލައަށްވެސް ހޯދޭ އަދި އުފެއްދޭ އެއްޗެއްކަމެވެ. މުޅި މަދަރުސީ ނިޒާމުގައި ބަލަންވީ ދަރިވަރުން އަމިއްލައަށް ކުރާ މަސައްކަތްތަކެއްގެ ތެރެއިން އުނގެނުން ތަޖުރިބާ ކުރުމަށް ފުރުސަތު ފަހިކޮށް ދިނުމަށެވެ. މިގޮތުން ބަލާއިރު، ލައިފްލޯންގް ލާރނިން އަށް (ދިރިއުޅުމަށް ފަހި އުނގެނުން) ދަރިވަރުން ތައްޔާރު ކުރެވޭނީ ދަރިވަރުން އަމިއްލައަށް އުނގެނެން ކުރަންވީ ކޮންކަމެއްކަން، ބޭނުންކުރަންވީ ކޮން އުސޫލުތަކެއް، ކޮންގޮތްތަކެއް، ކޮން އުކުޅުތަކެއް ކަން ދަސްކޮށްދީ އެކަމަށް ހާނުވައިގެންނެވެ. އެހެން ޢިބާރާތަކުން ދަންނަވާނަމަ ކަމަކާ ބެހޭ މަޢުލޫމާތުތަކެއް ސީދާސީދާ ދިނުމުގެ ބަދަލުގައި އެމަޢުލޫމާތުތައް ހޯދާނެގޮތް ކިޔައިދީގެންނެވެ. ލައިފްލޯންގް ލާރނިން ސްކިލްސް (ދިރިއުޅުމަށް ފަހި އުނގެނޭ ގޮތްތައް/ހުނަރުތައް) ދަރިވަރުންނަށް ދަސްކޮށްދިނުމޭ ބުނުވެނީ މިކަން ކުރުމަށެވެ. ޚާއްޞަކޮށް ގައުމީ މަންހަޖުގެ ތަޞައްވުރު އެންމެ އެދެވޭ ގޮތަށް ހާސިލު ކުރުމަށް ޔުނިސެފްގެ ފުރޭމްވާރކުގައި ބަޔާންކުރައްވާފައިވާ ތިން ދާއިރާއަށް ސަމާލުވެގެން ކިޔަވައިދިނުން ރޭވުމަކީ މުހިންމު ކަމެއް ކަމުގައި ދެކެމެވެ.