ޝާއިއު ކުރީ: ޖެނުއަރީ 4, 2024 ލިޔުނީ: ޑރ. ޝާފިޔާ ކޮމެންޓްތައް: 0

މިޒަމާނުގެ މަތީ ތަޢުލީމުދޭ މުއައްސަސާތަކަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުންތަކުގެ ތެރެއިން އެއް ކަމަކީ މަސައްކަތު މާހައުލަށް ބޭނުންވާ ހުނަރުތައް ލިބިފައިވާ ޤާބިލު ދަސްވެނިން  އުފެއްދުމާއި މަސައްކަތު ހުނަރު އެ މީހުންނަށް ލިބިފައިވާކަން ކަށަވަރު ކުރުމެވެ. މި މައުޟޫޢުގައި މައިގަނޑު ގޮތެއްގައި ބަލާލެވޭނީ މަތީ ތަޢުލީމުދޭ މުއައްސަސާތަކުގެ ކިޔަވާދިނުމުގައި، މަސައްކަތު މާހައުލުގެ ހުނަރު ލިބިދިނުމަށް ކުރެވިދާނެ ކަންކަމާ ބެހޭގޮތުންނެވެ.

ގްރެޖުއޭޓް ކޮމްޕީޓެންސީ/ ދަސްވެނި ހުނަރަކީ ކޮބައި ހެއްޔެވެ؟

އެންމެ ފުރަތަމަ ވެސް ބަލާލަން ބޭނުންވަނީ ދަސްވެނި ހުނަރު މިއީ ކިހިނެއް މާނަ ކުރެވޭ މަފުހޫމެއްތޯ ނުވަތަ ބޭނުންކުރަނީ ކޮން ގޮތަކަށްތޯއެވެ. ކޮމްޕީޓެންސީ ނުވަތަ ހުނަރު މި ލަފުޒަކީ އިނގިރޭސި ބަހުން މާނަ ކުރާނަމަ ކަމަކަށް ލިބިފައިވާ ގާބިލިއްޔަތޭ ވެސް ދެންނެވިދާނެއެވެ. އިނގިރޭސިބަހުން ކޮމްޕީޓެންސް ތަފާތު އެކިއެކި މާނައިގައި ލިޔެވުނު ނަމަވެސް މައިގަނޑު ގޮތެއްގައި ގުޅުވާލެވެނީ މަސައްކަތެއްގެ ހުނަރާއެވެ. ދިރާސާވެރިން މި ލަފުޒު  މާނަކުރާ ގޮތުގައި އެއީ ވަޒީފާއަކަށް ނުވަތަ ކުރަންޖެހޭ ވަކި މަސައްކަތަކަށް ބޭނުންވާ ހުނަރުތައް ލިބިފައިވުމަށް ބޭނުން ކުރެވޭ މަފުހޫމެކެވެ (ބޯމް އެންޑް ސްޕަރޯވް، 1992). މީގެ އިތުރުން، ޝަރުމާ، (2004) ލިޔުއްވާފައިވާ ގޮތުގައި އެއީ ޕްރޮފެޝަނަލް ކޮމްޕީޓެންސީއެވެ. ނުވަތަ މަސައްކަތުގެ ހުނަރެވެ. މީގައި ޝަރުމާ ހިމަނުއްވާފައިވާ  މުހިންމު ބައިތަކަކީ، ވަޒީފާއެއްގައި ކުރަން ޖެހޭ މަސައްކަތަކަށް ބޭނުންވާ މަޢުލޫމާތު، އެޓިޓިޔުޑްސް (މީހާ އުޅުމުގެ އަޚްލާޤު ނުވަތަ ރަވައްޔާތު)، މީހާގެ ގޮތްތައް، އަދި ހުނަރުތަކެވެ. މިގޮތަށް ކޮމްޕީޓެންސީ މާނަ ކުރެވުނު ނަމަވެސް، ބައްޓާ (2001) ދެކެވަޑައިގަންނަވާ ގޮތުގައި، ތަފާތު މުއައްސަސާތަކުގައާއި އަދި ކުރަން ޖެހޭ މަސައްކަތުގެ ބާވަތުން މިމަފުހޫމުގައި މާނަކުރާ މަސައްކަތު ހުނަރު ވެސް ތަފާތު ވެދާނެއެވެ. ދަސްވެނިވާ ކޮންމެ ކުއްޖެއްގެ ކިބައިގައި ވެސް ހުންނަން ޖެހޭ މުހިންމު ހުނަރުތަކަކަށް އިސްވެދިޔަ ހުރިހާ ޢިލުމުވެރިން ވެސް އިޝާރާތް ކުރައްވާފައިވެއެވެ. ޚާއްޞަކޮށް ދަސްވެނި ހުނަރުގެ މާނަ މިގޮތުން ބޭނުން ކުރެވެނީ މުސްތަޤުބަލުގައި ވެސް އެ މަސައްކަތެއްގެ ދާއިރާއަށް ބޭނުންވާނެ ކަންތައްތައް އެނގުމާއެކު ކުރިއަރައިގެން ދާނެ އަދި އިތުރު ހުނަރުތައް އޭގެ ތެރެއިން އާލާކުރެވޭނެ ފަދަ ޤާބިލިއްޔަތުތަކެއް މީހަކަށް ލިބިފައި ވުމަށެވެ. މި ވާހަކަކޮޅަށް އިތުރަށް ބާރުލިބިދޭ ބީދައިން ހޮޑޖްސް އެންޑް ބާރޝެލް (2003)  ވިދާޅުވެފައިވަނީ، ވަޒީފާއަކަށް ވަންނަ މީހެއްގެ ކިބައިގައި ހުންނަން ޖެހޭ މުހިންމު ސިފަތަކާއި، ޤާބިލިއްޔަތުތަކާއި، މަސައްކަތުގެ ހުނަރުތަކާއި، ވަޒީފާގެ މާހައުލަށް ބޭނުންވާ އުޅުން ގުޅުމުގެ ގޮތްތަކާ އަދި ގިނަ ކަންތައްތަކެއް އެއްކޮށް ގުޅި ލާމެހިގެންދާ ކަމެވެ. އިސްވެ ބަޔާން ކުރެވުނު ޢިލުމުވެރިންގެ ވާހަކަކޮޅަށް ބަލާލާ ނަމަ، ކޮމްޕީޓެންސީ މާނަކުރެވެނީ ވަޒީފާއަށް ވަންނަ ފަރާތެއްގެ ކިބައިގައި ހުރުން ލާޒިމު ކުރާ ނުވަތަ އެދެވިގެންވާ ވަރަށް ގިނަ ސިފަތަކަށެވެ.

މިލިޔުމުގައި ދަސްވެނި ހުނަރު މިމާނަ ކުރަނީ މަތިތަޢުލީމުދޭ މުއައްސަސާއަކުން ނުވަތަ ޔުނިވަރސީޓީ އަކުން ކިޔަވާ ނިންމާފައި ނުކުންނަ އިރު ދަސްވެނިވާ ދަރިވަރު މަސައްކަތުގެ މާހައުލަށް ތައްޔާރުވެފައިވޭތޯ އާ ގުޅުވައިގެންނެވެ. ހަމައެހެންމެ، ވަޒީފާއަކަށް ފުރިހަމައަށް ހުނަރުވެރި ކުރުވިފައިވޭތޯ، އަދި އެފަދަ މާހައުލަކަށް ޤާބިލު ވެފައިވަނީ ކިހާ މިންވަރަކަށްތޯ ނުވަތަ ޔުނިވަރސީޓީތަކުގައި ހިންގާ ޕްރޮގްރާމުތައް މިކަމަށް ރިޢާޔަތް ކޮށްފައިވަނީ ކިހިނެއްތޯ ބަލާލުމަށެވެ. މީގެ އިތުރުން މަތީ ތަޢުލީމުގެ ހަރުފަތްތަކުގައި ކިޔަވާދެމުންދާއިރު މިކަމަށް ސަމާލުވަނީ ކިހާ މިންވަރަކަށްތޯ އާ ބެހޭ ގޮތުން އުފައްދާ ސުވާލުތަކަށް ވެސް މިލިޔުމުގައި ބަލާލެވޭނެއެވެ.

ދަސްވެނި ހުނަރު މުހިއްމުވަނީ ކީއްވެ ހެއްޔެވެ؟

ބަދަލުވަމުންދާ މި ޒަމާނުގައި މަސައްކަތުގެ މާހައުލަށް ނެރޭ ދަސްވެނިންގެ ކިބައިގައި ހުންނަން ޖެހޭ ހުނަރުތަކަށް ސަމާލުވުމަކީ މިހާރުގެ ދިރާސާވެރިން ވަރަށް ބޮޑަށް އިޝާރާތްކުރައްވާފައިވާ ކަމެއްކަން އިސްވެދިޔަ ބުނުންތަކުން  ވެސް ފާހަގަ ވެއްޖެއެވެ. ހަމައެކަނި ކަރުދާސްކޮޅެއްގައި ލިބޭ ސަރޓިފިކެޓަކުން މީހާ އަދާކުރަން ޖެހޭ ވަޒީފާއަށް ތައްޔާރު ނުކުރެވެއެވެ. ވަޒީފާގެ މާހައުލަށް އަހުލުވެރިވުމާއި، ކުރަންޖެހޭ މަސައްކަތަށް ހުނަރުވެރިވުމާއި، އަދާކުރަން ޖެހޭ ރޯލުތަކަށް ހޭލެވިފައިވުމާއި، ޒިންމާތަކަށް ލޯހުޅުވިފައިވުމާއި، މަސައްކަތުގެ މާހައުލުގައި ކުރި އަރާދިއުމުގެ ޤާބިލުކަން ލިބިފައިވުމަކީ ސަނަދެއް އޮތަސް ވާނެކަމެއް ނޫނެވެ. އަޅުގަޑުމެންގެ މިކުޑަކުޑަ ދިވެހިރާއްޖޭގައި މަތީ ތަޢުލީމު ފޯރުކޮށްދޭ މުއައްސަސާތަކުން މިކަމަށް ސަމާލުވަނީ ކިހާ މިންވަރަކަށްތޯ ސުވާލު އުފެދޭ މިންވަރަށް ވަޒީފާ ދޭފަރާތްތަކުން ދަސްވެނިންގެ ޤާބިލިއްޔާތާ މެދު ފާޑު ކިޔައެވެ. ކޮންމެ ވަޒީފާއަކަށް ހާހުން ފޯމުތައް ހުށަހަޅާއިރު އޭގެތެރެއިން އިންޓަވިއުކޮށްގެން ފުރާނަލައިގެން ވެސް ކަމަށް ގާބިލު ދެތިން ފަރާތް ވެސް ނުލިބޭ ކަމަށް ވަޒީފާދޭ ފަރާތްތަކުން ތަކުރާރުކޮށް ބުނަމުންދެއެވެ.

މިހާ ހިސާބުން އުފެދޭ ސުވާލަކީ، މަތީ ތަޢުލީމުދޭ މުއައްސަސާތަކުން ކިޔަވައިދީގެން މިނެރެނީ އިންޑަސްޓްރީ ނުވަތަ މަސައްކަތުގެ ދާއިރާއަށް ބޭނުންވާ ހުނަރުތައް ލިބިދީފައިވާ ބައެއްތޯ ކަށަވަރު ކުރާނީ ކިހިނެއްތޯ ކުރެވޭ ސުވާލެވެ. މިސުވާލުގެ ޖަވާބު ގޮސް ހުއްޓެނީ އަދި މާބޮޑަށް ވެސް ޖަވާބު ހޯދަން އުދަނގޫ ސުވާލުތަކަކަށެވެ. ޔުނިވަރސިޓީގެ ޕްރޮގްރާމުތައް ފަރުމާ ކުރާ ފަރާތްތަކާއި އިންޑަސްޓްރީ (ޞިނާޢަތް) އާ ގުޅުން އޮންނަނީ ކިހާ މިންވަރަކަށް ހެއްޔެވެ؟ ނުވަތަ އިންޑަސްޓްރީ އަށް ބޭނުންވަނީ ކޮން ހުނަރުތަކެއްކަން މަތީ ތަޢުލީމު ފޯރުކޮށްދޭ މުއައްސަސާތަކަށް އެނގޭ ބާވައެވެ؟ ނޫނީ އެހުނަރުތައް ދެނެގަތުމަށް މަސައްކަތް ކުރެވޭ ހެއްޔެވެ؟ އެހެން ގޮތަކަށް ދަންނަވާނަމަ،  އެކަން ބެލެނީ ކިހާ މިންވަރަކަށްތޯއެވެ؟ މިހުރިހާ ސުވާލުތަކަކީ މިމައުޟޫޢުގެ ތެރެއިން އަލި އަޅުވަލާން ބޭނުން ވާ މުހިއްމު ނުކުތާތަކެވެ. އަޅުގަޑުމެންގެ އެންމެ ކުރީގެ މުސްކުޅި ބަހެއްގައި ވެސް ބުނާ ފަދައިން ޙިލްމު ނެތި ލިބޭ ޢިލްމެގެ ބޭނުމެއް ނުހިފޭނެއެވެ. މިބަހުގައި އެންމެ ބޮޑަށް މާނަ ކުރެވެނީ ޢިލްމު އެންމެ އެކަށޭނަ ގޮތުގައި ބޭނުންކުރަންވީ ގޮތާއި، ހާލަތްތަކާއި ކަންކަން ކުރަންވީ ގޮތް ކިޔަވައިގެން ހުއްޓަސް ނޭގި ހިނގައިދާނެ ވާހަކައެވެ. މީގައި ޚާއްޞަކޮށް ފާހަގަ ކޮށްލެވެނީ، މިހާރުގެ ވަރަށް ގިނަ ދިރާސާވެރިން ހާމަކުރާ މުހިއްމު ނުކުތާއަކެއެވެ. އެއީ ވާރކް އެތިކްސް  (މަސައްކަތުގެ އަޚްލާޤު)ގެ ވާހަކައާ ވެސް ވަރަށް ބޮޑަށް ގުޅޭ  ބަސްކޮޅެކެވެ. މިމަފުހޫމަކީ މިހާރުގެ ލިޓްރެޗަރގައި ޢާއްމުކޮށް ބަހުސް ކުރެވޭ މައުޟޫޢެކެވެ. މިބަޔަކީ ވެސް ކުރިޔަށް ލިޔާ ބައިތަކުގައި ހިމަނާލާނެ ނުކުތާއެކެވެ.

 

ޔުނިވަރސިޓީ ތަޢުލީމުގެ ތެރެއިން ދަސްވެނި ހުނަރު ޙާޞިލު ކޮށްދޭނީ ކިހިނެއް ހެއްޔެވެ؟

ދުނިޔޭގެ ވަރަށް ގިނަ ޔުނިވަރސިޓީތަކުގައި އެންމެ ޢާންމުކޮށް ބަހުސްކުރެވޭ އެއްމައުޟޫޢަކީ ދަސްވެނި ހުނަރެވެ. ސަބަބަކީ، ޔުނިވަރސިޓީތަކުން ދަސްވެނިވެގެން ނުކުންނަ ދަރިވަރުންގެ ކިބައިގައި ހުންނަން ޖެހޭ ހުނަރުތައް ނުހުންނަކަން ވަޒީފާ ދޭ ފަރާތްތަކުން ފާހަގަ ކުރާތީއެވެ. މި ކަމަށް ފާޑު ކިޔާ ދިރާސާވެރިންގެ ޢަދަދު ނުހަނު ގިނައެވެ. މި ކަމާގުޅިގެން ބަހުސު ކުރެވޭ އަނެއް  މައުޟޫޢަކީ އެމްޕްލޯޔިބިލިޓީ ’ވަޒީފާގެ ގާބިލިއްޔަތު‘ އެވެ. މިއީ މަސައްކަތު މާހައުލުގެ ހުނަރޭ ވެސް ކިއިދާނެއެވެ. މި މަފުހޫމުގެ ފާޑުކިއުންތައް ގުޅިގެންދަނީ ވަޒީފާއަކަށް އެދޭ ފަރާތްތަކުގެ ވަޒީފާގެ ގާބިލިއްޔަތު ހުންނަނީ ކިހާ މިންވަރަކަށްތޯ ކުރެވޭ މިސުވާލާއެވެ. ރޯވް އަދި ޒިގްވާރޑް (2017) ފާހަގަ ކުރައްވާ ގޮތުގައި އޮސްޓްރޭލިޔާ އަދި ނިޔުޒިލޭންޑްގެ ޔުނިވަރސީޓީ ތަޢުލީމުގެ މިހާރުގެ އެންމެ ބޮޑު އަމާޒަކީ ޕްރޮގްރާމުތައް ވަޒީފާގެ ގާބިލިއްޔަތާއި ގުޅުވުމެވެ. ޚާއްޞަ ގޮތެއްގައި މިޢިލުމުވެރިން ފާހަގަކުރައްވާފައިވަނީ ޔުނިވަރސިޓީގެ ޕްރޮގްރާމުތައް ފަރުމާކުރާއިރު ވަޒީފާގެ ބާޒާރަށް ނުވަތަ ސިނާޢަތަށް (އިންޑަސްޓްރީ) ބޭނުންވާ ހުނަރުތަކަށް އަމާޒުކޮށްގެން އެމީހުންނާއެކު ބައިވެރިވެގެން ޕްރޮގްރާމުތައް ފަރުމާ ކުރުމަށެވެ. މިހާރު ދުނިޔޭގެ ގިނަ ޔުނިވަރސީޓީތަކުގައި ހިންގާ ޕްރޮގްރާމުތައް ފަރުމާކުރާއިރު އެންމެ ބޮޑަށް ސަމާލުވާ އެއް ކަމަކީ މި އިޝާރާތްކުރެވުނު ވަޒީފާގެ ޤާބިލިއްޔަތު ލިބިދިނުމަށެވެ. މިކަމަށް އިޝާރާތްކުރައްވާ ބައެއް ދިރާސާވެރިން ހާމަކުރައްވަނީ، ވަޒީފާގެ ގާބިލިއްޔަތު ނުވަތަ އިންޑަސްޓްރީއަށް ބޭނުންވާ ހުނަރުތަކަށް އަމާޒު ކުރުމުން މަސައްކަތު މާހައުލުގެ ކުރިއެރުމާއި ޕްރޮޑަކްޓިވިޓީ (އުފެއްދުންތެރިކަން) އިތުރުވާކަމަށެވެ (ބޭޓްސް އަދި ހޭޔިޒް؛ 2017، ޖެކްސަން، 2013، ކައިޑަރ، ހެއިންޒް-ވިސަން، އަދި ޔަންގް،2017). މިހާހިސާބުން އުފެދޭ ސުވާލަކީ މަސައްކަތު ހުނަރު ދަސްވެނިންނަށް ލިބިދޭނީ ކިހިނެއްތޯ ކުރެވޭ ސުވާލެވެ.

މަސައްކަތު މާހައުލުގެ ހުނަރު ލިބިދޭނީ ކިހިނެއް ހެއްޔެވެ؟

ޔުނިވަރސިޓީތަކުން ތަފާތު ޕްރޮގްރާމުތައް ނިންމާ ދަސްވެނީންނަށް މަސައްކަތު ހުނަރު ލިބިދީފައިވަނީ ކިހާވަރަކަށްތޯ މިއީ މި މައުޟޫޢުގެ މައިގަނޑު އެއް ސުވާލެވެ. މިއީ ކޮންމެ މުއައްސަސާއެއްގެ ކޮންމެ ޕްރޮގްރާމަކަށް ވިސްނާލި ނަމަވެސް އުފެއްދުން މުހިއްމު ސުވާލެކެވެ. ދުނިޔޭގައި ކުރިއަރާފައިވާ ޤައުމުތަކުގެ ޔުނިވަރސިޓީތަކުގައި ޕްރޮގްރާމުތައް ފަރުމާ ކުރަނީ ވަޒީފާގެ ބާޒާރާއި ތަފާތު ޞިނާޢަތްތަކުގެ މީހުންނާ ގުޅިގެން އެމީހުން ބޭނުންވާ ހުނަރުތަކަށް އަމާޒު ކޮށްގެންކަން އިސްވެ އިޝާރާތް ކޮށްލެވިއްޖެއެވެ. ޚާއްޞަކޮށް މިކަން ގުޅެނީ ’ވާރކް އިންޓިގްރޭޓެޑް ލާރނިން‘ މި މަފުހޫމާއެވެ. ވާރކް އިންޓިގްރޭޓެޑް ލާރނިންއަކީ ޔުނިވަރސިޓީ ނުވަތަ މަތީ ތަޢުލީމުގެ މަރުޙަލާތަކުގައި ދަރިވަރުން ކިޔަވަމުންދާއިރު މަސައްކަތު މާހައުލަށް ފަރިތަކުރުމުގެ ގޮތުން ކަނޑައެޅިފައިވާ ޢަމަލީ ތަޖުރިބާތަކުގެ މޮޑިޔުލްތަކަށް ދީފައިވާ ނަމެކެވެ. ނުވަތަ ޢަމަލީ މަސައްކަތްތަކާ ގުޅޭ ތަފާތު ޕްރޮޖެކްޓް ނުވަތަ ވަޒީފާގެ އަސްލު މާހައުލުގައި ލިބިދޭ ތަޖުރިބާއޭ ވެސް ކިޔެއެވެ (ފާރންސް، ކަމްޕބަލް، އަދި ޒިގްވާރޑް، 2014). ކޮންމެ ޕްރޮގްރާމެއްގައި ވެސް މިފަދަ މޮޑިޔުލުތައް ފަރުމާކުރެވިފައި ހުރެއެވެ. ނަމަވެސް ދިރާސާވެރިން ފާހަގަ ކުރައްވާ ގޮތުގައި، މިފަދަ މޮޑިޔުލުތަކުން ވެސް ދަރިވަރުންނަށް އެދެވޭ ހުނަރުތައް ތަރައްޤީ ކުރަން ލިބޭ ފުރުސަތު ގިނަ ފަހަރަށް ފުރިހަމައަށް ނުލިބެއެވެ. އެއް ސަބަބެއް ކަމަށް ބައެއް ދިރާސާވެރިން ހާމަކުރައްވަނީ، ދަރިވަރުން ވާރކް އިންޓިގްރޭޓެޑް ލާރނިންގައި ހޭދަ ކުރާ ވަގުތާއި، ކުރާ ކަންތައްތަކުން އަސްލު މަސައްކަތު މާހައުލުގައި  ލިބިދޭ ފަދަ ތަޖުރިބާތައް ކުރަން ލިބޭ ފުރުޞަތުތައް ހަނިވުމެވެ. މީގެ ރަނގަޅު އެއް މިސާލަކީ، އިންޖިނިއަރިން ހަދާ ދަރިވަރެއް، ނުވަތަ ބިޒިނަސް ސްޓަޑީސް ހަދާ ދަރިވަރެއް ވާރކް އިންޓިގްރޭޓެޑް ލާރނިންގައި ހޭދަ ކުރަންޖެހޭ ވަގުތު އަދި މުއްދަތުގައި އެލިބޭ ފުރުޞަތުތަކުގައި ކުރަން ޖެހޭ މަސައްކަތް މަދުވެފައި ލިބޭ ފުރުސަތުގެ ހަނިކަމެވެ. ބައެއް ދިރާސާތަކުން ހާމަވާ ގޮތުގައި މިހެން ދިމާވާ އެއް ސަބަބަކީ، ސިނާޢަތްތަކުން ދަސްކުރާ ދަރިވަރުންނާ މެދު އޮންނަ ޔަޤީންކަން ކުޑަވުމެވެ (ފާރންސް، ކަމްޕބަލް، އަދި ޒިގްވާރޑް، 2014). މިބައިގައި އިޝާރާތް ކޮށްލަން ބޭނުންވާ އެންމެ މުހިންމު ނުކުތާއަކީ، މިދެންނެވި ވާރކް އިންޓިގްރޭޓެޑް ލާރނިން ނުވަތަ ޢަމަލީ ތަޖުރިބާގެ ބައިތައް ރޭވުމުގައި ވެސް މަތީ ތައުލީމުދޭ މުއައްސަސާތަކުން ވިސްނަން ޖެހޭ ކަންތައްތަކެއް ހުންނަ ކަމެވެ. ދިވެހިރާއްޖޭގައި މިކަން ކުރާގޮތާ ގުޅޭގޮތުން މާބޮޑު ދިރާސާތަކެއް، ލިޔެވިފައިވާ ލިޔުންތަކެއް ފެންނާން ނެތް ނަމަވެސް މިކަން ކުރާނެ އެންމެ ރަގަޅު އުޞޫލުތަކެއް ޞިނާޢަތްތަކާ ގުޅިގެން ހޯދިދާނެ ކަމަށް ފެނެއެވެ. ދަސްވެނިންނަށް ލިބިދޭން ޖެހޭ މަސައްކަތު މާހައުލުގެ ހުނަރުތަކަކީ ކޮބައި ހެއްޔެވެ؟ މިކަމާބެހޭގޮތުން ކުރުގޮތަކަށް ނަމަވެސް ހިމަނާލުމަކީ މިލިޔުމުގެ އެއް ބޭނުމެވެ.

މަސައްކަތުގެ މާހައުލަށް ބޭނުންވަނީ ކޮންކަހަލަ ހުނަރުތަކެއް ހެއްޔެވެ؟

ދަސްވެނި ހުނަރުގެ ތަފާތު ބާވަތްތައް ޢިލުމުވެރިން ލިސްޓް ކުރައްވާފައިވެއެވެ. ޚާއްޞަކޮށް ކޮގްނިޓިވް ސްކިލްސް (މަސައްކަތަކަށް ބޭނުންވާ ފަންނީ މަޢުލޫމާތު(ޓެކްނިކަލް ނޮވްލެޑޖް)  ކަމުގެ ކުއަލިފިކޭޝަން/އެކްސްޕަރރޓީސް (ފެންވަރު ނުވަތަ ހުނަރުވެރިކަން) ، އަދި އެބިލިޓީސް/ޤާބިލިއްޔަތުތައް)، އެއަށް ފަހު މީހާގެ ހުންނަ އެހެނިހެން ސިފަތައް (ހެޔޮ ޚުލުޤު، ހިފަހައްޓާ އުޞޫލުތައް، ޝައުޤުވެރިކަން ހުންނަ ކަންތައްތައް، ކަންކަމާމެދު ދެކޭގޮތްތައް، ކަންކަމުގައި މުޢާމަލާތް ކުރުމުގެ ސިފަތައް)  ހިމެނެއެވެ. މިއީ ވަޒީފާއަކަށް މީހަކު ވަންނަ އިރު އެ މަސައްކަތެއްގެ މާހައުލަށް ނުހަނު ބޭނުންތެރި ކަންކަމުގެ ގޮތުގައި ދިރާސާވެރިން ހާމަކުރައްވާފައިވެއެވެ (ހޮޑޖްސް އެންޑް ބާރޝެލް، 2003). މީހެއްގެ ކިބައިގައި ހުންނަ މި ޚާއްޞަ ސިފަތަކުގެ ސަބަބުން ވަޒީފާގެ މާހައުލަށް ފަރިތަވުމާއި އަދި މަސައްކަތުގައި ކުރިއަރައި ދިޔުމުގެ އިތުރުން ވަޒީފާއަށް ބޭނުންވާ އެންމެ މުހިންމު ފަންނީ މަޢުލޫމާތު އިތުރަށް ހަރުދަނާވެ ކުރި އެރުވުމަށް އެހީތެރިވެދެއެވެ. މިހެންކަމުން ގިނަ ޢިލުމުވެރިން ހާމަކުރައްވާ ގޮތުގައި، ވަޒީފާގެ މާހައުލަށް އެންމެ ބޭނުންވާ ހުނަރުތަކުގެ ތެރޭގައި މީހެއްގެ އަމިއްލަ ޒާތުގައި (ޕާރސަނަލިޓީގައި) އެކުލެވޭ ގޮތްތައް ނުވަތަ މީހާގެ ހުންނަ ސޮފްޓް ސްކިލްސް ނުވަތަ ދޭދޭ ގުޅުން ގާއިމު ކުރާ ގޮތާއި އުޅުން ގުޅުމުގެ ގޮތްތައް ފަދަ އެކަކު އަނެކަކާ މުޢާމަލާތު ކުރުމުގައި ބޭނުން ކުރާން ޖެހޭ ހުނަރުތައް މާ މުހިންމެވެ.

ކޮލް، ޒިގްވާރޑް އަދި އެހެން ފަރާތްތައް (2002) ހެއްދެވި ދިރާސާއެއްގައި ހާމަކުރައްވާފައިވަނީ މަސައްކަތުގެ މާހައުލަށް ބޭނުންވަނީ ހަމައެކަނި ފަންނީ މަޢުލޫމާތު ނޫންކަމަށެވެ. އެހެނީ، މިއާ އެއްވަރަށް ފަންނީ މަޢުލޫމާތު ތެރޭ ނުހިމެނޭ ނޮން ޓެކްނިކަލް ނޮލެޑްޖު ވެސް މުހިންމުވާ ކަމުގައި ތަފާތު މިސާލުތަކާ އެކު ދިރާސާގައި އިޝާރާތް ކުރައްވާފައިވެއެވެ. މި ދިރާސާވެރިންގެ މައިގަނޑު ހޯދުންތައް ގުޅިފައިވަނީ އިންޖިނިއަރިން، އަދި ސައިންސް ފަދަ ދާއިރާތަކުގައި މަސައްކަތް ކުރާ ކުދިންނަށް ވެސް ފަންނީ މަޢުލޫމާތާއި (ޓެކެނިކޮލް ނޮލެޖާއި) އެއްވަރަށް ފަންނީ މަޢުލޫމާތުގައި ނުހިމެނޭ (ނޮން ޓެކްނިކަލް ހުނަރުތައް ވެސް ބޭނުންތެރިކަމުގެ ވާހަކައެވެ. ޚާއްޞަކޮށް މި ޢިލުމުވެރިން ހާމަކުރައްވަނީ ކޮމިޔުނިކޭޝަން ސްކިލްސް ނުވަތަ މުވާޞަލާތު ކުރުމުގެ ޤާބިލުކަން، ލިޔުމުންނާއި އަނގަބަހުން ފަރިތަކަމާ އެކު ކިޔައި ދޭން އެނގުމަކީ އެންމެ އިސްކަމެއް ދެވޭ ހުނަރު ގޮތުގައެވެ. އަދި މީގެ އިތުރުން، ޓީމްވާރކް ސްކިލްސް، ނުވަތަ ޓީމެއްގައި އެއްކޮށް މަސައްކަތް ކުރުމުގެ ހުނަރު  ބައިވެރިވެގެން އަދާ ކުރަންޖެހޭ މަސްއޫލިއްޔަތުތަކާއި ގުޅޭ ހުނަރުތަކުގެ ވާހަކަ ވަކި ޚާއްޞަކޮށް މިދިރާސާގައި އަލި އަޅުއްވާލައްވާފައިވެއެވެ. 2002 ވަނަ އަހަރުގައި ބޭނުންކުރި ހުނަރުގެ ލިސްޓް، ކެމްޕބެލް އަދި ޒިގްވާރޑްގެ ބައިވެރިން 2015 ވަނަ އަހަރު އަލުން ދިރާސާ ތަކުރާރު ކުރައްވާފައިވެއެވެ. މިދިރާސާގެ ނަތީޖާ ދައްކާ ގޮތުން ދަރިވަރުން ދެކޭގޮތުގައި އެމީހުނަށް އެންމެ މުހިންމުވަނީ ފަންނީ (ޓެކްނިކަލް) މަޢުލޫމާތެވެ. އެއާ ޚިލާފަށް ވަޒީފާދޭ ފަރާތްތަކުން ބަޔާންކުރައްވައިފައިވަނީ ދަސްވެނިންގެ ކިބައިގައި ހުންނަ ގުޅިގެން މަސައްކަތް ކުރުމުގެ ހުނަރު (ޓިމްވާރކް ސްކިލްސް)، މުވާޞަލާތު ކުރުމުގެ ހުނަރު (ކޮމިޔުނިކޭޝަން ސްކިލްސް)، އަދި އިސްނެގުމުގެ ހުނަރުތައް މާ ބޮޑަށް މުހިންމު ކަމުގައެވެ. މި ދިރާސާގައި ދަރިވަރުންނާއި ޞިނާޢަތްތަކުގެ މީހުންގެ  ޚިޔާލު މުޅިން ތަފާތެވެ. މިއިން، ވަރަށް ބޮޑަށް ފާހަގަ ކުރެވުނީ ދަރިވަރުން އެ މީހުންގެ ކިޔެވުމުގައި ބޮޑަށް ސަމާލުވަނީ ތަފާތު  ފަންނީ މަޢުލޫމާތު (ޓެކްނިކަލް ނޮލެޖް) ރަގަޅަށް ދެނެގަތުމާއި އެބައިތަކުން ރަގަޅަށް މާކްސް ހޯދުމަށްކަމަށެވެ. މީގެ ނަތީޖާއެއްގެ ގޮތުން މަސައްކަތު މާހައުލަށް ބޭނުންވާ އެހެނިހެން ހުނަރުތައް ހޯދުމަށް ކުރެވޭ މަސައްކަތް މަދުވެއެވެ. ދިރާސާގެ ބޭނުންތެރިކަން ބޮޑުކަން ހާމަވީ ޞިނާޢަތްތަކުގެ (އިންޑަސްޓްރީގެ) މީހުންގެ ޚިޔާލު މިވިސްނުމާއި ތަފާތުކަން ފާހަގަ ކުރެވުމެވެ. މީގެ ސަބަބުން ނިޒުލޭންޑް ފަދަ ޤައުމުތަކުގައި މުޅި ޔުނިވަރސިޓީގެ ޕްރޮގްރާމުތައް އަލުން ފަރުމާ ކުރާން ފެށިއެވެ. ޚާއްޞަކޮށް ޞިނާޢަތްތަކުގެ (އިންޑަސްޓްރީގެ) މީހުން ބައިވެރިކޮށްގެން ޕްރޮގްރާމުތަކުގައި ކުރިން އިސްވެ ދެންނެވުނު މުވާޞަލާތު ކުރުމުގެ (ކޮމިޔުނިކޭޝަން ސްކިލްސް) އަދި  ގުޅިގެން މަސައްކަތް ކުރުމުގެ ހުނަރުތައް (ޓީމްވާރކް ސްކިލްސް) ފަދަ ބައިތައް ޕްރޮގްރާމު ތެރެއަށް ލާމެހިގެންދާ ގޮތަށް ޕްރޮގްރާމްތައް ފަރުމާ ކުރިއެވެ.

އިސްވެ ދެންނެވުނު ރައުޔުތަކަށް ބަލާލާއިރު ފާހަގަ ކުރެވެނީ މިހާރުގެ މަސައްކަތު މާހައުލަށް ބޭނުންވަނީ ހަމައެކަނި މަޢުލޫމާތުތަކެއް އެނގޭ މީހާ ނޫން ކަމެވެ. އެއާއެކު އެނގިފައިވާ މަޢުލޫމާތުތައް ބޭނުންކޮށްގެން ކުރަން ޖެހޭ ކަންކަމުގެ ހުނަރު ލިބިފައިވާ މީހާ މާ މުހިންމެވެ. މިކަމާ ބެހޭގޮތުން ވާހަކަ ދައްކާ މީހުން އެންމެ ޢާއްމު ބަހެއް ގޮތުގައި، މިޒަމާނުގެ ވިސްނުމުން ކިރާނަމަ، ބުނަނީ، މަޢުލޫމާތަކީ އިގިލި ކުރީގައި ވާ އެއްޗެއް ކަމުގައެވެ. އިގިރޭސި ބަހުން ބުނާނަމަ، ’އިންފޮރމޭޝަން އިޒް އެޓް ޔޯ ފިންގަރ ޓިޕްސް‘ ނުވަތަ ކޮންމެ ވަގުތެއްގައި ވެސް މަޢުލޫމާތަކީ އިގިލި ކުރިން ފިތާލައިގެން ހޯދާލެވޭ އެއްޗެކެވެ. މިއީ މަޢުލޫމާތަކީ ހޯދަން ފަސޭހަ އެއްޗެކޭ ބުނެލުމަށް އިޝާރާތްކޮށް މީހުން ބުނާ ޢިބާރާތެކެވެ. ނަމަވެސް މީގެ ހަމައެކަނި މާނައަކީ މަޢުލޫމާތު ނުލިބި ހުނަރު ލިބިދޭނަ ވާހަކައެއް ނޫނެވެ. އެއާއި ޚިލާފަށް، އެ މަޢުލޫމާތު ބޭނުންކޮށްގެން ކަންކުރާނެ ގޮތް ނޭނގޭނަމަ ވަޒީފާގެ މާހައުލެއްގައި އެއިން މާބޮޑު ފައިދާއެއް ނުފެންނާނެ ވާހަކަ ވެސް މެއެވެ. ޙަޤީޤަތުގައި މަޢުލޫމާތެއް ރަނގަޅަށް އެނގޭނަމަ އެ ބޭނުން ކުރަން ވެސް އެނގެން ޖެހޭނެއެވެ. މާނައަކީ ފޮތެއްގައި އޮތްގޮތަށް އެއްޗެއް ހިތުދަސްކޮށް ނުވަތަ ތަކުރާރުކޮށް ސުވާލުތަކެއް ހަދާ އެންމެ ރަގަޅު ޖަވާބު ލިޔާން ދަސްކޮށްގެން ހަދާ އިމްތިޙާނަކުން މޮޅު މީހަކަށް ނުވެވޭނެ ކަމެވެ. އަދި ހަމައެހެންމެ، ރަނގަޅު މާކްސް ލިބުމަކުން އެއީ ކިޔެވި ބައިތައް އެނގުނު ކަމަށް ބެލެވޭ އެންމެ ފުރިހަމަ މިންގަނޑަކަށް ނުވެއެވެ. މިއީ އަޅުގަނޑުމެންގެ މުޖުތަމަޢުގައި  މުޅި ތަޢުލީމީ ނިޒާމަށް ދިމާވެފައިވާ ވަރަށް ބޮޑަށް ގޮންޖެހުމެކެވެ. ގިނަ ދަރިވަރުންނަށް އެއްޗެއް ދަސްވިކަމަށް ނުވަތަ އެނގުނު ކަމަށް މިބެލެވެނީ އިމްތިޙާނެއް ހަދައިގެން ރަނގަޅު މާކްސް ލިބޭ ނަމައެވެ. އަޅުގަނޑުގެ ޚިޔާލުގައި މިއީ މުޅިއަކުން އެންމެ ރަނގަޅު ގޮތޭ ދެންނެވޭކަށް ނެތެވެ.  ދުނިޔޭގައި ކުރިއަރާފައިވާ ވަރަށް ގިނަ ޤައުމުތަކުގައި އިމްތިޙާނަކީ ކުދިންގެ ފެންވަރު ބަލާ ހަމައެކަނި މިންގަޑެއް ނޫންނެވެ. އެއާ ޚިލާފަށް ދަރިވަރުންގެ ކިބައިގައި ހުނަރުތަކެއް އަށަގެންނެވުމަށް ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރެވެއެވެ. މިދެންނެވި ޤައުމުތަކުގައި ކިޔަވައިދޭ ހުރިހާ މަރުހަލާއެއްގައި ވެސް މިކަމަށް ޚާއްޞަ ސަމާލުކަމެއް ދެއެވެ.

މިހާރު ވަޒީފާއަކަށް އެދި ހުށަހަޅާ ކޮންމެ މުއައްސަސާއަކަށް ބަސްދީގަތުމަކަށް ދިޔަ ނަމަވެސް އެވަޒީފާއަކަށް ބޭނުންވާ ހުނަރާއި މަސައްކަތުގެ ތަޖުރިބާ ހުރީ ކިހާ މިންވަރަކަށްތޯ ބަލައި ކަށަވަރު ކުރެވެއެވެ. އެކަމުގެ ހެކި، ވަޒީފާއަށް އެދޭ ފަރާތް ދައްކާ ވާހަކައިންނާއި ހިއްސާކުރާ ތަފާތު މަސައްކަތްތަކުގެ ތަޖުރިބާގެ ތެރެއިން ދޭހަކޮށް ނުދެވިއްޖެ ނަމަ ވަޒީފާ ލިބުމަކީ ދަތިކަމެކެވެ.  އެހެން ގޮތަކަށް ދަންނަވާ  ނަމަ ޙާޞިލުކޮށްފައިވާ ސަނަދުތަކަށް ވުރެ، ވަޒީފާއަކަށް އެދޭ ފަރާތުގެ ހުރި ތަޖުރިބާގެ މިންވަރާއި ވަޒީފާގެ މާހައުލަށް މީހާ އަހުލުވެރިވެ ކުރިޔަށް ދެވިދާނެ ކަމުގެ ޤާބިލުކަން ހުރީ ކިހާ މިންވަރަކަށްތޯ މާބޮޑަށް ބަލައެވެ.

 

ހަވާލާދޭ ލިޔުންތައް:

ހޮޑޖްސް، ޑީ.، އަދި ބަރޝެލް، އެން. (2003). ބިޒިނަސް ގުރެޖުއޭޓް ކޮމްޕީޓެންސީސް: އެމްޕްލޮޔާރސް ވިއުސް އޮން އިމްޕޯރޓަންސް އެންޑް ޕާރފޯމަންސް. އިންޓަރނޭޝަނަލް ޖާރނަލް އޮފް ވާރކް-އިންޓިގްރޭޓެޑް ލާރނިން، 4 (2)، 16-22.

ބޯމް، އާރ.، އަދި ސްޕެރޯވ، ޕީ. (1992). ޑިޒައިނިން އެންޑް އެޗީވިން ކޮމްޕީޓެންސީ. ލަންޑަން: މެކްގްރޯވް-ހިލް

ބޭޓްސް، އެލް.، އަދި ހެއިޒް، އެޗް. (2017). ޔޫޒިން ދަ ސްޓުޑެންޓް ލައިފްސައިކަލް އެޕްރޯޗް ޓު އެންހޭންސް އެމްޕްލޮޔިބިލިޓީ: އޭން އެގްޒާމްޕްލް ފްރޮމް ކްރިމިނޮލޮޖީ އެންޑް ކްރިމިނަލް ޖަސްޓިސް. އޭޝިއާ-ޕެސިފިކް ޖާރނަލް އޮފް ކޯޕަރޭޓިވް އެޑިޔުކޭޝަން (ސެޕްޝަލް އިޝޫ)، 18(2)، 141-151.

ބައްޓާ، ޖީ. (2001). އެނޭބްލިން ދަ ކްރީމް ޓް ރައިސް ޓް ދަ ޓޮޕް: އަ ކްރޮސް-ޖުރިސްޑިންކްޝަނަލް ކޮމްޕެރިޒަން އޮފް ކޮމްޕީޓެންސީސް ފޯރ ސީނިއަރ މެނޭޖާރސް އިން ދަ ޕަބްލިކް ސެކްޓަރ. ޕަބްލިކް ޕާރފޯރމަންސް އެންޑް މެނޭޖްމަންޓް ރިވިއު، 25 (2)، 194-207.

ކޮލް، އާރ. ކޭ.، ޒިގްވާރޑް، ކޭ.، ހޮޑޖްސް، ޑީ. (2002). ސައިންސް އެންޑް ޓެކްނޮލޮޖީ ސްޓޭކްހޯލްޑާރސް ރޭންކިން އޮފް ގްރެޖްއޭޓް ކޮމްޕީޓެންސީސް. ޕާރޓް 1: އެމްޕްލޯޔާރ ޕާރސްޕެކްޓިވް. އޭޝިއާ-ޕެސިފިކް ޖާރނަލް އޮފް ކޯޕަރޭޓިވް އެޑިޔުކޭޝަން، 3(2)، 19-28.

ކެމްޕބެލް، އެމް.، އަދި ޒިގްވާރޑް، ކޭ. (2015). ޑިވިލޮޕިން ކުރިޓިކަލް މޯރަލް އެޖެންސީ ތުރޫ ވާރކްޕްލޭސް އެންގޭޖްމަންޓް. އިން އެމް. ކެނެޑީ، އެސް. ބިލެޓް، އެސް. ގެރާޑި، އަދި އެލް. ގްރިލައިޝް (އެޑްސް)، ޕްރެކްޓިސް-ބޭސްޑް ލާރނިން އިން ހަޔަރ އެޑިޔުކޭޝަން: ޖޮސްޓްލިން ކަލްޗަރސް (ޞ.47-64).

ކައިޑަރ، އެފް.، ހެއިންޒް-ވިސަން، އާރ.، އަދި ޔަންގް، ކޭ. (2017). ޕްރެކްޓިކަލް ޓައިޕޮލޮޖީ އޮފް އޮތެންޓިކް ވާރކް-އިންޓިގްރޭޓެޑް ލާރނިން އެކްޓިވިޓީސް އެންޑް އެސެސްމަންޓް. އޭޝިއާ-ޕެސިފިކް ޖާރނަލް އޮފް ކޯޕަރޭޓިވް އެޑިޔުކޭޝަން (ސެޕްޝަލް އިޝޫ)، 18(2)، 152-164.

ޖެކްސަން، ޑީ. (2013). ދަ ކޮންޓްރިބިޔުޝަން އޮފް ވާރކް-އިންޓިގްރޭޓެޑް ލާރނިން ޓު އަންޑަގްރެޖްއޭޓް އެމްޕްލޮޔިބިލިޓީ ސްކިލް އައުޓްކަމްސް. އޭޝިއާ-ޕެސިފިކް ޖާރނަލް އޮފް ކޯޕަރޭޓިވް އެޑިޔުކޭޝަން (ސެޕްޝަލް އިޝޫ)،14(2)، 99-115.

ރޯވް، އޭ.ޑ.، އަދި ޒިގްވާރޑް، ކޭ.އީ. (2017). ޑިވެލޮޕިން ގްރެޖުއޭޓް އެމްޕްލޮޔިބިލިޓީ ސްކިލްސް އެންޑް އެޓްރިބިޔުޓްސް: ކަރިކިއުލަމު އެންހޭސްމަންޓް ތުރޫ ވާރކް-އިންޓިގްރޭޓެޑް ލާރނިން. އޭޝިއާ-ޕެސިފިކް ޖާރނަލް އޮފް ކޯޕަރޭޓިވް އެޑިޔުކޭޝަން (ސެޕްޝަލް އިޝޫ)،18(2)، 87-99.

ޝަރުމާ، ޖޭ. (2004). އެކްސްޕެކްޓޭޝަންސް ވާރސަސް ރިއަލިޓީ: އަ ސްޓަޑީ އޮފް ޕްރޮފެޝަނަލް ކޮމްޕީޓެންސީސް އިން ކޮލެޖް ލައިބްރަރީސް އިން އިންޑިއާ. ޖާރނަލް އޮފް އެޑިޔުކޭޝަން ފޯރ ލައިބްރަރީ އެންޑް އިންފޮރމޭޝަން ސައިންސް، 45 (4)، 352-363.

Leave a Comment