ޝާއިއު ކުރީ: ނޮވެމްބަރ 24, 2023 ލިޔުނީ: ޑރ. ޝާފިޔާ ކޮމެންޓްތައް: 0

އުނގެނުމަކީ ދަރިވަރުންގެ ޝައުގުވެރިކަމާއި ބައިވެރިވުމާއި ގުޅިފައިވާ ކަމެކެވެ. ކުލާހަކީ ދަރިވަރުން ގަޔާވާ، އެހެން ދަރިވަރުންނާއެކު ބައިވެރިވެގެން ކަންތައްތަކެއް ކުރެވޭ މާހައުލަކަށް ހެދުމަކީ ކިޔަވައިދިނުން ފަރުމާކުރުމުގައި ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭ ކަމެކެވެ. ވަރަށް ގިނަ ޢިލުމުވެރިން އެއްބަސްވެލައްވާ ގޮތުގައި ދަރިވަރުން ކުލާސްރޫމުތަކުގައި ފޫހިވެ ޝައުގުވެރިކަން ކުޑަވާނަމަ އުނގެނުމަށް އޮންނަ ފޯރި ދަށްވެ އުނގެނުން ހިނގުމަށް ދަތިތައް ދިމާވެއެވެ. މިކަން އެންމެ ބޮޑަށް ދިމާވާ އެއްސަބަބަކީ ދަރިވަރުން ޢަމަލީކޮށް ބައިވެރިވާނެ ކަމެއް ނެތި ކިޔަވައިދޭ ބައިތަކެއް އަޑު އަހައި ނުވަތަ ލިޔަން ތިބެން ޖެހުމެވެ (ބްލަމެންފިލްޑް އަދި އޭނާގެ ބައިވެރިން، 1991). ހަމަ މިއާއެކު، އުގެނުމަކީ ވަކިވަކި މާއްދާތަކެއްގެ މަޢުލޫމާތުތަކެއް ދަސްކޮށް އިމުތިހާނު ހަދަން ކުރާ ކަމަކަށް ވާނަމަ އެއީ ފުރިހަމަ އުނގެނުމަކަށް ވެސް ނުބެލެވެއެވެ. ސަބަބަކީ، އުނގަންނައިދިނުމުގެ މައިގަޑު މަގުސަދަކީ ދަރިވަރުން ދިރިއުޅުމަށް ތައްޔާރު ކުރުމެވެ. ކޮންމެ މާއްދާއެއްގެ މަޢުލޫމާތުތައް ކިޔަވައިދީ އެއިން ޓެސްޓްތަކެއް ނަގައި ކޮންމެ ބަޔަކުން ހާސިލުވީ ކިހާވަރެއްތޯ ބެލުމަކުން ދަރިވަރުން އެންމެ ފުރިހަމައަށް ދިރިއުޅުމަށް ތައްޔަރެއް ނުވެއެވެ. ދިރިއުޅުމަށް ބޭނުންވަނީ ހަމައެކަނި މަޢުލޫމާތުތަކެއް ދަސްކުރުމެއް ނޫނެވެ. އެއާއި ޚިލާފަށް މަޢުލޫމާތު އެގުން، ސިފަތަކެއް ލިބިގަތުން، ހުނަރު ހަރުލުން، ދިރިއުޅުމުގެ އިހުސާސް ކުރެވުން، ކަންކަމާމެދު ޙިޔާލު ކުރެވި ލޯހުޅުވުން، ކަންކަމާމެދު ޢަމލީކޮށް ވިސްނުން، ތަފާތު ޚިޔާލު ބަދަލު ކުރެވި މަޝްވަރާކުރެވުން، މީހުންނާއި މުވާސަލާތު ކުރެވުން، މިހިރީ މުޅިންވެސް ދަރިވަރުންގެ ކާމިޔާބު އުނގެނުމުގައި ހިމެނެން ޖެހޭ ކަންތައްތަކެވެ. މިއަދު އަޅުގަޑުގެ ވާހަކަ ކޮޅު މި އަމާޒުކޮށްލަނީ ކިޔަވައިދިނުމުގައި މިދެންނެވި ކަންތައްތައް ހިމަނައިލެވިދާނެ ކިޔަވައިދިނުމުގެ ގޮތެއްކަމަށްވާ ޕްރޮޖެކްޓް ބޭނުންކޮށްގެން ކިޔަވައިދިނުން ގެންދިއުމާ ބެހޭގޮތުންނެވެ.

ސިކުނޑީގެ ދިރާސާވެރިން ހާމަކުރައްވާގޮތުގައި އުނގެނުމަކީ ސިކުނޑީގެ ވަރަށް ބައިވަރު ބައިތައް ގުޅިލާމެހިގެން ހިނގާ ކަމެކެވެ (ވިސްލީ އަދި ހޮޝް، 2002). މާނައަކީ، ސިކުނޑީގައި ކަންހިނގާ ގޮތަށް ބަލާއިރު އުނގެނުމެއް ހިނގަނީ ދަރިވަރުންނަށް ކުރެވޭ ހަރަކާތްތަކާއި އެކަންކަމާގުޅޭ ގޮތުން ކުރެވޭ ޚިޔާލުތަކާއި، އެއާއެކު ހިތުގައި ދައުރުވާ އެތަށް ވިސްނުންތަކާއި އިހުސާސްތައް އެކު އެކީއެވެ. ކުރިންވެސް އަޅުގަޑުގެ އެހެން ލިޔުމެއްގައި އިޝާރާތް ކުރެވިފައިވާނެ ފަދައިން ކިޔަވަވައިދިނުމަކީ ކޮންމެ މާއްދާއަކަށް ޚާއްޞަކޮށްގެން ވަކިވަކިން ކުރަން ޖެހޭ ކަމެއް ނޫނެވެ. ހަމައެހެންމެ ކޮންމެ މައުޟޫޢެއް ކުދިކުދިކޮށް ކޮށާލައިފައިވާ ވަކިވަކި ބައިތަކެއްހެން ވެސް ކިޔަވައިދިނުން ރާވާކަށް ނުޖެހެއެވެ. ޕްރޮޖެކްޓް ފަދަ މަސައްކަތްތައް ހިމަނައިގެން ދަރިވަރުންގެ އުނގެނުން ރޭވުމަކީ ގިނަކަންތައްތަކެއް ހިމަނައިލައިގެން ދަރިވަރުންގެ އުނގެނުން މާބޮޑަށްވެސް ކާމިޔާބު ކަމާއެކު ގެންދެވޭނެ ގޮތެކެވެ.

ޕްރޮޖެކްޓް ހިމަނައިގެން ދަރިވަރުންގެ އުނގެނުން ރޭވުމަކީ މިޒަމާނުގެ އުނގެނުމުގެ މާހައުލުތަކުގައި ވަރަށް ޢާއްމުކޮށް ބޭނުންކުރެވޭ ކިޔަވައިދިނުމުގެ ގޮތެކެވެ. މިގޮތަށް ކިޔަވައިދޭއިރު ދަރިވަރުންގެ އުނގެނުން ރޭވެނީ ދަސްކުރަން ޖެހޭ މަޢުލޫމާތުތަކާއި ކުރި އަރުވަން ޖެހޭ ހުނަރުތަކާއި އަދި ހަމަ އެކިޔަވާ ބައިތަކާއި ގުޅޭ ހަރުލައްވަން ޖެހޭ ސިފަތަކާއި، އަދި އެނޫންވެސް އިހުސާސްތަކާއި، ޙިޔާލުތަކާއި، ވިސްނުންތައް ވަކިގޮތަކަށް ބައްޓަން ކުރުމަށް އެހީތެރިވެދޭ ޕްރޮޖެކްޓް މަސައްކަތުގެ ތެރެއިންނެވެ. މިފަދައިން ޕްރޮޖެކްޓެއްގައި ބައިވެރިވާއިރު ދަރިވަރުން ދާނީ ޢަމަލީކޮށް ގިނަ ކަންތައްތަކެއް ކުރަމުންނެވެ. ޢަމަލީކޮށް މި ކުރެވޭ ކަންތައްތަކަކީ ދަރިވަރުންނަށް ނުހަނު މުހިންމު އުނގެނުމުގެ ތަޖުރިބާތަކެކެވެ. މިގޮތަށް ލިބޭ އުނގެނުމުގެ ތަޖުރިބާތަކުން ދަރިވަރުން އެކިޔަވާ މަޢުލޫމާތުތަކާއި ގުޅޭ އެތަށް ގިނަ ހުނަރުތަކަކާއި ސިފަތައް ދަސްވުމަށް ފުރުސަތު ފަހިވާނެއެވެ.

ޕްރޮޖެކްޓް ބޭނުންކޮށްގެން ކިޔަވައިދިނުމަކީ ޖޯން ޑްވެއި (1938)ގެ އެންމެ ކުރީގެ ލިޔުންތަކުގައި އިޝާރާތް ކުރައްވާފައިވާ ’ލާރނިންގ ބައި ޑްއިން“ (ކަމެއް ކުރަމުން އުނގެނުން) މިކޮންސެޕްޓާއެކު ތަޢާރަފުވި އުނގެނުމާއި އުނގަންނާދިނުމުގެ ފިލޯސަފީއެކެވެ.  އެއަށްފަހު މިވިސްނުން ފުޅާވެގެން ދިޔައީ ޖޯން ޑުވެއި ގެ ދަރިވަރެއް ކަމަށްވާ ވިލިއަމް ހާރޑްގެ ލިޔުންވުންތަކުންނެވެ. އޭނާ އިޝާރާތްކުރައްވާފައިވާ ގޮތުގައި ކަމެއް ކުރަމުން އުނގެނުމުގެ ތެރޭގައި ޕްރޮޖެކްޓް ފަދަ މަސައްކަތްތައް ހިމަނައިގެން ކިޔަވައިދިނުން ވަރަށް މުހިންމެވެ. މިގޮތުން މިދެ ޢިލުމުވެރިން ވެސް ދަރިވަރުންނާއި ގުޅޭ އަދި ތަފާތު މާއްދާތަކުގެ ބައިތައް އެކުވި ގޮތަކަށް ހިމަނާލެވި ރާވާލެވެ ޕްރޮޖެކްޓް ބޭނުންކޮށްގެން ކިޔަވައިދިނުމަށް އިރުޝާދު ދެއްވާފައިވެއެވެ. މީގެ ޢިތުރުން އެންމެ ކުރީގެ ޢިލުމުވެރިންގެ ތެރޭގައި ހިމެނޭ ޖީން ޕިއާޖޭ (1952) ގެ ލިޔުއްވުންތަކުގައި އިޝާރާތްކުރައްވާފައިވާ ’ސިޓްއޭޓެޑް ލާރނިން‘ ނުވަތަ ވެށި/މާހައުލާއި ގުޅުވައިގެން އުނގެނުން ވެސް ހިމެނިގެންދަނީ ޕްރޮޖެކްޓް ބޭނުންކޮށްގެން ކިޔަވާދިނުމުގެ ފިލޯސަފީއާ ވަރަށް ގުޅުން ހުރި ކޮންސެޕްޓެއް ގޮތުގައެވެ. އިސްވެދިޔަ ތިން ޢިލުވެރިންވެސް ތާއީދުކުރައްވާގޮތުގައި ޕްރޮޖެކްޓް ފަދަ މަސައްކަތްތައް ހިމަނައިގެން ކިޔަވައިދިނުން ރޭވުމުން ދަރިވަރުންގެ ދިރިއުޅުމާއި ގުޅޭ އަދި ޢަމަލީ މަސައްކަތްތަކެއްގެ ތެރެއިން ދަރިވަރުންގެ ހިއްސާ ބޮޑުކޮށް އުނގެނުމަށް ފުރުސަތުތައް ފަހިކޮށްދެވެއެވެ.

މަތީގައި ބަޔާންވެފައިވާ އެވާ ޢިލުމީ ވިސްނުންތަކަށް ބަރޯސާވެ، ބައެއް ޢިލުމުވެރިން ފާހަގަކުރައްވާގޮތުގައި ޕްރޮޖެކްޓް ބޭނުންކޮށްގެން ކިޔަވައިދިނުން ރާވާއިރު ސަމާލުކަންދޭން ޖެހޭ ހަތަރު ކަމެއް ވެއެވެ. މިގޮތުން  ކްރާޗިކް އަދި ބްލަމެންފިލްޑް (2006) ލިޔުއްވާފައިވާގޮތުގައި ޕްރޮޖެކްޓް ބޭނުންކޮށްގެން ކިޔަވައިދިނުން ރާވާއިރު، އެޕްރޮޖެކްޓެއްގައި (1) ދަރިވަރުން ހަރަކާތްތެރިކޮށް އުނގެނޭނެ ފުރުސަތު ފަހިވެފައި އޮންނަން ޖެހޭނެއެވެ.  އަދި ހަމައހެންމެ (2) ދަރިވަރުންގެ މެދުގައި ދޭދޭ ވާހަކައާއި މަޝްވަރާކޮށްގެން ކުރާނެ ކަންތައްތަކެއް ހިމަނަންޖެހޭނެއެވެ. މީގެ އިތުރުން (3) އުނގެނުމުގައި ކުރާ ކަންތަކަކީ ދަރިވަރުން އުޅޭ މާހައުލާއި ގުޅިފައިވާ އެކުދިންގެ ދިރިއުޅުމާ ގުޅޭ މާނަ ހުރި ކަންތައްތަކަކަށް ވާންޖެހޭނެއެވެ. އެންމެ ފަހުކަމެއް ގޮތުގައި (4) އުނގެނުމުގެ މާހައުލުގައި އުނގެނުމަށް ބޭނުންވާ ވަސީލަތްތައް ފަހިވެފައި ހުރުން މުހިންމު ކަމަށް ކްރާޗިކް އަދި ބްލަމެންފިލްޑް (2006) އިޝާރާތްކުރައްވައެވެ. މިއިން ކޮންމެ ކަމަކީ ވެސް ޕްރޮޖެކްޓް ބޭނުންކޮށްގެން އުނގަންނައިދިނުން ފަރުމާކުރާއިރު ދަރިވަރުންގެ އުނގެނުން ކާމިޔާބު ކަމާއެކު ހާސިލުކުރުމަށް ލާޒިމު ކަންތައްތަކެކެވެ.  ހަމައެއާއެކު ހޫލަ 1 ގައި ދައްކާލެވިފައިވާ ގޮތަށް މިހަތަރު ކަމަކީ އެކު އެކީ ޕްރޮޖެކްޓްގެ ތެރޭގައި ރޭވި ހަމަޖެހިފައި ހުންނަން ޖެހޭ ކަންތައްތަކެކެވެ. ޕްރޮޖެކްޓް ބޭނުންކޮށްގެން ގެންދެވިފައިވާ ޢަމަލީ ކުލާސްރޫމެއްގެ މިސާލު ދެވިފައިވާ ވީޑިއޯ ލިންކްގައި ވާނެއެވެ.

 
   


ހޫލަ 1 ގައި ވާ ކަންތައްތަކުގެ އިތުރުން ޕްރޮޖެކްޓް ބޭނުންކޮށްގެން ކިޔަވައިދޭން ވިސްނާނަމަ ދަރިވަރުންވެސް މިފަދަ ޕްރޮޖެކްޓްތަކުގައި މަސައްކަތް ކުރުމަށް އަހުލުވެރިކޮށް ތައްޔާރު ކުރަން ޖެހެއެވެ. މިގޮތުން ފާހަގަކޮށްލެވޭ ހަތަރުކަމަކަށް ކެލްސީ ބެންޑާރ (2020) އޭނާގެ ބްލޮގެއްގައި އިޝާރާތްކުރައްވާފައި ވެއެވެ. ކެލްސީ އަކީ ޕްރޮޖެކްޓް ބޭނުންކޮށްގެން ކިޔަވާދިނުމަށް ވަރަށް ގިނަ ސްކޫލްތަކުގައި އިރުޝާދުދެއްވާ އެކަމަށް މުދައްރިސުން އަހުލުވެރިކުރުމުގައި ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރައްވާ އެމެރިކާގެ ތަޖުރިބާކާރެކެވެ. ހޫލާ 2 ގައި އެވަނީ އޭނާ ހާމަކުރައްވާ ކަންތައްތަކުގެ ޚުލާޞާއެކެވެ. ކެލްސީ ބެންޑާރ (2020) ދެކެވަޑައިގަންނަވާ ގޮތުގައި ދަރިވަރުންގެ ސިކުނޑިތައް ޕްރޮޖެކްޓްތަކުގައި މަސައްކަތްކުރުމަށް ތައްޔާރު ކުރަންޖެހެއެވެ. މީގެ މާނައަކީ ސީދާ މުދައްރިސް ނުވަތަ އެހެންވެސް ފަރާތަކުން ހުރިހާ ސުވާލެއްގެ ޖަވާބު ހޯދުމަށްވުރެ، ނުވަތަ ބަލައިގަތުމުގެ ބަދަލުގައި އަމިއްލައަށް މަޢުލޫމާތު އުފައްދާ، ހޯދާ، ވާހަކަދައްކާ، ތަޖުރިބާކޮށް ސުވާލުތަކެއް ޖަވާބު ނުވަތަ މައްސަލައެއްގެ ހައްލު ހޯދަމުން އުނގެނެން އަހުލުވެރި ކުރުވާ އާދަ ކުރުވަން ޖެހެއެވެ. މިގޮތުން ދަރިވަރުންނަށް ހަވާލު ކުރެވޭ މައްސަލައަކާ ބެހޭގޮތުން މަޢުލޫމާތު ހޯދާ އެކަން ވާގޮތް ބަލާ އެހެން ދަރިވަރުންނާއެކު މަޝްވަރާކުރެވި މަސައްކަތް ނިންމުމުގެ ތެރެއިން އުނގެނުން ރޭވެއެވެ. ހަމަ މިއާއެކު ދަރިވަރުންގެ އުނގެނުމުގެ މާހައުލު އަތުރާލެވި ރޭވިފައިވާ ގޮތާއި އެތަނުން ލިބެން ހުންނަ ވަސީލާތްތަކާއި އެވަސީލަތްތައް ބޭނުންކުރަން ފަރިތަވެފައި ވުމާއެކު ހަރަކާތްތެރިކޮށް އުޅެވޭ ފަދަ ޖާގަ ކުލާސްރޫމުގައި އޮތުންވެސް މުހިންމު ކަމުގައި ކެލްސީ ލިޔުއްވައެވެ. ކެލްސީ ބަޔާންކުރައްވާފައިވާ ކުލާސްރޫމަކީ ހަމައެކަނި ކުލާހުގެ ހަތަރުފާރުގެ އެތެރެއެންނޫނެވެ. އެއާއި ޚިލާފަށް އުނގެނުމުގެ މާހައުލު ނުވަތަ އުނގެނުން އެތަނެއްގައި ރޭވޭ ކޮންމެ ތަނެކެވެ. އަޅުގަޑުމެން ސްކޫލުތަކުގެ ޢާއްމުކޮށް މިހުންނަ ކުލާސްރޫމުތަކުގައި އެފަދަ ގޮތަކަށް ޖާގަ ތަނަވަސް ކުރެވެން ނެތްނަމަ އެހެން ގޮތްގޮތަށް ވެސް މިފަދަ ޕްރޮޖެކްޓް މަސައްކަތް ހަވާލު ކުރެވިދާނެއެވެ. ނަމަވެސް އުނގެނުމުގެ މާހައުލު ތަރުތީބު ކުރުމުގައި މުދައްރިސުން ސަމާލުވާންޖެހޭ ކަމަކީ ދަރިވަރުން އެ ޕްރޮޖެކްޓެއްގައި ބޭނުންވާނެ ވަސީލަތްތައް އެތަނެއްގައި ފަހި ކޮށްދިނުމަށެވެ. ބައެއް ޕްރޮޖެކްޓްތަކަކީ ވަކި މުއްދަތަކަށް ދެމިގެންދާ ގޮތަށްވެސް ހަވާލު ކުރެވޭ މަސައްކަތްތަކެކެވެ. އެހެން ކަމުން އެމަސައްކަތްތައް ކުރުމަށް އެހީތެރިވެދޭނެ ރަގަޅު މަގުޗާޓެއް/ޕްލޭނެއް ހަދާ އެކަން ކުރާނެގޮތް ދަރިވަރުންނާއި އެކު މަޝްވަރާކުރެވި ސާފުކޮށް ކަން ކުރަންވާގޮތް އޮންނަން ޖެހޭ ދަރިވަރުންނަށް އެނގިފައެވެ.

ހޫލަ 2. ޕްރޮޖެކްޓް ބޭނުންކޮށްގެން ކިޔަވައިދިނުމުގެ ޕްރޮސެސް އަށް ތައްޔާރުވުން

ޕްރޮޖެކްޓް ހިމަނައިގެން ކިޔަވައިދިނުމުގައި ފާހަގަކޮށްލެވޭ މުހިންމު ސިފަތައް

ޕްރޮޖެކްޓް ބޭނުންކޮށްގެން ކިޔަވައިދިނުން ރާވާއިރު ޢާއްމުގޮތެއްގައި ދެވެނީ ދަރިވަރުންނާއި ހަވާލު ކުރެވޭ ބޮޑު މައްސަލައެއް، ސުވާލެއް/ސުވާލުތަކެއް، މަސައްކަތެއް ދަރިވަރުންގެ ގުރޫޕުތަކެއް ހަދައި އެކި ކުދިން ބައިވެރިވެގެން ކުރާ ކަމެއްގޮތަށެވެ. ނަމަވެސް މުދައްރިސުން ޕްރޮޖެކްޓްތައް ރާވާއިރު ސަމާލުކަންދޭން ޖެހޭ ދެތިން ކަމެއް ހޫލަ 1 އަދި ހޫލަ 2 ގައި ބަޔާންކުރެވިއްޖެއެވެ. މީގެ އިތުރުން ރޭވުނު މަސައްކަތަކީ ރަގަޅު ޕްރޮޖެކްޓެއްތޯ އަމިއްލައަށް މުދައްރިސު ޗެކްކޮށްލުމަށް ވިސްނުން ގެންދިވިދާނެ ދެތިން ކަމެއް ފާހަގަކޮށްލާނަމެވެ. 

  1. އިންޓަރޑިސިޕްލިނަރީ: އުނގެނުމުގައި ގިނަކަންތައްތަކެއް/ދާއިރާތަކެއް ގުޅިފައިވޭހެއްޔެވެ؟

ވަރަށް ގިނަފަހަރަށް ޕްރޮޖެކްޓެއް ރާވާއިރު ދެތިން މާއްދާއެއްގައި ދަރިވަރުން އުނގެނެމުންދާ ވަރަށް ގިނަ ބައިތައް ހިމެނިގެންދެއެވެ. ހަމައެއާއެކު ދަރިވަރުންދާނީ ދިރިއުޅުމުގައި ބޭނުންވާ މުހިންމު ހުނަރުތަކާއި ސިފަތަކާއި، ވިސްނުންތަކާއި، ޚިޔާލުތަކާއި، މިފަދަ ވަރަށް ގިނަކަންތައްތައް ގުޅިފައިވާ ހަރަކާތްތަކެއްގައި ބައިވެރިވަމުންނެވެ. މިނޫނަސް، މައްސަލަ ހައްލު ކުރުމުގެ މަސައްކަތްތަކާއި، ވާހަކަދައްކާ މަޝްވަރާކުރުން ފަދަ ގިނަ ކަންތައްތަކެއް ޕްރޮޖެކްޓްގައި ހިމެނިގެންދާނެއެވެ. މިފަދަ ހަރަކާތްތަކުގައި ބައިވެރިވާން ފަހިކޮށްދެވޭ ފުރުސަތުތަކަކީ ތަފާތު މާއްދާތަކުގައި ދަރިވަރުން ކިޔަވަމުންދާ ގިނަ މަޢުލޫމާތުތައް އެކި ގޮތްގޮތަށް ޢަމަލީކޮށް ބޭނުންކުރުމަށް ވެސް ދެވޭ ފުރުޞަތުތަކެކެވެ.

  1. ރިގަރެސް: ދަރިވަރުންގެ ފުރިހަމަ ބައިވެރިވުން، ފަރުވާތެރިކަން، އަދި ތަރުތީބުވަނި ގޮތަކަށް ކުރެވޭ މަސައްކަތްތަކެއް ހިމެނޭހެއްޔެވެ؟

ޕްރޮޖެކްޓްގެ މަސައްކަތަކީ ދަރިވަރުންގެ ފުރިހަމަ ބައިވެރިވުމާއެކު ތަރުތީބުވަނި ގޮތަކަށް ރޭވޭ ހަރަކާތްތަކެއް ކަމުން ދަރިވަރުންގެ އުނގެނުން ކުރިޔަށް ދާނީ އެނގޭ/އެނގެމުންދާ ގިނަ މަޢުލޫތުތަކެއް ޢަމަލީކޮށް ބެނުންކޮށް ވަރަށް ހަރަކާތްރި ކަންތައް ތަކެއްގެ ތެރެއިންނެވެ. މީގެ ސަބަބުން ދަރިވަރުންގެ އުނގެނުން އެތަށް ގުނައެއް ކުރިއަރާ، އުނގެނުމުގެ މަސައްކަތަކީ ހަމައެކަނި ފޮތެއް ބަލައިގެން އެއްޗެއް ދަސްކުރުން ފަދަ ގޮތްތަކަށް ވުރެ މާބޮޑަށް ވެސް ކާމިޔާބު ގޮތްތަކެކެވެ. އޭގެ އިތުރުން މިފަދަ މަސައްކަތަކީ ދަރިވަރުންގެ އުނގެނުމުގެ އަމިއްލަ ޒިންމާ ބޮޑު، އުނގެނުމުގައި ބާރުވެރި ކުރުވޭ އަދި ގިނަ ހުނަރުތަކެއް ދަސްކުރެވޭ ކަމުގެ އިހުސާސް ވުމާއެކު އަމިއްލަ ނަފުސުގެ ޔަގީންކަން އިތުރުވެގެންދާ ކިޔަވައިދިނުމުގެ ގޮތެކެވެ.

  1. ޕްރޮޖެކްޓްގެ މަސައްކަތްތައް އެކީއެކަށްޗަށް އަމާޒު ކުރެވިފައިވަނީ ދަރިވަރަށް ހެއްޔެވެ؟

މުޅި ޕޮރޮޖެކްޓްގެ ހުރިހާ ކަމެއް ރާވަނީ ދަރިވަރުން ބައިވެރި ކުރާ ހަރަކާތްތަކެއްގޮތަށް ކަމުން އެކީ އެކައްޗަށް ކިޔަވައިދިނުން ރޭވިފައި ވާނީ އެއްކޮށްވެސް ދަރިވަރުންނަށް އަމާޒު ކުރެވިގެންނެވެ. މީގެ ސަބަބުން އުނުގެނުމުގައ ދަރިވަރުންގެ ހިއްސާބޮޑުވެ، ބައިވެރިވުން އެތަށް ގުނައެއް އިތުރު ކުރެވެއެވެ. ޕްރޮޖެކްޓް ބޭނުންކޮށްގެން ކިޔަވައިދޭނަމަ ދަރިވަރުންގެ އުނގެނުމުގެ ޝައުގުވެރިކަން ވެސް އިތުރުވެ އޭގެ ސަބަބުން ދިރިއުޅުމުގެ ކަންކަމަށް ދަރިވަރުން ލޯހުޅުވި މުޖުތަމަޢަށް ބޭނުންވާ ގާބިލުބަޔަކަށް ހެދުމަށް އެހީތެރިވެދެއެވެ.

އިސްވެ އިޝާރާތްކުރެވުނު ވާހަކަކޮޅަށް ބަލާއިރު، ޕްރޮޖެކްޓް ބޭނުންކޮށްގެން ކިޔަވައިދިނުން ރޭވޭނަމަ ދިވެހިރާއްޖޭގެ ގައުމީ މަންހަޖުގައި ފާހަގަކޮށްފައިވާ ގާބިލިއްޔަތުތައް ހާސިލުކުރުމަށް ވަރަށް ބޮޑަށް އެހީތެރިވެދޭނެއެވެ. މިގޮތުން މިއަދު މިހުށަހަޅާލެވުނު މަޢުލޫމާތަކީ އަޅުގަޑުމެންގެ މުދައްރިސުން މިހާރަށް ވުރެ ބޮޑަށް ކިޔަވައިދިނުމުގެ ވައްޓަފާޅިތެރެއަށް ވައްދަން ޖެހޭ ގޮތްތަކެކެވެ. މިހެން ދަންނަވާއިރު ވެސް ބައެއް ސްކޫލުތަކުގައި މިކަން މިހާރުވެސް ކުރަމުންދާކަން އަޅުގަޑު ނުހަނު އުފަލާއެކު ފާހަގަ ކުރަމެވެ. ނަމަވެސް އަދިވެސް ގިނަ މާއްދާތައް ބައިވެރިކޮށްގެން ބޮޑެތި ޕްރޮޖެކްޓް ދީގެން ކިޔަވައިދިނުން ރޭވޭލެއް މަދެވެ. އަޅުގަޑުގެ ލިޔުމުގެ މިއިޝާރާތް ކުރެވިދިޔަ ޕްރޮޖެކްޓް މާނަ ކުރެވިފައިވަނީ އެއްދުވަހުގެ ކުލާސް ގަޑިއެއްގައި ގެންދެވޭ ގޮތަށް ވުރެ ބޮޑަށް ދެހަފުތާ ނުވަތަ ތިން ހަފުތާގެ ތެރޭގައި ދަރިވަރުން މަސައްކަތް ނިންމަން ހަވާލު ކުރެވޭ ބޮޑެތި ޕްރޮޖެކްޓްތަކެއްގެ ވާހަކަ އެވެ. އަޅުގަނޑުމެންގެ ސްކޫލުތަކުގައި ޢާއްމުގޮތެއްގައި މިއޮންނަނީ ކިޔަވައިދިނުމަކީ ކޮންމެ މާއްދާއެއްގެ މުދައްރިސުން ވަކިވަކިން ކުރާ މަސައްކަތެއް ގޮތުގައެވެ. ނަމަވެސް މިޒަމާނުގެ ކިޔަވައިދިނުމުގެ ގިނަ ފިލޯސަފީތަކާއި ކިޔަވާދިނުމުގެ ގޮތްތަކަށް ބަލާއިރު، ގިނައީ ތަފާތު މާއްދާތައް އެކުވިގޮތަކަށް ދަރިވަރުންގެ އުނގެނުން ފަރުމާކުރުމުގެ ބޭނުންތެރިކަމަށް އިރުޝާދު ދެވޭތަނެވެ. ހަމައެހެންމެ ކިޔަވައިދިނުމުގެ ދާއިރާގައި ހެދިފައިވާ ގިނަ ދިރާސީ ހޯދުންތަކުން ވެސް ބާރުއަޅަނީ އުނގެނުން އެއީ ޖުމުލަގޮތެއްގައި ނުވަތަ ހޮލިސްޓިކް އެޕްރޯޗެއް ގޮތަށް ގެންދިއުމަށެވެ. މިކަން މިހެން މިކަން އޮތުމާއެކު ޕްރޮޖެކްޓް ފަދަ ގޮތްތައް ބޭނުންކޮށްގެން އެކިމާއްދާތައް އެކުވި ގޮތަކަށް ކިޔަވައިދިނުން ރޭވުމަށް ސްކޫލު ނިޒާމުތެރޭގައި ވެސް ވިސްނުން ބަދަލު ކުރަން ޖެހެއެވެ. ހަމައެއާއެކު މިފަދަ ގޮތްގޮތަށް މުދައްރިސުން ފަރިތަވެ އަހުލުވެރިވުން އެއީ އަޅުގަޑުގެ ވަރަށް ބޮޑު އުއްމީދެކެވެ. ޚާއްޞަކޮށް އަޅުގަޑު މިހުށަހަޅާ ކިޔަވައިދިނުމުގެ ގިނަ ގޮތްތަކަކީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައ ޢާއްމުކޮށް ކިޔަވައިދިނުން ރޭވި އަދި އެކަމާ ބެހޭގޮތުން ދިރާސީ ހެކިތަކާއެކު އެ ގޮތްތަކުގައި ހިމެނޭ ކާމިޔާބުކަމާ މެދު މަޝްވަރާ ކުރެވިފައިވާ ކިޔަވައިދިނުމުގެ ގޮތްތަކެކެވެ. އެހެންނަމަވެސް އަޅުގަޑުމެންގެ ދިވެހިރާއްޖޭގައި މިފަދަ ގޮތްތައް ބޭނުންކުރާނެ ގޮތާއި ކުރާނަމަ އެކަން އެންމެ ރަގަޅަށް ކުރެވޭނެ ގޮތްތައް ވެސް ހޯދޭނީ މުދައްރިސުން މިފަދަ ގޮތްތަކަށް އާދަވެ ކިޔަވައިދިނުމުގައި ބޭނުން ކޮށްގެންނެވެ. މިގޮތުން ޕްރޮޖެކްޓްފަދަ ގޮތްތައް ބޭނުންކޮށްގެން ކިޔަވާދިނުމުން ވާ ފައިދާއާއި އެކަމުގައި ހުރި ގޮންޖެހުންތަކާއި އެ ކަންކަމުން އަރައިގަނެވޭނެ ގޮތްތައް ސީދާ ދިވެހިރާއްޖޭގެ ކުލާސްރޫމުތަކުގައި ދިރާސާ ކުރުން ވެސް މުހިންމެވެ. މިކަންކަމަކީ ސިދާ މުދައްރިސުންގެ ޝައުގުވެރިކަމާއެކު ކުރެވެން ހުރި ކަންތައްތަކެކެވެ. މިއަދުގެ ވާހަކަކޮޅު ނިންމާލަމުންވެސް ފާހަގަކޮށްލާހިތްވަނީ ކިޔަވައިދިނުމަކީ އަމިއްލައަށް އުނގެނުމުގެ މަސައްކަތެއް ކަމަށް ބަލައިގަނެ ތަފާތު ގޮތްތައް ތަޖުރިބާ ކުރާ މުދައްރިސުންތަކެއް އަޅުގަޑުމެންގެ ރާއްޖޭގައި އިތުރުވުމަށް އުއްމީދު ކުރަމުންނެވެ.

 

 

 

Leave a Comment