ޝާއިއު ކުރީ: ނޮވެމްބަރ 23, 2023 ލިޔުނީ: ޑރ. ޝާފިޔާ ކޮމެންޓްތައް: 0

މިއަދުގެ ކޮލަމު މިޚާއްޞަކޮށްލަނީ ދަރިވަރުން އަމިއްލައަށް އުނގެނުން މެނޭޖުކުރަން ދަސްކޮށްދޭނީ ކިހިނެއްކަން އަދި އެކަން ކުރުމުގެ މުހިންމު ކަމާ ބެހޭގޮތުންނެވެ. މި މައުޟޫޢަށް ލިޔެލުމަށް ގަސްދު ކުރެވުނު ހިނދު އަޅުގަނޑުގެ ހަދާނަށް އައީ މެލޭޝިޔާގައި މާސްޓަރސް އަށް ކިޔެވި ދުވަސްވަރުގެ ހަދާނެކެވެ. މި މައުޟޫޢަކީ އަޅުގަނޑުގެ މާސްޓަރސް ދިރާސާ ހެދި މައުޟޫޢު އެވެ. ދިރާސާގެ މައިގަނޑު މަގުސަދަކީ ސެލްފް ރެގިޔުލޭޓެޑް ލާރނިންގ އާއި  ދަރިވަރުންގެ އުގެނުމުގެ ކާމިޔާބީއާ ގުޅުން ހުރި ކިހާ މިންވަރަކަށްތޯ ބެލުމެވެ. ބެރީ ޒިމަރމަން ފަދަ ދިރާސާވެރިންނަކީ އޭރުގެ އަޅުގަނޑުގެ ލިޔުމުގެ ތެރޭގައި އެންމެ ގިނައިން ހަވާލާ ދެވުނު އެއްފަރާތެވެ. ބެރީ ޒިމަރމަން އަކީ 1990 ގެ އަހަރުތަކުއްސުރެ މި މައުޟޫޢުގައި އެތަށް ގިނަ ދިރާސާތަކެއް ހައްދަވާފައިވާ ފަރާތެކެވެ. އަޅުގަނޑުގެ ދިރާސާ ހެދީ ސެކަންޑަރީ ސްކޫލެއްގައި ދަރިވަރުންނާއި މުދައްރިސުންވެސް ހިމަނައިގެންނެވެ. ދިރާސާގައި ބޭނުންކުރެވުނީވެސް ބެރީ ޒިމަރމަންގެ 2002 ވަނަ އަހަރުގެ ދިރާސާއެއްގައި ބޭނުން ކުރެވިފައިވާ ސާރވޭ ސުވާލުތަކަކާއި އިތުރަށް މުދައްރިސުންނާއެކު ހެދުނު ބަސްދީގަތުންތަކެކެވެ. އަޅުގަޑުގެ ދިރާސާގެ މައިގަނޑު ހޯދުންތަކުން ހާމަވީ ޒިމަރމަންގެ ކުއެސްޗަނިއަރގައިވާ ސެލްފް ރެގިޔުލޭޓެޑް ލާރނިން 10 ގޮތުގެ ތެރެއިން އުނގެނުމުގައި އެންމެ ކާމިޔާބު ދަރިވަރުން 4 ގޮތެއް ވަރަށް ގިނައިން ބޭނުންކުރާ ކަމެވެ. އެއީ ނޯޓް ނެގުމާއި، ގުރޫޕްސްޓަޑީ ހެދުމާއި، މަޢުލޫމާތު ޚުލާޞާކުރުމާއި، އަމިއްލަ ކިޔެވުމުގެ ވަގުތު މެނޭޖްކުރުމެވެ. މިގޮތްތަކަކީ މުދައްރިސުންވެސް ވަރަށް ބޮޑަށް ބާރު އަޅާ ގޮތްތަކެއްކަން ވެސް ދިރާސާގެ ހޯދުންތަކުން ހާމަވެފައިވެއެވެ. ދިރާސާއިން ހާމަވިގޮތުގައި ސްކޫލުގެ އެންމެ ކާމިޔާބު ދަރިވަރުން މޮޅުވުމުގެ ސިއްރަކީ ކިޔެވުމުގައި އެކުދިން އަމިއްލައަށް މެނޭޖުކޮށް، މޮނިޓަރ ކުރުމަށް ގެންގުޅޭ މިފާހަގަ ކޮށްލެވުނު ގޮތްތަކުގެ ސަބަބުންނެވެ. ޚާއްޞަކޮށް ހާސިލުވަމުންދާ މިންވަރަށް ބަލައިގެން އިތުރަށް ރަގަޅު ކުރެވިދާނެ ކަންކަން ގާތުން ދެނެގަނެ އަމިއްލައަށް ރާވާ/ރެގިޔުލޭޓް ކުރާ ކަންތައްތަކެއްގެ ސަބަބުންނެވެ. ދަންނަވަން މިއުޅޭ ކަމަކީ ސެލްފް ރިގިޔުލޭޓެޑް ލާރނިންގ އަކީ ކިޔަވައިދިނުމުގެ ތެރޭގައި މުދައްރިސުންނަށް ވަރަށް ބޮޑަށް ބާރު އެޅިދާނެ ދަރިވަރުންގެ ހިއްސާ އިތުރު ކޮށް އުނގެނުމުގެ ކާމިޔާބީ އެތަށް ހަރުފަތެއް މައްޗަށް ޖައްސާލެވިދާނެ ކަމެއް ކަމެވެ.

ސެލްފް ރެގިޔުލޭޓެޑް ލާރނިން ޢިލުމީ ވިސްނުން

އެންމެ ފުރަތަމަ ސެލްފް ރެގިޔުލޭޓެޑް ލާރނިންގ ބެހޭގޮތުން އުނގެނުމުގެ ކާބިޔާބާއި ގުޅުވައިގެން ލިޔުއްވި ޢިލުމުވެރިންގެ ތެރޭގައި ހިމެނެނީ ބެރީ ޒިމަރމަން އެވެ. ނަމަވެސް މިކޮންސެޕްޓް އަސްލު މަފްހޫމުގެ މާނަ ގުޅިގެންދަނީ ކެނެޑާގެ މަޝްހޫރު ޢިލުމުވެރިއެއް ކަމަށްވާ އަލްބަޓް ބަންދޫރާގެ މައިގަނޑް ސޯޝަލް ލާރނިންގ ތިއަރީ ނުވަތަ އިޖުތިމާޢީގުޅުން ތެރެއިން އުނގެނުން މިތިއަރީއާއެވެ.  1986 ގެ އަހަރުތަކުގައި އަލްބަޓް ބަންދޫރާ ތަޢާރަފުކުރެއްވި ތިއަރީއަކީ ދަރިވަރުންގެ އިޖުތިމާޢީ ވިސްނުން އަދި އިޖުތިމާޢީ އުނގެނުން މި ދެ ބައި ގުޅުވައިގެން ކިޔަވައިދިނުން ފަރުމާ ކުރުމަށް އިރުޝާދު ދީފައިވާ ތިއަރީއެކެވެ. އަލްބަޓް ބަންދޫރާ (1991) ގައި ހާމަކުރައްވާފައިވާގޮތުގައި ސެލްފް ރެގިޔުލޭޝަން/އަމިއްލައަށް ރޭވުން މާނަ ކުރެވެނީ ދަރިވަރުންގެ އުނގެނުމުގެ ކަންތައްތައް އަމިއްލައަށް ރާވާ ހިންގާ އުނގެނުމުގެ ހުރިހާ ކަމެއް މެނޭޖުކުރުމުގައި ކޮންޓްރޯލާއެކު ކުރާ ކަމެއްގޮތުގައެވެ. މިކަމުގައި ޚާއްޞަކޮށް ދަރިވަރު ބޭނުންވާ ވަކި ކަމެއް، އަމިއްލަ ޝައުގުވެރިކަން، ކޮންޓްރޯލް، އަދި ޢަޒުމު ވަރަށް ބޮޑު ދައުރެއް އަދާ ކުރެއެވެ (ބައުމީސްތަރ، ރޯއި، ވޯސް، ކެޓްލީން، ޓައިސް، ޑަޔާން، 2007). މިބަޔާން ކުރެވުނު ހަތަރު ކަންތައް ހިމެނޭ ގޮތަށް އަމިއްލައަށް ރާވާ މޮނިޓަރ ކުރެވޭ އުނގެނުމަކީ ދަރިވަރުންގެ ކާމިޔާބާއި ހަމައަށް ވާސިލުވުމަށް ވަރަށް ބޮޑު ބާރެއް ފޯރުކޮށްދޭ ކަންތައްތަކެކެވެ. މާނައަކީ ދަރިވަރު ބޭނުންވާ ވަކި ކާމިޔާބީތަކެއް ހާސިލުކުރުމަށް އަދި ކުރި ހޯދުމަށް މަސައްކަތްކުރާނީ އެކުއްޖަކު އެކަމެއް ވަރަށް ބޮޑަށް ބޭނުންވެގެން އަމިއްލައަށް ކުރާ ކަމެއްގެ ގޮތުގައެވެ.

ބެރީ ޒިމަރމަން (2002) ހާމަކުރައްވާގޮތުގައި ސެލްފް ރެގިޔުލޭޓެޑް ލާރނިންގ/އަމިއްލައަށް ރާވާ އުނގެނުމަކީ ވަށައިޖެހޭގޮތެއްގައި ހިނގާ ކަމެކެވެ. އެގޮތުން  (1) ދަރިވަރުން ބޭނުންވާ ވަކި ކަމެއް ޙާޞިލުކުރުމަށް ޕްލޭން ކުރުން (2) ޕްލޭން ކުރިކަންތައްތައް ދާގޮތް އަދި ހާސިލުވަމުންދާ މިންވަރު ރަގަޅަށް ބަލާ މޮނިޓަރކުރުން، އަދި (3) ނަތީޖާ ހާޞިލުވަމުންދާ މިންވަރާ މެދު ރިވެލިކޮށް/ރިފްލެކްޓް ކުރުން މިއެވެ. މި ތިންކަމަކީ ވަށައިޖެހޭ ގޮތެއްގައި އަބަދު ވެސް އެއްބައި އަނެއްބަޔަށް އެޑްޖަސްޓް ކުރެވި/ބަދަލުގެނެވި ކާމިޔާބާއި ހަމައަށް ދިއުމަށް ދަރިވަރުން އަމިއްލައަށް ކުރާ މަސައްކަތެކެވެ. މިކަން ވަށައިޖެހޭގޮތަށް ކުރެވޭ ގޮތް ބެރީ ޒިމަރމަން (2002) ތަޢާރަފުކުރައްވާފައިވާ ގޮތުގެ ކުރު ޚުލާޞާއެއް ހޫލަ 1ގައި ދައްކާލެވިފައި އެވަނީ އެވެ.

ކިޔަވައިދޭއިރު ސެލްފް ރެގިޔުލޭޓެޑް ލާރނިންގ/އަމިއްލައަށް ރާވާ އުނގެނުމަށް ހިތްވަރުދޭނީ ކިހިނެއް؟

ދަރިވަރުންނަށް ކިޔަވައިދެވޭ ގޮތުން އެކުދިންނަކީ ވަކި ކަހަލަ ކަންތައްތަކަށް އާދަކުރުވޭ އަދި ހޭނުވޭ ކުދިބަޔަކަށް މުދައްރިސުންނަށް ހެދިދާނެއެވެ. މިގޮތުން ސަމާލުކަންދޭން ޖެހޭ އެންމެ މުހިންމު ކަމަކީ ދަރިވަރުން އަމިއްލައަށް އުނގެނެވިދާނެ ގޮތްތަކަކަށް ހޭނުވުމެވެ. ހުރިހާ އެއްޗެއް މުދައްރިސު ނުވަތަ އެހެން މީހަކު ކިޔައިދިނީމާ ނޫނީ ނޭނގޭނެކަން ވިސްނުމުގެ ބަދަލުގައި އަމިއްލައަށްވެސް ކުރެވިދާނެ ކަންތައްތަކެއް ހުންނަކަން އަދި އިތުރަށް އެއްޗެއް އޮޅުން ފިލުވަން ބޭނުންނަމަ ނުވަތަ ދަސްކުރަން ޖެހޭނަމަ އެކަން ކުރާނެ ގޮތްވެސް ދަރިވަރުންނަށް މަގުދައްކައިދީ ހޭނުވުމެވެ. ސެލްފް ރެގިޔުލޭޓެޑް ލާރނންގ އަކީ ކޮންމެ މަރުހަލާއެއްގައި ކިޔަވައިދޭއިރު ވެސް ބާރު އެޅިދާނެ އަދި ދަރިވަރުންގެ އުނގެނުން އަމިއްލައަށް މެނޭޖުކުރުމަށް ދަސްކޮށްދެވިދާނެ ގޮތެކެވެ. ދެވިފައިވާ ވީޑިއޯ އަކީ ފަށާ ތަޢުލީމުގެ ދަރިވަރުންގެ ކުލާސްރޫމެއްގައި ސެލްފް ރެގިޔުލޭޓެޑް ލާރނިން ހިމަނައިގެން ކިޔަވައިދިނުން ގެންދާ މިސާލެކެވެ. ބައްލަވާ ލެއްވުމަށް ވިޑިއޯ އަށް ފިއްތަވާލައްވާށެވެ. މީގެއިތުރުން ސެލްފް ރެގިޔުލޭޓޭޑް ލާރނިންގ ހިމަނައިގެން ކިޔަވައިދޭއިރު މުދައްރިސުންނަށް ކުރެވިދާނެ ދެތިން ކަމެއް ތިރީގައި ބަޔާންކޮށްލާނަމެވެ.

  1. މަސައްކަތެއް ނިމޭއިރު އޮންނަންވާ ގޮތުގެ މޮޑެލް ދެއްކުން: ކަމެއް ނިންމުމަށް ހަވާލުކުރާނަމަ، އެއެއްޗެއް ނިމޭއިރު އޮންނަން ޖެހޭގޮތުގެ ތަފާތު މިސާލުތައް ދައްކާ އެގޮތަށް އެއްޗެއް ތައްޔާރުކުރުމަށްޓަކައި އިތުރު މަޢުލޫމާތާއި ބޭނުންޖެހޭ ތަފުސީލުތައް ހޯދާނެ ގޮތް ކިޔައިދިނުމެވެ.
  2. ދަރިވަރުންނަށް ބޭނުންވާ އެހީތެރިކަން ދާއިމީގޮތެއްގައި ލިބޭނެގޮތް ހަމަޖެހިފައި އޮތުން: މިއީ އެއްވެސް ހާލެއްގައި މަޢުލޫމާތުތަކެއް ދިނުމުގެ ބަދަލުގައި އެމަޢުލޫމާތު ހޯދާނެގޮތާއި، ވިސްނުން ބަހައްޓަންވާނެގޮތް، އަދި އިތުރަށް ކަމެއްރަގަޅު ކުރަންބޭނުންނަމަ ކަންކުރެވިދާނެގޮތް ކިޔައިދީ އެހީތެރިކަން ލިބިދާނެ ގޮތް ސާފުކޮށް ދެވިފައި އޮތުމެވެ.
  3. އުނގެނުމުގެ ދަރިވަރުންނަށް ހުރިހާ އެއްޗެއް ކިޔައިދިނުމަށްވުރެ ދަރިވަރުން ބާރުވެރިކުރުވުން: މިގޮތަށް ދަރިވަރުން ބާރުވެރިކުރުވުމުގައި އެކުދިންގެ އުނގެނުމުގެ ކަންކަން މެނޭޖުކޮށް މޮނިޓަރކޮށް ބަލަހައްޓާނެގޮތްތަކެއް މަޝްވަރާކޮށް ކުރަން ފުރުސަތުދިނުމެވެ.
  4. ތަފާތު ހުނަރުތައް ކުރިއަރުވަން މަސައްކަތް ކުރުމަށް ބާރު އެޅުން: އުނގެނުމަކީ ވަކި ކަހަލަ ކަމެއް ދަސްކުރުމަށްވުރެ، ގިނަ ހުނަރުތަކެއް ތަރައްގީކޮށް ކާމިޔާބީ ހާސިލުކުރަން ފަސޭހަވާނެގޮތެއްކަން ގަބޫލުކޮށްދިނުމެވެ.
  5. އުނގެނުމަށް ޝައުގުވެރިވުން އަދި ކާމިޔާބީގެ ހިތްހަމަޖެހުން ހޯދަން އެހީތެރިވެދިނުން: މިކަމުގައި އެންމެ މުހިންމު ކަމަކީ ނަތީޖާ އާ ހަމައަށް ދިއުމަށް ބާރު އަޅާ ދަރިވަރުންގެ އުނގެނުމުގެ ކަންކަން އަމިއްލަ ބަލާ އިތުރު ކުރިއެރުން ހޯދުމަށް އެހީތެރިވެދިނުމެވެ.
  6. ބޭނުންޖެހޭ ހާލަތުގައި އެހީތެރިކަން ހޯދާނެ ގޮތް ކިޔައިދިނުން: މިފަދަ ކަންކަމަކީ މުދައްރިސުން ދަރިވަރުން ކުރާކަންތައްތައް ކުރިއަރަމުން ދާ މިންވަރު ބަލައި އެހީތެރިކަން ބޭނުންޖެހޭ ވަގުތު ކަންކުރެވިދާނެ ގޮތްތައް މަޝްވަރާކުރެވި ދަރިވަރުންނާއެކު ނިންމިފައި ހުރުމެވެ.

ދަރިވަރުންނަށް ފީޑްބެކްދޭއިރު ސެލްފް ރެގިޔުލޭޓެޑް ލާރނންގ އަށް އެހީތެރިވެދޭނެ ގޮތް

ދަރިވަރުން ކުރާ މަސައްކަތަކަށް ފީޑްބެކްދޭއިރު ކުރެވުނު މަސައްކަތް އަމިއްލައަށް ރަގަޅުކުރުމުގައި ކަން ކުރެވިދާނެގޮތް ދަރިވަރުންނަށް ބުނެދިނުމަކީ މުދައްރިސުންނަށް ކުރެވިދާނެ ކަމެކެވެ. މިސާލަކަށް ލިޔެވިފައިވާ އެއްޗަކަށް ފީޑްބެކްދޭއިރު ޢިބާރާތްތައް، ޕެރެގްރާފްތައް ސްޓްރަކްޗަރ ކުރާނެގޮތް، ލިޔުމުގެދޭހަ އިތުރުކުރުމުގައި ކުރެވިދާނެ ކަންތައްތައް ފަދަ ކަންކަމަށް ކޮމެންޓްދިނުމުން އޭގެ އަލީގައި ދެން ކުރެވޭ އިސްލާހުތައް ކުރެވިފައިވަނީ ރަގަޅަށްތޯ އަމިއްލަ ބަލާނެ ގޮތްތައް ކިޔައިދެވިފައި އޮތުމެވެ. ނިކޯލް އަދި މެކްފާރލޭން (2006) ހާމަކުރައްވާގޮތުގައި ފީޑްބެކްދިނުމުގައި އެންމެ ރަގަޅުގޮތަކީ ދަރިވަރުން ކުރާ މަސައްކަތްތަކަށް އަމިއްލައަށް ވެސް ފިޑްބެކް ދޭނެ ގޮތްތަކެއް އެނގުމެވެ. މި ދިރާސާވެރިން ފާހަގަ ކުރައްވާގޮތުގައި ފުރަތަމަ މުދައްރިސު ފީޑްބެކް ދިން ނަމަވެސް އެމަސައްކަތް ދެވަނަ ފަހަރަށް ރަގަޅުކުރާއިރު އެކުރެވެނީ ރަގަޅަށްތޯ ބަލާނެ މިންގަނޑުތަކެއް އެކަން ކުރެވެނީ ރަގަޅަށްތޯ ޗެކްކުރާނެ ގޮތްތަކެއް ދަރިވަރުން އަމިއްލައަށް އެނގުން މުހިންމެވެ. މިސާލަކަށް ކުރިން ދެންނެވި ޕެރެގްރާފް އިސްލާހު ކުރާއިރު ރަނގަޅަށް ލިޔެވިފައިވާ ވޭތޯ ބަލާނެ ޗެކްލިސްޓެއް އަމިއްލައަށް ހަދައި އެ މުދައްރިސާއެކު މަޝްވަރާކުރެވި އެއީ މިންގަޑަކަށް ބަލައިގެން ޕެރެގްރާފު އިސްލާހުކޮށް ލިޔެވިފައިވަނީ ރަގަޅަށްތޯ ދަރިވަރުން އަމިއްލައަށް ވެސް ބެލޭނެއެވެ. ފީޑްބެކްދިނުމާ ގުޅޭ ގޮތުން މި ކޮލަމުގެ އެހެން ލިޔުމެއްގައިވެސް ވާނީ ތަފުސީލުކޮށް ލިޔެވިފައެވެ. މިފަދަ ގޮތަކަށް މުދައްރިސުން ފީޑްބެކްދޭން ކުރަންޖެހޭ ކަންތައްތަކުގެ ތެރޭގައި ސަމާލުކަންދެވިދާނެ ދެތިންކަމެއް ތިރީގައި ހިމަނާލާނަމެވެ.

  • ކަމެއް ކުރަންޖެހޭ ގޮތުގެ ނަމޫނާ، ސްޓޭނޑަޑް (މިންގަޑު) އަދި ހިމަނަންޖެހޭ މުހިންމު ބައިތައް ކިޔައިދިނުން
  • އަމިއްލައަށް ކުރެވިފައިވާ މަސައްކަތް ރަގަޅުތޯ ނުރަނގަޅުތޯ ބަލާނެގޮތްތައް ބުނެދިނުން
  • ދަރިވަރުންގެ މަސައްކަތުގެ ފެންވަރު ސާފުކޮށްދިނުން
  • ފީޑްބެކްދޭއިރު ދަރިވަރާ މުދައްރިސުގެ ވާހަކަދެއްކުމުގެ ތެރެއިން އިތުރަށް ބޭނުންވާ ބައިތައް ސާފުކުރުމުގެ ފުރުސަތު އޮތުން
  • އަމިއްލަށް ކަންކަން ރަގަޅުކުރުމުގެ ރޫހު އުފައްދާ، ރަގަޅުކުރަން ޖެހޭ ކަންތައްތަކެއް ހުރިނަމަ ވެސް އޭގެ މަނައަކީ ދަރިވަރުގެ ހުރި އުނިކަމެއް ނޫންކަން އެއާ ޚިލާފަށް އިސްލާހާއެކު އިހަށް ވުރެ ބޮޑަށް އުނގެނުން އިތުރުވެ ހެޔޮބަދަލުތައް ފެންނާނެކަން ގަބޫލުކޮށްދިނުން

މިކަންކަމުގެ އިތުރުން ސެލްފް ރެގިޔުލޭޓެޑް ލާރނިންގ ހިމަނައިގެން ކިޔަވައިދޭއިރު އެހީތެރިވެދޭނެ ބައެއް ހަރަކާތްތައް ހުށަހަޅާލާނަމެވެ.

ސެލްފް ރެގިޔުލޭޓެޑް ލާރނިންގއަށް ދަރިވަރުން އާދަކުރުވުމުގެ ގޮތުން ކުލާހުގައި ރޭވިދާނެ ބައެއް ހަރަކާތްތައް

ހަރަކާތް

ތަފުސީލު

ސަމާލުކަންދޭނެ ކަންތައް

ތިންކް ޕެއަރ ޝެއަރ

ކިޔަވައިދެމުން ދާއިރު ކިޔަވައިދޭ ބައިތަކަކާ ގުޅޭ ސުވާލެއް ނުވަތަ މަސައްކަތެއް ހަވާލުކުރާއިރު ފުރަތަމަ ދަރިވަރުން އެކަނި ވިސްނުން (ތިންކް)، ދެން އެކުގައި ވާހަކަ ދެއްކުން (ޕެއަރ) އެއަށްފަހު ގުރޫޕުގައި ހިއްސާކުރުން (ޝެއަރ)، މިތިން ބާވަތް  ހިމެނިގެން ކޮށް ނިންމަން  ހަވާލުކުރެވޭ މަސައްކަތަކީ ދަރިވަރުންގެ ސެލްފް ރެގިޔުލޭޓްޑް ލާރނިން އަށް އެހީތެރިވެދޭ ގޮތެކެވެ.

ކޮންމެ ހަރުފަތަކަށް ވަގުތު ހަމަޖައްސާ ކަންކުރަންވީ ގޮތުގެ އިރުޝާދާއި ބޭނުންވާނެ މެޓީރިއަލްތައް/ރީޑިން ފޯރުކޮށްދިނުން. ދަރިވަރުން އެއްހަރުފަތުން އަނެއް ހަރުފަތަށް ދާން ޖެހޭ ސިގްނަލް/ފާހަގަ/ނިޝާން ތައް ބޭނުން ކުރުންވެސް މުހިންމެވެ.

ރިޓްރީވަލް ޕްރެކްޓިސް

މި ހަރަކާތަކީ ދަރިވަރުން ކިޔާ މަޢުލޫމާތެއް ހަދާން ހުރީ ކިހާ މިންވަރަކަށްތޯ އަމިއްލަ އަށް ޗެކް ކުރާނެ ގޮތް ދެނެގަތުމަށް އާދަކުރުވާނެ ވަރަށް ރަގަޅު ގޮތެކެވެ. އެހެންވީމާ، ރީޑިން ހަވާލު ކުރުމަށް ފަހު އެކިޔާފައި އޭގަ ވާ ބައިތައް އަމިއްލަށް ހަދާންކޮށް ކޮންސެޕްޓްމެޕެއް ނުވަތަ އެހެންމީހަކާއެކު އެމަޢުލޫމާތު ހިއްސާކޮށް ހެދުމަށް ފުރުސަތުދިނުން ރަގަޅެވެ.  

މިފަދަ މަސައްކަތް ހަވާލު ކުރާނަމަ ކިޔާ ވަގުތު ހަމަޖެއްސުމަށްފަހު ވާހަކަ ދައްކާވަގުތު ވެސް ކަނޑައެޅި އަދި ވާހަކަ ދައްކާނީ ކާކާ އެކުކަން ވެސް އޮންނަން ޖެހޭނީ އިރުޝާދު ދެވިފައެވެ.

ސޯޓިން، ޗަންކިން، އޮގަނައިޒިން

މިބާވަތު ހަރަކާތް ދޭއިރު ކިޔަން ހަވާލުކުރެވޭ މަޢުލޫމާތު ކަރުދާހެއްގައވާ މުހިންމު މަޢުލޫމާތު ތައް ބައިތަކަކަށް އަޅާ(ސޯޓިން)، އެއްކޮށް (ޗަންކިން)، އަދި ވަކި ގޮތަކަށް އެކުލަވާލުން (އޮގަނައިޒިން) ފަދަ ކަންތައް ކުރާނެ ގޮތް ކިޔައިދިނުން. މިގޮތުން ސާމްޕަލް ޓެމްޕްލޭޓެއް/ނަމޫނާ ނުވަތަ ކޮންސެޕްޓްމެޕް، އަދި ގްރެފިކް އޮގަނައިޒަރ، އިންފޯރގްރެފިކް ފަދަ ތަފާތު ބާވަތްތަކުގެ އެއްޗެހި ބޭނުންކުރާނެ ގޮތް ކިޔައިދިނުން. މިފަދަ ހަރަކާތްތަކަކީ ކިޔަން ހަވާލު ކުރެވޭ ގިނަ ލިޔުންތައް ދަރިވަރުންނަށް އަމިއްލައަށް އެނގެމުން އަދި އެނގިފައިވާ މިންވަރު އަމިއްލައަށް ބަލާލަން ފަސޭހަ ކަމާއެކު ތަމުރީނު ކޮށް ހޭނުވޭ ގޮތެކެވެ. މާނައަކީ އިމިތިހާނަކަށް ދަސްކުރާއިރު ވެސް ފޮތުގައިވާ ބާބެއްގެ ހިމެނޭ ހުރިހާ މުހިންމު މަޢުލޫމާތެއް އެފަދަ ގޮތަކަށް އެކުލަވާލާ އަތުރާލަން އެނގިއްޖެނަމަ އެކިޔުނު ބައިތައް ސިކުނޑިއަށް ނެގިފައިވާ މިންވަރު އިތުރުވާނެއެވެ. މިއީ ދަރިވަރުން އަމިއްލައަށް ކިޔެވުމަށް ވަރަށް ބޭނުންތެރި ގޮތެކެވެ.

ދެވިފައިވާ ތަފާތު ވައްތަރުގެ ވަސީލަތްތައް ބޭނުންކުރުމަށް ދަރިވަރުން އާދަކުރުވުމާއެކު، އެކުދިންގެ އަމިއްލް އުފެއްދުންތެރިކަމާއި ބޭނުން ކުރެވިދާނެ ތަފާތު ޑިޖިޓަލް ޓެކްނޮލޮޖީގެ ވަސީލަތްތަކާ އަދި އެހެނިހެން ގޮތްގޮތްވެސް ބޭނުން ކުރުމަށް ފުރުސަތު ދިނުން.

ރީޑިން ރިފްލެކްޝަން

މިބާވަތުގެ ހަރަކާތަކީ ކުލާހުގައި ދަސްކުރަން ނުވަތަ ކިޔަން ހަވާލުކުރެވޭ ބައިތަކެއްގައި ހިމެނޭ މުހިންމު ބައިތައް ވަކި ވަކި ކޮށްލާން ދަސްކޮށްދޭން ކުރެވޭ ކަމެކެވެ. މިސާލަކަށް ކިޔުމުގައި ހިމެނޭ މުހިންމު ޕޮއިންޓްތަކަކީ ކޮބާ؟ އެންމެ ބޮޑަށް ހައިރާންކަން އުފެނުނު ނުވަތަ ކުރިން ނޭނގޭ ހީނުކުރެވޭ މަޢުލޫމާތެއް ވާނަމަ އެއީ ކޮންބައެއް، އަދި ދޭހަ ނުވާ ބައެއް ވާނަމަ އެއީ ކޮންބައެއް؟ މިފަދަ ބައިތައް ހޯދަން ހަވާލު ކުރުމުންވެސް ރަގަޅެވެ.

ބޭނުންވާ ރީޑިން/މެޓިރިއަލް ފޯރުކޮށްދިނުން ކިޔަން ޖެހޭ ބައިން ޕޮއިންޓްތައް ހޯދުމުގައި ގެންގުޅެވިދާނެ ތަފަތު އުކުޅުތައް ކިޔައިދިނުން. ޚާއްޞަކޮށް މަޢުލޫމާތު ކިޔުމުގެ ބޭނުން ކުރެވިދާނެ ބައެއް އުކުޅުތައް ހިއްސާކޮށްލުން

 

މިއަދު މި ހުށަހަޅާލެވުނީ ކިޔަވައިދޭއިރު ދަރިވަރުންގެ އުނގެނުމުގެ ކާމިޔާބީ ދެގުނަ އިތުރު ކުރެވިދާނެ ކަމަކާ ބެހޭގޮތުންނެވެ. ދަރިވަރުންނަކީ އުނގެނުމުގެ ކަންކަންކަމުގެ ޒިންމާނަގައިގެން ކިޔެވުމުގެ ކަންތައްތައް ކުރިޔަށް ގެންދާ ބަޔަކަށް ހެދުމަށްޓަކައި ސެލްފް ރެގިޔުލޭޓެޑް ލާރނިންގެ ގޮތްތަކަށް ދަރިވަރުން އަހުލުވެރި ކުރުވުމަކީ މުހިންމު ކަމެކެވެ. މީގެ އިތުރުން މުދައްރިސުން ކިޔަވައިދޭއިރުވެސް ދަރިވަރުންގެ ކިބައިގައި މިފަދަ އުސޫލުތައް ހަރުލެއްވުމަށް ބާރު އަޅާ ތަމުރީނު ކުރުމަކީ ބޭނުންތެރި ކަމެކެވެ.

އަޅުގަޑުގެ އުއްމީދަކީ މިއަދު ވެސް މި ހިނަމާލެވުނީ ވާހަކަ ކޮޅުން މުދައްރިސުންނާއި ބެލެނިވެރިންނަށް ވެސް ފައިދާ ވުމެވެ. މިގޮތަށް ހުށަހެޅޭ ޚިޔާލުތަކަކީ ކިޔަވައިދިނުމުގެ ދާއިރާގެ ކަންކަން އިތުރަށް ތަރައްގީކޮށް އަދި ދަރިވަރުންގެ އުނގެނުމުގެ ކާމިޔާބީތައް އިތުރުކުރުވޭނެ ގޮތެކެވެ. މިހުށަހެޅުނު ޚިޔާލުތަކުގެ ތެރެއިން ކިޔަވައިދޭއިރު މުދައްރިސުންނަށް ބޭނުންކުރެވިދާނެ ތަފާތު ހަރަކާތްތައް ތަޖުރިބާކޮށްލާ އަޖުމަބަލާ ބަޔަކަށް މުދައްރިސުން ވުމަކީ އަޅުގަޑުގެ އުއްމީދެވެ.   

Leave a Comment