”އެންމެ ދެރަވަނީ ބޮލުގައި ހިފައި ތަޅުވަންފަށާގޮތަށް ހުއްޓަން ނޭގުމުންނެވެ. ބޯ ތަޅައިގަންނައިރު އެއްވެސް ކޮންޓްރޯލެއް ނެތި ތަޅާތަން ފެނުނީމައެވެ. ހާސްވެ ނުތަނަވަސްވީމަ ހަދަނީ އެހެންނެވެ. ވަރަށް ކުދި ކުދި ކަންކަމުގައި ވެސް ހަދާނެގޮތް ހުސްވުމުން ގައި ކަހާ، އުނގުޅާ އެއްތަން ކޮޅެއްގެ ހަން ކުރަކިވެ މެށިގެން ދާ ވަރަށް ވެސް ކާތަފާނެއެވެ.“–މަންމައެއް-
މިއީ އެންމެ 7 އަހަރުގެ ކުއްޖެއްގެ ބެލެނިވެރިއެއް އޭނާގެ ދަރިފުޅުގެ ސުލޫކު ސިފަކޮށްލި ބަސްކޮޅެކެވެ.
މި ވާހަކަ ކޮޅަކީ ބެލެނިވެރިއެއްގެ ގާތުން އޯޓިޒަމާ ގުޅޭ ފޮޅުވަތުގައި ލިޔަންވީ ކޮން މައުޟޫޢަކަށްތޯ އަހާލުމުން ޖަވާބުގައި ’ސެލްފް ހާރމިން‘ އޭ ބެނެލުމަށްފަހު ހިއްސާކޮށްލި ވާހަކަ ކޮޅެކެވެ. މިއީ އެއްވެސް ހާލެއްގައި ބެލެނިވެރިންނަށް ބަލަން ފަސޭހަ މަންޒަރެއް ނޫންކަން ޔަގީނެވެ. މިކަންކަން ފެށެނީ ކޮންޢުމުރެއްގައި ކިހިނެއްކަން އަދި އެކަންކަމާއި މެދު ގެންގުޅެންވާ އުޞޫލުތަކަކީ ކޮބައިކަން، މިކަން ސީރިއަސްވެދާނީ ކިހާމިންވަރަކަށް ކަން ދެނެގަނެ ބެލެނިވެރިން ސަމާލުވާން ޖެހެއެވެ. މިއަދުގެ ލިޔުމުގައި އަލި އަޅުވާލަން ގަސްދުކުރަނީ މިކަންކަމާ ބެހޭގޮތުންނެވެ.
އަމިއްލަ ނަފްސަށް ގެއްލުން ދިނުމަކީ ގަސްދުގައި އަމިއްލައަށް އަނިޔާ ކުރުމެވެ. އަމިއްލައަށް އަނިޔާކުރުމުގެ ސުލޫކު އަކީ އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯރޑާރ (އޭއެސްޑީ) ހުންނަ ކުދިންގެ ފަރާތުން އާންމުކޮށް ފާހަގަކުރެވޭ ސީރިއަސް މައްސަލައެކެވެ. ދިރާސާތަކުން ހާމަކުރާގޮތުގައި، އޯޓިޒަމް ހުންނަ ކުދިން ނުވަތަ މީހުންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުންގެ ކިބައިން އަމިއްލައަށް ގެއްލުން ދިނުމުގެ ސުލޫކު ފާހަގަކުރެވެއެވެ. މި ސުލޫކުތަކަށް ގިނައިން ކިޔަނީ ނޮން ސުއިސައިޑަލް ސެލްފް އިންޖަރީ (އެންއެސްއެސްއައި) އެވެ. މިފަދަ ސުލޫކުތަކުގެ ތެރޭގައި ފާހަގަކުރެވެނީ ބޮލުގައި ތެޅުމާއި/ޖެހުމާއި، ހަންގަނޑު ކެހުމާއި، ދަތްއެޅުން ފަދަ ކަންކަންކަމެވެ. މިއިން ކޮންމެ ކަމަކީ އޭގެ ގެއްލުން ކުރުމުއްދަތަށް އަދި ދިގުމުއްދަތަށް ވެސް ދެމިގެންދާ ކަންކަމެވެ. މިފަދަ ސުލޫކުތަކަކީ ގިނަ ފަހަރަށް އިމްޕަލްސް ކޮންޓްރޯލް (ކުއްލިއަކަށް ދިމާވާކަންކަން ކޮންޓްރޯލް) ދަށްވުމުގެ ސަބަބުން ޖަޒުބާތުތައް ރެގިއުލޭޓް/މެނޭޖް ކުރުމަށް ދަތިވުމުން ކުރެވޭ އިހުސާސްތަކާއެކު ދިމާވާ ކަމެކެވެ. މިކަމަކީ ވަކި ޢުމުރަކަށް ދިމާވާ ކަމެއް ނޫނެވެ. ޚާއްޞަކޮށް މިކަން އެންމެ ބޮޑަށް ނުރައްކާވާ ޢުމުރަކީ ފުރާވަރުގެ ޢުމުރެވެ. ނަމަވެސް އެއަށްވުރެ ފަހުންވެސް އެކަން ދެމިގެން ދިއުމަކީ ގިނައިން ފާހަގަކުރެވޭ ކަމެކެވެ. އޯޓިޒަމް ހުންނަ ކުދިން އަމިއްލަ ނަފްސަށް ގެއްލުން ދިނުމުގެ ސުލޫކުތައް މަދުކުރުމަކީ ބެލެނިވެރިން ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ ކަމެކެވެ. އެހެން ކަމުން މިފަދަ ސުލޫކުތައް ދިމާވާ ސަބަބުތައް ދެނެގަނެ އެކަން ކުދިންނަށް މެނޭޖްކުރާނެ ގޮތްތައް ދަސްކޮށްދީ ފަރުވާކޮށް ތައްޔާރު ކުރުމަކީ ކުރަން ޖެހޭ ކަމެކެވެ.
އާންމުކޮށް އަމިއްލައަށް ގެއްލުން ދިނުން ފެށެނީ ކޮން އުމުރެއްގައި ހެއްޔެވެ؟
އަމިއްލައަށް ގެއްލުން ދިނުމުގެ ސުލޫކުތައް ކޮންމެ އުމުރެއްގައި ވެސް ދިމާވެދާނެ އެވެ. ވަރަށް ޅަޢުމުރުގައި ވެސް އަދި ޢުމުރުން ތަންކޮޅެއް ބޮޑުވެ މިސާލަކަށް ފަސްއަހަރު ހަ އަހަރުކުދިން ވެސް މާޔޫސްވުމުން ބޯ ތަންތާގައި ތެޅުންފަދަ ކަންތައް ކުރެއެވެ. ނަމަވެސް ކަންކަމުގައި ރަނގަޅަށް މުވާސަލާތު ކުރުމުގެ ހުނަރުތައް ތަރައްގީ ވަމުންދާވަރަކަށް މި ސުލޫކުތައް މަދުވެއެވެ. އަމިއްލައަށް ގެއްލުން ލިބޭ ބައެއް ސުލޫކުތައް މިސާލަކަށް ބޯ ތެޅުން ފަދަ ކަންތައްތައް ފެނުމުން އެކަންކަމަށް އަޅާ ނުލައި ދޫކޮށްލުން ރަނގަޅެއް ނުވާނެއެވެ. އަދި ހަމައެހެންމެ މިކަންކަން ތަކުރާރުކޮށް ފާހަގަކުރެވޭނަމަ އެއީ އޯޓިޒަމް ސްޕެކްޓްރަމްގެ ޢަލާމާތެއްކަން ވެސް ދެނެގަންނަން ޖެހޭނެއެވެ. ކުރިންވެސް ލިޔެވިފައިވާ ފަދައިން މިފަދަ ކަންކަން ގިނައިން ދިމާވަނީ މުވާސަލާތު ކުރުމުގެ ހުނަރުތައް ކުދިންގެ ކިބައިގައި ތަރައްގީވުން ލަސްވާތީއެވެ. ދާދިފަހުން ޝާއިޢުކޮށްފައިވާ ކަރުދާހެއްގައި، އޯޓިޒަމާއި ގުޅޭ 36 ދިރާސާއެއްގެ ލިޓްރެޗަރަ އެނަލިސިސް/ތަހުލީލެއް ހަދާފައި ވެއެވެ. މިކަރުދާހުގައި ހާމަކޮށްފައިވާ ގޮތުގައި، 29 ދިރާސާގެ ނަތީޖާގައި އޯޓިޒަމް ހުންނަ ކުދިންގެ ކިބައިގައި އަމިއްލަ ނަފުސަށް ގެއްލުން ދިނުން ވަރަށް ބޮޑަށް ފާހަގަކުރެވިފައިވެއެވެ (ބްލެންޗާޑް، ޗިހޫރީ، ޑިގުއިސެޕީ، އަދި ލީ، 2021). މިދިރާސާވެރިންގެ ލިޓްރެޗަރަ އެނަލިސިސް ހަދާފައިވާ ދިރާސާތަކުގައި ހިމެނިފައިވާ ސާމްޕަލުތަކުގައި 5 އަހަރުން ފެށިގެން 19 އަހަރުގެ ކުދިން ހިމެނެއެވެ. މިކަމުން ދޭހަވަނީ އަމިއްލައަށް އަނިޔާކުރުމުގެ ސުލޫކް އޯޓިޒަމް ކުދިންގެ ވަރަށް ޅަޢުމުރުގައި ވެސް ފެށިދާނެކަމެވެ. އަދި ހަމައެހެންމެ ޢުމުރުން ދުވަސްވާ ވަރަކަށް އެކަން ބޮޑުވެ ފުޅާވެގެން ހިނގައިދާނެކަމުގެ ނުތަނަވަސްކަން ދިރާސާވެރިން ވެސް ފާހަގަކުރައްވާފައިވެއެވެ.
ބައެއް ދިރާސާތަކުން ދައްކާގޮތުގައި، އޯޓިޒަމް ހުންނަ ކުދިންގެ ކިބައިން އަމިއްލައަށް ގެއްލުން ދިނުން އެންމެ ސީރިއަސް ކަންކަން ފަށާ ޢުމުރަކީ 15 އަހަރެވެ (މޮސެލީ، ގްރެގޯރީ، ސްމިތު، އެލިސަން، އަދި ބެރަން-ކޯހެން، 2019). ނަމަވެސް އެހެން ދިރާސާ އަކުން ދައްކާ ގޮތުގައި 2 އަހަރާއި 7 އަހަރާ ދެމެދުގެ އޯޓިޒަމް ހުންނަ ކުދިންގެ ތެރެއިން %50 އަށްވުރެ ގިނަ ކުދިންގެ އަމިއްލައަށް އަނިޔާކުރުމުގެ ސުލޫކް ފާހަގަ ކުރެވެއެވެ. ހަމަ މި ދިރާސާގައި ބައިވެރިވި ފުރާވަރުގެ ކުދިންގެ %40 އާ ގާތްކުރާ އަދަދެއްގެ ކުދިންގެ ކިބައިން މިފަދަ ސުލޫކްތައް ފާހަގަކުރެވިފައި ވެއެވެ (ސަމަރސް، ޝަހުރާމީ، ކާލީ، ޑީ’މެލޯ، ކާކޯ، ޕަލިކުސިން-ރެލްޖިން، އަދި ލަންސްކީ، 2017).
އޯޓިޒަމް ހުންނަ ކުދިން އަމިއްލައަށް ގެއްލުންދޭ ސުލޫކުގައި ފާހަގަކުރެވެނީ ކޮންކަމެއް؟
އެންމެ އާންމުކޮށް އޯޓިޒަމް ހުން
ނަ ކުދިން ކިބައިން ފާހަގަ ކުރެވޭ އަމިއްލައަށް އަނިޔާކުރުމުގެ ސުލޫކު ފެންނަ ކަންކަމަކީ، ބޮލުގައި ތަޅުން، ދަތްއެޅުން، ތަންތަނުގައި ބޯ ޖެހުން، ހަންގަނޑު ކެހުން، ނުވަތަ އުނގުޅުން ހިމެނެއެވެ. މީގެ އިތުރުން އިސްތަށިގަނޑުގައި ހިފައި ދެމުމާއި، ހޮޑުލުމާއި، ކެއުމުން ގެއްލުން ލިބޭ ފަދަތަކެތި ކެއުން ފަދަ ކަންކަމަކީ ވެސް އޯޓިޒަމް ހުންނަ ކުދިން ކުރާ ކަންތައްތަކެވެ. އަމިއްލައަށް ގެއްލުން ދިނުމުގެ ސުލޫކުތަކަކީ ގިނަފަހަރަށް ފަސޭހައިން ހުއްޓޭ ކަންކަމެއް ނޫނެވެ. ނަމަވެސް މިފަދަ ސުލޫކްތައް އާންމުކޮށް ފެންނަނީ އެކުދިންނަށް ދިމާވާ އިހުސާސްތައް ރިލީޒުކޮށް އެހެންމީހުންނާއެކު އެކަމާ ބެހޭގޮތުން މުވާޞަލާތުކޮށް ޖަޒުބާތުތައް ކޮންޓްރޯލްކުރުމަށްޓަކައެވެ.
އަމިއްލައަށް އަނިޔާކުރުމަށް މެދުވެރިވެދާނެ ކަންކަމުގެ ތެރޭގައި ހިމެނެނީ
- އުދުވާނީ ސުލޫކުތައް
- ހައިޕަރ އެކްޓިވިޓީ އާއި އެއްގޮތަކަށްވެސް އިށީނދެ ނުތިބެވުން
- ކަންބޮޑުވުން.
- ނިދުމުގެ މައްސަލަތައް
- މޫޑު ބަދަލުވުމުގެ މައްސަލަތައް ނުވަތަ ޑިސްއޯޑަރސް.
އަމިއްލަ އަށް ގެއްލުންދިނުން ދިމާވާ ސަބަބުތަކަކީ ކޮބާ؟
އޯޓިޒަމް ހުންނަ ކުދިން އަމިއްލައަށް ގެއްލުންދޭ ކަންކަން ކުރުމަށް ދިމާވާ ތަފާތު ސަބަބުތަކެއް އެބަހުއްޓެވެ. އޭގެ ތެރޭގައި:
- ޖަޒުބާތުތައް ރެގިއުލޭޓް ނުކުރެވުން
- ނިދި ހަމައަށް ނުލިބުން ނުވަތަ ޖަޒުބާތީ އިހުސާސްތައް ކޮންޓްރޯލް ނުކުރެވޭ ވަރަށް ވުރެ ބޮޑުވުން
- ކަމެއް ގޯސްވުމުން އަމިއްލައަށް އަދަބު ދިނުން
- ޚިޔާލު ފާޅުކުރުމުގެ ނުވަތަ އިޖުތިމާޢީ މުޢާމަލާތުކުރުމަށް ދަތިވުން
އަމިއްލައަށް ގެއްލުން ދިނުމުގެ ސުލޫކުތަކަކީ ގިނަ ފަހަރަށް އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ދަށްވުމާއި، އެކަމާ މުއާމަލާތް ކުރަން ނޭނގުމާއި، ކަންކަމާ ކުރިމަތިލުމުގެ ހުނަރު ދަށްވުމުގެ ނަތީޖާއެކެވެ. މިފަދަ ކަންކަމާ ކުރިމަތި ނުލެވުމުން އަމިއްލަ ނަފްސަށް އަނިޔާ ދިނުމަކީ ކުއްލިއަކަށް ދިމާވާ ކަންކަމުގައި ޖަޒުބާތު ކޮންޓްރޯލްކުރުން ދަށްވުމުން ވާކަންކަމެވެ. ގިނަފަހަރަށް ކުދިންފަރާތުން ފެންނަ ކަންކަމަކީ މި ކަންކަމުގެ ނަތީޖާއެއްގެ ގޮތުން ދިމާވާ ވެސް ކަންކަމެވެ. އުނދަގޫ ހާލަތްތައް މެނޭޖްކުރުމުގެ ގޮތުން އެކުދިންގެ ސީދާ ގަސްދަކާއި ނުލައި ކުރެވޭ ކޯޕިން މެކޭނިޒަމްއެކެވެ.
އަމިއްލައަށް އަނިޔާކުރުން ދިމާވުމުން ބެލެނިވެރިން ހަދަންވީ ކިހިނެއް؟
- އަމިއްލައަށް ގެއްލުންދޭ ސުލޫކުތައް ބެލެނިވެރިންނަށް ދެނެގަނެވޭ މިންވަރަކުން އެކަން ހުއްޓުވުމަށް ކުރެވިދާނެ ކަންކަންވެސް ދެނެގަންނަން ޖެހޭނެއެވެ. މިސާލަކަށް ކުއްޖާގެ ފަރާތުން ދިމާކަމަކީ ވަކި ކަމެއް މެދުވެރިވެގެން ވާކަމެއްކަން ފާހަގަކުރެވުމުން އެކަން ދިމާވުން މަދުކޮށް ކުއްޖާ ބިޒީކޮށް ބެހެއްޓުމުން އެކަން ދަށްކުރެވޭނެއެވެ.
- އަމިއްލައަށް އަނިޔާކުރުން ސުލޫކުތައް ގުޅިފައިވަނީ މުއާމަލާތް ކުރަން ނުކުޅެދުމުންނާއި އެކަމުގެ މާޔޫސް ކަމުގެ ސަބަބުންނެވެ. މިފަދަ ހާލަތުގައި ކުއްޖާއަށް އެޕްލައިޑް ބިހޭވިއަރ އެނަލިސިސް (އޭބީއޭ) ތެރަޕީ އާއި ސްޕީޗް ތެރަޕީ ދީ އާންމު ކަންކަމުގައި މުއާމަލާތް ކުރަން ދަސްކޮށްދެވިދާނެއެވެ. އަދި މިކަމުގައި ކުއްޖާއަށް ބަހުގެ މުޢާމަލާތާއި ނުލާ އިޝާރާތް ބަސް ވެސް މުއާމަލާތް ކުރަން ފަރިތަކުރުވިދާނެއެވެ. މިފަދަ އެކި ގޮތްގޮތަށް ކުދިން ތަމުރީނު ކުރާ މިންވަރަކުން މާޔޫސްވާ މިންވަރު ކުޑަކުރެވޭނެއެވެ.
- އަމިއްލައަށް ގެއްލުން ދިނުމަކީ ކުއްޖާއަށް އުނދަގޫވާ ކަމަކުން ސަލާމަތްވުމުގެ ގޮތުން ކުރާކަމެއް ނަމަ، އެކަމާ މެދު ޢަމަލު ކުރުން އެންމެ ރަނގަޅު ގޮތަކީ ކުއްޖާ
- ސަލާމަތްވުމަށް ބޭނުންވާ ކަންތައް ދެނެގަނެ އެކަމާ މުޢާމަލާތު ކުރާނެ ގޮތް ދަސްކޮށްދިނުމުގެ ތެރަޕީގެ ތެރެއިންނެވެ. މިސާލަކަށް ކުޑަކުއްޖަކު ވަކި ކަމެއް ކުރަން ބޭނުން ނުވާނަމަ، އެ ހާލަތުން ދުރުވުމަށް ޓަކައި އަމިއްލަ ނަފްސަށް ގެއްލުންދިފާނެއެވެ. މި ކަން ރަނގަޅު ކުރުމަށް ޓަކައި ބޭނުންވާ އެއްޗެއް ނުވަތަ ކަންތައް ހާސިލުކުރާނެ ގޮތުގައި ރަނގަޅު ގޮތް ދަސްކޮށްދީ ތެރަޕީ ގެތެރެއިން ތަމުރީނު ދެވިދާނެއެވެ.
މިއަދުގެ ވާހަކަކޮޅުގެ އެންމެ އުފާވެރި ޚަބަރަކީ، ބަޔާންވިދިޔަ ހުރިހާ މައްސަލަތަކަކީ ވެސް ފަރުވާ ކުރެވޭނެ ހައްލުކުރެވޭނެ ކަންކަމެވެ. އެންމެ ރަނގަޅު ގޮތަކީ ކުއްޖާއަށް ބޭނުންވާ ބޭނުންތައް ފުއްދާދޭނެގޮތާއި އެކަންކަމަށް ރިޢާޔަތް ކުރެވޭނެ ގޮތްތައް ހޯދައި އެކަން މޮނިޓަރކޮށް ދެމެހެއްޓެނިވި ގޮތަކަށް ބަލަމުން ދިއުމެވެ. ގަބޫލުކުރަން ޖެހޭ އެންމެ ބޮޑު ހަގީގަތަކީ ގިނަ ފަހަރަށް އަމިއްލަ ނަފުސަށް ގެއްލުން ދިނުން ތަކުރާރުވަނީ ކުއްޖާއަށް ބޭނުންވާ ކަމެއް ނުފުދުމުން ޖަޒުބާތު ކޮންޓްރޯލްކުރުމަށް ދަތިވުމުންނެވެ. މިކަމުގައި ދެވޭ ފަރުވާގައި ހިމެނޭ އެންމެ މުހިންމު ކަމަކީ ކުދިންގެ ޖަޒުބާތުތަކާއި ސުލޫކު ރަނގަޅަށް ދެނެގަތުމެވެ. މައިންބަފައިންގެ އެންމެ މުހިންމު މަސްއޫލިއްޔަތަކީ ތަފާތު ކަންކަމަށް އެންމެ އެކަށޭނަ ތެރަޕީ އަކީ ކޮބާކަން ޚާއްޞަ ފަރުވާދޭފަރާތްތަކާ އެކު މަޝްވަރާކޮށް ދެނެގަނެ އެކުދިންގެ ކިބައިގައި އަމިއްލަ ނަފްސަށް އިތުބާރު އުފެއްދުމާއި އަދި ޖަޒުބާތުތައް ރެގިއުލޭޓް ކުރަން ދަސްކޮށްދިނުމެވެ.
ހަވާލާ ދޭފަރާތްތައް
ބްލެންޗާޑް، އޭ، ޗިހޫރީ، އެސް، ޑިގުއިސެޕީ، ސީ.ޖީ، އަދި ލީ، ޖީ (2021). އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑަރ ހުންނަ ކުޑަކުދިންނާއި ބޮޑެތި މީހުންގެ އަމިއްލަ ނަފްސަށް ގެއްލުން ލިބުމުގެ ނުރައްކާ: ނިޒާމީ ރިވިއުއަކާއި މެޓާ އެނަލިސިސްއެއް. ޖާމާ ނެޓްވޯކް ހުޅުވާފައި، 4(10).
މޮސެލީ، އާރް.އެލް، ގްރެގޯރީ، ނ.ޖޭ، ސްމިތު، ޕީ، އެލިސަން، ސީ، އަދި ބެރަން-ކޯހެން، އެސް.ޖޭ.އެމް.އޭ (2019). ‘ޗޮއިސް’ އެއް، ‘އެޑިކްޝަނެއް’، ‘ގެއްލިފައިވާ މީހުންގެ ތެރެއިން ނުކުމެވޭނެ’ ގޮތެއް: ބުއްދިވެރި ނުކުޅެދުންތެރިކަން ނެތް އޯޓިސްޓިކް މީހުންގެ އަމިއްލަ ނަފްސަށް އަނިޔާ ހޯދުން. މޮލިކިއުލަރ އޯޓިޒަމް، 10(1)، 1-23.
ސަމަރސް، ޖޭ، ޝަހުރާމީ، އޭ، ކާލީ، އެސް، ޑީ’މެލޯ، ސީ، ކާކޯ، އެމް، ޕަލިކުސިން-ރެލްޖިން، އޭ، … އަދި ލަންސްކީ، ވައި (2017). އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑަރ އަދި އިންޓެލެކްޗުއަލް ޑިސެބިލިޓީގައި އަމިއްލައަށް އަނިޔާވުން: ރިހުން އަދި ސެންސަރީ އިންޕުޓަށް ރިއެކްޓިވިޓީގެ ދައުރު ހޯދުން. ބްރެއިން ސައިންސަސް، 7(11)، 140.