މިހަފުތާގެ އެދުރުއަށީގެ ލިޔުންކޮޅު ޚާއްޞަކޮށްފައި މިވަނީ ދިވެހިރާއްޖޭގެ ގައުމީ މަންހަޖުގައި އެކަމަކަށް ވަރަށް ބޮޑަށް ބާރުއަޅާ ތަންފީޒުކުރުމަށް މަސައްކަތް ކުރަމުންދާ މުހިންމު ކަމަކަށެވެ. އެއީ އެއް ކުލާހެއްގެ ތެރޭގައި ތިބޭ ތަފާތު ދަރިވަރުންގެ އެކިއެކި ބޭނުންތަކާއި ކުޅެދުންތަކާއި ނުކުޅެދުންތަކަށް ރިޢާޔަތްކޮށްގެން ކިޔަވައިދިނުން ފަރުމާ ކުރުމާ ބެހޭގޮތުންނެވެ. އެހެން ގޮތަކަށް ދަންނަވާނަމަ، އެއްވެސް ކުއްޖެއް ބާކީ ނުވާނެ ފަދަ ގޮތަކަށް ކިޔަވައިދިނުމަށް ބަދަލުގެނެސްގެން އުނގަންނައިދިނުން ބައްޓަން ކުރުމެވެ. ޢިލްމީ ލިޔުންތަކަށް ނަޒަރު ހިންގާލާއިރު، ޑިފަރެންޝިއޭޓެޑް އިންސްޓްރަކްޝަން (ބަދަލުގެނެސްގެން ކިޔަވައިދިނުން) ޑިފަރެންޝިއޭޓެޑް ލާރނިން (ބަދަލުގެނެސްގެން އުނގެނުން) މި ދެ މަފުހޫމު ތަފާތުވި ނަމަވެސް މާނައާއި ޢަމަލީ މަސައްކަތް އެއްގޮތެވެ. އެއީ ކުލާސްރޫމެއްގައި ދަރިވަރުންގެ ތަފާތު ބޭނުންތަކަށާއި ކުޅެދުންތަކަށް އަމާޒުކޮށްގެން ކިޔަވައިދިނުން ރޭވުމެވެ. މިއީ ވަކި މަރުހަލާއަކަށް ނުވަތަ ވަކި ކީސްޓޭޖަކަށް ޚާއްޞަކުރެވިފައިވާ ކޮންސެޕްޓެއް/މަފުހޫމެއް ނޫނެވެ. މިއީ ކޮންމެ ލެވެލެއްގެ، ކޮންމެ ޢުމުރެއްގެ ދަރިވަރުންނަށް ކިޔަވައިދޭ މާހައުލެއްގައި ވެސް ސަމާލުވުން މުހިންމު ކަމެކެވެ. އެހެންކަމުން މިއަދު އަލިއަޅުވާލަން ގަސްދުކޮށްފައި މިވަނީ ބަދަލުގެނެސްގެން ކިޔަވައިދިނުން ރާވާއިރު ސަމާލުވާން ޖެހޭ ދެތިން ނުކުތާއަކަށާއި އަދި ބަދަލުގެނެސްގެން ކިޔަވައިދިނުން ރޭވުމުގައި އެހީތެރިވެދޭނެ ބައެއް ގޮތްތަކަށެވެ.
ޑިފަރެންޝިއޭޓެޑް އިންސްޓްރަކްޝަންގެ ޢިލުމީ ވިސްނުން
ބައެއް ޢިލުމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި، ޑިފަރެންޝިއޭޓެޑް އިންސްޓްރަކްޝަންގެ ފިލޯސަފީ ވުޖޫދުވީ އެކި މިޒާޖުގެ އެކި ފެންވަރުގެ ކުދިން އެއް ކުލާހަކުން ފެންނަން ފެށުމުގެ ނަތީޖާއެއްގެ ގޮތުންނެވެ (އެޑިންގަރ، 2003). ޚާއްޞަކޮށް، އެޑިންގާރ ފާހަގަކުރައްވާ ގޮތުގައި ބައެއް ގައުމުތަކުގައި ގިނަ ސަގާފަތްތަކުގެ ކުދިން އެއް ކުލާހެއްގައި ކިޔަވަން ދިމާވުން އެކިއެކި ދަރިވަރުންނަށް ފިލާވަޅުގެ ބައިތައް ކިޔަވައިދޭ ގޮތް ތަފާތު ކުރަން ޖެހެއެވެ. އެގޮތުން ދަރިވަރުންގެ ތަފާތުތަކާއި ބޭނުންތައް ކެޓެގަރައިޒު ކުރެވި، އެ ކަންކަމަށް ރިޢާޔަތްކުރާނެ ކިޔަވައިދިނުމުގެ އުކުޅުތަކާ ބެހޭގޮތުން ޢިލުމީ ދިރާސާތައް ކުރަން ފެށިއެވެ. ޑިފަރެންޝިއޭޓެޑް އިންސްޓްރަކްޝަންއާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަ ދައްކަވާ ލިޔުއްވާ އެއްފަރާތަކީ ކެރޮލް-އޭން ޓޮމްލިންސަންއެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ދަރިވަރަށް ބޭނުންވާ ބޭނުންތަކާއި، ކަންކަމާއި، ކުޅެދުންތަކާއި، ނުކުޅެދުންތަކަށް، އަދި ގަޔާވާ ކަންކަމާ ގުޅުވައިގެން ކިޔަވައިދިނުން ރޭވުން މުހިންމެވެ(ޓޮމްލިންސަން، 2005).
2000 ވަނަ އަހަރުން ފެށިގެން، 2005 ވަނަ އަހަރާ ހަމައަށް ކެރޮލް-އޭން ޓޮމްލިންސަން ލިޔުއްވާފައިވާ ތަފާތު ލިޔުންތަކުގައި ޑިފަރެންޝިއޭޓެޑް އިންސްޓްރަކްޝަންއަކީ ކިޔަވައިދިނުމުގެ ތަފާތު ފިލޯސަފީއެއް ނުވަތަ ވިސްނުމެއް ކަމަށް އިޝާރާތްކުރައްވާފައިވެއެވެ. ޑިފަރެންޝިއޭޓެޑް އިންސްޓްރަކްޝަންއާ ގުޅޭގޮތުން ޓޮމްލިންސަން 2013 ވަނަ އަހަރުގެ ޓެޑް ޓޯލކެއްގައި ހާމަކުރައްވާފައިވާ މުހިންމު އެއް ވާހަކައަކީ، ބައެއް މުދައްރިސުންނަށް ޑިފަރެންޝިއޭޓެޑް އިންސްޓްރަކްޝަންގެ މަސައްކަތް ބުރައަކަށް ވާކަމަށް ފާހަގަ ކުރެވޭ ވާހަކައެވެ. އެކަމަކު އެކަން ބުރައަކަށް ވަނީ މުދައްރިސުންގެ ކުރީގެ ވިސްނުން ބަދަލު ކުރުމަށް ދަތިވާތީ ކަމަށް ވެސް އޭނާ ބަޔާންކުރައްވާފައިވެއެވެ. ޚާއްޞަކޮށް، އާންމު މުދައްރިސުންގެ ވިސްނުމެއް ކަމަށް ފާހަގަ ކުރެވޭ ’ހުރިހާ ކުދިންނަށް އެއް ސައިޒެއް ހެޔޮވަރުވާނެ‘ ކަމަށް ގަބޫލުކުރެވޭ ގޮތް ގެންގުޅެވޭތީ ކަމަށް ވުން ވެސް އެކަށީގެންވާ ކަމުގައި ޓޮމްލިންސަން ހާމަކުރައްވައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ހުރިހާ ކުދިންނަށް އެއްގޮތަކަށް ކިޔަވައިދިނުމުގެ ކަންކަން ރޭވުމަކީ އާންމުކޮށް ފެންނަ ކަމެކެވެ. މިވާހަކަކޮޅުގައި، މުދައްރިސުން ކުރަންޖެހޭ އެންމެ މުހިންމުކަމަކީ ދަރިވަރުން ދެނެގަތުން ކަމުގައި ފާހަގަ ކުރައްވަމުން އެކަން ކުރާނެ ގޮތުގެ ޢަމަލީ މިސާލުތައް ވެސް ދެއްވާފައިވެއެވެ. މިސާލަކަށް ދަރިވަރުން ކުލާހުގައި އުޅޭއިރު އެ ކުދިންނާ ބެހޭގޮތުން ކަންކަން ނޯޓްކުރަން ޖާރނަލްއެއް ނުވަތަ ނޯޓްފޮތެއް ގެންގުޅެން އިރުޝާދު ދެއްވައެވެ. އަދި އެ ފޮތުގައި ތަފާތު ކުދިންގެ ނީޑްސް/ބޭނުންތައް، ގަޔާވާ ކަންކަން، ކުދިންގެ ތަފާތު ގޮތްތައް، އުނގެނުމުގައި ހުންނަ ތަފާތުތައް ނޯޓްކޮށްފައި ބެހެއްޓުމަކީ ވެސް މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ. މީގެ އިތުރުން، ދަރިވަރަށް އެނގެމުންދާ މިންވަރު، ލެވެލް، ބެކްގްރައުންޑް (ޢާއިލީ މާހައުލު/ހާލަތު)، ކިޔަވައިދޭން އުޅޭ ބައިތަކަށް ކުއްޖާގެ (ރެޑިނަސް) ތައްޔާރީ ހާލަތް، ބަސްކޮށާރު، ޝައުގު، އުނގެނޭ ގޮތް މިފަދަ ވަރަށް ގިނަ ކަންތައްތައް މުދައްރިސް ދެނެގަންނަން ޖެހޭ ކަމަށް އެހެން ޢިލުމުވެރިން ވެސް ފާހަގަ ކުރައްވައެވެ (ހޯލް، 2002). ހޯލް ވިދާޅުވާގޮތުގައި، ޑިފަރެންޝިއޭޓެޑް އިންސްޓްރަކްޝަންއަކީ މުދައްރިސުގެ ވިސްނުމާ ގުޅިފައިވާ މަސައްކަތެކެވެ. ލޯރީ ފާރލެޒޯ (2013) ހާމަކުރައްވާ ގޮތުގައި ދަރިވަރުންނަކީ ތަފާތުތައް ހުންނާނެ ބައެއްކަން ގަބޫލު ކުރެވޭނަމަ، އެ ކުދިންނަށް ކިޔަވައިދޭ ގޮތް، ކުލާހުގައި ގެންގުޅޭ ތަފާތު މެޓީރިއަލްސް/އެއްޗެހި، ދަރިވަރުން ލައްވާ ކުރުވާ މަސައްކަތްތައް ބަދަލުކުރުމުގެ ޚިޔާލު ބޮޑަށް ހުންނާނެއެވެ. މުދައްރިސުންގެ މި ވިސްނުން ނެތްނަމަ ހުރިހާ ކުދިންނަށް އެއް ސްޓޭންޑަޑަކަށް/އެއްގޮތަކަށް ފިލާވަޅު ރޭވުން ގިނަވާނެކަމަށް ލެރީ ފާރލޯޒު ފާހަގަކުރައްވައެވެ. މި ކަމާބެހޭ ގޮތުން ލޯރީ ދެއްވާފައި ބައެއް އަމަލީ މިސާލުތައް ދެވިފައިވާ ވީޑިއޯ ކްލިޕްން ބައްލަވާލައްވާށެވެ.
އިސްވެދިޔަ ޚިޔާލުތަކަށް ވިސްނާލާއިރު، ފާހަގަ ކުރެވެނީ، ޑިފަރެންޝިއޭޓްޑް އިންސްޓްރަކްޝަންގެ ފިލޯސަފީ ބޭނުންކޮށްގެން ކިޔަވައިދިނުން ފަރުމާކުރާއިރު ފުރަތަމަ އެއްފަރާތްކުރަން ޖެހޭ ވިސްނުމަކީ ’އެއް ސައިޒެއް އެންމެންނަށް ހެޔޮވަރު ނުވާނެކަމެވެ‘. މާނައަކީ ދަރިވަރުންނަކީ ތަފާތުތައް އެކުލެވޭ ބައެއްކަން ގަބޫލުކުރުމެވެ. އެހެންކަމުން، އެ ދަރިވަރުންނަކީ ތަފާތު ކަންކަންކަމަށް ލޯބިކުރާ، ތަފާތު ބޭނުންތަކަކާއި، ކުޅެދުންތަކާއި، ނުކުޅެދުންތަކާއި، އަދިވެސް ޢާއިލީ މާހައުލު/ހާލަތުގެ ތަފާތުތަކާއި، ސަގާފަތާއި އުޅުންގުޅުން ހުންނަގޮތް ވެސް ތަފާތު ބައެއް ކަމަށް މުދައްރިސުން ބަލައިގަނެ އެ ކަންކަމަށް ރިޢާޔަތްކޮށްގެން ކިޔަވައިދިނުން ރޭވުމެވެ. އެހެން ލިޔުމެއްގައި، މުލްރޯއީ އަދި އެޑިންގަރ (2003) ހާމަކުރައްވަނީ، އުނގެނޭ މާހައުލުގައި ވަކިވަކި ދަރިވަރުންނަށް ބޭނުންވާކަންކަމަށް އަމާޒުކޮށް ކަންތައްތަކެއް ރޭވުމަކީ އެ ދަރިވަރުންގެ އުނގެނުން އިތުރަށް ކާމިޔާބާ ހަމައަށް ގެންދެވޭނެ ގޮތްތަކެއް ކަމަށެވެ.
ޑިފަރެންޝިއޭޓެޑް އިންސްޓްރަކްޝަން/ބަދަލުގެނެސްގެން ކިޔަވައިދިނުން ރޭވުން
ޑިފަރެންޝީއޭޓެޑް އިންސްޓްރަކްޝަން ނުވަތަ އުނގަނާދިނުމަށް ބަދަލުގެނެސްގެން ކިޔަވައިދިނުން، މިއީ ކޮންމެ މުދައްރިސެއް ވެސް ސަމާލުވާން ޖެހޭކަމެކެވެ. ކޮންމެހެން، ކުލާހުގައި ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރެއް ނެތް ނަމަވެސް އަބަދުވެސް ދަރިވަރުންގެ އެކި ތަފާތުތަކަށް ރިޢާޔަތްކޮށްގެން ކިޔަވައިދިނުން ރޭވުމަކީ ބޭނުންތެރިކަމެކެވެ. ސަބަބަކީ ކުލާހެއްގައި ތިބޭނީ ހަމައެކަނި އެއް ބާވަތެއްގެ އެއް އެބިލިޓީތަކެއްގެ (ގާބިލިއްޔަތުތަކެއް)، އެއްކަހަލަ ބޭނުންތައް، އެއްވަރަކަށް މަސައްކަތްކުރެވޭ، އެއް ގޮތްތަކަކަށް އެއްޗެހި ދަސް ކުރެވޭ ދަރިވަރުންނަށް ނުވުމެވެ. ޑިފަރެންޝިއޭޓެޑް އިންސްޓްރަކްޝަން ބޭނުންކޮށްގެން ކިޔަވައިދިނުން ރޭވުމުގައި މުހިންމު ހަތަރު ބައެއް ހިމެނެއެވެ (ހޫލަ.1). އެއީ:
ހޫލަ 1. ޑިފަރެންޝިއޭޓެޑް އިންސްރަކްޝަން ތަންފީޒު ކުރާއިރު ބަދަލު ގެންނަން ޖެހޭ ކަންތައްތައް
- ކިޔަވައިދޭ ބައިތައް/ކޮންޓެންޓަށް ބަދަލުގެނައުން: ދަރިވަރުންނަށް އުނގަންނައި ދޭން ޖެހެނީ ކޮން އެއްޗެއް ކަމާއި އެއަށް ގެނެވޭނެ ބަދަލުތަކަކީ ކޮބައިތޯ ބެލުމަކީ ޑިފަރެންޝިއޭޓެޑް އިންސްޓްރަކްޝަން ތަންފީޒު ކުރާއިރު ބަލަން ޖެހޭ ކަމެކެވެ. އަދި ބަދަލު ގެންނަ ނަމަ ގެންނާނީ ކިހާ މިންވަރަކަށް، ކޮން ބައިތަކަކަށްތޯ ވެސް ބަލަން ޖެހެއެވެ. މިސާލަކަށް ދަރިވަރަށް ކިޔަން ހަވާލުކުރެވޭ މެޓީރިއަލްތަކަށް ބަދަލު ގެނައުން، ކިޔުމުގެ ތަފާތު ލެވެލްތަކަށް އަމާޒުކޮށްގެން އެކި ލެވެލުގެ ކިޔުންތައް އެކި ގުރޫޕަށް ދެވޭ ގޮތަށް ހަދާފައި ހުރުން، ހަމަ މިގޮތަށް އާންމު ކުދިންނަށް ކިޔަން ހަވާލު ކުރެވޭ މެޓީރިއަލް، ލޮލަށް ނުފެންނަ ކުދިންނަމަ އޯޑިއޯ ޓޭޕުގައި ހެދިފައި ހުރުން ވެސް ހިމެނެއެވެ. މީގެއިތުރުން، އާދައިގެ ކުދިންނަށް ވުރެ ކިއުމުގެ ހުނަރުތައް ދަށް ކުދިންނަށް ތަފާތު ތަސްވީރުތަކާ އެކު މަދުން ކިޔުން ހިމެނޭ ގޮތަށް ތައްޔާރު ކުރެވިފައި ހުންނަ ކިޔުންތައް ހަދާފައި ހުރުމަކީ ވެސް ބޭނުންތެރި ކަމެކެވެ. މިގޮތަށް ކިޔަވައިދޭއިރު، ކިޔަންފަރިތަ ކުދިންނާ އެކު އެހެން ކުދިން ޓެގް/ބައިވެރި ކުރުން، ކުދިގުރޫޕް ހަދައި އެކުގައި ކިޔުއްވާ ގޮތަށް ވެސް ހަރަކާތްތައް ރޭވުން ރަގަނޅުވާނެއެވެ. މިފަދަ ކޮންމެ ގޮތެއް ބޭނުން ކުރި ނަމަވެސް އެންމެ ބޮޑަށް ސަމާލުކަން ދޭން ޖެހެނީ ކުލާހުގައި ތިބޭ ތަފާތު ދަރިވަރުންގެ ތަފާތު ނީޑްސް/ބޭނުންތަކަށް ރިޢާޔަތްކޮށްގެން ފިލާވަޅު ފަރުމާކޮށް، ކުލާހަށް ގެންދެވޭ ތަފާތު މެޓީރިއަލްތައް ވެސް ބަދަލުގެނެވޭ ގޮތަށް ފަރުމާކުރުމަށެވެ.
- ކިޔަވައިދޭ ގޮތް/ޕްރޮސެސްއަށް ބަދަލުގެނައުން: މިއީ ކުލާސްރޫމުގައި ގެންދެވޭ ތަފާތު ހަރަކާތްތައް ގެންދާގޮތަށް ގެންނަ ބަދަލުތަކެވެ. މިގޮތުން ކުލާހުގައި އެކްޓިވިޓީ/ހަރަކާތްތައް ގެންދާއިރު ކުދިން އަތުރާ ގޮތާއި ގުރޫޕް ބަހާ ގޮތާއި، އަދި އެކި ކުދިންގެ ހުނަރުތަކާއި، ގާބިލިއްޔަތާއި، ކުރެވޭ ކަންކަމާއި ނުކުރެވޭ ކަންކަމަށް ވަރަށް ބޮޑަށް ރިޢާޔަތް ކޮށްގެން ކުލާސްތެރޭގެ ކަންކަން ރޭވުމެވެ. މިސާލަކަށް، ގުރޫޕް ބަހާއިރު އެއްވަރެއްގެ، އެއްލެވެލެއްގެ ވިސްނުން ހުންނަ ކުދިން އެއް ގުރޫޕަކަށް ލުމުގެ ބަދަލުގައި ތަފާތު އެކި ކުދިން ހިމަނައިގެން ގުރޫޕް ހެދުން ފަދަ ކަންކަން ހިމެނެއެވެ. ހަމަ މިބީދައިން، ދަރިވަރުންގެ ޝައުޤު ހުންނަ ކަންކަމަށް ބޮޑަށް ރިޢާޔަތް ކޮށްގެން ކުދިން ބޭނުންވާ ގޮތަކަށް ފުރުޞަތު ދީގެން ފިލާވަޅުގެ ބައިތައް ރޭވުން ވެސް ރަނގަޅެވެ. ހަމައެހެންމެ، ދަރިވަރުން ބޭނުންވަނީ ގުރޫޕްކޮށް މަސައްކަތް ކުރަންތޯ، ވަކިވަކިން ކުރަންތޯ މިފަދަ ފުރުޞަތުތައް ވެސް ހުޅުވާލެވިފައި އޮތުމާއި އަދި މަސައްކަތް ނިންމަންދޭ ވަގުތާއި ގޮތް ވެސް ކުދިންނަށް ބޭނުންވާ ގޮތްތަކަށް ބަލައި ވީވަރަކުން ދޫދެވިފައި އޮތުން ހިމެނެއެވެ.
- ދަރިވަރު ހާސިލުކުރަންޖެހޭ އުނގެނުމުގެ ޕްރޮޑަކްޓްއަށް ބަދަލުގެނައުން: ދަރިވަރުން ނިންމަން ޖެހޭ މަސައްކަތް އެކި ދަރިވަރުންނަށް އެކި ލެވެލްތަކަށް ރިޢާޔާތްކޮށްގެން ކަނޑައެޅިފައި އޮތުން މިއީ މި ފިލޯސަފީގައި މުދައްރިސަށް ކުރެވިދާނެ ކަމެކެވެ. މިސާލަކަށް ޑިސްލެކްޝިޔާ (ކިޔުމުގެ ދަތިކަން) ހުންނަ ކުއްޖެއް ނަމަ އެ ކުއްޖާގެ ލެވެލް ރަނގަޅަށް ދެނެގަނެ އޭނާގެ ލާރނިން ގޯލްސް ވަކިން ކަނޑައެޅިދާނެއެވެ. މީގެ މާނައަކީ ހުރިހާ ދަރިވަރުންގެ ލާރނިން ގޯލު ފިލާވަޅުގައި ހުންނާނީ އެއްވަރަކަށް ނޫންކަމެވެ. ލާރނިންގޯލްތައް ބަހާ ގޮތް ތަފާތުކުރާ ބީދައިން، އުނގެނުމަށް ފަހު ފެންނަން އޮންނަ ނަތީޖާ/ޕްރޮޑަކްޓް ވެސް ތަފާތު ކުރެވިދާނެއެވެ. މީގެ މިސާލަކީ އެއް ކުއްޖަކު ލިޔުމުން ހަވާލުކުރަން ޖެހޭ އެއްޗެއް އަނެއްކުއްޖަކު ވީޑިއޯ އަކުން ނުވަތަ ކުރެހުމަކުން ވެސް މަސައްކަތް ނިންމާގޮތަށް ބޭއްވިދާނެއެވެ. މިހެންކަމުން އެކި ގުރޫޕަށް ކަނޑައަޅާނީ އެކި ލާރނިން ގޯލް ނުވަތަ އެކި މިންވަރުގެ މަގުސަދުތަކެވެ. ހުރިހާ ކުދިންނަށް އެއްވަރަކަށް އެއްފެންވަރަކުން ބަލާކަށް ނުޖެހޭނެ ކަން ވެސް މިފިލޯސަފީގައި ކިޔަވައިދޭއިރު ގަބޫލު ކުރަން ޖެހޭނެއެވެ.
- ކިޔަވައިދޭ މާހައުލު/ލާރނިން އެންވަރމެންޓަށް ބަދަލުގެނައުން: ޑިފަރެންޝިއޭޓެޑް އިންސްޓްރަކްޝަން ބޭނުންކޮށްގެން ކިޔަވައިދިނުން ރާވާނަމަ ސަމާލުވާންޖެހޭ ހަތަރުވަނަކަމަކީ، ކުލާސްރޫމުގެ މާހައުލު ހަމަޖައްސާ ގޮތެވެ. މާނައަކީ ކިޔަވައިދޭއިރު ކުދިން އެތުރޭގޮތާއި ގުރޫޕު ކުރުމުގައި ކުދިން ތިބޭ ޖާގަތަކާއި، ކުލާހުގެ އެއްޗެތި ބަހާލެވިފައި ހުންނަގޮތާއި، ކުލާހުގެ، އަލި، އަދި އަޑު މިފަދަ ހުރިހާކަމެއް ހަމަޖެހިފައިވާ ގޮތްތަކެވެ. މިގޮތުން ދަރިވަރުންގެ ނީޑްސް/ބޭނުންތަކާ ގުޅޭގޮތަށް އެކި ދަރިވަރުންނަށް އެކި ކަންކަމަށް ރިޢާޔަތް ކުރެވި ކުލާސްތެރޭގައި ޖާގަ ހަމަޖެހިފައި ހުރުން ވެސް މުހިންމެވެ. މިސާލަކަށް ކުލާހުގައި ވަކި ޚާއްޞަ އެހީއެއް ބޭނުންވާ ކުއްޖެއް އިންނަ ނަމަ، އެ ދަރިވަރަކު އެއް ތަނުން އަނެއް ތަނަށް ގޮސް ހޭލަމޭލިވުމުގެ ދަތިކަމެއް ދިމާނުވާ ފަދަ ގޮތަކަށް އޭނަގެ ޖާގަ ހަމަޖެއްސުމާއި، ފުރޮޅުލީ ގޮނޑިއެއްގައި ތިބޭ ކުދީންނަށް ވެސް ހަމަ މިބިދައިން ކަންކުރުމާއި، އަޑު އިވުމުގެ ދަތިކަން ހުންނަ ކުއްޖެއް ނަމަ އަޑު އިވޭ ހިސާބުގައި އޭނަގެ ގޮނޑި ބެހެއްޓުމާއި އަދި ހަމަ އެހެންމެ ގަދަ އަލީގެ ސަބަބުން އުދަގޫވާ ކުއްޖެއްނަމަ، އޭނާގެ ލޮލަށް އަލިން އުނދަގޫ ނުވާ ހިސާބެއްގައި ބޭންދުމާއި، އަޑުގަދަވުމުން އުނދަގޫވާ ކުއްޖެއްނަމަ، ހެޑްފޯނު ފަދަ ވަސީލަތްތައް ހޯދައިދިނުމާއި، ގުރޫޕްގައި މަސައްކަތްކުރުން، އެކަނި މަސައްކަތްކުރުން، ދެކުދިން އެއްކޮށް މަސައްކަތް ކުރުން މިފަދަ ތަފާތު އެކި ގޮތްގޮތަށް ކުލާސްރޫމުގެ މާހައުލު ބޭނުންކުރެވޭ ގޮތަށް ހަމަޖެހިފައި ހުރުމަކީ ކިޔަވައިދޭ މާހައުލަށް ބަދަލު ގެނައުމުގައި ވިސްނުން ބަހައްޓަންވީ ބައެއް ކަންކަމެވެ.
ޑިފަރެންޝިއޭޓެޑް އިންސްޓްރަކްޝަން ކުލާސްރޫމުގައި ތަންފީޒު ކުރާއިރު ސަމާލުވާން ޖެހޭ ބައެއް ކަންކަން
- އަބަދުމެ، އުގެނުމަށް ފަހި ވަޒަންކުރުން ދެމިގެންދާގޮތަށް ކިޔަވައިދިނުން ރޭވުން: ޑިފަރެންޝިއޭޓެޑް އިންސްޓްރަކްޝަން ބޭނުންކޮށްގެން ކިޔަވައިދިނުމުގައި މުޅި ކިޔަވައިދިނުން އަމާޒު ވާން ޖެހެނީ އަބަދުވެސް އުނގެނުން ފަހިވާނޭފަދަ ގޮތަކަށް ހުރިހާ ކުދިންގެ ހާސިލުވާމިންވަރު ބަލަމުން ކިޔަވައިދިނުމަށެވެ. ސަބަބަކީ، މިފަދަ ކުލާސްތަކުގައި ފިލާވަޅުގެ މަގުސަދުތައް ހާސިލުވާނީ އެކި ކުދިންނަށް އެކި މިންވަރަށް ކަމަށް ވެފައި، އަދި އެކި ކުދިންނަށް ކަނޑައަޅަންޖެހޭ މަގުސަދުތަކާއި ކިޔަވައިދޭ ކޮންޓެންޓްގެ ބައިތައްވެސް ބައެއް ފަހަރު ތަފާތު ވުމެވެ.
- ދަރިވަރުންގެ ތަފާތުތަކަށް ރިޢާޔަތްކުރުން: ޑިފަރެންޝިއޭޓެޑް އިންސްޓްރަކްޝަންގެ މައިގަނޑު ބޭނުމަކީ ވެސް ދަރިވަރުން ތަފާތުވާ މިންވަރުން، އެކި ކުދިންނަށް ބޭނުންވާ ބޭނުންތަކަށް ރިޢާޔަތްކޮށް، ސަމާލުކަންދީގެން ފިލާވަޅަށް ބަދަލު ގެނައުމެވެ. އެހެންކަމުން، މުދައްރިސު ޖެހޭނީ ވަރަށް ބޮޑަށް އެ ތަފާތުތައް ދެނެގަނެ އެކި ކުދިންނަށް ފިލާވަޅުގައި ތަފާތު ކުރާނީ ކިހިނެއް ކޮން ގޮތަކަށް ކަން، ބަދަލު ކުރާނީ ކޮން ކަމެއްގައި ކިހާ މިންވަރަކަށްތޯ ބަލައިގެން ކިޔަވައިދިނުން ރާވާށެވެ.
- ދަރިވަރުންނަށް މަސައްކަތް ހަވާލު ކުރުމުގައި ގުރޫޕް މަސައްކަތް ދިނުން: ޑިފަރެންޝިއޭޓެޑް އިންސްޓްރަކްޝަންގެ އެންމެ މުހިންމު އެއްގޮތަކީ ގުރޫޕްތަކުގައި ކިޔަވައިދިނުމެވެ. މިގޮތުން ސްޓޭޝަން ފަދަ ކިޔަވައިދިނުމުގެ ތަފާތު ސްޓްރާޓިޖީތައް ބޭނުން ކުރެވިދާނެއެވެ. ހަމައެހެންމެ ފިލާވަޅަށް ގެންނަ ބަދަލުތަކަކީ އެކި ކުދިންގެ ބޭނުންތަކަށް ބަލައިގެން ވަކިވަކި ގުރޫޕުތަކަށް ވަކިވަކި މަގުސަދު ކަނޑައަޅައި، ބޭނުންކުރާ ކިޔަވައިދިނުމުގެ އެހީ އާއި ގެންގުޅޭ ތަކެއްޗާއި ކުލާސް އެތުރޭ ގޮތާއި މުޅި ކިޔަވައިދިނުން ވެސް ތަފާތު ކޮށްގެން ގެނެވޭ ބަދަލުތަކަކަށް ވާންވާނެއެވެ.
- މައްސަލަ ހައްލުކުރުން ފަދަ ކަންކަން ހަވާލު ކުރުން: ޑިފަރެންޝިއޭޓެޑް އިންސްޓްރަކްޝަން ބޭނުންކޮށްގެން ކިޔަވައިދޭއިރު ފޮތުގައި އެއްޗެއް އޮންނަ ގޮތަށް ދެލިކޮޕީ ކިޔަވައިދިނުމަށް ވުރެ ކުދިންނަށް ތަފާތު މައްސަލަތައް މެދުވެރިކޮށް ކުދިން ގުރޫޕުގައި ބައިވެރިވެގެން ފިލާވަޅުގެ ބައިތައް ފަހުމުވުމަށް މަސައްކަތް ކުރަން ފުރުޞަތު ދޭން ޖެހޭނެއެވެ.
- އިޚްތިޔާރު ނުވަތަ ޗޮއިސް: ޑިފަރެންޝިއޭޓެޑް އިންސްޓްރަކްޝަންގައި އެކި ކުދިންނަށް ބޭނުންޖެހެނީ ތަފާތު ގޮތްތަކާއި ތަފާތު ކަންކަމަށްވާތީ، ކިޔަވައިދިނުމުގައި އެކަންކަމަށް ރިޢާޔަތްކޮށް، ދަރިވަރުންނަށް ކަންކަމުގައި ދޫދިނުމާއި އެކުދިން ބޭނުންވާ ގޮތްގޮތަށް ކަންކަން ކުރުމުގެ އިޚްތިޔާރު ދީ، އެފަދަ ފުރުސަތުތައް ވެސް ފަހިކޮށްދޭން ޖެހެއެވެ. މިސާލަކަށް، ފޮތް ކިޔަން ހަވާލުކުރާއިރު ކުއްޖާއަށް ފަސޭހައީ އޮށޯވެގެން އޮވެ ކިޔަންނަމަ އެ ކުއްޖާ ކޯނަރއަކަށް ގޮސް އޮށޯވެގެން އޮވެ ފޮތް ކިޔަން ފުރުސަތު ދޭން ޖެހޭނެވެ. މިނޫން އެހެން މިސާލަކަށް ބަލާނަމަ، ދަރިވަރަށް އަޑުގަދަވެގެން އުނދަގޫވާނަމަ ވަކިން އިނދެ މަސައްކަތް ކުރުމަށް ވެސް ޖާގައާއި މާހައުލު ކުލާހުގައި ފަހިކޮށްދޭން ޖެހެއެވެ. ހަމަ މިބީދައިން މަސައްކަތް ނިންމުމަށް އިތުރުވަގުތު ބޭނުންވާ ކުއްޖާއަށް އިތުރު ވަގުތު ދީ މަސައްކަތް ނިންމަން ޖެހޭގޮތުގެ ވެސް އިޚްތިޔާރު ދެވެން ޖެހޭނެއެވެ.
ކިޔަވައިދިނުމުގައި ބޭނުން ކުރެވިދާނެ ބައެއް އުކުޅުތައް
ޑިފަރެންޝިއޭޓެޑް އިންސްޓްރަކްޝަންގައި ބޭނުންކުރެވިދާނެ 6 ސްޓްރާޓިޖީ/އުކުޅެއް މިތާގައި ހިމަނާލާނަމެވެ. މި އުކުޅުތަކުގެ ތެރޭގައި ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ޓަކައި ގެނެވިދާނެ ބަދަލުތައް ވެސް ފާހަގަ ކޮށްފައި ވާނެއެވެ.
- ވެއިޓް ޓައިމް (މަޑު ކުރާ ވަގުތު): މިއީ ޑިފަރެންޝިއޭޓެޑް އިންސްޓްރަކްޝަންއަށް ސަމާލުވެގެން ކުލާސް ރާވާއިރު ވަރަށް މުހިންމު ކަމެކެވެ. ސަބަބަކީ އެކި ކުދިންނަށް ކަންކުރަން ބޭނުންވާ ވަގުތަކީ އެކި މިންވަރު ކަމުގައިވުމާއި، ތަފާތު ގިނަ ވައްތަރުތަކުގެ ކުދިން އެއް ކުލާހެއްގައި ތިބޭއިރު ވަކި ކަހަލަ ސްޓްރަޓިޖީއެއް ބޭނުންކޮށްގެން ކުދިންގެ ސުލޫކާއި އުނގެނުން ރޭވުމެވެ. ވެއިޓް ޓައިމުއަށް ބޭނުންކުރާ އަނެއް ނަމަކީ ތިންކް ޓައިމްއެވެ. އާންމުކޮށް މިގޮތް ބޭނުންކުރެވެނީ، މުދައްރިސް 3 ނުވަތަ 7 ސިކުންތު ވަންދެން މަޑުކޮށްލާފައި ސުވާލުކުރުމާއި އަދި ކުދިންނާއި މުޢާމަލާތުކުރާއިރު އެ މިންވަރުގެ ވަޤުތު ބޭނުންވާ ކަމަށް ގަބޫލު ކުރެވޭ ކުދިންނަށް މިގޮތަށް ވަގުތު ދިނުމެވެ. މިގޮތުން ސުވާލެއް ކުރުމުން ފުރަތަމަ އަތް ނަގާ ދަރިވަރަށް ފުރުސަތު ދިނުމުގެ ބަދަލުގައި، ވަކި ކުއްޖަކަށް ގޮވާލާ، ވަގުތުދީގެން ވެސް އެ ދަރިވަރަކު ކުލާހުގައި ބައިވެރި ކުރުވުން ހިމެނެއެވެ.
- މަލްޓި ސެންސަރީ އިންސްޓްރަކްޝަން: މިއީ ފިލާވާޅު ރާވާއިރު ދަރިވަރުންގެ ގިނަ ހިއްސުތައް ބައިވެރިވާ ގޮތަށް ފިލާވަޅުގެ އެކްޓިވިޓީތަކާއި، ކަންކަން ރޭވުމެވެ. މިގޮތަށް ފިލާވަޅު ރާވަނީ އެކި ކުދިން ތަފާތުވުމާއި، އެކި ކުދިންނަށް ބޭނުންވާ ކަންކަން ވެސް ތަފާތު ވުމުން، ފިލާވަޅަށް ބަދަލު ގެންނަން ޖެހޭނެތީއެވެ. މިސާލަކަށް ހަމައެކަނި އެއްޗެއް ބަލައިގެން ވީޑިއޯ ދައްކައިގެން ރާވާ ހަރަކާތެއްގައި ލޮލަށް ފެނުމުގެ ދަތިކަން ހުރި ކުއްޖާއަށް ސަމާލުކަމެއް ނުދެވެއެވެ. ހަމަ މިބީދައިން، ފިލާވަޅުގައި އިރުޝާދު ދޭއިރު، އޯޑިއޯ ނުވަތަ އަނގަބަހުން ބުނާ އެއްޗެއް ބޭނުންކުރާނަމަ އިވުމުގެ ދަތިކަން ހުންނަ ކުއްޖާއަށް ސަމާލުކަމެއް ނުދެވެއެވެ. މިކަންކަންކަމަށް ރިޢާޔަތްކޮށް، އިވުމުގެ ދަތި ކަން ހުންނަ ކުއްޖާއަށް ސައިން ލޭންގްއޭޖް (އިޝާރާތްބަސް) އަދި ކާޑް ފަދަ ތަކެތި ބޭނުންކުރުމާއި، ފެނުމުގެ ދަތިކަން ހުންނަ ކުއްޖާއަށް ބްރެއިލް (އަތުން ފާހަގަވާ ގޮތަށް ހުންނަ ލިޔުން) ފަދަ ބާވަތްތަކާއި އޯޑިއޯ އިން އިރުޝާދު ދިނުމަށް ބޭނުންކުރެވޭ ޓޫލްތައް ބޭނުން ކުރުން މުހިންމު ވާނެއެވެ.
- ވަން އޮން ވަން އަދި ސްމޯލް ވާރކް ގުރޫޕްސް (ވަކިވަކިންނާއި ކުދި ގުރޫޕްގައި މަސައްކަތްކުރުން): ކުދިންގެ ނީޑްސް/ބޭނުންތަކަށް ރިޢާޔަތްކޮށްގެން، ދަރިވަރުން ގުރޫޕްކޮށް ފިލަވަޅުގައި ބަދަލުކުރަން ޖެހޭ ގޮތްތައް، ކޮންޓެންޓް، ކިޔަވައިދޭ ގޮތް، އަދި ކިޔަވައިދޭ މާހައުލު، މިހުރިހާ ކަމަކަށް ވެސް ވަރަށް ބޮޑަށް ސަމާލުވެގެން ތަފާތު ކުދި ގުރޫޕްތައް ހަދައިގެން ކިޔަވައިދިނުން ރޭވުމަކީ ޑިފަރެންޝިއޭޓެޑް އިންސްޓްރަކްޝަން ބޭނުންކޮށްގެން ކިޔަވައިދޭއިރު އާންމުކޮށް ބޭނުންކުރާ ގޮތެކެވެ. އެހެނީ، ބައެއް ފަހަރު ފިލާވަޅުގެ ތެރޭގައި ވަކިވަކި ކުދިންނަށް ވަކިވަކި ބަދަލުތައް ހިމަނަން ޖެހިދާނެއެވެ. މިސާލަކަށް އެއް ކުއްޖަކީ ޑިސްގްރެފިއާ (ލިޔުމުގެ ދަތިކަން) ފަދަ ކަމެއް ހުންނަ ދަރިވަރެއްނަމަ، އޭނާއަށް ލިޔަން ހަވާލުކުރެވޭ މިންވަރު މަދުކުރުމާ އެކު އޭގެ ބަދަލުގައި ދެވޭނީ ކޮންއެއްޗެއްކަން ވިސްނައި، ޓައިޕްކުރެވޭ ސިސްޓަމް ނުވަތަ ޓެބްލެޓްފަދަ ވަސީލަތްތައް ވެސް ކިޔަވައިދިނުމުގައި ބޭނުން ކުރެވިދާނެއެވެ.
- ރެސިޕްރޯކަލް ލާރނިން (ދެކުދިން ބައިވެރިވެގެން/ރޯލް ބަދަލުކުރުން): މިގޮތަށް ކުލާސް ރާވާއިރު، މުދައްރިސް ދެ ކުދިން ދެ ކުދިން ގުރޫޕްކޮށް އެއް ކުއްޖަކު އަނެއް ކުއްޖެއްގެ އުނގެނުމުގައި އެހީތެރިކަން ފޯރުކޮށްދެވޭފަދަ ގޮތަކަށް އުނގެނުން ރޭވުމަކީ މުހިންމު ކަމެކެވެ. މިގޮތުން ފަހަރަކު ދަރިވަރަކަށް މުދައްރިސުގެ ރޯލް ދިނުމަކީ، މިގޮތަށް ކިޔަވައިދޭއިރު ވަރަށް އާންމުކޮށް ބޭނުންކުރާ ގޮތެކެވެ.
- ކޮންޓިނިޔުއަލް އެސެސްމަންޓް: މި ގޮތް ބޭނުންކުރާއިރު، ކުލާހުގެ ހުރިހާ ކުދިން އުނގެނެމުންދާ ގޮތް، މުދައްރިސް އަބަދުމެ މޮނިޓާރކޮށް/ބަލައި އުނގެނުން އިތުރަށް ފަހިވާނެ ގޮތްތައް ބޭނުންކުރެއެވެ. އަދި ހަމައެހެންމެ، ، އެއް ކުއްޖަކު އަނެއްކުއްޖެއްގެ ކުރި އެރުންތަކާއި އަދި މަސައްކަތް ދާގޮތް ކުދިންގެ މެދުގައި ވެސް ގާތުން ބަލަމުން ދެވޭފަދަ ގޮތަކަށް ކުލާހުގެ ކަންކަން ރޭވުން މުހިންމެވެ.
- ޔުނިވާރސަލް ޑިޒައިން ފޯރ ލާރނިން (ޔޫޑީއެލް): މިއީ، އަބަދުވެސް އެއް ގޮތަށް ވުރެ ގިނަ ގޮތްގޮތް ހިމަނައިގެން ފިލާވަޅު ރޭވުމެވެ. މިސާލަކަށް ކަމެއްގައި އިންސްޓްރަކްޝަން/އިރުޝާދު ދޭއިރު ވެސް ތަފާތު ގިނަ ގޮތްގޮތް ބޭނުންކޮށްގެން އިރުޝާދުދިނުން، އޯޑިއޯ، ވިޝުއަލް ފޮޓޯ، ސައިންލޭނގުއޭޖް(އިޝާރާތްބަސް)، އަދި މިނޫނަސް، ކުލާހުގައި ތިބޭ ހުރިހާ ދަރިވަރުންނަށް ބޭނުންވެދާނެ ހުރިހާ ގޮތެއް ބޭނުންކޮށްގެން އިރުޝާދު ދިނުމެވެ. ޔޫޑީއެލްގެ ކުލާސްރޫމެއްގެ މިސާލު ބައްލަވާލައްވަން މިލިންކަށް ފިއްތަވާލައްވާށެވެ. ޔޫޑީ އެލް ކުލާސްރޫމާ ގުޅޭ ގޮތުން އިތުރަށް ލިޔުމުގެ ޝައުގުވެރިކަން ވަރަށް ބޮޑަށް އެބަ އޮތެވެ. އެހެން ދުވަހެއްގެ ކޮލަމެއްގައި މިމައުޟޫޢުގެ އިތުރު ޚިޔާލުތައް ލިޔާނަމެވެ.
މިއީ އަޅުގަނޑުގެ ބައެއް ދަރިވަރުން އެދިގެން އިޚުތިޔާރުކުރި މައުޟޫޢެކެވެ. އެހެނަސް، މިލިޔުމުން އެހެނިހެން މުދައްރިސުންނަށް ވެސް ފައިދާތަކެއް ކުރާނެކަމަށް އުންމީދުކުރަމެވެ. އެހެނީ، ކިޔަވައިދިނުމަށް ބަދަލުގެނެސްގެން ކިޔަވައިދިނުން ރޭވުމަކީ، މުދައްރިސުންގެ ހުނަރު އިތުރުވެ، ކިޔަވާދެވޭ ގޮތާމެދު ރިވެލިކުރުމަށް (ރިފްލެކްޓް) ނުހަނު ގިނަ ފުރުސަތުތައް ފަހިވާ ކަމެކެވެ. ހަމައެއާއެކު، މިގޮތަށް ކިޔަވައިދިނުން ރޭވުމަކީ ދަރިވަރާއި މުދައްރިސާ ދެމެދު އޮންނަގުޅުން ބަދަހިވެ، ދަރިވަރުންގެ އުނގެނުމުގެ ތަޖުރިބާތައް އެތައް ގުނައަކަށް ކުރިއަރާނެ ގޮތެކެވެ. މިފަދަ ކޮންމެ ވާހަކަ ކޮޅަކީ، މުޅިން އާ ޚިޔާލުތަކަކަށް ނުވިޔަސް، މިފަދަ ވާހަކަތައް ގިނަގިނައިން ހަނދާކޮށް،މި ގޮތްތައް ބޭނުންކުރުމުން، މުދައްރިސުންގެ ކިޔަވައިދިނުމަށް އާރޯކަމާއި ތާޒާކަން ގެނެވޭނެއެވެ. އަޅުގަނޑުގެ އުއްމީދަކީ މިފަހަރުގެ ލިޔުންކޮޅުން ވެސް މުދައްރިސުންގެ ތެރެއިން ކޮންމެސް ބަޔަކަށް ފައިދާތަކެއް ވުމެވެ.