ޝާއިއު ކުރީ: ނޮވެމްބަރ 24, 2023 ލިޔުނީ: ޑރ. ޝާފިޔާ ކޮމެންޓްތައް: 0

މިއަދު އަޅުގަނޑު ލިޔެލަން ގަސްދުކޮށްފައި މިވަނީ އަޅުގަނޑު ވަރަށް ގަޔާވާ މައުޟޫއެކެވެ. މީގެ އެތަށް އަހަރެއްގެ ވެސް ކުރިން ހިތުގައި މިމައުޟޫއާ މެދު ޝައުގުވެރިކަން ވަނީ އުފެދިފައެވެ. 2011 ވަނަ އަހަރު އަޅުގަޑު ޕީ އެޗް ޑީ ހަދަން ނިއުޒިލޭންޑްގައި އުޅުނު އިރު ކުރެވިފައިވާ ދިރާސީ ތަޖުރިބާތަކަކާ ވެސް ގުޅުން ހުރި މައުޟޫޢެކެވެ. އެކު އެކީ ކިޔަވައިދިނުން ނުވަތަ ކޯޓީޗިން މިއީ ދުނިޔޭގައި ކުރިއަރާފައިވާ ގައުމުތަކުގެ މަދަރުސީ  ނިޒާމުގައި ވަރަށް ޢާއްމުކޮށް ބޭނުންކުރާ ކިޔަވައިދިނުމުގެ ގޮތެކެވެ. ކޯޓިޗިން އަކީ އެންމެ ތިލަ ކޮށް ދަންނަވާނަމަ ދޭއް ނުވަތަ ތިނެއް އަދި އެއަށް ވުރެ ގިނަ މުދައްރިސުން އެކު އެކީ ބައިވެރިވެގެން ކިޔަވައިދިނުމެވެ. މިއީ ދިވެހިރާއްޖޭގައި މާ ޢާއްމު ނޫންގޮތެއް ނަމަވެސް މިގޮތަށް ކިޔަވައިދިނުން ފަރުމާ ކުރުމަކީ ދަރިވަރުންނަށާއި އަދި މުދައްރިސުންނަށް ވެސް އެއިން ގިނަގުނަ ފައިދާތަކެއް ފޯރުކޮށްދޭ ކިޔަވައިދިނުމުގެ ގޮތެކެވެ.

ކޯޓީޗިންގެ އުސޫލު ބޭނުންކޮށްގެން ކިޔަވައިދޭ ވަރަށް ގިނަ ކުލާސްތައް ބަލައި އޮބްޒާރވްކޮށް އަދި ވީޑިއޯކޮށް ޑާޓާ އެއްކުރުމަށް އަޅުގަޑަށް ގިނަ ފުރުޞަތުތަކެއް އެކި ދިރާސީ މަސައްކަތްތަކުގެ ތެރެއިން ލިބިފައިވެއެވެ. އަދި ޚާއްޞަކޮށް އެގޮތަށް ކިޔަވައިދޭ ވަރަށް ގިނަ މުދައްރިސުންނާއެކު ބަސްދީގަތުން ނެގުން ފަދަކަންކަން ޢަމަލީ ކޮށް ކުރުމަށް 3 ދިރާސީ ޕްރޮޖެކްޓެއްގައި އަޅުގަޑަށް މަސައްކަތް ކުރެވުނެވެ. މައުޟޫޢު އަށް އެންމެ ބޮޑަށް ޝައުގުވެރިވީ މީގެ ތެރެއިން އެންމެ ފުރަތަމަ އަޅުގަޑަށް މަސައްކަތްކޮށްލަން ލިބުނު ދިރާސާގެ ތެރެއިންނެވެ. ޕީ އެޗް ޑީ ހަދަން ފެށިތާ މާގިނަ ދުވަހެއް ނުވަނީސް އަޅުގަނޑުގެ ސްޕަވައިޒަރު ގެ ދިރާސީ ޕްރޮޖެކްޓެއްގައި ކޮންމެ މަހަކު އެއްފަހަރު ފޯކަސް ގުރޫޕް (ގިނަ ބައިވެރިންތަކެއް އެއްކޮށް) ބަސްދީގަތުންތަކެއް ނަގަން ނިއުޒިލޭންޑްގައި އަލަށް ބިނާކޮށްފައިވާ ވަރަށް ބޮޑު މަދަރުސާއަކަށް ދާން ޖެހުނެވެ. މި މަދަރުސާގެ ޚާއްޞިޔަތަކީ، އެތާގެ މުޅި ކިޔަވައިދިނުމުގެ އުސޫލު ރޭވިފައި އޮންނަނީ ކޯޓިޗިންގެ އުސޫލުންނެވެ. އެއްވެސް މުދައްރިސެއް ވަކި މާއްދާއެއް ވަކި ވަކިން ކިޔަވައިދޭ ގޮތަކީ އެމަދަރުސާގައި އޮންނަ ނިޒާމެއް ނޫނެވެ. މި ދިރާސީ ޕްރޮޖެކްޓްގެތެރެއިން ކޯޓީޗިންގެ ސަބަބުން މުދައްރިސުންނަށް ލިބޭ އެތަށް ފައިދާތަކަކާއި ބެހޭގޮތުން ޢިލުމީ ކަރުދާހެއްވެސް އަޅުގަނޑު ޝާޢިއުކޮށްފައިވާނެއެވެ. މިކަރުދާހުގައި ހުށަހަޅައިލެވި ބަހުސް ކުރެވިފައިވާ އެންމެ މުހިންމު މައުޟޫޢަކީ އެކުއެކީ ކިޔަވައިދިނުމުން މުދައްރިސުންގެ ފަންނީ ކުރިއެރުމަށާއި ރިފްލެކްޓިވް ޕްރެކްޓިސް (ރިވެލިކުރުމުގެ ތެރެއިން ކިޔަވައިދިނުން) ފަދަ ކަންކަމަށް އެހީތެރިވެ ޖާގަ ލިބިދޭ މިންވަރާ ބެހޭގޮތުންނެވެ. ޚާއްޞަކޮށް އެކަރުދާހުގައި ބަޔާންކޮށްފައިވާ ގޮތުގައި، ’ކްރިޓިކަލް ފްރެންޑް‘ (ތަފާތުކޮށްވިސްނާ ރަހުމަތްތެރިޔާ) މިކޮންސެޕްޓަކީ އެ ކަރުދާހުގައި ތަޢާރަފުކޮށްފައިވާ ކިޔަވައިދިނުމުގެ މުހިންމު ކޮންސެޕްޓެކެވެ. މި ކޮންސެޕްޓްގެ ޖުމުލަ މާނައަކީ ކިޔަވައިދެމުންދާއިރު އެހެން މީހަކާއެކު ވިސްނާ، ފިލާވަޅު ރާވާ، ކިޔަވައިދީ، އަދި ހަމަ އެހެންމެ ބައެއް ފަހަރު އޮބްޒާރވްކޮށް ބަލަން އެހެން މީހަކަށް ފުރުޞަތު ދިނުމެވެ. މި ކަމަކީ އަޅުގަނޑު ކުރިން ދެންނެވި ސްކޫލުގައި ކޮންމެ މުދައްރިސެއްގެ ރޯލުގެ ތެރޭގައި ހިމެނިފައިވާ އެއް ރޯލެވެ. މާނައަކީ ކޮންމެ މުދައްރިސަކީ ވެސް އެހެން މުދައްރިސެއްގެ ކުރިޓިކަލް ފްރެންޑް (ތަފާތުކޮށް ވިސްނާ ރަހުމަތްތެރި) އެކެވެ. މި ރޯލުގެ މައިގަނޑު މަގްޞަދަކީ އަނެކާ ކިޔަވައިދޭ އިރު ތަފާތު ނަޒަރަކުން ބަލާ މަޝްވަރާކޮށް ރަގަޅު ކުރެވިދާނެ ކަންކަމާ އިތުރަށް ވިސްނާލުން މުހިންމު ކަންކަމާ ބެހޭގޮތުން ވާހަކަ ދެއްކުމެވެ. ސްކޫލުގައި މިކަން ކުރުމުގައި ގެންގުޅޭ އެންމެ ފާހަގަކޮށްލެވޭ އުސޫލަކީ، މިއީ ހަމައެކަނި އިށީދެލައިގެން އިނދެ ބަލާ ބެލުމެއް ނޫނެވެ. ކުލާހުގައި ކިޔަވައިދިނުމުގައި ބައިވެރިވެ އޮބްޒާރވްކޮށް ނޯޓްނަގާ އަދި އެއާ ބެހޭގޮތުން ބައްދަލުވުންތައް ބާއްވައި މަޝްވަރާ ވެސް ކޮށް އެކަމާ ބެހޭގޮތުން ޖާރނަލް ލިޔެ، ހަމައެހެންމެ ދެމީހުން އެކު އެކީ ރިވެލި ކުރަން ވެސް ފުރުސަތު ލިބެއެވެ (ރައިޓް އަދި އާދަމް، 2015). މި ދިރާސާއަކީ އަޅުގަނޑުވެސް ޢަމަލީކޮށް ބައިވެރިވެ ހަތަރު އަހަރުގެ މުއްދަތުގެ ކިޔަވައިދިނުން ބެލުމަށްފަހު އެއްކުރެވިފައިވާ ޑާޓާތަކެއްގެ ތެރެއިން ޢިލުމީ ކަރުދާހެއް ލިޔެލަން ލިބުނު ރަނުގެ ފުރުސަތެކެވެ. އަޅުގަނޑު އަދި އަޅުގަނޑުގެ ސްޕަވައިޒަރ މި ކަރުދާހުގައި މައިގަނޑު ގޮތެއްގައި ވާހަކަ ދައްކާފައިވާ މުހިންމު އެއް ނުކުތާއަކީ އެކު އެކީ ކިޔަވައިނުމުގެ ފިލޯސަފީގެ ތެރެއިން މުދައްރިސުން އަދާކުރަންޖެހޭ ކުރިޓިކަލް ފްރެންޑްގެ (ތަފާތުކޮށް ވިސްނާ ރަހުމަތްތެރިޔާ) ރޯލުން އެމީހުންގެ ކިޔަވައިދިނުމަށާއި ދަރިވަރުންގެ އުނގެނުމަށް ކުރަމުން ދިޔަ ފައިދާތައް ފާޅުކަން ބޮޑުކޮށް ފެނިފައިވާކަމެވެ. މި ދިރާސާގެ މަސައްކަތުގެ ތެރެއިން ވަކިން ޚާއްޞަކޮށް އަޅުގަނޑު ފާހަގަކޮށްލާނީ މި ދިރާސާ އެއްކޮށް ނިމުމަށް ފަހު، އެ މަދަރުސާއާ ބެހޭގޮތުން ރައިޓް (2018) ލިޔުއްވާފައިވާ ފޮތުގައިވާ މުހިންމު ބައެއް މަޢުލޫމާތެވެ. ޚާއްޞަކޮށް، މުޅި  މަދަރުސާގެ އިސްވެރިންނާއި މުދައްރިސުން ކޯޓީޗިން ތަންފީޒުކުރުމުގައި ބައިވެރިވެފައިވާ މިންވަރާ އަދި އެފިލޯސަފީގެ ހަޤީޤީ ވިސްނުން ބަލައިގަނެފައިވާ މިންވަރު މިފޮތުގައި ބަޔާންކޮށްފައިވެއެވެ (ރައިޓް، 2018).

ފްރެންޑް އަދި ކުކް (1992) ބަޔާންކުރައްވާ ގޮތުގައި ކޯޓިޗިންގެ މައިގަނޑު މަފުހޫމު ގުޅިގެންދަނީ ދެ މުދައްރިސުން ނުވަތަ އެއަށް ވުރެ ގިނަ މުދައްރިސުން ބައިވެރިވެގެން ދަރިވަރުންގެ އުނގަންނައިދިނުން ފަރުމާކޮށް ކިޔަވައިދިނުމުގެ ކަންތައްތައް ރޭވުމަށެވެ. ޚާއްޞަކޮށް މިޢިލުމުވެރިންގެ އެކި އަހަރުތަކުގައި ޝާޢިއުކޮށްފައިވާ ލިޔުންތަކުން ކޯޓީޗިންގެ މައިގަނޑު 4 މޮޑެލެއް ހުށަހަޅުއްވައެވެ. މިތާގައި އަޅުގަނޑު މިހާމަކޮށްލަނީ އެމޮޑެލުތަކުގެ ކުރު ތަޢާރަފަކާ އެކު އަދި ކުލާހުގައި އެގޮތް ބޭނުންކުރާނެ ގޮތުގެ ތަފުސީލާއެކު، އެއިން ލިބޭ ފައިދާ އަދި ދިމާވެދާނެ ބައެއް ދަތިތަކެވެ. މިމޮޑެލްތަކާ ގުޅޭގޮތުން އިތުރު ތަފުސީލު ބައްލަވާލެއްވުމަށް ދެވިފައިވާ ވީޑިއޯއަށް ފިއްތަވާލައްވާށެވެ.

މޮޑެލް

ފައިދާ/ރަނގަޅު

ދަތި/ނުރަނގަޅު

އެއް މުދައްރިސް، އެއް ސަޕޯރޓް (އެހީތެރިއެއް):  މިގޮތަށް ކިޔަވައިދިނުން ގެންދާއިރު މުދައްރިސަކީ މުޅި ކިޔަވައިދިނުމުގެ ޒިންމާ ނަގާ އިސްފަރާތެވެ.  އެހީތެރިޔާގެ ދައުރަކީ ހަމައެކަނި ދަރިވަރުންގެ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދީ ކުލާހުގެ އެކި ކަންކަން ދާގޮތް ބަލާ ވަކި ވަކި ދަރިވަރުންގެ އުނގެނުމުގެ ކަންކަން ގާތުން އޮބްޒާރވްކޮށް ބެލެހެއްޓުމެވެ.

·       ވަކި ވަކި ދަރިވަރުންނަށް ބޭނުންވާ އެހީތެރިކަން ލިބުން

·       ދަރިވަރުން މަސައްކަތަށް އަމާޒުކުރުވަން ފަސޭހަވުން

·       ވަގުތު ސަލާމަތްވުން

·       ސީދާ މުދައްރިސަށް ފާހަގަ ނުކުރެވޭ ކަންކަން ބެލުމަށް އެހީތެރިވުން

·       އެހީތެރިޔާ އަށް އޮބްޒާރވާރގެ ދައުރުވެސް އަދާކުރެވި ކިޔަވައިދިނުމުގެ ކަންކަން ރަގަޅު ކުރުމަށް އެހީތެރިވުން

·       ދަރިވަރުންނަށް މުދައްރިސްކަމަށް ބެލޭނީ އެންމެ މީހަކަށްވުން

·       އަބަދު ހިނގަ ހިނގާ ހުންނަ މީހަކު އުޅުމުން ބައެއް ދަރިވަރުންނަށް އުދަގޫވާ ފަހަރު އައުން

·       ދަރިވަރުން އެހީތެރިޔާއަށް ބަރޯސާވެ އެހީތެރިކަން ހޯދުމަށް އާދަވުން

އެއް މުދައްރިސް، އެއް އޮބްޒަރވާރ:  މިގޮތަށް ދެމުދައްރިސުން ކިޔަވައިދޭއިރު ޢާއްމު މުޅި ކިޔަވައިދިނުމުގެ ޒިންމާ ނަގާނީ މުދައްރިސް އެވެ. އޮބްޒާރވާ ހަމައެކަނި ދަރިވަރުންގެ އުގެނުމުގެ ކަންކަން އޮބްޒާރވްކޮށް އިތުރަށް އެހީތެރިވެދޭން ޖެހޭ ދާއިރާތަކާ ގުޅޭ ގޮތުން ނޯޓް ނަގާ އެ މަޢުލޫމާތުތައް ތަހުލީލުކޮށް/އަނަލައިޒުކޮށް އެކަމަށް ޢަމަލުކުރަންވާ ގޮތްތައް މުދައްރިސާއެކު މަޝްވަރާ ކުރާނެއެވެ. މީގެ އިތުރުން ކިޔަވައިދިނުން ރާވާއިރު، ދުރާލާ އޮބްޒަރވް ކުރާނެ ކަންތައްތައް ވެސް ނިންމޭނެއެވެ.

·       ދަރިވަރުންނަށް އެހީތެރިވެދޭނެ ދާއިރާތައް ދެނެގަނެވުން

·       ކިޔަވައިދިނުމަކީ އެވިޑެންސް/ޑާޓާގެ މައްޗަށް ބަރޯސާވެގެން ކުރެވޭ ދިރާސީ މަސައްކަތަކަށް ހެދުމަށް ފުރުސަތު ފަހިވުން

·       އިތުރު އެހީތެރިކަން ބޭނުންވާ ކުދިން ފާހަގަކުރަން ފަސޭހަވުން

·       ކުލާހުގެ ދަރިވަރުންނާ ގުޅޭ ޑާޓާ އެއްކުރެވުން

·        

·       ދަރިވަރުންނަށް މުދައްރިސްގެ ގޮތުގައި އެކަކު ބަލައިގަނެވުން

·       އޮބްޒާރވާރ އާއެކު ދަރިވަރުންނާ ގުޅުން ކުޑަވުން

ޕެރެލަލް ޓީޗިން (އެކު އެކީ އެއްވަގުތެއްގައި ކިޔަވައިދިނުން): މިގޮތަށް ކިޔަވައިދޭއިރު ދެމުދައްރިސުން ފިލާވަޅު ރާވާނީ އެކު އެކީއެވެ. ހަމައެހެންމެ ކުލާހުގައި ކިޔަވައިދޭނީވެސް އެކި އެކީއެވެ. މިގޮތަށް ކިޔަވައިދޭއިރު، ކުލާސް ދެ ގުރޫޕަކަށް ބަހައި ކޮންމެ ގުރޫޕަކަށް ފިލާވަޅުގެ މުހިންމު ބައެއް ކިޔަވައިދޭނީ ދެ މުދައްރިސުން އެއްވަގުތެއްގައެވެ. އެ މުދައްރިސެއްގެ ބައި އެގުރޫޕަށް ކިޔައިދީ ނިމުމުން ދެވަނަ ގުރޫޕަށް ބަދަލުވާނީއެވެ. މިގޮތަށް ކިޔަވައިދޭއިރު ކުލާސްރޫމުގެ ޖާގަވެސް ފެންނާނީ ދެބައިކޮށްލެވިފައި ދެބަޔަކަށް އެތުރިފައިވާތަނެވެ.

·       ދެ މުދައްރިސުން އެއްކޮށް ރާވާ ކިޔަވައިދިނުން ފެންވަރު ރަގަޅުވުން

·       މުޅި ކުލާހަށް ކިޔަވައިދިނުމަށްވުރެ ދެގުރޫޕަކަށް ބެހުމުން ފިލާވަޅުގެ ބައިތައް ކުދި ގުރޫޕްގައި ގެންދަން ފަސޭހަވުން

·       ކޮންމެ މުދައްރިސެއްވެސް އެމީހަކު ހިތްހަމަޖެހޭގޮތަކަށް ފިލާވަޅުގެ ބައިތައް ގެންދިއުމުގެ ފުރުސަތު އޮތުން

 

·       މިގޮތަށް ކިޔަވައިދޭއިރު ދެމުދައްރިސުން ވެސް ވާންޖެހޭ ތަޖުރިބާގެ ގޮތުންނާ ފެންވަރުގޮތުން ދާދި އެއް ލެވެލެއްގެ ދެމީހުންނަށެވެ.

·       އެއްވަގުތެއްގައި ކިޔަވައިދިނުމުގެ އެކްޓިވިޓީތައް ގެންދާތީ ގަޑިއަށް ވަރަށް ބޮޑަށް ސަމާލުވާން ޖެހުން

·       ކުލާހުގައި ދެގުރޫޕް ވަކިން ކިޔަވައިދިނުން ރޭވޭފަދަ ޖާގަ އޮންނަ ތަނަކަށް ވުން

·       އަޑު ކޮންޓްރޯލް ކުރަން ޖެހުން

އޮލްޓަރނޭޓިވް ޓީޗިން (ބަދަލުކުރަމުން ކިޔަވައިދިނުން): މިގޮތަށް އެކު އެކީ ކިޔަވައިދޭއިރު، އެއް މުދައްރިސެއް ކުލާހުގެ ކިޔަވައިދިނުން ކުރިޔަށް ގެންދާއިރު އަނެއް މުދައްރިސް ދަރިވަރުންގެ ކުދި ގުރޫޕްތަކުގައި އެހީތެރިވެދޭނީއެވެ. މިގޮތަށް ކުލާސް ގެންދާއިރު ބައެއްފަހަރު ކުދި ގުރޫޕް ގޮވައިގެން ކުލާހުން ބޭރުގައިވެސް އަދި ކުލާހުގެ އެތެރޭގައިވެސް ވަކި ވަކި ޓާސްކްތަކުގައި މަސައްކަތް ކުރެވޭނެއެވެ. ޚާއްޞަކޮށް އިތުރަށް އޮޅުންފިލުވައިދޭން ޖެހޭ ނުވަތަ ރިމީޑިއަލް (އުގެނުމުގެ އިތުރު އެހީއެއް ބޭނުންވާ) ނުވަތަ ވަކި ގޮތަކަށް ކިޔަވައިދޭ ގުރޫޕް ވެސް ހެދިދާނެއެވެ. ހަމަ އެހެންމެ، ނިންމަން ޖެހޭ ޕްރޮޖެކްޓެއް ނުނިމޭ ވަކި ކުއްޖަކާއެކު ވެސް އަނެއް މުދައްރިސް އަށް ގައިޑް ކޮށްދެވޭނެއެވެ. މިއީ ވަރަށް ޢާއްމުކޮށް ކޯޓިޗިން ގެންދެވޭ ގޮތެކެވެ.

·       ކުދި ގުރޫޕްތަކުގެ ކިޔަވައިދޭން ފުރުސަތު ލިބުން

·       ދެމުދައްރިސުން ކުލާހުގައި ތިބެ އެކަކު ސީދާ މުޅި ކިޔަވައިދިނުން މެނޭޖު ކުރާއިރު އަނެއް މުދައްރިސަށް ދަރިވަރުންގެ އުނގެނުމުގައި އެހީތެރިކަން ފޯރުކޮށް ދެވުން.

·       އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ގުރޫޕްތަކަށް ވަކި ޚާއްޞަކަންތައްތަކެއް ކަނޑައެޅިފައި އޮތުމުން ވަކިން ލޭބަލްވުމުގެ ފުރުސަތު ބޮޑުވުން

·       އަޑު ކޮންޓްރޯލުކުރުން ވަރަށް މުހިންމުވުން

·       ބޮޑު ގުރޫޕަށް ކިޔަވައިދޭ މުދައްރިސުންގެ ގުރޫޕަށް އޮންނަ ކޮންޓްރޯލް އިތުރުވުން

ސްޓޭޝަން ޓީޗިން (ވަކި ވަކި ސްޓޭޝަންތަކެއްގައި ކިޔަވައިދިނުން)

މިގޮތަށް ކިޔަވައިދޭއިރު ފިލާވަޅު ރޭވުމާއި ކިޔަވައިދިނުމުގެ ޒިންމާ އޮންނަނީ ދެމީހުންނަށް ދާދި އެއްވަރަކަށް ހަމަޖެހިފައެވެ. މިއީ ކުލާހުގެ އުނގެނުމުގެ ސްޓޭޝަންތަކެއް ނުވަތަ ޖާގަތަކެއް ހަމަޖައްސައިގެން ކިޔަވއިދޭ ގޮތެކެވެ. ސްޓޭޝަންތަކުގައި އިތުރު އެހެން އެހީތެރިވެދޭ މުދައްރިސުން ނުވަތަ އެހެން މީހުންނަށް ވެސް ކިޔަވައިދިނުމުގައި ބައިވެރިވުމުގެ ފުރުސަތު އޮވެއެވެ. ބައެއް ސްޓޭޝަންތަކަކީ ކޮންމެ ހެން މުދައްރިސުންވެސް ތިބެހެން ޖެހޭ ސްޓޭޝަން ތަކެއް ނޫނެވެ. އެއާއި ޚިލާފަށް ދަރިވަރުން އަމިއްލައަށް އުނގެނުމުގެ މަސައްކަތް ކުރުމަށް މިފަދަ ސްޓޭޝަންތަކުގެ ފުރުސަތު ލިބޭނެއެވެ. މުޅި ކުލާސް ތިން ސްޓޭޝަނަކަށް ބަހާލެވިފައި ހުންނައިރު އެއްސްޓޭޝަނަކީ ދަރިވަރުން އަމިއްލައަށް މަސައްކަތް ކުރާ ޖާގަތަކެވެ. އަނެއް ދެޖާގައިގައި ކޮންމެ ސްޓޭޝަންއެއްގައި ދުވަހުގެ ފިލާވަޅުގެ ބައިތައް އޮޅުންފިލުވައިދިނުމުގެ ދެ މުދައްރިސުން ދެ ޖާގައިގައި ތިބޭނެއެވެ. މިއީ މިޒަމާނުގެ ކުލާސްރޫމުތަކުގައި ވަރަށް މަޝްހޫރު ކިޔަވައިދިނުމުގެ ގޮތެކެވެ.

·       ދަރިވަރުންނަށް ކުދި ގުރޫޕްގައި ނޭނގޭ ބައިތަކަށް ފޯކަސްކޮށްގެން ކިޔަވަން ފުރުސަތު ފަހިވުން

·       ކޮންމެ މުދައްރިސެއްގެ މައިގަނޑު ރޯލު ވަރަށް ސާފުކޮށް އިނގެން އޮތުން.

·       ކުޑަވަގުތުކޮޅެއްގައި ކިޔަވައިދޭންވާ ގިނަ ބައިތަކެއް ކަވަރކޮށް ނިންމާލަން ފަސޭހަވުން

·       ދަރިވަރުންގެ ސުލޫކީ މައްސަލަ މަދުވުން

·       ދަރިވަރުން ކޮންމެ އިރެއްގައިވެސް އަމިއްލަ އަށް މަސައްކަތް ކުރުމުގެ އިތުބާރު ލިބޭ ހިނދު އަމިއްލައަށް މަސައްކަތް ކުރާ ޖާގަ ހަމަޖެހިފައި ހުރުމުން ދަރިވަރުންގެ އަމިއްލަ އުނގުނުން ވަޒަންކުރަން ފަރިތަވުން

·       ކިޔަވައިދިނުމުގައި މުދައްރިސުންވެސް އަދި ދަރިވަރުންވެސް އެއްވަރަކަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވިފައި އޮތުން، ސަބަބަކީ ބައެއް ފަހަރު އެކަނި މަސައްކަތް ކުރާ ގުރޫޕްތަކުގައި އެއްކުއްޖަކު އަނެއްކުއްޖަކަށް އެހީތެރިވެދޭން ފުރުސަތު ލިބުމެވެ.

·       މިގޮތަށް ކިޔަވައިދިނުމަކީ ވަރަށް ރަގަޅަށް ތައްޔާރުވެގެން ސްޓޭޝަންތަކުގައި ކަންތައް ކުރެވޭނެގޮތްތައް ދުރާލާ ރާވައިގެން ގެންދެވޭ ކިޔަވައިދިނުމުގެ ގޮތަކަށްވުން

·       ކުލާހުގައި ބޭނުންކުރެވޭނެ ހުރިހާ މެޓީރިއަލްތައް، ޓޫލްތައް، ބޭނުންވާނެ އެހެންތަކެތި ހަމަޖެހިފައިން ހުރުން

·       އަޑު ކޮންޓްރޯލް ކުރަން ޖެހުން

·       މުދައްރިސުގެ އެހީއަކާ ނުލައި އަމިއްލައަށް މަސައްކަތް ކުރަން ޖެހުން ބައެއް ދަރިވަރުންނަށް އުދަނގުވުން

ޓީމް ޓީޗިން (ދޭއް ނުވަތަ ތިން މުދައްރިސް ބައިވެރިވެގެން އެކު އެކީ ކިޔަވައިދިނުން): މިގޮތަށް ކިޔަވަދިނުމަކީ މިޒަމާނުގައި ވަރަށް ބޮޑަށް ބޭނުންކުރެވޭ ކިޔަވައިދިނުމުގެ ގޮތެކެވެ. މިގޮތުގައި ދެމުދައްރިސުގެ ޒިންމާ ވާނީ އެއްވަރަކަށެވެ. ކިޔަވައިދިނުން ރާވާނީވެސް އެކު އެކީގައެވެ. ކިޔަވައިދޭނީވެސް އެކު އެކީއެވެ. މިހެން ކިޔަވައިދޭއިރު ކިޔަވައިދިނުން ގެންދާނީ ދަރިވަރުން ވަރަށް ބޮޑަށް ބައިވެރިކޮށްގެން ވާހަކަދެއްކުމާއި ސުވާލުކުރުމުގެ ތެރެއިން ވަރަށް ޙަރަކާތްތެރިކޮށެވެ. ކުލާހުގެ ހުރިހާ ކަމެއްވެސް މެނޭޖްކުރާނީ ދާދި ދެ މުދައްރިސުން އެކު އެކީއެވެ.  

·       ކޮންމެ މުދައްރިސެއްގެވެސް ރޯލް ވަރަށް އެކްޓިވް/ހަރަކާތްތެރިވުން

·       ދަރިވަރުންނަށް ގިނަ މުދައްރިސުން އެކު އެކީގައި ބަލައިގަނެވޭނީ އެއް ލެވެލެއްގައެވެ.

·       ދެމުދައްރިސުންވެސް ކުލާހުގެ ކިޔަވައިދިނުންވެސް މެނޭޖްކުރުން އެއްވަރަކަށް ބައިވެރިވުން

·       މިގޮތަކީ ’އެއް ސިކުނޑިއަށްވުރެ ދެސިކކުނޑި ރަގަޅު‘ ވިސްނުމުގެ ފިލޯސަފީގެ ތެރެއިން ކިޔަވައިދިނުމުގެ އާ ގޮތްތައް ދެ މުދައްރިސުން އެއްކޮށް ތަޖުރިބާކޮށް އަޖުމަބެލުމުގެ ރޫހެއް ގެންގުޅެވުން

·       ފިލާވަޅު ރޭވުމަށް ގިނަ ވަގުތު ހޭދަވުން

·       ކޮންމެ މީހެއްގެ ރޯލް ސާފުކޮށް ނޭގިއްޖެނަމަ ކިޔަވައިދިނުން މެނޭޖުކުރަން އުދަނގުވުން

 

އިސްވެ ހުށަހަޅާ ލެވުނު 4 މޮޑެލްގެ ތެރެއިން އަޅުގަނޑަށް މަސައްކަތް ކުރެވުނު ދެ ދިރާސާއެއްގައި ސްޓޭޝަން ބޭނުންކޮށްގެން ކިޔަވައިދޭ މަންޒަރު ވަރަށް ގާތުން ބަލާ އޮބްޒާރވް ކުރަން ފުރުސަތު ލިބިފައިވެއެވެ. އަޅުގަނޑު ދިރާސާގައި ޑާޓާ އެއްކުރަން ދިޔަ ސްކޫލުތަކަކީ އަޅުގަނޑުމެންގެ މަދަރުސާތައް ހެދިފައިވާ ހުންނަގޮތާ ބަލާއިރު ވަރަށް ތަފާތު ތަންތަނެވެ. ކޮންމެ ކުލާސްރޫމެއްގައި ވަކިން ފާރުތަކެއް ހެދިފައި ވަކި ކުރެވިފައި ނުހުރެއެވެ. ކޮންމެ ފްލޯރ/ލެވެލް އެއްގައި ގާތްގަޑަކަށް ހެދިފައި ހުންނަނީ ބޮޑެތި ހުސް ޖާގަތަކެވެ. ތަފާތު ކުލަ ކުލައިގެ އެކި ސައިޒުގެ ގޮޑިތަކެވެ. އެކި ގޮތަށް ލެވެލް ކުރެވޭ މޭޒުތަކެވެ. ބޭނުންނަމަ ވަކިކޮށް އެއްކޮށް ފަސޭހަކަމާއެކު ދަރިވަރުން އަމިއްލައަށް ވެސް އެކަން މެނޭޖު ކުރެވޭގޮތަށް ތައްޔާރު ކުރެވިފައިވާ ކުލާސްރޫމް ފަރުނީޗަރ އެވެ. ބިންމަތީގައި ކޮންމެ ދިމާލެއްގައިވެސް ދަރިވަރުންނަށް އިށީދެލެވޭހައި ފަސޭހަކޮށް ބީންބޭގްސްއާ ކުޝަންފަދަތަކެތި ހުރެއެވެ. އަދި އިށީންނަ ކޮންމެ ދިމާލެއްގައިވެސް ކާރޕެޓްކޮޅެއް ހިއްލާލާފައި ގެންގުޅޭ ޓެކްނޮލޮޖީގެ ވަސީލަތްތައް ޗާރޖް ކުރެވެން ހުރެއެވެ. ހޯލުގައި ޕްރިންޓަރ ފޮޓޯކޮޕީ ގެ މެޝިންތައް  ހުރެއެވެ. ޕްރޮޖެކްޓަރތައް އެކި ދިމާލުގައި ހުރެއެވެ. ހެޑް ސެޓް، އަދި ބޭނުންވާ ތަފާތު ޓޫލްތައް ބަހައްޓާ ރައްކައުކުރެވޭނެ ތަންތަން ހެދިފައި ހުރެއެވެ. ދަރިވަރުންގެ އަމިއްލަ ތަކެތި ސްޓޯރކޮށް ރައްކައު ކުރެވޭ ކެބިނެޓްތައް ވަށައިގެން ހުރެއެވެ. ޕިންކޯޑް ޖެހޭގޮތަށް ހަދާފައިވާ މި ތަކެއްޗަކީ ދަރިވަރުންނަށް އަބަދު ސްކޫލުގައި ގެންގުޅޭ އެއްޗެތި ބެހެއްޓޭގޮތަށް އެކުދިންގެ ނަން ލިޔެފައި ހުންނަ އެއްޗެއްސެވެ. މީގެ އިތުރުން ބިއްލޫރި ޖަހާފައިވާ ގުރޫޕް ޑިސްކަޝަން ރޫމުތައް އެކި ދިމާލުގައި ހުރެއެވެ. އެއީ ވަކި ވަކި ގުރޫޕް މަސައްކަތް ކުރާއިރު ބާރަށް ވާހަކަ ދައްކަން ބޭނުން ކުރާ ޖާގަތަކެވެ. އެއިން ކޮންމެ ތަނެއްގައިވެސް ޕްރޮޖެކްޓަރ އެޅުވެން ސިސްޓަމްތައް ހުންނަނީ ތައްޔާރު ކުރެވިފައެވެ. މިއީ ހައިރާންވާހައިވެސް ފުރިހަމަ ސްކޫލުތަކެކެވެ. ގާތްގަޑަކަށް ކޮންމެ ފްލޯރ އެއްގައި 3 ކުލާސް އެކި ދިމާލުގައި ކުރިޔަށްދާތަން ފެނެއެވެ. އެމަންޒަރުތައް އޮބްޒާރވް ކޮށްލަން ލިބުމަކީވެސް އަޅުގަޑަށް ވީ ވަރަށް ބޮޑު ފަންނީ ކުރިއެރުމަކަށެވެ. ކުރިން އެފަދަގޮތަކަށް ދަރިވަރުން އެތުރި ކިޔަވައިދިނުން ރޭވޭގޮތެއް ފެނިފައިވެސް ނުވުމާއެކުއެވެ. މި މަދަރުސާތަކަކީ ނިއުޒިލޭންޑް ކިޔަވައިދިނުމުގެ ނިޒާމަށް އަލަށް ތަޢާރަފު ކުރެވުނު ’އޯޕަން ސްޕޭސް‘ (ހުޅުވާލެވިފައިވާ ކުލާސް) ކިޔަވައިދިނުމުގެ މޮޑެލްގެ ތެރެއިން މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ނިއުޒިލޭންޑް އިން ވަރަށް ބޮޑު ޚަރަދު ކޮށް އެކި ސަރަހައްދުތަކުގައި ބިނާކޮށްފައިވާ ބޮޑެތި މާސިންގާ ސްކޫލުތަކެވެ. ގިނަ ސްކޫލުތައް އަޅުގަޑުމެންގެ މާލޭ ސަރަހައްދަށް ވުރެ ވެސް ޖާގަ ބޮޑެވެ. ކުޅޭ ތަންތަނާއި ކުޅިވަރުގެ އެކި ބާވަތްތަކުގެ ދަނޑުތަކާއި ކޯޓްތައް އަދި ޖިމް، ސްވިމިން ޕޫލް އަދި އިންޑޯގޭމްސް މިފަދަ އެތައް ތަނެއް ހުންނަނީ ސްކޫލުގެ ތެރޭގައި ހަމަޖެހިފައެވެ. އަޅުގަނޑުގެ ދިރާސާގައި މަސައްކަތް ކުރި އެއް ސްކޫލަކީ އޯކްލޭންޑްގައި ހުރިތަނެކެވެ. އަނެއް ސްކޫލަކީ ހެމިލްޓަންގައި ބިނާކުރެވިފައިވާ ސްކޫލެކެވެ. ދެސްކޫލުގެ ވެސް ކިޔަވައިދިނުމުގެ ފިލޯސަފީއާއި މަދަރުސާ މެނޭޖުކުރާގޮތް ދާދި އެއްގޮތެވެ.

ކުރިން އިޝާރާތް ކުރި މަދަރުސާތަކުގައި އެންމެ ގިނައިން ބޭނުންކުރެވޭ ކިޔަވއިދިނުމުގެ ގޮތަކީ ކޯޓިޗިންގެ ޚާއްޞަކޮށް ސްޓޭޝަން ބޭނުން ކުރުމެވެ. ޢާއްމުކޮށް ކުލާހެއްގައި 40 އަކަށް ކުދިން ތިބެއެވެ. މި މަދަރުސާތަކުގައ ކިޔަވައިދިނުން މެނޭޖުކުރެވޭ ގޮތަށް ބަލާއިރު، ކޮންމެ ފްލޮރއެއްގައި ވާ ހޯލުތަކުގައި އެކި ހިސާބުތަކުގައި ކުލާހުގެ ގުރޫޕްތައް ތިބެނީ ސްޓޭޝަން ކުރެވިފައެވެ. އިންޑިޕެންޑެންޓްކޮށް މަސައްކަތްކުރާ ގުރޫޕްގައި ދަރިވަރުން ޢާއްމުކޮށް ފެންނަނީ ގިނަކޮށެވެ. އަނެއް ދެ ސްޓޭޝަންގައި ގާތްގަޑަކަށް 10 ކުދިން ތިބޭތަން ފާހަގަކުރެވުނެވެ. ނަމަވެސް މީގައި ވަކި ގުރޫޕެއްގައި ވަކި ޢަދަދެއް ހަމަވާން ޖެހޭކަމެއް ފާހަގަ އެއް ނުކުރެވެއެވެ. ދަރިވަރުން އެއްގުރޫޕުން އަނެއް ގުރޫޕަށް ދިޔުމުގެ މިނިވަންކަން ދެވިފައި އޮވެއެވެ. މާނައަކީ އިންޑިޕެންޑެންޓްކޮށް މަސައްކަތް ކުރެވޭ ވަރަށް އެކުއްޖަކަށް މަޢުލޫމާތު އޮޅުން ފިލާ ހިސާބުން އެކުދިން އަމިއްލައަށް ސްޓޭޝަން ބަދަލު ކުރެވެއެވެ. އަމިއްލަ އަށް އުނގެނޭ ސްޓޭޝަންގައި އެއް ދަރިވަރަކު އަނެއް ދަރިވަރަކަށް ގައިޑުކޮށްދީ އެހީތެރިވުމުގެ ފުރުސަތު ވެސް އޮވެއެވެ. ދެން ފާހަގަ ކުރެވުނީ، ކޮންމެ ސްޓޭޝަނެއްގައި ވެސް ފިލާވަޅުގެ އެކި ބައިތައް ކުރިޔަށް ގެންދާއިރު މުދައްރިސުން ފެންނަނީ ކުދިންނާއި ބޮޑަށް ވާހަކަ ދައްކާތަނެވެ. ވަކިން ހުރެ ޝަރަހަކޮށްދީ ކުދިން އަޑުއަހަން ތިބޭ މަންޒަރަށްވުރެ ވާހަކައިގައި ބައިވެރިވެގެން ކަންތައްތަކެއް ކުރަމުންދާކަމާއި އަދި މުޅި ގުރޫޕްތެރެ ވަރަށް ހޭލަމޭލިކޮށް، ހުރިހާކުދިން ވަރަށްބޮޑަށް އުނގެނުމުގެ ތެރެއަށް ވަދެފައިވާކަން ހާމަވާ އެތަށް މަންޒަރެއްގެ ފޮޓޯ އާ ވީޑިއޯ ތައް އަޅުގަނޑު ޕްރޮޖެކްޓްގެ މަސައްކަތުގެ ތެރެއިން އެއްކުރީމެވެ. މިކަންކުރެވެމުން ދިޔައިރު އެންމެ ބޮޑަށް ފާހަގަ ކުރެވުނީ އަޅުނގަޑު ގޮސް އެތާގައި ވީޑިއޯކޮށް އޮބްޒާރވްކޮށް ހަދާއިރުވެސް ދަރިވަރުންނަށް އެކަމަކުން މާބޮޑު ފަރަގެއްވެސް ނާދެއެވެ. އަދި ހަމައެހެންމެ، ދޭތެރެއަކުން ޕްރިންސިޕަލް ނުވަތަ އެހެން ވެސް މީހަކު އައިސް ކުލާހުގައި މަޑުކޮށްލާ ހިނދުވެސް ދަރިވަރުންގެ މަސައްކަތަށްވެސް އަދި މުދައްރިސުގެ މަސައްކަތަށްވެސް އެއްވެސް ހުއްޓުމެއް ނުވަތަ އިތުރު ކަމަކަށް އިޝާރާތްކޮށް ހަދާތަނެއް ނުފެނެއެވެ. މއީ އަޅުގަނޑު ވަރަށް ހައިރާންވީ ކަމެކެވެ. އަޅުގަނޑުމެން މުޖުތަމަޢުގައި ކިޔަވައިދިނުން މިއޮންނަނީ ޕްރޮފެޝަނަލް މަސައްކަތަކަށް ވިޔަސް ވަރަށް އަމިއްލަ، ނުވަތަ ބަންދުވެފައި އޮންނަ ކަމެއް ގޮތުގައެވެ. އެހެންމީހަކު ކުލާހަށް އޮބްޒާރވްކޮށްލަން ވަދެލުމުންވެސް މުދައްރިސުން ބައެއްފަހަރު ނުތަނަވަސްވާ ތަން ފެނެއެވެ. ފަހަރުގައި އަބަދު އެކަނި ކިޔަވައިދިނުމުގެ ފިލޯސަފީއެއްގެ ތެރެއިން ބައްޓަންވެފައިވާ ވިސްނުމަކަށް ވެދާނެއެވެ. ނަމަވެސް މިދެންނެވި ދިރާސީ ތަޖުރިބާތަކުން ފާހަގަކުރެވުނީ ހުޅުވާލެވިގެން އެކި މުދައްރިސުން ބައިވެރިވެގެން ކިޔަވައިދިނުމުގައި ވަރަށް ބޮޑެތި ފައިދާތައް މުދައްރިސަށް ވެސް އަދި ދަރިވަރުންނަށް ވެސް ލިބިދޭ ކަމެވެ. ކިޔަވައިދޭ ގޮތާބެހޭގޮތުން އެ މުދައްރިސުން ވާހަކަ ދައްކާ ރިވެލި ކުރާއިރު ވަރަށް ފަސޭހައިން ތަޖުރިބާތައް ހުޅުވާލެވިފައިވާ ފޮތެއްހެން ކިޔައިދެއެވެ. އަދި ހަމަ އެހެންމެ ކުރެވޭ ތަފާތު ކަންކަން ރަގަޅު ކުރަން ނުވަތަ ނުރަނގަޅުކޮށް ދާ ކަންތައްތައްވެސް ޖެހިލުމެއް ނެތި ކިޔައިދެއެވެ. މިއީ އަޅުގަނޑުގެ ބަސްދީގަތުމުގައި އެންމެ ބޮޑަށް ފާހަގަކުރެވުނު ކަންތަކެވެ. މިހުރިހާ ކަމަކުން އަޅުގަޑަށް ވިސްނުނީ، ހަގީގަތުގައި އެމީހުންގެ ވިސްނުން އެވަނީ ވަކި ގޮތަކަށް ބައްޓަންވެފައެވެ. އެކު އެކީ ކިޔަވައިދިނުމުގެ ތެރެއިން އާ ފިލޯސަފީ އެއް މުޅި ކިޔަވައިދިނުމުގެ ތެރެއަށް ވަދެފައެވެ. ކިޔަވައިދިނުމުގައި ސިއްރު ކުރަންޖެހޭ ކަމެއް ނެތެވެ. ފޮރުވަންޖެހޭ ކަމެއް ނެތެވެ. އެކަކު އަނެކަކަށް ފާރަވެރިވާން ޖެހޭ ކަމެއް ނެތެވެ. މާނައަކީ ކިޔަވައިދިނުމުގެ ގެންގުޅޭގޮތެއް ފޮރުވަންޖެހޭ ސަބަބެއް ނެތެވެ. ވަރަށްސާފުކޮށް ކިޔަވައިދިނުމާއި ދަރިވަރުންގެ އުނގެނުމާ ބެހޭގޮތުން ވާހަކަ ދައްކާ މަޝްވަރާކުރަންވީ އެވެ. އޭގެ ސަބަބުން މުދައްރިސުންގެ ފަންނީ ކުރިއެރުން އިތުރުވާނެއެވެ.

މިއަދު މިހުށަހަޅައި ލެވުނީ ހަގީގަތުގައިވެސް އަޅުގަނޑުގެ އަމިއްލަ ޕްރޮފެޝަނަލް ލާރނިން ނުވަތަ ފަންނީ ކުރިއެރުމަށް އިތުރުކުރެވުނު ހަޤީޤީ ފިލޯސަފީއެއްގެ ވާހަކައެވެ. ކިޔަވައިދިނުމަކީ އެކު އެކީ ކުރެވިދާނެ ކަމެއްކަން، އޭގެ ފައިދާފެންނަނީ ކިޔަވައިދިނުން ހުޅުވާލެވި އެކަމާ މެދު ހުޅުވިފައިވާ ސިކުނޑިއަކުން ވިސްނުމުން ކަމެވެ. އަޅުގަނޑަކީ ޢާއްމުކޮށް ކިޔަވައިދޭއިރު މިފަދަ ގޮތަކަށް ކިޔަވައިދޭން ކުރިން އާދަވެ ނުވަތަ ތަޖުރިބާ ކުރެވިފައިވާ ފަރާތެއް ނުމެ ނޫންމެއެވެ. ނަމަވެސް އަޅުގަނޑުގެ މިދިރާސީ ތަޖުރިބާތަކުން އެކު އެކީ ކިޔަވައިދިނުމަށް އަޅުގަނޑުގެ ލޯހުޅުވުނީ އެކަންޏެއް ނޫނެވެ. ޝައުގުވެރިކަން ވެސް އުފެދުނީއެވެ. ހަމަ އެގޮތަށް ދެ މުދައްރިސުން އަދި ތިން މުދައްރިސުންވެސް ބައިވެރިވެގެން ކިޔަވައިދިނުން ރޭވިދާނެ ގިނަ ގުނަ ގޮތްތަކާ މެދު ވިސްނާ އަމިއްލައަށް ތަޖުރިބާ ކުރުމުގެ ރޫހެއް ވެސް އުފެދުނެވެ. އަޅުގަނޑު އުއްމީދަކީ މިއަދުގެ ކޮޅަމުގައި ވެސް މިގެނެވުނު ޚިޔާލުތަކަކީ ތިޔައިން ކޮންމެވެސް މުދައްރިސުންތަކެއްގެ ހިތުގައި މިފަދަ ކިޔަވައިދިނުމުގެ ގޮތްތަކަށް ޝައުގުވެރިކަން އުފެދި ތަޖުރިބާ ކޮށްލުމަށް ފުރުސަތު ހޯދާނެ ފަރާތްތަކަކަށް ވުމެވެ. ކިޔަވައިދިނުމަކީ ވަކިވަކިން ކުރަން ނުވަތަ ފޮރުވައިގެން ކުރަން ޖެހޭ ކަމެއް ނޫނެވެ. އެކު އެކީ ބައިވެރިވެގެން މާފުރިހަމަ އަށް ވެސް ކުރެވޭނެ މަސައްކަތެކެވެ.  

Leave a Comment