ޝާއިއު ކުރީ: ފެބްރުއަރީ 9, 2020 ލިޔުނީ: ޑރ. ޝާފިޔާ ކޮމެންޓްތައް: 0

މިއަދު ލިޔެލަން މިގަސްދުކުރަނީ އޯޓިޒަމް ހުންނަ ކުދިންގެ ކިބައިން އެންމެ އާންމުކޮށް ފާހަގަ ކުރެވޭ ކަމަކާ ބެހޭގޮތުންނެވެ. އެއީ އާންމުކޮށް އުޅޭއިރު މީހުންނާއި މުވާޞަލާތުކޮށް މުޢާމަލާތުކުރުމުގައި ފަށައިގަތުމާއި، ވާހަކަތައް ކުރިޔަށް ގެންދިއުމުގައި ހުންނަ ދަތިތަކާއި ބެހޭގޮތުންނެވެ. މިކަމަކީ ބަހުގެ ލިޔުންތެރިން މާނަކުރައްވާ ގޮތުގައި ބަހުގެ މުވާޞަލާތު ކުރުމާއި ގުޅޭ ކަންކަމެވެ. މިކަމުގައި މައިގަނޑު 3 ހުނަރެއް ކުދިން ބޭނުންކުރަން ޖެހެއެވެ. އެއީ ތަފާތު ކަންކަމަށް އިޝާރާތްކޮށް، ވާހަކަ ދައްކާއިރު ބަސް ބޭނުންކުރުން، އެކި ހާލަތްތަކަށް ބަދަލުކޮށްގެން ވާހަކަ ދައްކާގޮތާއި ބަސް ބޭނުންކުރާގޮތް ބަދަލުކުރުން، އަދި ހަމައެހެންމެ ދެކެވޭ ވާހަކަތައް ބައިވެރިވެރިވެގެން ކުރިޔަށްގެންދާން އެނގުން ފަދަ ހުނަރުތަކެވެ. މިހުރިހާ ހުނަރުތަކަކީ ވެސް އޯޓިޒަމް ހުންނަ ދަރިވަރުންގެ ކިބައިގައި ތަރައްޤީކުރުމަށް ވަރަށް ބޮޑު ގޮންޖެހުންތަކެއް ހިމެނޭ ހުނަރުތަކެކެވެ. އޯޓިޒަމް ހުންނަ ކުދިންނަށް ބަހުގެ ހުނަރު ތަރައްޤީ ކުރުމަށް ދަތިތަކެއް ކުރިމަތިވާކަން ކުރިން ލިޔެވިފައިވާ ބައިތަކުގައި ވާހަކަ ދެއްކިފައިވާނެއެވެ. އެދަތިތަކުގެ ސަބަބުން މީހުން ބުނާ އެއްޗެއް ވިސްނުމަކީ ވެސް އެކުދިންނަށް ދިމާވާ ގޮންޖެހުމެކެވެ. ހަމައެހެންމެ އަތުގެ އިޝާރާތާއި ލޮލުގެ ކޮންޓެކްޓް/ބެލުންތަކުގެ އިތުރުން މޫނުމަތީގެ ކުލަވަރުތަކުގެ ތެރެއިން ބަސްނުލައި ކުރެވޭ މުއާމަލާތް ކުރުމަކީ ވެސް އެކުދިންނަށް އެހާނމެ އުނދަގޫ ކަމެކެވެ. މިއީ ކުރީ ހަފުތާގައި ލިޔެލެވުނު ބައިތަކާއި ވަރަށް ބޮޑަށް ގުޅިފައިވާ މުއުޟޫޢެކެވެ. މިއަދު މިބައިގައި ހިމަނާލާ މަޢުލޫމާތަކީ މިފަދަ ކުދިން ގެންގުޅޭ ބެލެނިވެރިންނާއި އަދި މުދައްރިސުންނަށް މަންފާ ކުރަނިވި ވާހަކަކޮޅެއް ކަމަށް ގަބޫލުކުރަމެވެ.

އޯޓިޒަމް ހުންނަ ކުދިންގެ ކިބައިން ފާހަގަ ކުރެވޭ ވާހަކަ ދެއްކުމާ ގުޅޭ ބައެއް ކަންކަން

  1. ތަކުރާރުކުރުން ނުވަތަ އެއްބަސްތަކެއް ބޭނުންކުރުން: މިއީ އޯޓިޒަމް ހުންނަ ކުދިންގެ ވާހަކަ ދައްކުމުގައި ފާހަގަކުރެވޭ ވަރަށް އާންމު ސިފައެކެވެ. އާންމުކޮށް ވާހަކަ ދައްކާލެވޭ އޯޓިޒަމް ހުންނަ ކުދިން ބޭނުންކުރާ ބަސްތަކުގައި ބައެއްފަހަރު މާބޮޑު މާނައެއް ނެތް އަދި އެހެންމީހުން އޭނާއާ ދައްކާވާހަކައާ ނުގުޅޭ ގޮތަށް އިޖާބަދޭކަން ފާހަގަކުރެވެއެވެ. މިސާލަކަށް ކުއްޖާއާ ކުރާ ސުވާލެއްގެ ޖަވާބުގައި ސީދާ އެސުވާލު ކުއްޖާއަށް ކުރެވޭކަން ފާހަގަކުރެވެއެވެ. މާނައަކީ އިވުނު ޖުމުލަ ސީދާ އެގޮތަށް ބޭނުންކުރުމެވެ. ހަމަ މީބަދައިން މީހަކު ބުނާ އެއްޗެއްގެ އަޑު އަހާފައި އެއިވުނު ބަސްތައް މެދުނުކެނޑި ތަކުރާރުކޮށްފާނެއެވެ. މިސާލަކަށް ކުއްޖާގާތު އެއްޗެއް ބޯން ބޭނުންތޯ އެހުމުން ސީދާ އެގޮތަށް “ބޯން އެއްޗެއް ބޭނުންތަ؟ އަހާފާނެއެވެ. މީގެ އިތުރުން އޯޓިޒަމް ހުންނަ ބައެއް ކުދިން ވާހަކަ ދައްކަނީ ތަންކޮޅެއް ހަރުއަޑުން، ބާރަށް، ލަވަކިޔާގޮތަށް، އެއްރާގެއްގެ އަޑަކުން ނުވަތަ ރޮބޮޓް ކަހަލަ ގޮތަކަށެވެ. މިހާލަތަށް ކިޔަނީ އެކޮލަލިއާ އެވެ (ނީލީ، ގެރޯ، ރިސްޕޮލީ، ލެންގް، އަދި ޕުލެން، 2016). މިދިރާސާވެރިން ފާހަގަކުރާގޮތުގައި އޯޓިޒަމް ހުންނަ ވަރަށް ގިނަ ކުދިންގެ ކިބައިން މިކަން ފާހަގަކުރެވެއެވެ. މިކަމުގެ ފަރުވާއެއްގެ ގޮތުން އެކި ކުދިންނަށް ޚާއްޞަ ގޮތްތަކެއް ބޭނުންކުރުމަށް މި ޢިލުމުވެރިން އިރުޝާދުދީފައިވެއެވެ. މާނައަކީ ކޮންމެ ކުއްޖެއްގެ ހުންނަ އެކޮލަލިއާގެ ގޮތްތައް ތަފާތުވުމެވެ. މިދިރާސާވެރިންގެ ކަރުދާހުގައި ދުނިޔޭގެ އެކި ގައުމުތަކުގައި މިހާލަތަށް ފަރުވާ ކުރުމަށް ބޭނުންކުރެވިފައިވާ ގޮތްތަކުގެ ސިސްޓަމެޓިކް ލިޓްރެޗަރ ރިވިއުގެ ހޯދުންތައް ހިއްސާކޮށްފައިވެއެވެ. މި ހޯދުންތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އެންމެ މުހިންމެ ނުކުތާއަކީ ބެލެނިވެރިންނާއި ކުއްޖާ ބަސް ބޭނުން ކުރުމަށް ތަމުރީނުދިނުމުގެ މުހިންމު ކަމެވެ.
  2. ޝައުޤުވެރިކަން ހަނިވުމާއި ޚާއްޞަބައެއް ގާބިލިއްޔަތު: ބައެއް ކުދިންނަކީ އެއް މައުޟޫޢު ނުވަތަ އެއްދާއިރާއަކާ ބެހޭ ގޮތުން ވަރަށް ރަނގަޅަށް އެނގޭ ނަމަވެސް ޝައުޤުވެރިވާ ދާއިރާތައް ހަނި ކުދިބައެކެވެ. ފާހަގަކޮށްލެވޭ ބައެއް ކަންކަމުގެ ތެރޭގައި މިއުޒިކް، ހިސާބު ބޭނުންކުރުން، ފަދަ ކަންކަން ބައެއް ކުދިންގެ ޚާއްޞާ ޤާބިލުކަންކަމުގެ ތެރޭގައި ހިމެނެއެވެ. އޯޓިޒަމް ހުންނަ ކުދިންގެ ތެރެއިން ގާތްގަނޑަކަށް 10 އިންސައްތަ ކުދިންގެ ކިބައިގައި ’ސޭވަންޓް‘ ހުނަރުތައް، ނުވަތަ ހިތުދަސްކުރުން، ކެލެންޑަރ ހިސާބުކުރުން، މިއުޒިކް ނުވަތަ ހިސާބު ފަދަ ވަކި ދާއިރާތަކުން އިންތިހާއަށް މަތީ ޤާބިލުކަމެއް ފާހަގަކުރެވެއެވެ (ހޯލިން، ޕ ގުޑް، ހަޓަން، އަދި ރަޓަރ، 2009). މިދިރާސާވެރިން ހާމަކުރާގޮތުގައި ސޭވަންޓް އެބިލިޓީސް ނުވަތަ ޚާއްޞަ ކޮގްނިޓިވް ސްކިލްސް ލިބިފައިވާ އޯޓިޒަމް ހުންނަ ފަރާތްތަކުގެ ސިންގަލް ކޭސް ނުވަތަ ކުދި ގްރޫޕް ދިރާސާތަކެއް ކުރެވިފައިވާ މިންވަރު މަދުވުމުން ސީދާ މިކަންކަން މެނޭޖްކުރުމާއި މީގެ އިމްޕްލިކޭޝަންތަކާއި ބެހޭ ސައްހަ މަޢުލޫމާތު ލިބިފައިވާ މިންވަރު މަދެވެ. މިދިރާސާގެ ފަހުބަހަކަށް އިޝާރާތްކޮށްލާފައިވަނީ ދިރާސާގައި ބައިވެރިވި ކުދިންގެ ތެރެއިން ޚާއްޞަ ޤާބިލުކަން އިންތިހާއަށް ހުރި ފަސް ކުއްޖެއްގެ ކިބައިގައި އެންމެ ފާހަގަކޮށްލެވެނީ ހިސާބާ ގުޅުންހުރި އަދި ވިޝުއަލްސްޕޭޝަލް ޤާބިލުކަމެވެ. މިއީ ބެލެނިވެރިންނާއި މުދައްރިސުންނަށް ވަރަށް ބޭނުންތެރި މަޢުލޫމާތެކެވެ. ސަބަބަކީ އޯޓިޒަމްގެ ޢަލާމަތްތައް ފާހަގަކުރެވޭ އެއްވެސް ކުއްޖެ ދެނެގަނެވިއްޖެނަމަ އެކުދިންގެ ކިބައިގައިވާ ހުރި މިޚާއްޞަ ޤާބިލުކަމުގެ ވައްތަރުތައް ހޯދުމެވެ. އަދި އެއަށްފަހު އެކަން ތަރައްޤީކޮށް ކުރިއެރުވުމަށް ކުރެވިދާނެ ކަންކަން ލަފާދޭ ފަންނީމީހުންނާއެކު ވާހަކަދައްކާ މަޝްވަރާކޮށް ހެދުމެވެ. ސަބަބަކީ މިކުދިންނަކީ ދުނިޔޭގެ ޢިލުމުވެރިންގެ ތެރޭގައިވެސް ގުނާލެވޭ ބަޔަކަށް ހެދޭވަރުގެ ގާބިލުކަންތައްތަކެއް ކުރިއެރުވޭނެ ކުދިންނަށްވުމެވެ.
  3. ބަސްކުރިއަރާ މިންވަރު އެއްވަރުނުވުން: އޯޓިޒަމް ހުންނަ ގިނަ ކުދިންނަށް ވާހަކަ ދެއްކުމާއި ބަހުގެ ބައެއް ހުނަރުތައް ލިބިފައިވީ ނަމަވެސް އާންމުކޮށް އެޤާބިލުކަން ކުރިއަރާ މިންވަރު ހުންނަނީ އެއްވަރެއްގައި އެއްގޮތަކަށް ނޫނެވެ. މިސާލަކަށް ޝައުޤުވެރިވާ ވަކި ދާއިރާއެއްގައި ފުންމާނަތައް އެކުލެވޭ ބޮޑެތި ބަސްކޮށާރު އެނގޭ އިރު ވަރަށް އާދައިގެ ވާހަކައިގައި ބޭނުންކުރަން ޖެހޭ ބަސްތައް ނޭނގި ހިނގައިދާނެއެވެ. މާނައަކީ އެކުއްޖެއްގެ ޝައުޤުވެރިދާއިރާގެ ބަސްކޮށާރު ވަރަށް އަވަހަށް ތަރައްޤީވަމުން ދިއުމެވެ. މިހެން ކަމުން ބައެއް ކުދިން އުމުރުން ފަސް އަހަރުގައިވެސް ބޮޑެތި ލަފުޒުތައް ކިޔަންއެނގި ނަމަވެސް އެ ލަފުޒުތަކުގެ އަސްލު މާނަ ނުވިސްނިދާނެ އެވެ. ސަބަބަކީ އެކުދިންނަކީ ޚާއްޞަކޮށް އެކިޔާ އެއްޗެހި ހަދާން ވަރުގަދަ އެބަސްތައް ރަނގަޅަށް ހަދާންކުރުމުގެ ވަރަށް ބޮޑަށް ގާބިލުކަމެއް ލިބިފައިވާ ކުދިންނަށް ވުމެވެ. މިކަމުގެ އެންމެ ބޮޑަށް ފާހަގަކުރެވޭ ކަމަކީ ކުދިން ކިޔުން ފަރިތަވަމުން ދާއިރު، އެއާ އެއްވަރަށް އެކުދިންނަށް އެލަފުޒުތަކުގެ މާނަ ދޭހަ ނުވުމެވެ. މިކަމުގެ ސަބަބުން މިކުދިންނަށް ކިޔަވާދޭ މުދައްރިސުންނާއި އަދި ބެލެނިވެރިންގެ އެކުދިންގެ ލެވެލް ވަޒަންކުރުންތަކުގައި ނުވިސްނާފިނަމަ ނުރަނގަޅު ގޮތަކަށް އިޖާބަދެވިދާނެއެވެ. ބައެއް ފަހަރު އެކުދިންނަށް ކިޔަން ފަރިތަވުމުން އެއީ އެންމެ ރަނގަޅު ގޮތްކަމަށް ނިންމާ ދޭހައަށް މާބޮޑު ސަމާލުކަމެއް ނުދެވި ވާހަކަ ނުދެކެވި ކުރިޔަށް ގެންދެވޭ ތަން އާދެއެވެ. އެކަމުގެ ސަބަބުން ކުއްޖާގެ ކިބައިގައި ކަންކަން ދޭހަކުރުމުގެ ޝައުގުވެރިކަން ކުޑަވުން އަދި ކިޔާބައިތަކާއި މެދު ވިސްނުމުގެ ގާބިލުކަން ދަށްވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. މިކަމަކީ ވަރަށް ބޮޑަށް މުދައްރިސުންނާއި ބެލެނވެރިން ސަމާލުކަންދޭން ޖެހޭ ކަމެކެވެ.
  4. ބަސްބޭނުންކުރުމާއި ބަސް ބޭނުން ނުކޮށް ކުރެވޭ މުޢާމަލާތުގެ ހުނަރު ދަށްވުން: އޯޓިޒަމް ހުންނަ ކުދިންނަށް ގިނަ ފަހަރަށް ވާހަކަ ދެއްކުމުގައި ބޭނުންކުރާ އިޝާރާތްތަކާއި، މޫނުމަތީގެ ކުލަވަރުތަކުގެ މާނަ ދޭހަވުމަށް އަދި އެކަންކަން އެކުދިންގެ މުޢާމަލާތުގައި ބޭނުންކުރުން ވެސް ދަތިވެއެވެ. އާންމުކޮށް އޯޓިޒަމް ހުންނަ ކުދިންގެ ލޮލުގެ ބެލުންތައް މަދުވުމާއި އަދި އެކަމާ ދުރުހެލިވާތީ، އެމީހުންނަކީ ކަންކަމަށް އަޅާ ނުލާ، ޝައުގުވެރިކަން ނެތް، ނުވަތަ ސަމާލުކަން ނެތް ބައެއް ކަމުގައި ހީވެދާނެއެވެ. އަނގަބަހުން ބަހުން ނުވަތަ އިޝާރާތްތަކުން ވެސް އެކުދިންގެ ނަފުސާނީ ކަންކަމާއި އިހުސާސްތައް ނުބުނެދެވުމަކީ ނުތަނަވަސްކަމާއި ހިތްހަމަ ނުޖެހުން ކުރިމަތިލާން ޖެހޭ ކަމެކެވެ. މިހެން ކަމުން އޯޓިޒަމް ހުންނަ ގިނަ ކުދިންގެ އިހުސާސްތަކާއި ފިކުރުތަކާއި ބޭނުންތައް ދެނެގަތުމަށް ކުރަން ޖެހޭ މަސައްކަތްތަކުގައި ނުހަނު ބޮޑެތި ގޮންޖެހުންތައް ހުރެއެވެ. މިކަމުގެ ރައްދެއްގެ ގޮތުން މިބާވަތުގެ ކުދިން ކަންކަމުގައި މާޔޫސްވުންތައް ވަރަށް ގިނައެއެވެ ހަމައެހެންމެ ނަތީޖާއެއްގެ ގޮތުން ކުއްޖާގެ ކިބާއިގައި އެކަންކަން ކޮންޓްރޯލްކުރުމަށް ވޯކަލް އައުޓްބަރސްޓް ނުވަތަ ބާރަށް އަޑުގަދަކޮށް، ޓެންޓްރަމްފަދަ ކަންކަމާއި އެނޫންވެސް ހިތްހަމަނުޖެހޭކަމުގެ ސުލޫކުތަކެއް ފާހަގަކުރެވޭނެއެވެ. މިއީ ބެލެނިވެރިންނާއި މުދައްރިސުންނާއި އެފަދަ ކުދިން އުޅޭ ގޭގޭގައާއި ކުލާސްރޫމްތަކުގައި ޚާއްޞަ ސަމާލުކަމެއް ދީގެން ރިޢާޔަތް ކުރެވެން ޖެހޭ ކަންކަމެވެ. ފެބްރިއަންޓިނީ، ފިޓްރިއާޓީ، އަދި އޮކްޓަވިއާނީ) 2021) ހާމަކުރާގޮތުގައި އޯޓިޒަމް ހުންނަ ކުދިންގެ މުވާޞަލާތު ކުރުމުގެ ހުނަރު ރަނގަޅުކުރުމުގައި ނޮން ވާބަލް ކޮމިއުނިކޭޝަން (ބަސްބޭނުން ނުކޮށް ބޭނުންކުރެވޭ އިޝާރާތްތައް ބޭނުންކޮށްގެން ގެންދެވުނު އިންޓަރވެޝަން ތެރަޕީތައް/ފަރުވާތައް ކާމިޔާބުކަމުގައި މި ދިރާސާއިން ސާބިތުވެފައިވެއެވެ. އެހެންކަމުން ދިރާސާވެރިންގެ ފަހުބަހުގައި ހާމަކޮށްފައިވަނީ މިފަދަ ހުނަރުތަކުގެ ރަނގަޅަށް ތަރައްގީ ކުރަންބޭނުން ނަމަ މިތެރެޕީތައް މެދުކެނޑުމެއް ނެތި ވަކި ރޫޓިންއެއްގެ ދަށުން ގެންދިޔުން މުހިންމު ކަމުގައެވެ.  

ބަހުގެ ތަރައްޤީ ލަސްވުމާއި މުވާޞަލާތުކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން ދެވޭ ފަރުވާތައް

އޯޓިޒަމް ހުންނަ ކުއްޖެއް ޑައިގްނޯސްކުރުމަށް ފަހު ވާހަކަ ދެއްކުން ލަސްވާކަމަށް ފާހަގަކުރެވިއްޖެނަމަ ޑޮކްޓަރުން ނުވަތަ ދެނެގަންނަ ފަރާތް ސްޕީޗް-ލެންގުއޭޖް ތެރަޕިސްޓަކަށް ދެއްކުމަށް ލަފާދޭނެއެވެ. ސްޕީޗްތެރަޕީގެ ތެރެއިން ކުއްޖާގެ މިހުނަރު ތަރައްގީކޮށް މުވާޞަލާތުކުރުން ކުރިއެރުވޭނެއެވެ. އޯޓިޒަމް ހުންނަ ކުދިންގެ މުވާސަލާތީ ހުނަރު ރަނގަޅު ކުރުމަށް ދަސްކޮށްދިނުމަކީ އެމީހުންގެ ފުރިހަމަ ގާބިލްކަން ހޯދުމަށް އެހީތެރިވެދިނުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ. މުވާޞަލާތުކުރުން ތަރައްގީކުރުމަށް ބޭނުންކުރެވޭ އެތަކެއް ގޮތްތަކެއް މިހާރުވަނީ ހޯދިފައެވެ. މިކަމަށް ފަރުވާ ފެށުން އެންމެ ރަނގަޅީ ކުއްޖާގެ އުމުރުން ވީހާވެސް ކުރީކޮޅު، ޕްރީސްކޫލް އަހަރުތަކުގައެވެ. މިފަދަ ޕްރޮގްރާމްތަކަކީ ކުއްޖާގެ އުމުރާއި ޝައުގުވެރިކަމަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމްތަކެކެވެ. ބެލެނިވެރިން ނުވަތަ ޕްރައިމަރީގައި ކިޔަވައިދޭ މުދައްރިސުން އިތުރުން އާއިލާގެ އެހެން މެމްބަރުން ވެސް މި ފަރުވާގެ ޕްރޮގްރާމްގައި ބައިވެރިވުމަކީ ކުއްޖާގެ ދުވަހީ ދިރިއުޅުމުގެ ކަންކަމުގައި ނުހަނު ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެވޭނެ ކަމެކެވެ. ކުއްޖާ ގެންގުޅޭ ހުރިހާ އެންމެން މިކަމުގައި ހިއްސާވާ މިންވަރުން ކުއްޖާގެ ދުޅަހެޔޮކަމާއި އޯޓިޒަމް ގައި ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް އެހީތެރިވެދެއެވެ.

އަޅުގަނޑު އުއްމީދަކީ މިއަދު މިހިމަނާލެވުނު ވާހަކަކޮޅަކީވެސް އަޅުގަނޑުމެންގެ މުޖުތަމަޢުގައި މިފަދަ ހާލަތުގައި އުޅޭ ކުދިންނާއި އެކުދިން ގެންގުޅޭ ބެލެނިވެރިންނާއި އަދި މުދައްރިސުންނަށް ފައިދާކުރަނިވި ޚިޔާލުތަކަކާއި ވާހަކަ ކޮޅެއް ހިމަނާލެވުނު ލިޔުމަކަށްވުމެވެ. ކުރިޔަށް ލިޔުމަށް ގަސްދުކުރެވިފައިވާ މައުޟޫޢަކީ އޯޓިޒަމް ހުންން ކުދިންގެ ވިސްނުމުގެ ހުނަރުތައް ކުރިއަރުވާނެ ގޮތްތަކާ ބެހޭގޮތުންނެވެ.

ހަވާލާދޭ ފަރާތްތައް

 

  • ހޯލިން، ޕީ، ގުޑް، އެސް، ހަޓަން، ޖޭ، އަދި ރަޓަރ، އެމް (2009). އޯޓިޒަމްގައި ސަވަންޓް ހުނަރުތައް: ސައިކޮމެޓްރިކް އެޕްރޯޗްތަކާއި ބެލެނިވެރިންގެ ރިޕޯޓްތައް. ފިލޯސޮފިކަލް ޓްރާންސެކްޝަންސް އޮފް ދަ ރޯޔަލް ސޮސައިޓީ ބީ: ބަޔޮލޮޖިކަލް ސައިންސަސް، 364(1522)، 1359-1367.
  • ފެބްރިއަންޓިނީ، ޑަބްލިއު.އޭ، ފިޓްރިއާޓީ، އާރް، އަދި އޮކްޓަވިއާނީ، އެލް (2021). އޯޓިސްޓިކް ކުދިންގެ ބަހުގެ މުވާޞަލާތާއި ބަހުގެ ނޫން މުވާޞަލާތުގެ ތަޙުލީލެއް. ޖާނަލް އޮފް ރިސާޗް އޮން ލެންގުއޭޖް އެޑިއުކޭޝަން، 2(1)، 53-56.
  • ނީލީ، އެލް، ގެރޯ، އެސް، ރިސްޕޮލީ، އެމް، ލެންގް، އާރް، އަދި ޕުލެން، ނ (2016). އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑަރ ހުންނަ ފަރާތްތަކުގައި އިކޮލަލިއާ އަށް ފަރުވާ ދިނުން: ނިޒާމީ ރިވިއުއެއް. ރިވިއު ޖާނަލް އޮފް އޯޓިޒަމް އެންޑް ޑިވެލޮޕްމަންޓަލް ޑިސްއޯޑަރސް، 3، 82-91.

 

Leave a Comment