މިއަދު ގެ ވާހަކަ ކޮޅު މިއަމާޒުކޮށްލަނީ ހުރިހާ ކުދިންނާ ވެސް ގުޅޭގޮތަށް ކިޔަވައިދިނުން ފަރުމާ ކުރުމާ ގުޅޭގޮތުންނެވެ. ޚާއްޞަކޮށް މިއަދު ގެ ލިޔުމުގައި ވާހަކަ ދައްކާލުމަށް ގަސްދުކުރެވިފައި މިވަނީ އެމެރިކާގެ މަޝްހޫރު ސޯޝިއޮލޮޖިސްޓް ނިކޮލް ގޯޔަލް (2012) އޭނާގެ ޢުމުރުން އެންމެ 17 އަހަރުގައި ލިޔުއްވި ފޮތުގައި އިޝާރާތްކުރައްވާ ފަދައިން ”އެންމެންނަށް އެއްސައިޒެއް ފިޓް (ހެޔޮވަރު) ނުވާނެކަން“ މިވިސްނުމަށް ގުޅޭގޮތުން ބައެއް ލިޔެލުމަށެވެ. އޭނާގެ ފޮތުގައި އިޝާރާތްކުރައްވާފަދައިން، ދަރިވަރުންނަކީ އެއްވަރަކަށް ވިސްނުން ހުންނަ، އެއްގޮތްތަކެއް އުނގުނުމުގައި ޚޔާރުކުރާ، އެއްކަހަލަ ޢާއިލީ ހާލަތްތަކަކުން، އެއް ސަގާފަތްތަކަކުން، އެއްކަހަލަ ގޮތްތަކެއް ލިބިފައިވާ، އެއް ބާވަތްތަކެއްގެ ކުޅެދުންތަކަކާއި ނުވަތަ ގަޔާނުވުންތައް ހިމެނޭ ބައެއް ނޫނެވެ (ގޯޔަލް، 2012). އެހެންކަމަށް ވާނަމަ އުނގެނުން ޢާއްމުކުދިންގެ ފެންވަރަށް، އެއްސައިޒަކަށް ފެތޭ ގޮތަށް، އެއްގޮތަކަށް އަމާޒުކޮށްގެން، އެއްކަހަލަ ގޮތަކަށް ރާވައިގެންނުވާނެއެވެ. މިވިސްނުމުގެ މައިގަނޑު ޚިޔާލަކީ ކޮންމެ ކުއްޖަކީވެސް ތަފާތު ކުއްޖެއް ކަމެވެ. ދަރިވަރުން ތަފާތުވަނީ ހަމައެކަނި ލިބިފައިވާ ކުޅެދުންތަކާއި ނުކުޅެދުންތަކަށް ބަލައިގެން ވެސް ނޫންކަމެވެ. އާދެ އުނގެނުން ރާވަން ޖެހެނީ ޢާލަމީ ވިސްނުމަކުން އަދި ކޮންމެ ކުއްޖަކަށްވެސް ފެތޭ ގޮތަށް ސައިޒު ހެޔޮވަރުކޮށް (އެޑްޖަސްޓް) ކުރެވޭ ގޮތަށެވެ.
ޔުނިވާރސަލް ޑިޒައިން އޮފް ލާރނިން/ އުނގެނުމުގެ ޢާލަމީ ފަރުމާ، މިކޮންސެޕްޓްގެ ޚިޔާލު ފުރަތަމަ ވުޖޫދުވީ 1990 ގެ އަހަރުތަކުގެ ތެރޭގައި ނޯރތުކެރޮލީނާގެ މަޝްހޫރު އާރކިޓެކްޓެއް ކަމަށްވާ ރޮން މޭސް ގެ އާރކިޓްކްޗަރ މަސައްކަތުގެ ތެރެއިންނެވެ. އޭނާ ތަޢާރަފު ކުރެއްވި ’ޔުނިވަރސަލް ޑިޒައިން’/ޢާލަމީ ފަރުމާގެ ޚިޔާލާ އެކުއެވެ. އޭނާގެ މައިގަނޑު ވިސްނުމަކީ އެންމެނާ ގުޅޭ ޑިޒައިން ތެރެއިން ޢިމާރާތް ފަރުމާ ކުރުން މުހިންމުކަމެވެ. މާނައަކީ މީހުން ދިރިއުޅޭ ތަންތަނަކީ އެންމެނަށް ފަހިކަމާއެކު ބޭނުންކުރެވޭގޮތަށް ފަރުމާ ކުރެވިފައިވާ ތަންތަނަށް ވުމެވެ. މިބީދައިން މަދަރުސީ މާހައުލުގެ ޢިމާރާތްތައް ހުރިހާ ދަރިވަރުންނަށް އަމާޒުކޮށްގެން އަދި ޚާއްޞަކޮށް ތަފާތު ނުކުޅެދުންތެރިކަމާއެކު އުޅޭ ދަރިވަރުންނަށް ވެސް އެތަންތަނެއް ވަދެ ނުކުމެ އުޅުމުގައާއި ހޭލާމޭލި ވުމުގައި ދަތި ކަމެއް ނެތި އުޅެވޭ ގޮތަށް ތަންތަން ފަރުމާ ކުރުމެވެ. މިވިސްނުން ތަންފީޒުކުރުމުގައި އެންމެބޮޑަށް ބަހުސްކުރެވުނު އެއްކަމަކީ ހުރިހާ ކުދިންނަށް ވެސް ލިބިދޭންޖެހޭ ތަޢުލީމުގެ ހައްގު ފަހިކޮށްދެވެން އަންނަނީ މި ދެންނެވި ޢާލަމީ ފަރުމާ ކުރުމުގެ ތެރެއިން ތަންތަން ފަރުމާ ކޮށްގެން އެކުދިންނަށް ޢާއްމުން އުޅޭ މާހައުލުގައިވެސް ދިމާވެދާނެ ދަތި/ހުރަސްތައް ނައްތާލައިގެން ކަމެވެ. މިވިސްނުމުގައި އަސާސެއް ކަމަށް ބެލުނު މައިގަނޑު 3 ކަމެއް ވެއެވެ.
- އެޑަޕްޓޭޝަން/ގުޅޭގޮތަށް ހުރުން: މިއަސާސްގެ އެންމެ މުހިންމު ވިސްނުމަކީ ވީހާވެސް ގިނަ މީހުންނަށް ފަސޭހަވާނެގޮތަށް ކަންކަން ހަމަޖެހިފައި ހުރުމަށެވެ. މިސާލަކަށް ފްރޮޅުލީ ގޮނޑި، ވޯލްކާ ވޯލްކް ސަޕޯރޓް (ހިނގާއިރު އެހީޓެރިވެދޭ އާލަތްތައް) ކްރަޗް ނުވަތަ އަސާ ފަދަ ތަކެތިވެސް ހިފައިގެން އުޅޭ މީހުންނަށް ދަތިކަމަކާ ނުލައި އުޅެވުމެވެ. މިގޮތުން ސިޑިތައް ހުންނަ ތަންތާގައި ރޭމްޕް ފަދަ ގޮތްތައް ބޭނުންކުރެވިފައިވާ ހުރުން ފަދަ ކަންކަމެވެ.
- މޮޑިފިކޭޝަން: ބަދަލުކުރެވޭ ގޮތް އެކުލެވުން: މިގޭ މާނައަކީ ކޮންމެ މީހަކު ޢީމާރާތްތުގެ ތަންތަނަށް ވަދެ އުޅުމުގައިވެސް އުދަގުލަކާ ނުލައި ދަތިކަމެއް ނެތި ހުޅުވޭ އޮޓޮމެޓިކް ދޮރުތައް ފަދަ ވަސީލަތްތައް ހުރުމެވެ.
- ނުކުޅެދުމަކީ ކުއްޖާގެ ހުންނަ ފަރުދީ ކަމެއްގޮތުގައި ނުދެކުން: މާނައަކީ ކޮންމެ ނުކުޅެދުންތެރި ކަމެއް ހުންނަ ކުއްޖެއްގެ ކިބައިގައި ހުންނަ ކަމަކީ އޭނާގެ ކިބައިގައިވާ ފަރުދީ ނުކުޅެދުންތަކެއްގޮތަށް ނުދެކުމެވެ. ސަބަބަކީ އެއްކަމަކަށް ކުޅެދޭ ކުއްޖާ އަނެއްކަމަކަށް ނުކުޅެދުމަކީ ވެދާނެކަމެކެވެ. ހަމައެހެންމެ އެއްކަމަކަށް ނުކުޅެދޭ ކުއްޖާ ދެންހުންނަ ބައިވަރު ކަންކަމަށް ކުޅެދިދާނެކަމަކީވެސް ފެންނަން އޮތް ހަގީގަތެކެވެ. މިސާލަކަށް އުފެދުމުގައ އަތުގެ އައިބެއް ނުވަތަ ނެތް ކުއްޖާ ފައިން ލިޔެ ކުރަހާ ދިރިއުޅުމުގެ އެހެންކަންކަންވެސް ކުރާތަން ފެންނަނީ މަދުފަހަރަކު ނޫނެވެ.
މިތާނގައި ރޮން މޭސްގެ ޚިޔާލުތައް ޢިމާރާތް ކުރުމާގުޅޭގޮތަށް ހުށަހަޅާފައިވީ ނަމަވެސް މިއީ ތަޢުލީމުދެވޭ މާހައުލަކަށް ބަލާއިރު ކިހާ މުހިންމު ކަންތައްތަކެއްތޯ ވިސްނާލަމާތޯއެވެ. މިޚިޔާލަށް ބަލާއިރު ޙަޤީޤަތުގައި އުނގަންނައިދިނުން ޢާލަމީ ވިސްނުމަކުން ފަރުމާކުރުން ހަމަ އެހާނމެ މުހިންމެވެ. ސަބަބަކީ އުނގަންނައިދިނުން ރާވަން ޖެހެނީ ހަމައެކަނި ކުޅެދޭ ނުކުޅެދޭއަށް ވިސްނައިގެންނޫން ކަމެވެ. ހުރިހާ ކުދިންނަށްވެސް ފެތޭ ގޮތަށް ގުޅޭގޮތަށް ވިސްނައިގެންނެވެ. އިސްވެ ހުށަހަޅައިލެވުނު ތިން އަސާސްގައިވާ ފަދައިން އުނގެނޭ މާހައުލުގައި ދަރިވަރުން ކުރަން ޖެހޭ ކަންތައްތަކަކީ އެއްކުއްޖެއްގެ ކުޅެދޭ ނުކުޅެދުންތަކަށް ފެތޭގޮތަށް ރޭވޭ ކަމަކަށް ވާން ޖެހެއެވެ. ހަމައެއާއެކު ބޭނުންވާ ހާލަތުގައި ބަދަލުކުރެވޭގޮތް ހިމެނޭ އަދި ކުއްޖާގެ ހުންނަ ނުކުޅެދުމަކީ އޭނާގެ ދެން ހުންނަ ކުޅެދުންތައް އެއްފަރާތްކުރަން ޖެހޭ ވިސްނުމެއް ވެސް ނޫންމެއެވެ. މި ހުށަހަޅާ ލެވުނު ޚިޔާލުތަކުގެ އެންމެ އަސާސީ ވިސްނުމަކީ ނުކުޅެދުންތެރި ކަމެއް ހިމެނޭ ކުދިންނަށް ވެސް ތަޢުލީމުގެ ހައްގުތައް ފަހިކޮށްދިނުމުގައި ހުރެދާނެ ކިތަންމެ ކުޑަ ހުރަހެއް/ދަތި ކަމެއް ވީވަރަކުން ނައްތާލުން ނުވަތަ މަދު ކުރުމެވެ.
ޔުނިވަރސަލް ޑިޒައިން އޮފް ލާރނިންގ އާ އެއްގޮތަށް ކިޔަވައިދިނުން ރާވަން ޖެހެނީ ކީއްވެ؟
ސަބަބަކީ، ޢާލަމީ ފަރުމާއަށް ވިސްނައިގެން އުގަންނައިދިނުން ރާވާނަމަ، ކޮންމެ ދަރިވަރެއްގެވެސް ހުރެދާނެ ކޮންމެ ހާލަތަކާއި ގުޅޭގޮތަށް މުދައްރިސުން ފިލާވަޅުގެ ކަންތައްތައް ރާވާއި ހަމަޖައްސާނެއެވެ. މިގޮތުން މުދައްރިސު ރާވާކަންތައްތައް ގުޅޭނީ ހަމައެކަނި އެވްރެޖް ނުވަތަ ޢާއްމު ކުދިންނާ އެކަންޏެއް ނޫނެވެ. ކޮންމެ ދަރިވަރެއްގެވެސް ބޭނުންތަކަށް ރިޢާޔަތްކުރެވިގެންނެވެ. މިގޮތަށް މުދައްރިސު ފިލާވަޅު ރާވާއިރު ކޮންމެ ދަރިވަރެއްގެ ދިރިއުޅުމުގެ ހާލަތާއި، އުޅޭ މާހައުލާއި ގޭގެ ހާލަތާއި، ތަފާތު ސަގާފަތްތަކުގެ ކަންކަމާއި، ގަޔާވުންތަކާއި، ގަޔާނުވުންތަކާއި، ކުޅެދުންތަކާއި، ނުކުޅެދުންތަކާއި އަދިވެސް ދަރިވަރުންގެ ކިބައިގައި ހުންނަ ތަފާތު ޕާރސަނަލްޓީ/ޝަހުސިއްޔަތު ސިފަތަކަށްވެސް ސަމާލުކަންދޭނެއެވެ.
ޔުނިވަރސަލް ޑިޒައިން އޮފް ލާރނިން ބޭނުންކޮށްގެން ކިޔަވައިދިނުން ރޭވުމުން ލިބޭ ފައިދާތަކަކީ ކޮބާ؟
- އުނގެނޭ މާހައުލުގައި ހުރިހާ ދަރިވަރުންނަށްވެސް ހުންނަ ތަފާތު ގޮންޖެހުންތަކާއެކު ހާސިލުކުރެވޭ މިންވަރު އިތުރު ކުރެވެއެވެ.
- ތަފާތު ދަރިވަރުންނަށް ދިމާވާ އުނގެނުމުގެ ދަތިކަންކަމާއި މާހައުލުގައި ހުންނަ އުދަގޫކަންކަން ނައްތާލެވެއެވެ.
- ދަރިވަރުންގެ ޝައުގު އުނގެނުމަށް އިތުރު ކުރެވި ހާސިލުވާ މިންވަރުވެސް އިތުރުވެއެވެ.
- ދަރިވަރުންގެ ކިބައިގައި ހުންނަ އުނިކަންކަމަށްވުރެ އެކުދިންގެ ކިބައިގައި ހުންނަ ގާބިލުކަމާއި ކުޅެދުންތަކަށް ބޮޑަށް އުނގެނުން އަމާޒު ކުރެވެއެވެ. މިކަމުގެ ސަބަބުން ދަރިވަރުންގެ ޢާއްމު ދުޅަހެޔޮކަން އެތައް ގުނައެއް އިތުރު ކުރެވެއެވެ.
ޔުނިވަރސަލް ޑިޒައިން އޮފް ލާރނިން ތަންފީޒުކުރާއިރު ބަލަން ޖެހޭ މައިގަނޑު އަސާސްތަކަކީ ކޮބާ؟
ޢާލަމީ ފަރުމާކުރުމުގެ ތެރެއިން އުނގެނުން ރާވާއިރު މައިގަނޑު ގޮތެއްގައި 3 ކަމަކަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހެއެވެ. މިތިން ކަންތައް ގުޅެނީ މުހިންމު 3 ސުވާލަކާއެވެ. އެއީ އުނގެނެނީ ކީއްވެ؟ އުނގެނޭނީ ކޮންއެއްޗެއް؟ އުނގެނޭނީ ކިހިނެއް؟ މިއިން ކޮންމެ ސުވާލެއް ގުޅިގެންދާ ޚާއްސަ އަސާސް ކުރުކޮށް ތިރީގައި ބަޔާންކޮށްލާނަމެވެ.
- އެންގޭޖްމަންޓް (ބައިވެރިވުން): އެންމެ ފުރަތަމަ ކަމަކީ އުނގެނުން ރާވާއިރު ދަރިވަރުގެ ބައިވެރިވުން ލިބޭނީ ކިހިނެއްކަން ކޮންކަންތައްތަކެއް ހިމެނިގެންކަން ބަލައިގެން އަދި ހުރިހާ ކުދިންގެ ވެސް ތަފާތު ކަންކަމާ ގުޅުވައިގެން ކުލާހުގައި ކުރަންޖެހޭ މަސައްކަތްތައް ރޭވުމެވެ. މިކަން އެންމެ ބޮޑަށް ގުޅިގެންދާ ސުވާލަކީ ދަރިވަރުން އުނގެނޭނީ ކީއްވެ؟ މިސުވާލާއެވެ. މާނައަކީ ދަރިވަރުންގެ ބައިވެރިވުމާއި ޝައުގުވެރިކަން ދެމެހެއްޓޭގޮތްތަކެއް ފިލާވަޅުގެ ތެރޭގައި ރޭވިފައި ނުވާނަމަ އެކުދިން އުގެނެން ބޭނުންވާ ބޭނުންވުމެއް ނޯންނާނެއެވެ. އެހެންގޮތަކަށް ދަންނަވާ ނަމަ އެކުދިންގެ ބައިވެރިވުމެއް އުނގެނުމުގެ ތެރޭގައި ނުހިމެނޭނެއެވެ. މިހެންކަމުން ދަރިވަރުންގެ ހިތުގައި އުނގެނުމަށް ޝައުގުވެރިކަން އުފައްދާ، އުނގެނުމަށް ބޭނުންވުން، ވަކިކަމެއް އުނގެނެން އުޅުން މިއީ ހައްތާވެސް ދަރިވަރުން އުގެނުމުގައި ބައިވެރި ކުރުމަށްޓަކައި ސަމާލުވާން ޖެހޭ ކަންކަމެވެ.
- ރެޕްރެޒެންޓޭޝަން (ހުށަހެޅޭގޮތް): މިއީ އުނގެނުން ރޭވުމުގައި ދަސްކޮށްދިނުމަށް، ކިޔަވައިދިނުމަށް ބޭނުންކުރެވޭ ތަފާތު މަޢުލޫމާތު އަދި ރިސޯސްތައް ދަރިވަރުންނަށް ހުށަހެޅޭގޮތާއި ގުޅިފައިވާ ކަމެކެވެ. މާނައަކީ މިކަމަކީ ދަރިވަރުންގެ އުނގެނުން ރޭވުމުގައި ވަރަށް ބޮޑަށް ސަމާލުވުން މުހިންމު ނުކުތާއެކެވެ. މަޢުލޫމާތެއް ހުށަހެޅޭ ގޮތުން ކޮންމެ ދަރިވަރަކަށް އެންމެ ގުޅޭ ނުވަތަ އެކަށޭނަގޮތަކަށް ނުވެދާނެއެވެ. މިސާލަކަށް ޓީވީއިން އެއްޗެއް ދައްކާނަމަ، ލޮލަށް ނުފެންނަ ކުދިންނަށް އެއިން މާބޮޑު ފައިދާއެއް ނުކުރާތާ، އޭނާގެ ޝައުގުވެރިކަމެއްވެސް އެއަށް އޮތުމަކީ ނާދިރު ކަމެކެވެ. ހަމަ މިބީދައިން އަޑު ނީވޭ ކުއްޖެއް ކުލާހުގައި އިންނަ ނަމަ ޓީވީއިން ދައްކާ އެއްޗެއްގައި ކިޔާ އެއްޗެއްގެ ބޭނުމެއް އޭނައަކަށް ނޯވެދާނެއެވެ. މިދެމިސާލުންވެސް ދޭހަވެގެން މިދަނީ އެއްކުއްޖަކާއި ގުޅޭގޮތެއް ހެދޭއިރު އަނެއްކުއްޖަކާއި ނުގުޅޭގޮތަކަށް ފިލާވަޅުގެ ބައިތައް ހުށެހެޅޭގޮތް ވެދާނެ ކަމެވެ. އެހެންކަމަށްވާނަމަ މުދައްރިސު ޢާލަމީ ފަރުމާއަކުން ވިސްނާނަމަ ގެނެވިދާނެ ބަދަލުތައް ހުންނާނެއެވެ. މިސާލަކަށް ޓީވީއިން އެއްޗެއް ދައްކާނަމަ ލޮލޮށް ނުފެއްނަ ކުއްޖާއާއެކު ވެސް އެއާ ބެހޭގޮތުން ވާހަކަ ދައްކާ ފެންނަ ކަންތައްތައް ކިޔައިދީ އިވޭ މަޢުލުމާތުތައް ހިއްސާ ކުރެވޭ ގޮތެއް ރޭވިފައި ހުރުމެވެ. ހަމައެހެންމެ މުދައްރިސު އެފަދަ ވީޑިއޯތައް ދައްކާނަމަ ފެންނަ މަންޒަރުތައް ސިފަވެސް ކުރެވިދާނެއެވެ. ހަމަ މިބީދައިން އަޑު ނީވީ ކުއްޖާއަށް ލޮލަށް ފެންނަކުއްޖަކަށް ވާނަމަ، ދައްކާ ވާހަކައިގެ ޓްރންސްކްރިޕްޓް ސަބްޓައިޓްލުގައި ލިޔެވިފައި ހުރުންފަދަ ކަންތައްތައް މުހިންމެވެ. އަދި ހަމައެހެންމެ ސައިންލޭނގްއޭޖްފަދަ ޓެކްނިކްސް ކުލާހުގައި ޢާއްމުކޮށް ނުވަތަ ވީޑިއޯގެ އެއްފަރާތެއްގައި ކިޔައިދޭގޮތަށް ވެސް ފަރުމާ ކުރެވިދާނެއެވެ. މިނޫނަސް ތަފާތު ޑިޖިޓަލް ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން މިހާރުގެ ކުލާސްރޫމުތަކުގައި ކުރެވިދާނެ ވަރަށް ގިނަ ކަންތައް ހުރެއެވެ.
- އެކްޝަން އެންޑް އެކްސްޕްރެޝަން (ކުރުމާއި ކުރާކަންތައް ހާމަކުރުން): މިދެކަމަކީ ހަގީގަތުގައި އުނގެނުމުގެ މާހައުލުގައި އެންމެ މުހިންމު ދެކަމެކެވެ. ދަރިވަރުންނަށް އުނގެނެވިއްޖެކަން ހާމަވަނީ މިކަމުގެ ތެރެއިންނެވެ. އެހެންގޮތަކަށް ދަންނަވާނަމަ އުނގެނުން ވިސިބަލް ކުރެވޭ ގޮތަކީ މިކަމުގެ ތެރެއިންނެވެ. އުނގެނުމުގެ ހެކި ފެންނަނީ މިކަމުންނެވެ. މުދައްރިސު ކަނޑައެޅި ގޯލް ނުވަތަ ލާރނިން އިންޓެޝަން ގެ ކާމިޔާބު ކަންވެސް ފެންނަނީ މިއިންނެވެ. އެހެންގޮތަކަށް ދަންނަވާނަމަ ދަރިވަރުންނަށް އުނގެނެވުނުކަން އެކުދިން ކުރާ ކަމަކުން ނުވަތަ އެކުދިންގެ ފުށުން ހާމަވާ ކަމަކުން ނަތީޖާ ހާސިލުވި މިންވަރު ބެލުމެވެ. މިކަން އުނގެނުމުގައި ޢާލާމީ ފަރުމާގެތެރެއިން ތަންފީޒު ކުރާނަމަ ހުރިހާ ކުދިންނަށް އެއްގޮތަކަށް ނުހެދޭނެއެވެ. ހަމައެހެންމެ ހުރިހާ ކުދިންނަށް އެއް ގޯލެއް ނުވަތަ މަގުޞަދެއްވެސް ކަނޑަ އެޅުން ރަގަޅެއް ނުވާނެއެވެ. ކޮންމެ ކުއްޖަކަށްވެސް އެކުއްޖެއްގެ ޕާރސަނަލް ގޯލް ކަނޑައެޅުމާއި އުނގެނުމުގެ ނަތީޖާ ހާމަކުރާނެ ގޮތް އެކި ކުދިންނަށް ތަފާތު ގޮތްތައް ހަމަޖެއްސުން މުހިންމެވެ. މިސާލަކަށް އަޑު ނީވޭ ކުއްޖެއްނަމަ ސައިންލޭންގްއޭޖް ބޭނުންކުރުން، ލޮލަށް ނުފެންނަ ކުއްޖެއްނަމަ ބްރެއިލް ބޭނުންކޮށްގެން ލިޔުން، އަދި އެނޫންވެސް ބޭނުންކުރެވޭ ތަފާތު ބާވަތްތަކުގެ ޓެކްނޮލޮޖީ ވަސީލަތްތައް މިސާލަކަށް ޓެކްސްޓް ސްޕީޗް ފަދަ ފަންކްޝަންތައް މިހާރުގެ ވަރަށް ގިނަ ޕީޑީ އެފް ފޯމެޓް ނުވަތަ އީބްކްތަކުގައިވެސް މިހާރު ހުރެއެވެ.
ޔުނިވަރސަލް ޑިޒައިން އޮފް ލާރނިން ކިޔަވައިދޭއިރު ތަންފީޒުކުރާނެ ގޮތަކީ ކޮބާ؟
- އެންމެ ބޮޑަށް ސަމާލުކަން ދޭންޖެހޭ ކަމަކީ ދަރިވަރުންނަށް ހަވާލުކުރެވޭ މަސައްކަތްތަކުގެ ތަފާތު ޢިޙްތިޔާރީތައް ދެވުމެވެ. މިސާލަކަށް އެސައިންމަންޓް ހަވާލުކުރާއިރު ލިޔުމުން، ކިޔުމުން، ވީޑިއޯ ހެދުން، ކުރެހުން ހެދުން، ހަރަކާތުން ދެއްކުން، ޑްރާމާ ހުށަހެޅުން، މިނޫންވެސް އެކި ދަރިވަރުންނާ ގުޅޭ އެކި ބާވަތްތައް ތަފާތުކަންތައް ހިމެނުން މުހިންމެވެ.
- ކުލާހުގައ ގެންގުޅޭ ތަފާތު މެޓީރިއަލްސްތައް ގިނަވައްތަރުތައް ގެންގުޅުން، މިސާލަކަށް ފޮތް، ބޮޑު ކުޑަ، ތަފާތު ފޮންޓްސައިޒުގެ ލިޔުންތައް، ވީޑިއޯ، އޯޑިއޯ، ސީޑީ، ފިޒިކަލް އެއްޗެތި، މިނޫންވެސް ތަފާތު ބާވަތްތަކުގެ އެއްޗެތި ކިޔަވައިދޭއިރު ގެންގުޅުން މުހިންމެވެ.
- މަޢުލޫމާތު ހުށަހަޅަން ބޭނުންކުރާތަކެތީގެ ވައްތަރުތައް ތަފާތު ކުރުން، މިސާލަކަށް ވީޑިއޯއިން އޯޑިއޯ އިން މަޢުލޫމާތު ހުށަހެޅުމާއި، ވާހަކަ ދައްކާ، ޝަރަހަކުރާނަމަ ސައިންލޭނގްއޭޖް ފަދަ ގޮތްތައް ވެސް ކުލާހުގައި އެފަދަ ނީޑެއް ބޭނުންވާ ކުއްޖެއް ހުންނަނަމަ ހިމެނުން، ފަދަކަންކަމަށް ސަމާލުކަންދިނުން. މިދެންނެވި ކޮންމެ ގޮތަކީ ވެސް ޔުނިވަރސަލް ޑިޒައިން އޮފް ލާނރިން ކުލާހުގައި ހިމަނައިގެން ކިޔަވައިދޭނަމަ ސަމާލުކަން ދިނުން މުހިންމު ކަންކަމެވެ.
- އިސްވެދިޔަ ހުރިހާ ކަމެއްގެ އިތުރުން، ކިޔަވައިދެމުންދާއިރު ނުވަތަ މަސައްކަތެއް ހަވާލުކުރާއިރު ވެސް ދަރިވަރުނަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދެވޭނެގޮތަށް ކުލާހުގެ ކަންކަން ރޭވިފައި ހުރުން މުހިންމެވެ. މިސާލަކަށް ކުލާހުގެ ކުދިން އެތުރިފައި ތިބޭއިރުވެސް ލޮލަށް ނުފެންނަ ކުއްޖަކަށް ފެންނަ އެއްޗަކާ ބެހޭގޮތުން ވާހަކަ ދައްކާ މަޝްވަރާ ކުރެވޭ ގޮތަށް އެއްދަރިވަރަކު އަނެއްދަރިވަރަކާ ގުޅުވި ޓެގް ކުރެވުން، ހަމަ މިބީދައިން އަޑު ނީވޭ ކުއްޖެއްނަމަ ބޭނުންކުރެވިދާނެ އެހެންވަސީލަތެއް ނުވަތަ އަދި ދަރިވަރުންވެސް ކުދިންނާއެކު ޕާރޓްނަރ ހަދާފައި ތިބުން ފަދަ ކަންކަން ވެސް ރޭވިދާނެއެވެ. މިތާނގައި މިހުށަހެޅުނު ބައެއް މިސާލުތަކަކީ ވަރަށް އާދައިގެ ގޮތަކަށް މުދައްރިސަށް ފަސޭހައިން ކުލާހުގައި ހަމަޖައްސައި ލެވެން ހުންނަ ކަންކަމެވެ. މާބޮޑު ކަންތައްތަކެއް ނުކޮށްވެސް އުނގެނުން ފަރުމާކުރާއިރު މިކަންތައްތައް ހަމަޖެއްސިދާނެއެވެ.
އިސްވެ ބަޔާން ކުރެވިދިޔަ ކަންކަމުގެ އިތުރުން، ޔުނިވަރސަލް ޑިޒައިން އޮފް ލާރނިން ބޭނުންކޮށްގެން އުނގަންނައިދިނުން ރާވާނަމަ މުޅި ސްކޫލުގެ ތަފާތު ދާއިރާތަކުގެ މީހުން ބައިވެރިވެގެން އެކަން ކުރުން މުހިންމެވެ. މިސާލަކަށް ޚާއްޞައެހީގެ ތަފާތު ދާއިރާތަކުގެ ތަޖުރިބާ ލިބިފައިވާ މީހުންނާއެކު ފިލާވަޅުގެ ބައިތައް ހަމަޖެއްސުމުގައިވެސް ބައެއް ކަހަލަ އެކްޓިވިޓީތައް ކުލާހުގައި ގެންދިއުމުގައިވެސް އެހީތެރިކަން ހޯދުން މުހިންމެވެ. ހަމަ މިއުސޫލުން ޑީޖިޓަލް ޓެކްނޮލޮޖީގެ ވަސީލަތްތަކަށް ޚާއްޞަވެފައިވާ ބޭފުޅުންނާއެކު މަޝްވަރާކޮށް އެކި ކުދިންގެ ތަފާތު ކަންކަމަށް ބޭނުންތަކަށް ރިޢާޔަތް ކުރުމަށް އެހީތެރިވެދިނުމަށް ބޭނުންކުރެވިދާނެ ވަސީލާތްތަކާ ބެހޭގޮތުން ޚިޔާލުހޯދާ މަޝްވަރާ ކުރުން ވަރަށް މުހިންމު ވާނެއެވެ. މީގެ އިތުރުން ކުލާހުގައި އުނގެނުން ރާވައިގެން ގެންދެވޭ ތަފާތު ހަރަކާތްތަކުގެ ނަތީޖާއާ ގުޅޭގޮތުން ރިވެލިކޮށް އެކަންކަމާ ބެހޭގޮތުން ޚިޔާލުތައް ހިއްސާކޮށް މަޝްވަރާކޮށް ހެދުންވެސް މުހިންމެވެ.
ކުރިން ބަޔާން ވި ކަންތައްތަކުގެ އިތުރުން، ކިޔަވައިދޭ ދަރިވަރުންގެ ޕްރޮފައިލް ހަދައި އެކުދިންގެ ތަފާތު ބޭނުންތަކާއި ގޮތްތަކާއި ކަންކަން އަބަދުވެސް އަޕްޑޭޓް ކުރެވޭ ގޮތަށް ކުލާސް ޕްރޮފައިލް ހެދުމަކީ ޔުނިވަރސަލް ޑިޒައިން އޮފް ލާރނިން ކިޔަވައިދިނުމުގައި ބޭނުންކުރާނަމަ ކުރަންޖެހޭ ކަމެކެވެ. މިފަދަ ޕްރޮފައިލް ތަކުގައި ކުދިންނަށް ކުރެވޭނެ ކަންކަމާއި، ބޭނުންކުރެވޭނެ ތަފާތު ޑިޖިޓަލް ޓޫލްސްތަކާއި، އެހީތެރިކަން ހޯދޭނެ އެހެން ފަރާތްތަކާއި ގޮތްތައް ވެސް ނޯޓް ކުރެވިފައި ހުންނާނެއެވެ. މީގެ ސަބަބުން ކޮންމެ ފިލާވަޅަކަށް ތައްޔާރުވާ އިރުވެސް ކުލާހުގައި ރޭވޭ ކަންކަން ދާނީ އެކި ކުދިންގެ ޕްރޮފައިލްގައި ވާކަންކަމަށް ރިޢާޔަތްކޮށްގެން ރޭވޭ ކަންތައްތަކަކަށެވެ. މިހުރިހާ ކަމަކާއެކު ދަންނަވަން މިއުޅޭ އެންމެ މުހިންމު މެސެޖަކީ ކިޔައިދިނުމަކީ ދަރިވަރުންނަށް ޓަކައި ރާވާ ކަމަކަށްވެފައި އެކުދިންގެ ހުރިހާ ކަމަކަށް ރިޢާޔަތް ކުރެވޭނެ ގޮތްތައް ހެއްކާއެކު ހާމަކަން ބޮޑުކޮށް ރޭވެން ޖެހޭ ކަމެއް ކަމެވެ. ހަމައެކަނި ލަފާ ކުރެވޭ ގޮތަކަށް، ހީވާ ގޮތެއްގެ މައްޗަށް ބަރޯސާވެގެން ޔުނިވަރސަލް ޑިޒައިން އޮފް ލާރނިން އާ އެއްގޮތަށް އުނގަންނައިދިނުން ނުރޭވޭނެއެވެ.
މިއަދުވެސް މިލިޔެލެވުނު މައުޟޫޢަކީ އަޅުގަނޑު ކުރިންވެސް ލިޔެފައިވާ ދާއިރާއެއް ކަމަށްވާ އިންކުލޫސިވް އެޑިޔުކޭޝަން/ޝާމިލުކޮށްގެން ކިޔަވައިދިނުމާ ވެސް ގުޅޭ ވާހަކަ ކޮޅެކެވެ. ނަމަވެސް މިއަދުގެ ވާހަކަ ކޮޅުގައި ހަމައެކަނި މިއިޝާރާތްކުރަނީ ހަމައެކަނި ޚާއްޞައެހީގެ ތަފާތު ތަކަށް ރިޢާޔަތް ކުރުމަށްވުރެ ބޮޑަށް ކުދިންގެ ހުންނަ ހުރިހާ ގޮތްތަކަށް ބޭނުންތަކަށް އަމާޒުކޮށްގެން ކިޔަވައިދިނުމުގައި ޢާލަމީ ވިސްނުމަކަށް ކަންކަން ރޭވުމަށެވެ. އެހެންގޮތަކުން ދަންނަވާނަމަ، ހުރިހާ ކުދިންނަށް އެއްކަހަލަ ކަންތައްތަކެއް ކުރަން ހަވާލު ކުރުމުގެ ބަދަލުގައި އެކުއްޖެއްގެ ބޭނުންތަކާއި ގަޔާވުންތަކާއި ކުޅެދުންތަކާ ގުޅޭނެ ގޮތަށް އުނގެނުން ރޭވުމަށެވެ. ދުނިޔޭގެ ގިނަ ގައުމުތަކުގައި ޔުނިވަރސަލް ޑިޒައިން އޮފް ލާރނިން އަކީ ވަކިން ޚާއްޞަ އެހީއަށް އެކަނި އަމާޒުކޮށްގެން ކިޔަވައިދޭން ރޭވުމަށް އިރުޝާދު ދެވޭ ފިލޯސަފީއެއް ނޫނެވެ. މިއީ ސްކޫލުގެ އުޅޭ އެކި ދާއިރާތަކުގެ މީހުންވެސް ބައިވެރިވެގެން އެންމެންގެ އެހީތެރިކަމާއެކު ކުދިންގެ ޕްރޮފައިލަށް ބަލައިގެން އުނގެނުން ރޭވޭ ގޮތެކެވެ. އަޅުގަނޑުގެ އުއްމީދަކީ މުދައްރިސުންނަކީ މިފަދަ ވާހަކަ ކޮޅެއް ކިޔާލުމަށްފަހު ނުވަތަ ސުރުޚީ ބަލާލުމަށްފަހު މިއީ ޝައުގުވެރި ވާހަކަ ކޮޅެކޭ ހިތަށް އަރުވާފައި ނިންމާލާ ބަޔަކަށް ނުވުމެވެ. އެއާ ޚިލާފަށް އަޅުގަނޑު އުއްމީދު ކުރަނީ މުދައްރިސުންނަކީ ކިޔަވައިދިނުމުގައި މިފަދަ ކަންކަން ޢަމަލީކޮށް ކުރެވޭގޮތް ބަލައި އަދި ތަޖުރިބާތައް ރިވެލިކޮށް އިތުރަށް ހަރުދަނާ ކުރެވޭނެ ކަންކަން ހޯދާ ބަޔަކަށް ވެސް ވުމެވެ.