ޝާއިއު ކުރީ: ނޮވެމްބަރ 20, 2023 ލިޔުނީ: ޑރ. ޝާފިޔާ ކޮމެންޓްތައް: 0

”މިހާރު އަހަރެންގެ ދަރިފުޅަށް 12 އަހަރުވީއެވެ. ވާހަކަ ދެއްކީމާ ވެސް ލޮލަށް ބަލާލެއް ވަރަށް މަދެވެ. ގޮވާލުމުން ވެސް މާ ބޮޑު އަޅާލުމެއް ނުފެނެއެވެ. އެހެންވެ ވާހަކަ ދައްކާއިރު ދަރިފުޅާ މުވާޞަލާތު ކުރުމުގައި ވަރަށް އުދަނގޫވެއެވެ.“

 

މިއީ އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯރޑާރސް (އޭ.އެސް.ޑީ) އެކި ހާލަތްތަކުގެ ކުދިންގެ މައިންބަފައިން އާންމުކޮށް ބުނާ ބަސްކޮޅެކެވެ. ކުއްޖާއާ މުޢާމަލާތު ކުރާއިރު ލޮލަށް ބެލުން މުހިންމު ވަނީ ކީއްވެތޯ؟ ޙަޤީޤަތުގައި އެކުދިންނަށް ލޮލަށް ބަލަން އެހާ އުނދަގޫވަނީ ކީއްވެގެންތޯ މިއީ ޖަވާބު ފަސޭހައިން ދެވޭ ސުވާލުތަކެއް ނޫނެވެ. ލޮލަށް ބަލައިގެން މުވާޞަލާތުކުރުން މިއީ އާންމު ދިރިއުޅުމުގައި އެހާމެ މުހިންމު ހުނަރަކަށްވާ އިރު އެކަން ތަރައްގީކޮށް ކުރިއަރުވަން ބެލެނިވެރިންނަށް ކުރެވޭނީ ކޮންކަމެއްތޯ – އަދި ނުކުރަންވީ ކޮންކަމެއްތޯ؟ މިއީ މިއަދު އަޅުގަނޑު ލިޔެލަން ގަސްދުކުރާ ބައިތަކެވެ. ލޮލަށް ނުބެލުން މިއީ އޭ.އެސް.ޑީ ގެ ޢަލާމާތް ހުންން ދަރިވަރުންގެ އެންމެ ބޮޑަށް ފާހަގަކުރެވޭ ކަމަކަށްވާތީ މިކަމަށް ބަލާލުމަކީ މިފަދަ ކުދިން ގެންގުޅޭ ކޮންމެ ބެލެނިވެރިޔަކަށް އަދި މުދައްރިސަކަށް ވެސް މުހިންމު ވާހަކަ ކޮޅަކަށް ވާނެކަން ޔަގީނެވެ.

ލޮލަށް ބެލުމަކީ އިޖުތިމާޢީ ގުޅުންތައް ގާއިމުކޮށް މީހުންނާއި މުވާޞަލާތު ކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ކަމެކެވެ. އާންމުކޮށް މީހުން އެކަކު އަނެކަކާ މުޢާމަލާތްކުރުމުގައި މާބޮޑު ވިސްނުމަކާއި ނުލައި އޮޓޮމެޓިކުން ވެސް އެކަކު އަނެކަށް ބެލުމަކީ މާބޮޑު ހުނަރެއް ލިބިގެން ކުރާކަމެއް ނޫނެވެ. އެއީ ނޮންވަރބަލް/ބަސްބޭނުން ނުކޮށް ކުރެވޭ މުވާޞަލާތުގެ ވައްތަރެކެވެ. މިއީ މިހާ އާދައިގެ ގޮތަކަށް ސިފަކުރެވޭ ކަމަކަށްވާއިރު ވާހަކަ ދެއްކުމުގައި ވެސް އަދި އެހެންވެސް މުޢާމަލާތްތަކުގައި ސީދާ ވާހަކަ ދައްކާ މީހާގެ ލޮލަށް ބެލުމަކީ އޯޓިޒަމް ހުންނަ ކުދިންނަށް ވަރަށް ބޮޑު ގޮންޖެހުމެކެވެ. އާންމު މީހުންނަށް ލޮލުގެ ކޮންޓެކްޓަކީ/ލޮލުގެ ގުޅުމަކީ ވާހަކަ ދައްކާ އެވާހަކަ ދައްކާމީހާއާއި އަޑުއަހާމީހާގެ ޝައުގުވެރިކަމާއި ސަމާލުކަން ފޯރުކޮށްދިނުމަށް އަދި ދެމެހެއްޓުމަށް ވެސް އެހީތެރިވެދޭ ކަމެކެވެ. ގިނަ ފަހަރަށް، އެކަކު އަނެކަކު ދައްކަމުންދާ ވާހަކައަކަށް ނުވަތަ ކުރެވެމުންދާ މުޢާމަލާތަކަށް އެއްބަސްވުންތަކާއި އެއްފަރާތް އަނެއްފަރާތަށް ރައްދުދީ އިޖާބަދިނުމަށް ލޮލުގެ ބެލުންތަކާއި ގުޅުންތަކަކީ މުހިންމު ކަމެކެވެ. ހަމަ މިބީދައިން މީހަކު ވާހަކަ ދައްކާއިރު، ލޮލުގެ ގުޅުން ކުޑަވެއްޖެނަމަ، ލޮލަށް ބެލުން ނެތުމަކީ ދައްކާ ވާހަކަ އަށް އަޅާނުލާކަމުގެ އިހުސާސް އަނެއްފަރާތަށް ފަސޭހައިން ކުރުވާނެ ކަމެކެވެ. މިހެންކަމުން އިޖުތިމާޢީ ގުޅުންތަކުގައި ދައްކާވާހަކައަށް އިޖާބަދީ މުޢާމަލާތް ކުރާއިރު ލޮލަށް ބެލުމަކީ އެންމެންގެ ފަރާތުންވެސް އުއްމީދު ކުރެވޭ ކަމެކެވެ. ނަމަވެސް އޯޓިޒަމްގެ އުދަނގޫ ހާލަތުގައި ބޮޑުވަމުން އަންނަ ކުދިން ލޮލަށް ނުބަލަނީ އެމީހުން ނުކުރަންވެގެން ނޫންކަން، އެއީ އެނގި ހުރެ އަޅާނުލަނީކީ ނޫންކަން، ސަމާލުކަން ނުދޭންވެގެން ނުދެނީކީ ނޫންކަން، އަޑު ނީވޭތީ ނޫންކަން، އިޖާބަދޭން ބޭނުންނުވާތީ ނޫންކަން، އަދި ޚާއްޞަކޮށް އެއީ ގަސްދުގައި ކުރާ ކަމެއް ނޫންކަން، މިއީ އޭނާގެ ވަށައިގެން އުޅޭ މީހުންނަށް އެނގެން ޖެހޭ ކަންކަމެވެ. އެހެންނޫންނަމަ އޭނާއާ މުޢާމަލާތު ކުރުމުގައި ވެސް އަދި އުނގަންނައި ދިނުމުގައި ވެސް ދަތި އުނދަގޫތައް ދިމާވާނެއެވެ.

މީގެ ކުރިން ލިޔެލެވުނު ބައިގައި ވެސް އިޝާރާތްކޮށްލެވުނު ފަދައިން އޯޓިޒަމްއަކީ ’ނިއުރޯޑިވެލޮޕްމަންޓަލް ޑިސްއޯޑަރސް‘ ނުވަތަ ސިކުނޑީގެ އިޖުތިމާޢީ މަސައްކަތްތަކަށް ދިމާވާ ދަތިތަކެކެވެ. ލޮލަށް ބެލުން މިކުދިންނަށް ދަތިވަނީ ކީއްވެގެންތޯ އެތަށް ދިރާސާތައް ހަދާ ލިޔުންތައް ލިޔެވެއެވެ. މިގޮތުން ހެދިފައިވާ އެއް ދިރާސާގެ ކުރު ޚުލާޞާއެއް ތިރީގައި ދެވިފައި އެވަނީ އެވެ.

މި ދިރާސާ ހައްދަވާފައިވަނީ އެމެރިކާގެ ޔާލޭ ޔުނިވަރސިޓީގެ ސްކޫލް އޮފް މެޑިސިންގެ ދިރާސާވެރިންގެ ޓީމަކުންނެވެ. ދިރާސާގެ މައިގަނޑު އަމާޒަކީ ލޮލުގެ ގުޅުން ނުވަތަ ލޮލަށް ބެލުން މިކަން ސިކުނޑީގައި ހިނގާއިރު ސިކުނޑީގެ ތެރޭގައި އެކަން ހިނގާގޮތް ދެނެގަތުމެވެ.

އޭ.އެސް.ޑީ (އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑާރ) ހުންނަ ކުއްޖަކު އެހެން މީހުންނާއެކު ސީދާ ލޮލަށް ބަލައިގެން މުވާޞަލާތު ކުރުމަށް ތަމުރީނު ދޭންޖެހެއެވެ. މިކަމަކީ ވަކި އުޞޫލެއް ބޭނުންކޮށްގެން އުކުޅުތަކާއި،  ހުނަރު ބޭނުންކޮށްގެން ކުއްޖާގެ ކިބައިގައިވާ ވަރަށް ގިނަ ޚާއްޞަކަންތައްތަކަކަށް ރިޢާޔަތްކޮށްގެން ސީދާ ކުއްޖާއަށާއި އޭނާބަލަހައްޓާ ބެލެނިވެރިންނާއި މުދައްރިސުންވެސް ތަމުރީނު ކުރަންޖެހޭ ކަމެކެވެ. ބަޔާންކުރެވި ދިޔަ އެއްވެސް ފަރާތެއް މިތަމުރީނު ދިނުމުގައި އިހުމާލުވެވިއްޖެނަމަ ކުއްޖާގެ އައި ކޮންޓެކްޓް ނުވަތަ ލޮލަށް ބެލުމުގެ ހުނަރު ދަސްކޮށްދިނުމަށް ދަތިވާނެއެވެ. މިގޮތަށް ލޮލަށް ބަލައިގެން މުވާސަލާތުކުރުމަށް ދަސްކޮށްދޭއިރު ކަން ކުރެވޭ ގޮތުން ނުރަނގަޅު ނަތީޖާއާއި އޭގެ އަސަރު ނޭދެވޭ ގޮތެއްގައި ކުރުމަކީ އެކަށީގެންވާ ކަމެކެވެ. ސަބަބަކީ އެކަމުގެ ތަމުރީނުދީ ކުއްޖާއަށް ދަސްކޮށްދޭއިރު އެއީ ކުއްޖާއަށް ވަރަށް ބޮޑު ނުތަނަވަސްކަމާއި ހާސްކަމެއް ވެސް މެދުވެރިވެދާނެ ކަމެކެވެ. ގިނަފަހަރަށް މިގޮތަށް ތަމުރީނު ދެވޭއިރު ކުއްޖާއަށް އެއީ މަޖުބޫރުކޮށްގެން ކުރުވާ ކަމެއްގެ އިހުސާސް ވުމަކީ ދުރުކަމެއް ނޫނެވެ. މި ކަމުގެ ނުތަނަވަސްކަން މެދުވެރިވަނީ ކުއްޖާ އަމިއްލައަށް އެކަން ކުރަން ބޭނުންވެގެން ކުރެވޭ ކަމަކަށް ނުވާތީއެވެ. އޯޓިޒަމްގެ ހާލަތާއެކު އުޅޭ ކުއްޖަކަށް އެއީ އޭނާއަށް މުހިންމު ކަމެއްކަން މަޖުބޫރުކަމެއް ނެތި ދަސްކޮށްދިނުމަކީ ވެސް ދަތި ކަމަކަށް ވެދާނެއެވެ. މިހެންވެ، ކުއްޖާ ގަޔާވާ ކަމެއްގެ ތެރެއިން ލޮލަށް ބަލަން ދަސްކޮށްދިނުމަކީ ސަމާލުކަން ދޭން ޖެހޭ ކަމެކެވެ. ޕްރެޝަރކޮށް ނުތަނަވަސްކަމާ އެކު ކުއްޖާގެ ނުރުހުމުގައި އެކަން ކުރަން އުޅުމުން ކުއްޖާ ޝައުޤުވެރިކަން އޮންނަ ކަންކަމާވެސް ދުރުވުމަކީ އެކަށީގެންވާ ކަމެކެވެ. އައި ކޮންޓެކްޓް/ލޮލަށް ބެލުން އެންމެ ރަނގަޅަށް ތަމުރީނު ކުރާނަމަ ކޮންމެ ކުއްޖެއްގެ ވެސް ފަރުދީ ހާލަތާއި ގޮތްތައް ވަކިން ވަކިން ދެނެގަނެ ގަޔާވާ ކަންކަމާއި، ގާބިލިއްޔަތާއި، ރުހޭ ކަންކަން ހޯދުމަކީ ބޭނުންތެރިކަމެކެވެ. ކޮންމެ ކުއްޖަކީ ތަފާތު ކުއްޖެއްކަން ހަދާންކުރުމަކީ އެންމެ ބޮށޑަށް ސަމާލުވާން ޖެހޭނެ ކަންތަކެވެ.

މިހާ ހިސާބުން ވިސްނާލުން މުހިންމުވަނީ ލޮލަށް ބެލުން މިކަން ތަމުރީނު ކުރަން ފަށާނީ ކޮން އިރަކުތޯއެވެ. އެންމެ ރަނގަޅީ ވަކި ވަގުތެއްގައި ކަން ވިސްނުމަށްވުރެ ސަމާލުކަން ދޭންވީ ކުއްޖާއަށް އެކަން ބޭނުންވާއިރާއި ހާލަތްތަކާއެކު ސީދާ ކުއްޖާއަށް ރިޢާޔަތްކޮށްގެން އެކަން ކުރުމެވެ. މިސާލަކަށް އޭ. އެސް. ޑީގެ ހާލަތު ކުދިންނަށް އެމީހުން އެހެންމީހުންގެ ލޮލަށް ނުބަލާކަމެއް އަމިއްލައަށް ފާހަގަ ނުކުރެވޭނެއެވެ. މާނައަކީ އެކުދިންނަށް އެއީ ކީއްވެ މުހިންމުވާކަމެއްކަން ނޭނގޭނެއެވެ. ބައެއް ފަހަރު ބަލާލާށޭ ބުނުމުން މޫނުގެ އެހެން ދިމާލަކަށް ވެސް ބަލާލާ ފަހަރު އަންނާނެއެވެ. ހަމައެކަނި މީހެއްގެ މޫނަށް ނުވަތަ އެމީހެއްގެ މޫނުމަތީގައިވާ ލޯ ނޫން އެހެން ހިސާބަކަށް ނަޒަރު ހިންގާލުމަށްފަހު ދުރަށް ބަލާލުމަކީ ވެސް ވަރަށް އާންމުކޮށް ފާހަގަކުރެވޭ ކަމެކެވެ. ނަމަވެސް ކުއްޖާގެ މިފަދަ ކޮންމެ ބިހޭވިއަރ/ސުލޫކެއް ފާހަގަކޮށް އެކުއްޖެއްގެ ކިބައިން ފެންނަ އާންމު ގޮތްތައް ދެނެގަތުމަކީ ވެސް ތަމުރީނު ދޭއިރު ބަލަން ޖެހޭ ކަމެކެވެ.  އޭ.އެސް.ޑީގެ ޢަލާމަތްތައް ހުންނަ ކުދިންގެ ލޮލަށް ބެލުމުގެ ހުނަރު ތަރައްޤީކުރެވޭނެތޯ އެއްކޮށް ރަނގަޅު ކުރެވިދާނެތޯ، ކިހާދުވަހެއްވާނެތޯ، މިކަންކަމަކީ ބެލެނިވެރިންނާއި ކުއްޖާ ބަލަހައްޓާ މީހުންގެ ހިތުގައި އުފެދޭނެ ގިނަ ސުވާލުތަކެކެވެ. ނަމަވެސް މިފަދަ ސުވާލުތަކަކީ ހަމައެކަނި ރަނގަޅު އެއްޖަވާބު އޮތް ސުވާލުތަކެއް ނޫނެވެ. އާންމު ކުދިންނަށް ލޮލަށް ބަލައިގެން ވާހަކަ ދެއްކުމަކީ ވަރަށް އާދައިގެ ކަމަކަށް ވީނަމަވެސް އޭ.އެސް.ޑީގެ ހާލަތާއެކު ބޮޑެތިވަމުން އަންނަކުދިންނަށް މިއީ އާދައިގެ ކަމެއް ނޫނެވެ. މިގޮތުން އާންމްކޮށް ވެސް ބެލެނިވެރިންނަށް އުނދަގުލަކާއި ނުލައި ކޮށްލެވިދާނެ ދެތިން ކަމެއް ތިރީގައިވާ މަޢޫލޫމާތު ޚުލާޞާ ތަސްވީރުގައި ހިމަނާލެވިފައިވާ ވާނެއެވެ. މިސާލަކަށް އެއްޗެއް ދައްކާއިރު މޫނާއި ކައިރިކޮށްފައި ދެއްކުން، މޫނު ކުލަޖެއްސުން، ޕީކަބޫ ކުޅުން، ކުޅޭއެއްޗެތި ދޭއިރު މޫނު ކައިރިކޮށްލާފައި ދިނުން

ފަދަ ކޮންމެ ކަމަކީވެސް ކުއްޖާ އިސްއުފުލާ ބެލުމަށް ފަރިތަކުރުވޭނެ ސާދާ ކަންކަމެވެ. މާބޮޑު ތެރަޕީއަކަށް ގޮސް ޚާއްޞަ ވަކި އެއްޗެތި ތަކެއް ބޭނުން ނުކޮށްވެސް މިފަދަ ކަންކަމަކީ ކޮށްލެވޭނެ ކަންތައްތަކެވެ. ނަމަވެސް ހަދާނުގައި ބަހައްޓަން ޖެހޭ ކަމަކީ، ބައެއް ފަހަރު އޭ. އެސް.ޑީގެ ހާލަތު ސީރިއަސްއަންކަން ނުވަތަ ބޮޑު ކުޑަ މިންވަރު މިފަދަ ކަންކަމަށް ކުއްޖާ އިޖާބަދޭގޮތާއި، ކަންކުރެވޭއިރު އެކަމުން ނުކުންނަ ނަތީޖާތައް ތަފާތުވެދާނެ ކަމެވެ. މިއީ ކަނޑައެޅިގެން ހުރިހާ ކުދިންނަށް މިގޮތަށް ރަނގަޅުވާނެ ކަމެއް ގޮތަށް ނިންމުމަށްވުރެ ކަމުގެ ސީރިއަސްކަން ބޮޑު ކަމެކެވެ.

މިފަދަ ކުދިން ގެންގުޅޭ ޢާއިލާތަކުގައި ކުރެވިދާނެ ސިމްޕަލް/އާދައިގެ ކަންކަމަކީ ޢާއިލާގެ ގިނަމީހުން އެކަންކަމަށް ހޭލުންތެރިވީ ވަރަކުން ކުއްޖާއަށް ނުހަނު ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭނެ ކަންކަމެވެ. މިސާލަކަށް އެއް ޢާއިލާއެއްގައި އާއިލީ ބައްދަލުވުމުގައި އެންމެން ކުރިކަމަކީ ސިލޭފޭސް/މަޖާ މޫނު ހެދުމުގެ ހަރަކާތެކެވެ. މިކަން ކޮށްފައިވާ ގޮތުގެ ޢާއިލާގެ ތަސްވީރު ތިރީގައި ހިމަނާލެވިފައި އެވަނީއެވެ. އޭ.އެސް.ޑީގެ ހާލަތާއެކު އުޅޭ ކުއްޖެއްގެ ލޮލަށް ބެލުމަށް ފަރިތަކުރުވުމުގެ ގޮތުން މުވާޞަލާތުކޮށް މުޢާމަލާތްކުރުވުމަށް

އެހީތެރިވުމުގެ ގޮތުން މިފަދަ ކަންކަން ރޭވުމަކީ ވަރަށް ބޮޑަށް ކުއްޖާއަށް އެހިތެރިވެދޭނެ ކަމެކެވެ. އަދި އޭނާއަކީ އުނިކަމެއް ހުންނަކުއްޖެއްކަން އިހުސާސް ވިޔަނުދީ ދިރިއުޅުމުގެ ކަންކަމަށް ހާނުއްވަން ފަސޭހަވެ އޭގެ އެދެވޭ އަސަރުތައް ކުއްޖާއަށް ކުރާނެ ކަމެއް ވެސް މެއެވެ. ކުރިންވެސް ފާހަގަކޮށްލެވުނު ފަދައިން ސީދާ މަޖުބޫރުކޮށްގެން ލޮލަށް ބަލަން ދަސްކޮށްދިނުމަށް ވުރެ ކުއްޖާ ގަޔާވާ ކަންތައްތަކަކަށް ސަމާލުވުމަކީ މުހިންމު ކަމެކެވެ. މޫނަށް ތަފާތު ބަދަލުތައް ގެނެސް ކުރެވޭ ކަންކަމަކީ އެންމެނަށް ވެސް މަޖާކަމަކާއެކު ކުއްޖާ ވެސް ބައިވެރިކުރުމަށް ލިބޭނެ ފުރުސަތަކަށްވާނެއެވެ.

އިސްވެ ބަޔާންވި ކަންކަމުގެ އިތުރުން ސީދާ ކުއްޖާއަށް ލޮލަށް ބެލުމަށް ތަމުރީނު ދޭއިރު ޚާއްޞަކޮށް ވަކި ކަންކަމަށް ފޯކަސް ބަހައްޓައިގެން ތަމުރީނު ދެވިދާނެއެވެ. މިގޮތުން ތިރީގައި ހިމަނާލެވިފައިއެވަނީ އޭގެ 3 ހަރަކާތެކެވެ.

ފުރަތަމަ ހަރަކާތް: ކުއްޖާއަށް ދަސްކޮށްދޭންވީ، ”ބޭނުންވާ ކަމެއް ހާޞިލުކުރުމަށް ސީދާ މީހާއަށް ބެލުމުން ފަސޭހަވެ އަވަސްވާނެކަމެވެ.“ މިކަން ދަސްކޮށްދޭން ކަން ކުރަންވީ ގޮތަކީ ކުއްޖާ ކުޅޭހިތްވާ ގޭމެއް/ކުޅިވަރެއް ކުޅެމުންދާއިރު ކިޔަމުންދާ ލަވައެއް ކުޑައިރުކޮޅަކަށް ހުއްޓާލުން އޭރުން އެކަން ކުރިޔަށް ގެންދިއުމަށް ކުއްޖާ ބޭނުންވާނެއެވެ. އެހިނދު ކުއްޖާ މަންމަގެ މޫނަށް ބަލާފައި ބޭނުންކަން ހާމަކުރުމަށް ދަސްކޮށްދެވޭނެއެވެ. މިގޮތުން ބަލާލާ ކޮންމެ ފަހަރަޖޔ ލަވަ އަލުން ކިޔަންފެށުން، ނުވަތަ ގޭމާއިގެން ކުރިޔަށް ދިޔުން ހިނެނެއެވެ. ހަމަ އެގޮތަށް ބައެއް ކުދިން ގިލިގިލި ކޮށްޓުންފަދަ ކަންކަމަށް ވަރަށް ބޮޑަށް ލޯބި ކުރެއެވެ. ކުއްޖާލައްވާ މަންމައަށް ބަލާލުމަށް ބުނަމުން އަނެއްކާވެސް ފެށިދާނެއެވެ. މިއިން ކޮންމެ ގޮތަކުންވެސް ކުއްޖާގެ އުފާވެރިކަމާއި ޖޯޝް އެކަމުގެ ލާމެއްސައިގެން މޫނާއި ލޮލަށް ބަލަން ކުދިންނަށް ދަސްކޮށްދެވޭނެއެވެ. މިކަން ކުރިޔަށް ގެންދަންވާ ގޮތް ތަރުތީބު ތަސްވީރުގައި ހިމަނާލާފައި އެވަނީއެވެ.

ދެވަނަ ޙަރަކާތް: ކުއްޖާއަށް ދަސްކޮށްދޭންވީ ބޭނުންވާކަމެއް ބޭނުންވާ ގޮތަށް ހޯދުމަށް އެންމެ ރަނގަޅީ އިޖާބަދިނުން ކަމަށް އެންގުމެވެ. މިކަމަށް ފަރިތަކުރުވާ ދަސްކޮށްދިނުމަށް ކުރެވިދާނެ ކަމަކީ ކުއްޖާ ގަޔާވާ ކުޅޭއެއްޗެއް ނަގާ ކުއްޖާއަށް ފުރަގަސް ދީގެން ކުޅޭ އެތި ހިފައިގެން އިށީންނާށެވެ. ކުޅޭ އެތި ބޭނުންވާ ކަން އެންގުމުގެ ގޮތުން ކުއްޖާ ކުރާކަމެއް ކުރުމުން ކުއްޖާއާ ވީފަރާތަށް އެނބުރޭށެވެ. އެންބުރިފައި ކުއްޖާ ބަލާލުމުން ކުޅޭ އެތި ދޭށެވެ. އަދި އެކަން ކުރިގޮތަށް ވަރަށް ރަނގަޅު ކަމަށް ބުނެ އެކަން ތަކުރާރުކުރާ މިންވަރުން ސާބަސްދީ ހަދާށެވެ. މިކަން ކުރިޔަށް ގެންދަންވާ ގޮތް ތަރުތީބު ތަސްވީރުގައި ހިމަނާލާފައި އެވަނީއެވެ.

ތިންވަނަ ހަރަކާތް: ކުއްޖާއަށް ދަސްކޮށްދޭންވީ، މަޢުލޫމާތެއް ދެނެގަތުމަށް އެންމެ ފަސޭހައީ މީހުންގެ ލޮލަށް ބަލައިގެންކަމެވެ. މިކަން ދަސްކޮށްދިނުމަށް ހަރަކާތް ރޭވިދާނެ ގޮތަކީ ކަރުދާސްތަށި 5 ތަށި ތަރުބީބުން ކޮންމެސް ވަރެއްގެ ދުރުމިނެއްގައި އަތުރާލާށެވެ. އަދި އެއިން އެއްތަށީގެ ދަށަށް ކުއްޖާ ކާހިތްވާ ކޮންމެސް އެއްޗެއް ލާށެވެ. ދެން ކުއްޖާގެ ކައިރީގައި އެއެތިކޮޅު އޮތީ މިތަށީގެ ދަށުގައޭ ބުނާށެވެ. ދެންކުއްޖާލައްވާ އެޖުމުލަ ނުވަތަ އެކަމަށް އިޝާރާތްކުރުވާ ހަރަކާތް ކުރުވާށެވެ. ދެން އެއަށްފަހު އެތިކޮޅު ނެގުމުން ’އާނ ވަރަށް ރަނގަޅު މިއޮތީ“ މިފަދަ ގޮތަކަށް ކަންކުރީމާ ރަނގަޅަށްކަން ފާހަގަކުރުވޭ ގޮތަށް ހިތްވަރުދީ އެކަން ތަކުރާރުކުރާށެވެ. މިގޮތަށް ހެދުމުން ކުއްޖާއަށް ވަކި ކަމެއް ވަކި އެއްޗެއް ހޯދުމަށް މުޢާމަލާތުކޮށް އިޖާބަދީ ހަދަން ދަސްކޮށްދެވެއެވެ. މިކަން ކުރިޔަށް ގެންދަންވާ ގޮތް ތަރުތީބު ތަސްވީރުގައި ހިމަނާލާފައި އެވަނީއެވެ.

އަޅުގަނޑުގެ އުއްމީދަކީ މިއަދު މި ހިމަނާލެވުނު ބައިތަކަކީވެސް އޭ.އެސް.ޑީ ހާލަތާއެކު ބޮޑެތިންވަމުން އަންނަ ކުދިންނާއެކު މުވާޞަލާތު ކުރުމަށް ދަސްކޮށްދޭނެ ގޮތްތަކަކާއި ޚިޔާލުތަކެއް ހުށަހެޅުނު މަޢުލޫމާތު ކޮޅަކަށްވުމެވެ. ޚާއްޞަކޮށް މުދައްރިސްންނާއި ބެލެނިވެރިންނަށް މި ލިޔުމުގައި ބަޔާންކޮށްލެވިފައިވާ ތަފާތު ގޮތްތަކާއެކު އާ ޚިޔާލުތައް ކޮށްލުމަށްވެސް ލިބުނު ފުރުސަތަކަށް މިލިޔުން ވުމަކީ އަޅުގަނޑުގެ ބޭނުމެކެވެ.

ހަވާލާދޭ ފަރާތްތައް

ބައެއް މަޢުލޫމާތުތައް ނެގިފައިވަނީ ތިރީގައި އެވެބްސައިޓްގެ ލިންކްދެވިފައިއެވަނީ އެވެ. http://www.autismpartnership.com.hk/en/news/how-to-improve-eye-contact-in-children-with-asd/

Leave a Comment