ޝާއިއު ކުރީ: ޖެނުއަރީ 4, 2024 ލިޔުނީ: ޑރ. ޝާފިޔާ ކޮމެންޓްތައް: 0

މިފަހަރު އަލި އަޅުވާލަން ގަސްދު ކޮށްފައިވަނީ ޔުނިވަރސިޓީގެ ތަޢުލީމާއި ގުޅޭ ދަސްވެނި ހުނަރުތައް އެންމެބޮޑަށް ގުޅިފައިވާ މުހިއްމު އެއް ބައި ކަމުގައިވާ ’ވާރކް އިންޓިގްރޭޓެޑް ލާރނިން‘ އާ ބެހޭގޮތުންނެވެ. މިމަފުހޫމުގެ ކުރުތަޢާރަފެއް ވާނީ ކުރިން ލިޔެވުނު ބައިގައިވެސް ދަންނަވާލެވިފައެވެ. މިއަދު މިބަލާލަނީ ’ވާރކް އިންޓިގްރޭޓެޑް ލާރނިން‘ ޔުނިވަރސިޓީ ތަޢުލީމުގެ ތެރޭގައި ހިމެނުމުގެ މުހިއްމުކަމާ އޭގެ ސަބަބުން ދަރިވަރުންނަށާއި އަދި ވަޒީފާދޭ މުއައްސަސާތަކަށް ލިބިދޭ ފައިދާތަކާއި އަދި އޭގެ ބޭނުންތެރިކަމާ ބެހޭގޮތުންނެވެ.

ކުރިން ހުށަހަޅާލެވުނު ބައިގައި ހިމަނާލެވިފައިވާނެ ފަދައިން، ވާރކް އިންޓިގްރޭޓެޑް ލާރނިންއަކީ ޔުނިވަރސިޓީ ނުވަތަ މަތީ ތަޢުލީމުގެ މަރުޙަލާތަކުގައި ދަރިވަރުން ކިޔަވަމުންދާއިރު މަސައްކަތު މާހައުލަށް ފަރިތަކުރުމުގެ ގޮތުން ކަނޑައެޅިފައިވާ ޢަމަލީ ތަޖުރިބާތަކުގެ މޮޑިޔުލްތަކަށް ދީފައިވާ ނަމެކެވެ. ނުވަތަ ޢަމަލީ މަސައްކަތްތަކާ ގުޅޭ ތަފާތު ޕްރޮޖެކްޓް ނުވަތަ ވަޒީފާގެ އަސްލު މާހައުލުގައި ލިބިދޭ ތަޖުރިބާތަކަށް ބޭނުންކުރެވޭ މަފުހޫމެކެވެ (ފާރންސް، ކަމްޕބަލް، އަދި ޒިގްވާރޑް، 2014). މިމަފުހޫމަށް އިޝާރާތްކޮށް އެކި ލިޔުންތަކުގައި ދެވިފައިވާ ނަންތައް ތަފާތެވެ. މިސާލަކަށް ބޭނުން ކުރެވޭ ތަފާތު ބަސްތަކަށް ބަލާއިރު ފާހަގަކޮށްލެވެނީ، ކޯޕަރޭޓިވް އެޑިޔުކޭޝަން، ވާރކް އެކްސްޕީރިއެންސް، ޕްލޭސްމެންޓްސް، ޕްރެކްޓިކަމު، އިންޓަރންޝިޕްސް، ފީލްޑްވާރކް، ވާރކްޕްލޭސް ޕްރޮޖެކްޓްސް، ވާރކްޕްލޭސް ރިސާރޗް، ވާރކްބޭސްޑް ލާރނިން، ސޭންޑްވިޗް އިޔަރސް، ކެޑޭޓްޝިޕްސް، ކޮމިޔުނިޓީ ބޭސްޑް ލާރނިން، ސާރވީސް ލާރނިން، ވާރކް ރިލޭޓެޑް ލާރނިން، އިންޑަސްޓްރީ ރިލޭޓެޑް ލާރނިން، ވާރކްބޭސްޑް ޕްރޮޖެކްޓް، އިންޑަސްޓްރީ ޕްރޮޖެކްޓް، އިންޑަސްޓްރީ އެކްސްޕީރިއެންސް، މިފަދަ އެތަށް މަފުހޫމުތަކެއް މަސައްކަތު އުގެނުމުގެ މާނައިގައި ޔުނިވަރސިޓީ ތަކުގެ ރޭވެއެވެ (މެކްލެން އަދި ކީޓިން، 2008؛ ސްމިތު، ބްރޯކްސް، ލިޗްޓެމްބަރގް، މެކްލިވީން، ޓޯރޖުލް، އަދި ޓައިލާރ؛ 2009). ތަފާތު ނަންނަމުގައި މިމަފުހޫމު ބޭނުންކުރެވޭ ނަމަވެސް އިސްވެ ބަޔާންވެ ދިޔަ ކޮންމެ ޚިޔާލެއްގައިވެސް އިޝާރާތްކުރާ މައިގަޑު އެއްކަމަކީ މަސައްކަތާއި ގުޅޭ ޢަމަލީ ހުނަރެވެ. އެހެން ގޮތަކުން ދަންނަވާނަމަ، މަޤުޞަދަކީ ޔުނިވަރސިޓީގައި ދަރިވަރުން އެގެނެމުންދާއިރު މަސައްކަތު މައިދާނާއި އުގެނުމާއި ގުޅުވުމެވެ. އަދި އެކި ގޮތްގޮތުން ޢަމަލީ މައިދާނުގައި މަސައްކަތު ތަޖުރިބާ ފަހިކޮށްދިނުމެވެ.

ވަރަށް ގިނަ ޢިލުމުވެރިން ލިޔުއްވާ ގޮތުގައި ދަރިވަރުންގެ މަސައްކަތު ހުނަރު ޔުނިވަރސިޓީގައި އުގެނެމުންދާއިރު ތަރައްގީކޮށް ކުރިއެރުވުން ލާޒިމެވެ (ފާރންސް، ކެމްޕބެލް، އަދި ޒިގްވާރޑް، 3014؛ ސްމިތް އަދި އެހެނިހެން ބައިވެރިން.، 2009). މިޢިލުމުވެރިން ފާހަގަ ކުރައްވާފައިވަނީ މަސައްކަތު ހުނަރާއި ނުލައި އިންޖިނިއަރިން، ސައިންސް އަދި ވެސް ފަންނީ އެހެނިހެން މަސައްކަތްތަކާއި ގުޅޭ ދާއިރާތަކުގައި އެންމެ އެކަށީގެންވާ ގޮތުގައި ޔުނިވަރސިޓީ ތަޢުލީމު ފޯރުކޮށްދޭނަމަ ވާރކް އިންޓިގްރޭޓެޑް ލާރނިން ދަރިވަރުންގެ އުގެނުމުގެ ތެރޭގައި ލާމެހިގެންދާން ޖެހޭ ކަމެވެ. މިކަމަށް އިޝާރާތްކުރައްވާ ބައެއް ޢިލުމުވެރިން ވިދާޅުވަނީ، މަސައްކަތު ހުނަރާއި ނުލާ ދަރިވަރުންގެ އުގެނުން ފުރިހަމަ ނުވާ ކަމެވެ. ހަމައެކަނި ފޮތުން ކިޔަވާ ދަސްކުރާ ބައިތަކަކުން، އަދި ޔުނިވަރސިޓީގެ ހަތަރުފާރުގެ ތެރޭގައި ކުރެވޭ މަސައްކަތަކުން ނުވަތަ ކިޔަވާދެވޭ ކިޔެވެއްޔަކުން ވަޒީފާގެ މާހައުލަށް ބޭނުންވާ ހުނަރުވެރި މަސައްކަތްތެރިން ތައްޔާރު ނުކުރެވޭ ކަމެވެ(ޖެކްސަން، 2016، ސޯވިއްލާ އަދި ވާރޓީ، 2011). މިޚިޔާލުތަކަށް ބަލާއިރު ވާރކް އިންޓިގްރޭޓެޑް ލާރނިން ގައި މައިގަޑު ތިން ކަމެއް ހިމެނިގެންދެއެވެ. ސްޓާރލިން، ކޭރ، ބޭންވެލް، މެކްފޭސަން، އަދި ހެރޮން، (2016) ގެ ވާރްކް އިންޓިގްރޭޓެޑް ލާރނިން މޮޑެލެއްގައި މިބައިތައް ހިމަނާފައިވާ ގޮތް ތިރީގައިވާ ޑައިގްރާމުގައި ދައްކައިލެވިފައި އެވަނީ އެވެ.

ފިގަރ 1. ވާރކް އިންޓިގްރޭޓެޑް ލާރނިން ގެ މުހިއްމު ތިންބައި

މަތީގައިވާ ޑައިގްރާމުން ހާމަވެގެންދަނީ، މަސައްކަތުގެ ޓްރޭއިނިން، އަމަލީ ތަޖުރިބާ، އަދި އިންޑަސްޓްރީ، ތަޢުލީމުދޭ މައައްސާތަކުގެ ގުޅުމުގެތެރެއިން ވާރކް އިންޓިގްރޭޓެޑް ލާރނިން ފޯރުކޮށްދިނުމުގައި ސަމާލުވާންވީ ކަންކަމެވެ.

ޔުނިވަރސިޓީގެ މަރުހަލާތަކުގައި ދަރިވަރުންނަށް ވާރކް އިންޓިގްރޭޓެޑް ލާރނިންގެ ރޭވުމުގެ ސަބަބުން އިންޑަސްޓްރީ (މަސައްކަތުގެ/ޞިނާޢަތްތަކަށް) އަދި ޔުނިވަރސިޓީއަށްވެސް ގިނަގުނަ ފައިދާތަކެއް ލިބިދާކަމެވެ. މިކަމަށް އިޝާރާތްކޮށް، ފާރންސް އަދި އެހެން ބައިވެރިން (2009) ކުރައްވާފައިވާ ދިރާސާއެއްގައި ހާމަކުރައްވަނީ:

  • އެކަމުގެ ތެރެއިން ދަރިވަރުންނަށް އޯތެންޓިކް (އަސްލު) ޢަމަލީ ތަޖުރިބާ ހޯދުމަށް އަދި މަސައްކަތު މާހައުލުގެ ހަޤީޤީ ކަންކަން ދެކި އަތުން ހިފާ މަސައްކަތް ތަޖުރިބާ ކުރުމަށް ފުރުޞަތުތައް ފަހިކޮށްދޭ ކަމެވެ. އަދި މީގެ އިތުރުން ޔުނިވަރސިޓީގައި ކިޔަވަމުންދާ ތަފާތު ތިއަރީތަކާއި ކޮންސެޕްޓްތައް މަސައްކަތުގެ މާހައުލުގައި ބޭނުންކުރެވޭ ގޮތްތައް ޢަމަލީ ކޮށް ފެނި ތަޖުރިބާ ކުރަން ލިބޭ ފުރުޞަތުތަކަކަށްވެސް ވާކަމެކެވެ.
  • އެއިން ޔުނިވަރސިޓީގައި ކިޔަވާ ކިޔެވުންތައް ޞިނާޢަތްތަކާއި ގުޅުވާ އަސްލު މަސައްކަތަށް އުގެނޭ އެއްޗެއް ގުޅުވާލަން ލިބޭ ގޮތްތައް ކަމުގައެވެ.

ފާރންސް އަދި އެހެން ބައިވެރިން (2009) ލިޔުއްވާ ގޮތުގައި މުއައްސަސާތަކަށް ލިބިދޭ ގިނަ ފައިދާތަކެއްވެސް ވާރކް އިންޓިގްރޭޓް ލާރނިންގެ ތެރޭގައި ހިމެނެއެވެ. އެއީ

  • އަގު ހެޔޮ ކޮށް އަދި ކުރުމުއްދަތެއްގައި ބޭނުންވާ ވަކި މަސައްކަތް/ވަޒީފާތައް އަދާކުރާނޭ ފަރާތްތަކެއް ލިބިދެއެވެ.
  • ޒަމާނީ ޢާތަޢުލީމު ލިބިފައިވާ ތާޒާ ސިކުޑިތަކެއް އާޚިޔާލުތަކަކާއެކު މުއައްސަސާގެ މަސައްކަތުގެ މާހައުލަށް ތަޢާރަފު ކުރެވެއެވެ.
  • މުއައްސަސާތަކަށް ބޭނުންވާ މުހިއްމު ހުނަރުތަކަށް އަމާޒުކޮށްގެން ވަޒީފާތަކަށް އަހުލުވެރި ބައެއް ނެރުމަށް ޔުނިވަރސިޓީއާ އެކު މަސައްކަތް ކުރުމަށް ހުޅުވޭ މަގުފަހިވެގެން ވެސް ދެއެވެ.

އިސްވެދިޔަ ގިނަގުނަ ފައިދާތަކުގެ އިތުރުން، ފާރންސް އަދި ބައިވެރިން.، (2014) ހާމަކުރައްވާ ގޮތުގައި ސީދާ ސީދާކޮށް ޔުނިވަރސިޓީގެ ދަރިވަރުންނަށް ގިނަފައިދާތަކެއް ވާރކް އިންޓިގްރޭޓެޑް ލާރނިންގެ ތެރެއިން ލިބިދެއެވެ. މިސާލަކަށް، ތަފާތު މުއައްސަސާތަކަށް ވަދެ މަސައްކަތްތަކުގައި ބައިވެރި ވެވުމުން މުސްތަޤުބަލުގައި ވަޒީގެ ފުރުޞަތުތައް ފަހިވެ އެކުދިންގެ ހުރި ހުނަރުތައް ދައްކާލުމުގެ ފުރުޞަތު ފަހިވެއެވެ. އަދި ޔުނިވަރސިޓީ އިން ދަސްވެނިވުމުގެ ކުރިން ވަޒީފާތަކަށް ފުރުޞަތުތައް ހުޅުވިގެންދެއެވެ. މިހުރިހާ ކަމެއްގެ އިތުރުން، ސްޓާރލިން، އާއި އޭނާގެ ބައިވެރިން (2016) ފާހަގަ ކުރައްވާ ގޮތުގައި ވާރކް އިންޓިގްރޭޓެޑް ލާރނިންގެ ސަބަބުން މައިގަޑު ހަތަރު ފަރާތަކަށް ފައިދާ ލިބިދެއެވެ. އެބައިތަކުގެ ޚުލާޞާއެއް ތިރީގައި ދެވިފައިވާ ފިގަރ 2 ގައި ދެވިފައި އެވަނީ އެވެ.

ފިގަރ 2. ވާރކް އިންޓިގްރޭޓެޑް ލާރނިންގެ ފައިދާ

އިސްވި ދެންނެވުނު، ހުރިހާ ވާހަކަ ތަކަކީވެސް، ދިވެހިރާއްޖޭގެ މަތީ ތަޢުލީމު ފަރުމާ ކުރާއިރު ވަރަށް ބަޑަށް ރިޢާޔަތް ކުރަން ޖެހޭކަންކަމެވެ. ދިވެހިރާއްޖޭގައި މަތީ ތަޢުލީމު ދޭ މުއައްސަސާތަކުން ދަސްވެނިވެގެން ނުކުންނަ ދަރިވަރުންގެ ކިބައިގައި ޢަމަލީ މައިދާނަށް ބޭނުންވާ ހުނަރުތައް ނުހުންނަ ކަން އަޅުގަޑުމެން އެންމެންނަށް ވެސް ގަބޫލު ކުރެވެއެވެ. މިހާރު ފާހަގަ ކުރެވޭ އެއްކަމަކީ އަޅުގަޑުމެންގެ ދަރިވަރުން ވެސް ކިޔެވުމުގައި ބަލަނީ ވީހާ ވެސް ފަސޭހަގޮތަކަށް ސަރޓިފިކެޓެއް ހޯދޭނީ ކިހިނެއްތޯ އެވެ. އެހެންކަމުން، މަތީ ތަޢުލީމު ފޯރުކޮށްދޭ މުއައްސަސާތަކުގެ ތެރެއިން އެންމެ ލުއިކޮށް ކިޔެވުމުގެ ފުރުޞަތު އޮތީ ކޮންތަނެއްގައިތޯ ބަލައެވެ. ކިޔެވުމާއި، ހުނަރުތައް ލިބިގަތުމާއި، މޮޅުމީހަކަށް ވުމަށް ވުރެ ސަރޓިފިކެޓެއް ހާޞިލު ކުރުމުގެ ޝައުޤު ދަރިވަރުންގެ މާބޮޑެވެ. މިއީ ހިތާމަވެރި ކަމެކެވެ. އަދި ޤައުމުގެ މުސްތަޤުބަލަށް ވެސް އަނދިރި ގޮތްތަކެކެވެ. އިންކާރު ކުރެވެން ނެތް މިހަޤީޤަތަކީ ކޮންމެ ދުވަހަކު އަޅުގަޑުމެންގެ މަތީ ތަޢުލީމު ދޭ ނިޒާމުގެ ތެރޭގައި ފެންނަމުންދާ ކަންކަމެވެ. ބައެއް ފަހަރު، މިކަމުގެ ޒިންމާ ނަގާނީ ކޮންފަރާތެއްކަން ނޭނގޭ މިންވަރަށް މަތީ ތަޢުލީމު ދެވޭ ފެންވަރު ވަނީ ދަށްވެފައެވެ. ފަސޭހަގޮތް ފަސޭހަކޮށްގެން، ގިނަ ދަރިވަރުން ހޯދައިގެން ގިނަ ލާރި ހޯދުމުގެ ޝައުޤު މަތީ ތަޢުލީމުދޭ މުއައްސަސާތަކުގެ މެދުގައި ޢާއްމު ވަމުންދާއިރު، އެތަންތަނުން ކިޔަވައިގެން ދަސްވެނިވަމުންދާ ދަރިވަރުންގެ ފެންވަރާ މެދު ވިސްނާލެވޭ މިންވަރު ވަރަށް ކުޑައެވެ. މިހާރަކަށް އައިސް، ތަފާތު މޯޑްތަކުގައި، ތަފާތުގޮތްގޮތަށް، ކޯސްތައް ހިންގެމުންދެއެވެ. މިއީ ވަކި މުއައްސަސާއެއްގެ ހާލަތެއް ނޫނެވެ. މިކަން މިހެން ދިމާވާން ޖެހޭ ގިނަގިނަ ސަބަބުތަކެއް ވެސް އެބަހުއްޓެވެ. އަޅުގަޑުމެން އަވަދި ނެތި އުޅޭ މި ދިރިއުޅުމުގައި ކޮންމެ މީހަކުވެސް މިބަލަނީ ވީހާވެސް ފަސޭހަގޮތް އިޚްތިޔާރު ކުރެވޭތޯ އެވެ. ހިތާމައަކީ، އަޅުގަޑު މެން އެއްޖީލުން އަނެއް ޖީލަށް ތައްޔާރު ކުރަމުން މުޖުތަމަޢަށް މިނެރެމުންދަނީ އުގެނުމުގެ ޝައުޤަށް ވުރެ ހާޞީލުކުރެވޭ ގުރޭޑަކަށް، ސަރޓިފިކޭޓަކަށް ބަރޯސާވާ ޖީލު ތަކެކެވެ. މީގެ ހިތިނަތީޖާ ގައުމުގެ ދިރިތިބި ބަޔަކަށް ކުރު މުއްދަތެއްގެ ތެރޭގައި ފެންނަމުންދާނެއެވެ.

މިކަމާ ގުޅޭ މުހިއްމު އެހެން ސުވާލަކީ، މަތީ ތަޢުލީމުދޭ މުއައްސަސާތަކުގައި ހިންގޭ ކޯސްތަކުގެ ފެންވަރު ރަގަޅު ކުރުމަށާއި އަދި އެކޯސްތަކުން ކިޔަވައިގެން ދަސްވެނިވެގެން ނުކުންނަ ދަރިވަރުންގެ ކިބައިގައި ކޯސް ފަރުމާ ކުރިއިރު ކަނޑައެޅި މިންވަރު ހާސިލުވެފައިވޭތޯ ބެލެނީ ކިހާ ވަރަށްކަށްތޯ އެވެ. މޯލްޑިވްސް ކުއަލިފިކޭޝަން އޮތޯރިޓީން އެކި މުއައްސަސާތަކުގައި ހިންގުމަށް ކޯސްތަކަށް ހުއްދަދެވޭ އިރު އެހިންގާ ކޯސްތަކުގެ ފެންވަރު ވަޒަންކޮށް ދަސްވެނިވާ ކުދިންގެ ކިބައިގައި އެކޯހެއް ނިންމާއިރު ހުންނަޖެހޭ ހުނަރުތައް ހުންނަނީ ކިހާވަރަކަށްތޯ ބެލޭބާވައެވެ. އަޅުގަނޑު ދެކޭގޮތުގައި ޔުނިވަރުސިޓީ ތަޢުލީމު ފެންވަރު ހިފެހެއްޓުމުގެ އެންމެ ބޮޑު ޒިންމާއެއް ނަންގަންވަން ޖެހޭ އިސްފަރާތަކީ މޯލްޑިވްސް ކުއަލިފިކޭޝަން އޮތޯރިޓީއެވެ. އެތަނުން ވަކި ކޯހެއް، ވަކި ފެންވަރެއްގެ ދަރިވަރުން ނެރުމަށް ލާޒިމު ކުރެވެން ޖެހޭނެއެވެ. ވަކި ގޮތަކަށް ވަކި ކޯހެއް ފަރުމާކުރުވުމާއި، ފެންވަރު މަތިކޮށް، ކަނޑައެޅި ފެންވަރަށް ހިންގޭތޯ ބެލެން ޖެހޭނެއެވެ. ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ކޯސްތަކުގެ އެކްރެޑިޓޭޝަން އޮންނަނީ، ހިންގާ ކޯސްތަކުގެ ދާއިމީ އިވަލުއޭޝަން ރިޕޯޓްތަކާއި އަދި އެކޯސްތަކެއް ނިންމާފައި ދަސްވެނިވާ ދަރިވަރުންގެ ޤާބިލިއްޔަތުތަކަށް ހެދިފައިވާ ރިޕޯޓްތަކާއި އަދިވެސް ޒަމާނަށް އަންނަ ބަދަލާއެކު ކޯހުގެ ކޮންޓެންޓާއި، ގެންދެވޭ ގޮތްތަކާއި، ފަރުމާކުރެވޭ އުގެނުމުގެ ވައްޓަފާޅިއާއި އަދި ވެސް މުހިއްމު ބައިތައް ބެލެހެއްޓެނިވެ ގޮތަކަށް ވަޒަންކުރުމުގެ ތެރެއިންނެވެ. އަޅުގަޑުގެ ހިތުގައި އުފެދޭ ސުވާލަކީ، މިފަދަ ރިޕޯޓެއް ދިވެހިރާއްޖޭގެ މަތީ ތަޢުލީމުދޭ މުއައްސަސާތަކުން ތައްޔާރު ކުރެވި އަދި މޯލްޑިވްސް ކުއަލިފިކޭޝަން އޮތޯރިޓީންވެސް މިފަދަ ކަމެއް ކުރެވެނީ ކިހާ މިންވަރަކަށްތޯއެވެ. އަދި ކުރެވޭނަމަ އެކަމުގެ ބޭނުންތެރިކަން ރިޢާޔަތްކޮށްގެން މަތީ ތަޢުލީމުގެ ފެންވަރު ރަގަޅު ކުރުމަށް ކުރެވެނީ ކިހާ މަސައްކަތްތަކެއްތޯ އެވެ.

މިގޮތަށް މިވާހަކަ ކޮޅު މިދަންނަވާލީ، ކުރިން އިސްވެބަޔާން ކުރެވުނު ވާރކް އިންޓިގްރޭޓެޑް ލާރނިން އާ ގުޅިގެންދާ ގިނަގިނަ ސުވާލުތަކެއް ހުރީމައެވެ. މިސާލަކަށް، މަތީ ތަޢުލީމުދޭ މުއައްސަސާތަކުގެ ކޯސް ފަރުމާ ކުރުމުގެ ތެރެއަށް ވާރްކް އިންޓިގްރޭޓެޑް ލާރނިން ވަދެފައިވަނީ ކިހާވަރަކަށްތޯ އެކަން ކުރަން ކޮންމެ މުއައްސަސާއަކަށް ލާޒިމު ކުރޭތޯ، މަތީ ތަޢުލީމުދޭ މުއައްސަސާތަކާއި އިންޑަސްޓްރީއާއި އޮންނަނީ ކިހާ ގާތް ގުޅުމެއްތޯ، ދަސްވެނިވާ ދަރިވަރުންގެ ކިބައިގައި މުޖުތަމަޢަށް ބޭނުންވާ ވަޒީފާ ތައް އަދާ ކުރުމުގެ ގާބިލުކަން ހުރީ ކިހާ މިންވަރަކަށްތޯ ބެލޭބާވައެވެ. މިއީ ވިސްނާ ބަޔަކަށް ހުރި ޖަވާބު ހޯދަން އުދަގޫ ސުވާލުތަކެކެވެ. މަތީ ތަޢުލީމު ދޭ މުއައްސަސާތަކުގައި މިވަނީ ތަފާތު ނަންނަމުގައި، އެކި މުއްދަތްތަކަށް، ތަފާތު ބާވަތްތަކުގެ ކޯސްތައް ހިންގުމުގެ ވާދަވެރި މާހައުލެއް އުފެދިފައެވެ. މިފަދަ ދުވަސްވަރެއްގައި، ދަރިވަރުން ކޯސްތަކަށް ކިޔެވުމަށް ފޯމުތައް ހުށަހަޅަމުން ދާއިރު ވީހާވެސް ފަސޭހަގޮތް، ކުރު މުއްދަތެއްގެ ތެރޭގައި، ލުއި ކޯސްތަކަށް ބަލަމުންދާ ކަމަށްވާނަމަ، ކުރިޔަށް މިއޮތް ދެތިން އަހަރު ތެރޭގައި ބޭނުމެއް ނެތް އެތަށް ސަރޓިފިކެޓްތަކެއް ޙާޞިލުކޮށްގެން ތިބޭ މާބޮޑު ހުނަރުތަކެއް އަދި ތަޢުލީމީ ފެންވަރެއް ނެތް ޖީލުތަކެއް މުޖުތަމަޢަށް ނުކުންނާނެއެވެ. ނަމަވެސް ގައުމުގެ މުސްތަޤުބަލަކަށް މިކަމުން ލިބިދޭނެ އިތުރު ތަރައްޤީ އެއް ނޯންނާނެއެވެ. ގައުމަށް ބޭނުންވަނީ ޕްރޮޑަކްޓިވް/އުފެއްދުންތެރި ބައެކެވެ. ހުނަރުތައް ލިބިފައި ނުވާ ޖީލުތަކެއް މަސައްކަތުގެ މާހައުލުގައި އުފެއްދުންތެރި ކުރުވާނީ ކިހިނެއްހެއްޔެވެ. އަދި މަސައްކަތުގެ ފުރުޞަތު ނުވަތަ ވަޒީފާ ލިބުނު ނަމަވެސް އެމަޤާމެއްގައި އުފެއްދުންތެރި ކަންތައް ތަކެއް ކުރުމަށް ދަސްކުރަން ކިހާ މުއްދަތެއް ނަގަން ޖެހޭނެ ހެއްޔެވެ. ގައުމުގެ ހާލަތު އެއްދުވަހުން އަނެއް ދުވަހަށް މިކަމުގެ ސަބަބުން ދާނީ ދަށަށެވެ. އަޅުގަނޑުމެންގެ މަސައްކަތު މާހައުލުގައި ލިޔުންތެރިކަމާއި، ވާހަކަ ދެއްކުންތެރިކަން އަދި އުފެއްދުންތެރި އާޚިޔާލުތަކާއެކު، ދުނިޔޭގެ ފެންވަރުގައި ފައިތިލަ ސާބިތު ކުރުމުގެ ޒަމާނީ ހުނަރުތައް ލިބިފައިވަނީ ކޮންމެ މުއައްސަސާއެއްގެ ވެސް އިގިލިން ގުނާލެވޭ ފަދަ ދެތިން މީހަކަށެވެ. މީގަބޫލުކުރަން ދަތި ހަޤީޤަތެކެވެ. މީގެ ނަތީޖާއެއްގެ ގޮތުން އަބަދުވެސް އަޅުގަޑުމެން މިޖެހެނީ ދުނިޔޭގެ އެހެން ގައުމުތަކުގައި ކަންކުރާގޮތް ބަލައިގެން ކަންކުރާށެވެ. އާދައިގެ ގޮތަކަށް ދަންނަވާ ނަމަ ކޮޕީ ކުރުމަށެވެ. އަޅުގަޑުމެންގެ މުވައްޒަފުންގެ މާ ބޮޑު އުފެއްދުންތެރިކަމެއް މަސައްކަތުގެ ދާއިރާއަކުން ނުފެނެއެވެ. މިހުރިހާ ކަމެއް ހަޤީޤަތުގައި ގުޅިގެންދަނީ މަތީ ތަޢުލީމު ދޭ މުއައްސަސާތަކުގެ މަސައްކަތްތަކާއެވެ.

މިލިޔުންކޮޅު ޚުލާޞާކޮށްލަމުން ވެސް އިޝާރާތްކޮށްލަން ބޭނުންވާ މުހިއްމު ނުކުތާއަކީ، މަތީ ތައުލީމުދޭ މުއައްސަސާތަކުގައި ހިންގާ ކޯސްތަކުގެ ފެންވަރު މިހާރަށް ވުރެ ބޮޑަށް ބެލެވި ރަގަޅު ކުރެވޭނެ ގޮތްތައް ހޯދާ، މަސައްކަތަށް ހުނަރުވެރި ބައެއް ތައްޔާރު ކުރެވޭނެ ގޮތްތައް ފަރުމާކުރުން މިހާރު މިވަނީ ވަރަށް ބޮޑަށް ސަމާލުވާން ޖެހިފައެވެ. އަންނަ އޮތް ޖީލުތަކަށް މިޤައުމުގެ މުސްތަޤުބަލު އުޖާލާކޮށްދެވޭނީ މަތީ ތަޢުލީމު ދޭ ނިޒާމުގެ މަސައްކަތް ހަރުދަނާ ކޮށްގެންނެވެ. ކުރިއަށް އޮތް ބައެއްގައި ވެސް މަތީ ތަޢުލީމުދިނުން އިތުރަށް ހަރުދަނާ ކުރެވިދާނެ ގޮތްތަކާ ގުޅޭ ޝައުޤުވެރި ބައިތަކެއް ހުށަހަޅާނެ ކަމުގައި ދަންނަވާލަމުން މިކޮލަމު ނިންމާލަމެވެ.

 

ހަވާލާދޭ ފަރާތްތައް

ފާރންސް، އެސް.، ކަމްޕބަލް، މެތިއު.، އަދި ޒިގްވާރޑް، ކޭ. (2014). ވާރކް އިންޓިގްރޭޓެޑް ލާރނިން. ރިސާރޗް ކޮމަން، ޔުނިވަރސިޓީ އޮފް ވައިކަޓޯ، ހެމިލްޓަން: ނިއުޒިލޭންޑް

ޖެކްސަން، ޑީ. (2016). ސްކިލް މާސްޓްރީ އެންޑް ދަ ފޯމޭޝަން އޮފް ގްރެޖުއޭޓް އައިޑެންޓިޓީ އިން ބެޗްލާރ ގްރެޖުއޭޓްސް: އެވިޑެންސް ފްރޮމް އޮސްޓްރޭލިއާ. ސްޓްޑީޒް އިން ހަޔަރ އެޑިޔުކޭޝަން، 41 (1)، 1313-1332.

މެކްލެން، ބީ.، އަދި ކީޓްން، އެސް. (2008). ވާރކް އިންޓިގްރޭޓެޑް ލާރނިން (ޑަބްލިއު އައި އެލް) އިން އޮސްޓްރޭލިއަން ޔުނިވަރސިޓީސް: ދަ ޗެލެންޖަސް އޮފް މެއިންސްޓްރީމިން ޑަބްލިއު އައި އެލް. ޕޭޕަރ ޕްރެޒެންޓެޑް އެޓް ދަ އޭޓީއެލްސީ އެން އޭ ޖީ ޗީ އޭ އެސް، ނެޝަނަލް ސިމްޕޯޒިއަމް.

ސްމިތު، އެމް.، ބްރޯކްސް، އެސް.، ލިޗްޓެމްބަރގް، އޭ.، މެކްލިވީން،ޕީ.، ޓޯރޖުލް، ޕީ.، އަދި ޓައިލާރ، ޖޭ. (2009). ކެރިއަރ ޑިވިލޮޕްމަންޓް ލާރނިން: މެކްސިމައިޒިން ދަ ކޮންޓްރިބިއުޝަން އޮފް ވާރކް އިންޓިގްރޭޓެޑް ލާރނިން ޓުދަ ސްޓުޑެންޓް އެކްސްޕިރިއެންސް. ޕޭޕަރ ޕްރެޒެންޓެޑް އެޓް ދަ ޑަބުލިއު އޭ ޗީ އީ ވާރލްޑް ކޮންފަރެންސް، ވެންކޫވަރ.

ސްޓާރލިން، އޭ.، ކޭރ، ޖީ.، ބޭންވެލް، ޖޭ.، މެކްފޭސަން، އީ.، އަދ ހެރޮން، އޭ. (2016). އަ ޕްރެކްޓިކަލް ގައިޑް ފޯރ ވާރކް-އިންޓިގްރޭޓެޑް ލާރނިން: އިފެކްޓިވް ޕްރެކްޓިސަސް ޓު އެންހޭންސް ދަ އެޑިޔުކޭޝަނަލް ކުއަލިޓީ އޮފް ސްޓްރަކްޗަރޑް ވާރކް އެކްސްޕީރިއެންސް އޮފާރޑް ތުރޫ ކޮލެޖްސް އެންޑް ޔުނިވަރސިޓީސް. ހަޔަރ އެޑިޔުކޭޝަން ކުއަލިޓީ ކައުންސިލް އޮފް އޮންޓޭރިއޯ.

ސޯވިއްލާ، އީ. އަދި ވާރޓީ، ޖޭ. (2011). ކޯޕަރޭޓިވް އެންޑް ވާރކް އިންޓިގްރޭޓެޑް އެޑިޔުކޭޝަން އިން ދަ ޔޫ އެސް، ޕާސްޓް އެންޑް ޕްރެޒެންޓް: ސަމް ލެސަންސް ލާރންޑް. އިންޓަރނޭޝަނަލް ހޭންޑްބްކް ފޯރ ކޯޕަރޓިވް އެންޑް ވާރކް އިންޓިގްރޭޓެޑް އެޑިޔުކޭޝަން، އީޑީ. އާރ ކޭ ކޮލް އަދި ކޭ. ޒިގްވާރޑް. ސެކަންޑް އެޑް. ލޯވެލް، އެމް އޭ: ވާރލްޑް އެސޯސިއޭޝަން ފޯރ ކޯޕަރޭޓިވް އެޑިޔުކޭޝަން، 3-15.

Leave a Comment