ޝާއިއު ކުރީ: ޖެނުއަރީ 1, 2024 ލިޔުނީ: ޑރ. ޝާފިޔާ ކޮމެންޓްތައް: 0

މި ފަހަރުގެ ކޮލަމު މި ޚާއްޞަކޮށްލަނީ އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯރޑާސް (އޭ އެސް ޑީ) ހުންނަ ކުދިން ގޮވައިގެން ޗުއްޓީ ހޭދަކޮށްލުމަށް ދާއިރު ސަމާލުކަން ދޭންޖެހޭ ދެތިން ކަމަކަށް އަލި އަޅުވާލުމަށެވެ. ޗުއްޓީ ހޭދަކޮށްލުމަކީ ކޮންމެ ކުއްޖަކަށް ވެސް މުހިންމު ކަމެކެވެ. ޗުއްޓީގެ ދުވަސްތަކަކީ ޢާއިލާގެ މެމްބަރުންނާ އެކު އުފާ ފާޅުކޮށް، ހަދިޔާ ބަދިޔާ ބަދަލުކޮށް، އެންމެ އެއްކޮށް ކުޅިވަރު ކުޅެލާ މަޖާކޮށްލުމަށް ވެސް ލިބޭ ފުރުސަތެކެވެ. މިފަދަ ދުވަސްތަކުގައި އެހެން ކުދިންނާއި އެއްފަދައިން މިކުދިންނަށް ވެސް ފައިދާ ހުރި މަޖާ ދުވަސްތަކަކަށް ހެދޭތޯ ބެލެނިވެރިން ބަލަންޖެހޭނެއެވެ. އާންމު ކުދިންނާއި ޚިލާފަށް އޯޓިޒަމް ހުންނަ ކުދިން ގޮވައިގެން ޗުއްޓީ ހޭދަކޮށްލުމަށް ރާވައިރު ސަމާލުކަން ދޭން ޖެހޭ ކަންތައްތައް ގިނައެވެ. މިގޮތުން ބަލާއިރު އޯޓިޒަމް ހުންނަ ކުދިންނަށް ވަރަށް ގިނައިން ދިމާވާ އެއްކަމަކީ ސެންސަރީ އޯވަރލޯޑްވުމެވެ. ސެންސަރީ އޯވަރލޯޑަކީ އިންސާނުންގެ ކިބައިގައި ލައްވާފައިވާ ފަސް ހިއްސު ކަމަށްވާ އަލި، އަޑު، ރަހަ، އަތްލުމާއި ވަސް- އެއްފަހަރާ ސިކުނޑީގައި މަސައްކަތްތައް ޕްރޮސެސް ކުރެވޭއިރު އާންމުކޮށް މީހުންނަށް އެކަމުގެ އިހުސާސް ކުރެވޭ މިންވަރަށް ވުރެ އިތުރުވެގެން ދިއުމެވެ. މިކަމުގެ ސަބަބުން ކުރެވޭ އިހުސާސްތައް އިތުރުވެގެން ގޮސް ސިކުނޑިން އެކަން ފުރާނައަށް ނުރައްކާވާ ހާލަތަކަށް ވެސް ހިނގައިދާނެއެވެ. ސަބަބަކީ އެފަދަ ކަންކަމަށް އޯޓިޒަމް ހުންނަކުދިންގެ ސިކުނޑިގައި އިޖާބަދޭ މިންވަރު އިތުރުވެ އަކަމުގެ އުނދަގޫތައް ތަޙައްމަލު ނުކުރެވޭ މިންވަރަށް ދިއުމެވެ. މީގެ ސަބަބުން ބައެއް ފަހަރު ނަތީޖާއެއްގެ ގޮތުން  ކުއްޖާގެ ސިކުނޑި ފްރީޒް މޯޑަށް (ހުއްޓުމަކަށް) ދިއުންވެސް އެކަށީގެންވެއެވެ. މާނައަކީ ޖަޒުބާތީ އިހުސާސްތައް ތަހައްމަލުކުރެވޭ މިންވަރަށް ވުރެ އިތުރުވުމެވެ. ބައެއްފަހަރު އޯޓިޒަމާއި ބެހޭގޮތުން ދިރާސާކޮށް ލިޔާ ލިޔުންތެރިން މިކަމަށް ސަމާލުވުމަށް އިލުތިމާސްކުރެއެވެ.

ލެފެލް (2022) ފާހަގަކުރާ ގޮތުގައި އޭއެސްޑީ ހުންނަ ކުދިން ބައިވެރިކޮށްގެން ޗުއްޓީއެއް ރޭވާއިރު ތަފްސީލީ ޕްލޭންތަކެއް ކުރަން ޖެހެ އެވެ. ބެލެނިވެރިންގެ އަމިއްލަ ބާރުގެ ދަށުގައި ނުވާ ވަރަށް އާދައިގެ ކަންކަން މިސާލަކަށް ދަތުރުފަތުރުގެ ކަންކަމުގެ ތެރޭގައި ދާންވީ ތަނާއި، ތިބެންވީ ތަނާއި، ކުރާނެ ކަންތައްތައް، ބެލެނިވެރިން ހަމަޖައްސަން ޖެހޭނީ ކުއްޖާގެ ކިބައިގައި ހުންނަ ތަފާތު ކަންކަމާއި، އަދި އެކަންކަން މެނޭޖްކޮށް ހަމަޖައްސޭނެ ގޮތްތަކެއް ދުރާލާ ވިސްނައިގެންނެވެ. ގިނަ ފަހަރަށް އެކި ތަންތަނަށް ގޮސް އުޅޭ އިރު ތަނުގެ ހުންނަ އަލިތަކާއި އަޑުތަކުގެ ސަބަބުން ސެންސަރީ އޯވަލްލޯޑް ވުމަކީ އެފަދަ ކުދިންނަށް ދިމާވާ ކަމެކެވެ. މި ދިރާސާގައި އިތުރަށް އަލި އަޅުވާލެވިފައިވާ ގޮތުގައި، އޭ އެސް ޑީ ކުދިންގެ ކިބައިން ފާހަގަކުރެވޭ ބަދަލަށް އާދަނުވުން އަމިއްލަ ގެ ނޫން ނުވަތަ އާންމުކޮށް ދާ ތަންތަން ނޫންތަންނަށް ދިއުމާއެކު އެކުދިންނަށް އުދަނގޫތައް ކުރިމަތިކުރުވައެވެ. މީގެ ތެރޭގައި ޚާއްޞަކޮށް އަބަދު ކަމެއް ކުރާގޮތާއި ޚިލާފަށް ނުވަތަ ތަފާތު ވަގުތެއްގައި އާންމުކޮށް ކުރާ ކަމަކަށް ބަދަލު އައުން ހިމެނެއެވެ. ބޭރު ގައުމުތަކަށް ނުވަތަ އެހެން ވެސް ރަށަކަށް ގޮސް އުޅޭ އިރު ނިދާތަނާއި، އުޅޭ ތަނަށް ބަދަލު އައުމަކީ ވެސް މިފަދަ ކުދިންނަށް އުނދަގޫތަކެއް ކުރިމަތިވާ ކަމެކެވެ. ތަން ބަދަލުވުމާއި އުޅެން ޖެހޭ ގޮތް ބަދަލުވެ، ޚާއްޞަކޮށް އެކުދިންގެ ހަޔާތުގައި އާންމުކޮށް ހިނގާ ކަންކަމަށް ބަދަލުއައުމަކީ ޖަޒުބާތީ އުނދަގޫތަކެއް މެދުވެރިވާ ކަމެކެވެ. މިފަދަ ކޮންމެކަމަކަށް ސަމާލުކަން ދިނުމަށް ލެފެލް (2022) ގެ ދިރާސާގައި ބާރުއަޅާފައިވެއެވެ. މިކަމުގެ އިތުރުން މި ދިރާސާގައި ތަފުސީލުކޮށްލެވިފައިވާ ގޮތުގައި ޕާރކްތަކާއި އަދި އެހެނިހެން ޗުއްޓީ ހޭދަކުރުމަށް ހަދާފައިވާ ރިސޯޓްތައް ފަދަ ތަންތަން ހުންނަންޖެހޭނީ ޔުނިވަރސަލް ޑިޒައިންގެ އުސޫލްތަކާއި އެއްގޮތަށެވެ. މާނައަކީ އެންމެނަށް ފެތޭގޮތަށް ކަންކަން ހަމަޖެހިފައި ހުރުމެވެ. ޚާއްޞަކޮށް އޭ އެސް ޑީ ފަދަ ހާލަތްތަކުގެ ކުދިންނަށް އުނދަގޫވާ ގޮތަށް ބޮޑެތި ޖާގަތަކުގައި ބައިވަރު ކޮންޓްރާސްޓިން (ގަދަކުލަތައް) ބޭނުންކުރުމާއި، އޯވަރކުރައުޑެޑް (ފުރިފައިވާތަނެއްގެ އިހުސާސްވުން) ފަދަ އިހުސާސްތައް ނުކުރެވޭ ގޮތަށް ހުރުމާއި، އަދި ހިސާބަށް ވުރެ އަލިގަދަކޮށް ހެދިފައިވާ ހުންނަ ތަންތަނުގައި އެ އަލިގެ ސަބަބުން އުދަނގުވާ ކުދިންނަށް އެ އަލިން ރައްކައުތެރިވެވޭނެ ގޮތެއް  ނުވަތަ މެނޭޖްކުރެވޭނެ ގޮތްތަކެއް ހަމަޖެހިފައި ހުރުމަކީ ޔުނިވަރސަލް ޑިޒައިންގެ އުސޫލްތަކެވެ. މި ނޫނަސް މާ ބޮޑަށް އަޑު ގަދަވާ ތަންތަން ނަމަ ހެޑްފޯނުތައް ފަދަ ވަސީލަތްތައް ފޯރުކޮށްދެވޭ ގޮތް ހުރުމަކީވެސް މިފަދަ އުސޫލުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މިދިރާސާގައި ހުށަހަޅާފައިވާ ޚިޔާލުތަކުގެ ތެރޭގައި، މިފަދަ ކުދިންގެ ބެލެނިވެރިން އެކުދިން ގޮވައިގެން ޗުއްޓީގައި ދާނަމަ، ދުރާލާ އިސްވެދިޔަ ކަންކަން މެނޭޖްކުރެވޭނެ ގޮތެއް ޕްލޭންކޮށްފައި އޮތުން މުހިންމެވެ.

އެހެންކަމުން އޯޓިޒަމް ހުންނަ ކުދިންގޮވައިގެން ޗުއްޓީގައި ދާން ގަސްދުކުރާ ތަންތަނާއި އެތަންތަން ހުންނަގޮތާއި ކަން ހިނގާގޮތް ރަނގަޅަށް ބަލާފައި އޮތުމަކީ ބެލެނިވެރިން ކުރަން ޖެހޭ ކަމެކެވެ. މިގޮތުން ކުދިން ގޮވައިގެން ދާން އުޅޭ އެކި ތަންތަނުގެ އަޑާއި ހޭލަމޭލިކަން އޮވެދާނެގޮތް މިފަދަ ތަންތަނުގައި އަޑުގަދަވުން ފަދަ ކަންކަމުގެ ސަބަބުން ކުއްޖާއަށް ދިމާވެދާނެ ސެންސަރީ އޯވަރލޯޑް ވުމުގެ ޖާގަ ވީ މިންވަރަކުން ކުޑަކުރުމަށް ސަމާލުވާން ޖެހޭނެއެވެ. އެއީ އެކުދިންނަށް ވަރަށް ފަސޭހައިން ދިމާވެދާނެ ކަމެއްކަން ގަބޫލުކުރަން ޖެހޭނެއެވެ. މިކަން އެންމެ ބޮޑަށް ގުޅިފައިވަނީ މިކުދިންގެ ކިބައިގައިވާ ސެންސަރީ ސެންސިޓިވިޓީ (ފަސްހިއްސުގެ ހައްސާސްކަން ބޮޑުވުން) ފަދަ ކަންކަމާއެވެ. ސެންސަރީ ސެންސިޓިވިޓީ އަކީ އޯޓިޒަމްގެ ހުންނަ ކުދިންގެ ކިބައިން އެންމެ އާންމު ކޮށް ފާހަގަކުރެވޭ އެއް ޢަލާމާތެވެ.  މިކަމަކީ ސިކުނޑީގެ އެތައް ހިއްސުތަކެއް އެއްފަހަރާ ޕްރޮސެސް ކުރުމުގެ ޤާބިލުކަމަށް ނުކުޅެދުމާއި ގުޅިގެން ވާކަމެކެވެ.  އޭ އެސް ޑީ ހުންނަ ކުދިންނަށް މިފަދަ ކަންކަމުގެ ސަބަބުން ތަހައްމަލުކުރަން ދަތި ސެންސަރީ ޖަޒުބާތުތަކެއް އިތުރުވެގެންދެއެވެ. އޭ އެސް ޑީ ހުންނަ ކުއްޖެއް ގޮވައިގެން ތަނަކަށް ޗުއްޓީ ހޭދަކޮށްލުމަށް ދާނަމަ ސަމާލުވާން ޖެހޭ ދެތިންކަމެއް މިތާގައި ފާހަގަ ކޮށްލާނަމެވެ.

  1. ރަނގަޅު ޕްލޭނެއް ހެދުން

ބެލެނިވެރިން އެންމެ ބޮޑަށް ވިސްނަން ޖެހޭނީ ތިމާގެ ދަރިފުޅު އެންމެ ރަނގަޅަށް އެނގޭނީ ތިމާއަށް ކަމެވެ.  އެހެންކަމުން ޗުއްޓީ ދުވަސްވަރު ކުރާނެ ކަންތައްތައް ކަނޑައަޅާ ރާވާނީ ކުއްޖާއާ ގުޅޭ ކޮންކަހަލަ ހަރަކާތްތަކެއް ކަން ނިންމާނީ ކުއްޖާއަށް ސެންސަރީ އޯވަރލޯޑް ނުވާނެ ފަދަ ގޮތަކަށެވެ. ހަމައެހެންމެ ކުއްޖާގެ އިހުސާސްތައް އިތުރަށް ޓްރިގަރވާނެ ކަންކަމުން ދުރުހެލިކުކރުމަކީ އެކުދިންގެ ސެންސަރީ އޯވަރލޯޑެއް ވިޔަނުދިނުމަށް ކުރެވިދާނެ ކަމެކެވެ. މިސާލަކަށް ޕާރކްފަދަ ތަންތަނަށް ގޮސް އުޅޭ އިރު އަޑު މެނޭޖްކުރުމަށް، ދުވާލުގެ އަލި ނުވަތަ ޕާރޓީތަކަށް ދާން ރާވާފައިވާ ނަމަ އެތަންތަނުގެ ލައިޓިން (އަލިހުންނަގޮތް) އަދި އަޑުގަދަ ވުމުގެ ސަބަބުން ކުއްޖާއަށް މެނޭޖްކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން ކުރެވިދާނެ ކަންތައްތަކަށް ދުރާލާ ހަމަޖެއްސުމަކީ މުހިންމު ކަމެކެވެ. މިގޮތުން ކުރެވިދާނެ ކަންކަމުގެ ތެރޭގައި މިސާލަކަށް ޕާޓީއަކަށް ދާން ހަމަޖައްސާފައިވާނަމަ، އެޕާރޓީގައި މީހުން ގިނަ ނަމަވެސް ނުވަތަ އަޑު ގަދަ ނަމަ ޕާރޓީ އޮތްތަނުގައި ހަމަހިމޭންކޮށް ވަކި ޖާގައެއް އިޚްތިޔާރުކުރެވޭގޮތަށް ހުރިތޯ ބަލަންވާނެއެވެ. މިނޫނަސް މިފަދަ ކަންކަން މެނޭޖްކުރުމުގެ ގޮތުން ހެޑްފޯނުފަދަ އެއްޗެއް ކުއްޖާލައްވާ ބޭނުންކުރުވާ އަދި އެކުދިން އާންމުކޮށް ހިތްހަމަޖެހޭ ފަދަ ކުޅޭ ހިތްވާ ގޭމަކަށް ނުވަތަ ކުޅޭ އެއްޗެއް ދީފައި ބޭންދުން ފަދަ ކަންކަން ވެސް ހިމެނެއެވެ. ބައެއް ބެލެނިވެރިން މިހުރިހާ ކަމަކަށް ބަލަން ޖެހޭތީ ކުދިން ބޭރަށް ނުވަތަ އެހެންތަނަކަށް ގެންދިއުމަށް ވަރަށް އިޢުތިރާޟްކުރާކަން ވެސް ފާހަގަކުރެވެއެވެ. ފަހަރުގައި ހުރިހާކަމަށް ދުރާލާ ޕްލޭން ކޮށް ވިސްނައި ރާވައި ހެދުމަކީ ފަސޭހަކަމަށް ނުވާތީ މިކަމުން އެންމެ ފަސޭހަގޮތް އިޚްތިޔާރު ކުރެވެނީ ކަމަށްވުން ވެސް އެކަށީގެންވެއެވެ. ނަމަވެސް ތަންތަނަށް ނުގޮސް ދޫކޮށްލުމަށް ވުރެ ކުއްޖާ ގޮވައިގެން ގޮސް ކަންކަން ރާވާލެވިދާނެ ގޮތްތަކަށް ދުރާލާ ވިސްނުމަކީ މީގެ ރަނގަޅު ގޮތެވެ. އެއް ސަބަބަކީ ކަމެއް ދިމާވެދާނެތީ ދަރިފުޅުގެ ޗުއްޓީ ދުވަސްތައް ގޭތެރޭގައި ހޭދަކޮށްލުމަށް ވުރެ ކަންކަން ރަނގަޅަށް ރާވައިގެން ކުއްޖާއަށް ތަފާތު ކަންކަން ތަޖުރިބާ ކޮށްލުމަށް ވެސް ފުރުސަތު ފަހިކޮށްދިނުމަކީ ބެލެނިވެރިން ކުރަން ޖެހޭ ކަމެކެވެ.

  1. ޗުއްޓީގައި ދަތުރުކުރާ އުޅަނދާއި ތަންތަން ދެއްކުން

ދަތުރުކުރަން އުޅެނީ މަތިންދާ ބޯޓްގައި ނުވަތަ އެހެންވެސް ދަތުރުފަތުރު ކުރާ ލޯންޗް، ފެރީފަދަ ތަކެތި ނަމަ އެތަނަށް ކުރިން ދަރިފުޅު ގެންގޮސް ދައްކާލާ ހަދާލުމަކީ ރަނގަޅު ކަމެކެވެ. ކުއްޖާއަށް އެތަންތަން ކުރިން ދައްކާފައިވާ ނަމަ އެކަމުގެ ސަބަބުން ލިބިދާނެ ނުތަނަވަސްކަން ކުޑަކުރެވޭނެއެވެ. މިސާލަކަށް އެއާރޕޯޓަކަށް ދާނަމަ، އެތަނުގެ ސިކިރިއިޓީއާއި، ފޮށިތަކާއި އެކަންތައްތައް ހިނގާގޮތް ދައްކާލާ ވާހަކަ ދައްކާލާ ހެދުމަކީ ވަރަށް ރަނގަޅުކަމެކެވެ.

  1. ރައްކައުތެރި ތަނެއް އިޚްތިޔާރުކުރުން

ޗުއްޓީގައި ދަރިފުޅުގޮވައިގެން ތަނަކަށް ދާން ހަމަޖައްސާފައިވާނަމަ އެކުދިން ބައިވެރި ކުރަން ބޭނުންވާ އެކި އެކި ހަރަކާތަކުގައި ކުއްޖާ ބައިވެރި ކުރުވޭނެ ހަމަހިމޭން އަދި ރައްކާތެރި ތަނެއް ހޯދުން މުހިންމެވެ. އެ ދާން އުޅޭ ތަނުގެ އަޑާއި، އަލި ފަދަ ކަންކަން ހުންނަގޮތް ޗެކްކޮށް، އެކި ހަރަކާތްތަކުގައި ބައިވެރިވެގެން އުޅޭ އިރު ކުއްޖާ ފޫހިވުން ފަދަ ކަންކަން ދިމާވުމުން ތަނުން ނުކުމެލާ ވަކިތަނަކަށް ދެވޭ ފަދަ ގޮތްތައް ހަމަޖެހިފައި ހުރިތޯ ވެސް ބަލާލުމަކީ ސަމާލުކަން ދޭން ޖެހޭ ކަންކަމެވެ. އާންމުކޮށް އޭ އެސް ޑީ ކުދިންނަކީ ކަންކަމުގައި ގިނައިރު ދެމިހުރުމަށް ބައެއްފަހަރު ދަތިތަކެއް ދިމާވާ ކުދިންކަމުގައި ވެފައި ފޫހިވެއްޖެނަމަ އެކަންކަން މެނޭޖްކުރުމަށް ދާނެ ތަންތަން ނުވަތަ ލޮބީ ފަދަ ތަނެއް ހުރިތޯ ދުރާލާ ބަލާފައި ބޭއްވުމަކީ ރަނގަޅު ގޮތެކެވެ.

  1. ރަނގަޅު ވަގުތަކީ ދުވަހުގެ ހެނދުނު ހެނދުނުގެ ޙަރަކާތްތައް

ހެނދުނު ވަގުތަކީ ކުދިންނަށް ކަންކަން ފަށައިގަތުމަށް ފަސޭހަވެ އެކުދިން ތާޒާކޮށް ހުންނަ ވަގުތެކެވެ. ދުވަހުގެ ގިނަކަންތައްތަކެއް ރާވާފައިވާނަމަ ދުވާލުގެ ފަހަތަށް ދިޔަވަރަކަށް ކުދިންނަށް ދިމާވާ ގޮންޖެހުންތައް ބޮޑުވެއެވެ.  އެހެންކަމުން ޗުއްޓީގެ ހަރަކާތްތައް ޝެޑިއުލް ކުރުން އެންމެ ރަނގަޅީ ހެނދުނުގެ ވަގުތެއެވެ. މިކަން މިހެން ފާހަގަ ކުރެވުނު ނަމަވެސް އަމިއްލަ ދަރިފުޅަކީ ހެނދުނު ހެނދުނާ ކަންކަން ކުރަން އުނދަގޫ ކުއްޖެއްނަމަ މިކަން މިގޮތަށް ރޭވުން ރަނގަޅެއް ނުވާނެއެވެ. ތިމާގެ ދަރިފުޅުގެ ގޮތް އެންމެ ބޮޑަށް އެނގޭނީ ތިމާއަށެވެ. އެކުއްޖަކު ޕާރކަށް ދިއުންފަދަ، ނުވަތަ މޫދަށް އެރުން ފަދަ ކަންކަން ކުރަން ބޭނުންވަނީ ނުވަތަ އޭނާއަށް މަޖާވަނީ ހަވީރުގަޑި ނަމަ އެގޮތަށް އެކަން ރޭވުމަކީ އެންމެ ރަނގަޅު ގޮތެވެ.

  1. ކުއްޖާއާ އެންމެ ގާތްކޮށް އުޅޭ ތިމާ މީހުންގެ އެހީތެރިކަން ހޯދުން

އޭ އެސް ޑީ ހުންނަ ކުއްޖެއް ގޮވައިގެން ޗުއްޓީގެ ތަފާތު ހަރަކާތްތައް ރާވާނަމަ، ޢާއިލާގެ ތެރޭގައި އޭނާއާ އެންމެ ގާތްކޮށް އުޅޭ އެކުއްޖެއްގެ ކަންކަން އެންމެ ގާތުން ބަލާ މީހުންގެ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެކެވެ. ދަތުރު ނުވަތަ ރަށުން ބޭރަށް ދިއުމުގެ ކުރިން ޢާއިލާ އެންމެނާއެކު ބައްދަލުކޮށް ކަންކަން ގެންދާނެ ގޮތް ރޭވުމަށް ސަމާލުވުމަކީ ރަނގަޅު ގޮތެކެވެ. ސަބަބަކީ އޯޓިޒަމް ހުންނަ ކުއްޖެއް އޭނާ ގެ އާންމު ދިރިއުޅުމުގެ ބޭރުން އެހެން ތަނަކަށް ގެންދާނަމަ އެހެން މީހުންގެ އެހީތެރިކަމާއި އެއްބާރު ލުމަކީ ވަރަށް ބޭނުންޖެހޭނެ ކަމެކެވެ. ޢާއިލާގެ އެހެންމެމްބަރުން ވެސް ދިމާވެދާނެ ތަފާތު ކަންކަމަށް ތައްޔާރުކޮށް އެފަދަ ކަމެއް ދިމާވުމުން ހަދާނެ ގޮތާ ބެހޭގޮތުން ވާހަކަ ދެކެވިފައި އޮތުމަކީ މުހިންމު ކަމެކެވެ. މިސާލަކަށް، މާމަ، ކާފަ، ނުވަތަ ބޮޑުބޭބެ، ބޭބެ، ދައްތަމެން ފަދަ ކޮންމެ މީހަކުވެސް މިފަދަ އެހީތެރިކަމަށް ފުދޭނެއެވެ. ބޭރަށް ތަންތަނަށް ގޮސް އުޅޭއިރު ކުއްޖާއަށް ސެންސަރީ އޯވަރލޯޑް ވިޔަ ނުދިނުމަށްޓަކައި އެފަދަ ކަމެއް ދިމާވުމުން ވީހާވެސް އަވަހަކަށް އެހެން މީހުންގެ އެހީތެރިކަން ވެސް ބޭނުން ހިފަން ޖެހޭނެއެވެ.

  1. ދިމާވެދާނެ ކަންކަމަށް ދަރިފުޅު ތައްޔާރު ކުރުން

މިގޮތުން ކުރެވިދާނެ ކަންކަމުގެ ތެރޭގައި ޗުއްޓީއަށް ދާން އުޅޭ ރަށް ނުވަތަ ބޭރު ގައުމެއް ނަމަވެސް ކަންކަން ދިމާވެދާނެ ގޮތާއި ބޭހޭގޮތުން ވާހަކަ ދައްކާ ހަދާނެ ގޮތުގެ ރޯލްޕްލޭ ފަދަ ކަންކަން ކުއްޖާ ބައިވެރިކޮށްގެން ގެންދިއުމަކީ ކުރިޔާލައި ކުއްޖާ އެކަމަށް ތައްޔާރު ކުރެވޭނެ ގޮތެކެވެ. ޕާރޓީއަކަށް ގޮސް އުޅޭއިރު ދިމާވެދާނެ އެކި ކަންކަން، މިސާލަކަށް ހަދިޔާ ކަނޑާ ހިތްވުމާއި، އަލަށް ދިމާވާނެ މީހުން ދިމާވުމުން ބުނާނެ އެއްޗަކާއި އެހެންމީހުންނާއި އެކު މުޢާމަލާތް ކުރާއިރު ބުނަ ޖެހޭ ބަސްތައް ފަދަ އެކި އެކި ކަންކަމަށް ކުއްޖާއާ އެކު ވާހަކަ ދައްކާފައި އޮތުމަކީ ރަނގަޅު ކަމެކެވެ.

  1. ޗުއްޓީގައި ދިމާވެދާނެ ތަފާތު ކަންކަމާއި ގުޅޭ ތަސްވީރު ފޮތް ހެދުން

މިފަދަ ކަންކަމުގެ ސަބަބުން ވެސް ކުއްޖާއަށް އަލަށް ކަމެއް ދިމާވުމުން އިހުސާސް ކުރެވޭ އުނދަގޫ ކަންކަން މެނޭޖުކުރުމަށް އެހީތެރިވެދޭނެއެވެ. މިސާލަކަށް ދާން އުޅޭ ތަނާއި އެތަންތަނުގައި ހުންނަ ތަކެތީގެ ތަސްވީރު ފަދަ ތަކެތި ވެސް ދެއްކޭނެއެވެ. މިއިން ކޮންމެ ކަމަކުންވެސް ކުއްޖާ ތައްޔާރުކޮށް ސަމާލުވުމަކީ މިކަމުގައި އެންމެ ރަނގަޅު ގޮތެވެ.

  1. ވީވަރަކުން ކުއްޖާއާ ގުޅޭ ކަންކަން އެއް ރޫޓިންސްތަކެއް ގޮތަށް ރޭވުން

އޭ އެސް ޑީ ހުންނަ ކުދިންނަކީ ބަދަލަކަށް ކުރިމަތިލާން ވަރަށް އުނދަގޫ ކުދިބައެކެވެ. އެހެންކަމުން އެކުދިންގެ ކައިހަދާ ވަގުތުތަކާއި، ނިދާ ވަގުތުތައް، އަދިވެސް އެހެނިހެން ކަންކަން ވީ ވަރަކުން އެއް ރޫޓީންއެއް ދަށުން ގެންދަން ޗުއްޓީގައި އެހެން ތަނަކަށް ދިޔަނަމަ ވެސް ސަމާލުވުމަކީ މުހިންމު ކަމެކެވެ. މިސާލަކަށް ޗުއްޓީގައި އެންމެން ރޭނގަޑު ކެއުމަށް ތަނަކަށް ދާން ހަމަޖައްސާފައިވާ ނަމަވެސް އެފަދަ ކުއްޖެއްގެ ރޭނގަޑު ކެއުން އޭނާގެ އާންމުކޮށް ކާގަޑީގައި ހަމަޖެއްސުމަކީ މުހިންމު ކަމެކެވެ. ހަމަ މިބީދައިން މިފަދަ ކުއްޖެއް ދުރުތަނަކަށް ގެންދާނަމަ ވެސް އޭނާ އާންމުކޮށް ކައި އުޅޭ ތަކެތި ދުރާލާ ތައްޔާރުކޮށް އެކުދިންގެ ރޫޓީންސް އަށް އަދި ކާތަކެތީގެ ބާވަތްތައް ބަދަލުކުރަން ނުޖެހޭ ފަދަ ގޮތަކަށް ކަންކަން ހަމަޖެއްސުމަކީ ސަމާލުކަން ދޭން ޖެހޭ ކަމެކެވެ.

  1. ބޭނުންވާ ކުޅޭ އެއްޗެހި، ހެޑްފޯނު، އަދި އެހެނިހެން ތަކެތި ގެންދަން ސަމާލުވުން

އޭ އެސް ޑީ ހުންނަކުދިން އެކި ތަންތަނަށް ގެންދާ އިރު އެމީހުންގެ އާންމު ދިރިއުޅުމުގައި ބޭނުންކުރާ ތަކެތި މިސާލަކަށް ހެޑްފޯނު، ވަކި ޚާއްޞަ ކުޅޭ ތަކެތި، އަދި ގިނަ މީހުން އުޅޭ ތަންތަނުގައި އެކުއްޖެއްގެ ސެންސަރީ އޯވރލޯޑް ވިޔަ ނުދިނުމަށް ބޭނުން ކުރާ ކުޅޭ ތަކެތި، ކާމްޑައުން (މަޑުޖެއްސުމަށް) ބޭނުންކުރާ ތަކެތި ފަދަ އެއްޗެހި ގެންދިއުމަށް ހަދާން ކުރަން ޖެހޭނެއެވެ.

  1. ސޯޝަލް ސްޓޯރީ ކިޔައިދިނުން

އެކި ތަންތަނަށް ގޮސް އުޅޭއިރު ދިމާވެދާނެ ކަންކަމާ ބެހޭގޮތުން ސޯޝަލް ސްޓޯރީ ކިޔައިދީ ކުއްޖާ ތަފާތު ކަންކަމަށް ތައްޔާރު ކުރުމަކީ މުހިންމު ކަމެކެވެ. މިސާލަކަށް ޕާރޓީ އަކަށް ދިޔުމުން ކުރިން ދިމާނުވާ ބައެއް މީހުން ދިމާވާނެ ކަމާއި، ދިމާވުމުން ބުނާނެ ވާހަކަތަކާއި، ސަލާން ގަލާން ކުރާނެ ގޮތާއި، އެވާހަކަ ތައް ކިޔާދީ ހަދާފައިވާނަމަ ކުއްޖާއަށް އެކަންކަމަށް މުޢާމަލާތް ކުރަން ފަސޭހަވާނެއެވެ.

  1. ޗުއްޓީ ދުވަސްތައް ހޭދަކުރާ ތަންތަނާއި ކަންތައްތަކުގެ ވިޝުއަލް ޝެޑިއުލް ހެދުން

މިއީ އޯޓިޒަމް ހުންން ކުއްޖެއް ގޮވައިގެން ދުރުތަނަކަށް ދާން  ހަމަޖައްސާފައިވާނަމަ ކުރުން މުހިންމު ކަމެކެވެ. މިސާލަކަށް ދާން އުޅޭ ތަންތަނުގެ ފޮޓޯތައް ބޭނުންކޮށްގެން ހެދިފައި ހުންނަ ޝެޑިއުލް ގެންގުޅުމަކީ ކުއްޖާކަންކަމަށް ތައްޔާރު ކުރެވޭނެ ގޮތެކެވެ. ހަމައެގޮތަށް މޫދު، އަތިރިމަތި، ކުޅޭ ތަންތަން، ޕާރކް، އެނޫންވެސް ކުއްޖާގެ ދުވަހުގެ ހަރަކާތްތައް ގެންދާނެ ވަގުތުތަކާއި ތަންތަން ހިމެނޭފަދަ ވިޝްއަލް ޝެޑިއުލު ހެދިފައި ހުރުމަކީ މިފަދަ ދަތުރުތަކުން އެކުދިންނަށް ލިބެންވާ ހިތްހަމަޖެހުންވެސް ލިބިގަތުމަށް އެހީތެރިވެދޭނެ ގޮތެކެވެ.

  1. ބާޒާރަށް ދާނަމަ، އެންމެ ބާޒާރުމަތި ބިޒީ ނޫން ވަގުތުތައް އިޚްތިޔާރު ކުރުން

އާންމުކޮށް ޗުއްޓީގައި ތަންތަނަށް ގޮސް އުޅޭ އިރު ޢާއިލާގެ މެމްބަރުންވެސް އަދި ބެލެނިވެރިންވެސް ބާޒާރަށް ގޮސްލަން ބޭނުންވާނެއެވެ. މިފަދަ ދަތުރުތަކުގައި ކުދިން ގޮވައިގެން ދާނަމަ ބާޒާރު މަތި ބިޒީ ނުވަނީސް ދުވަހުގެ ކުރީކޮޅުގައި ބާޒާރުކުރަން ވިސްނުމަކީ ރަނގަޅު ގޮތެވެ. ވަކި ކަމެއް ދިމާވެދާނެތީ ބާޒާރަށް ނުގޮސް ނުވަތަ އެކަން ކުރުމަށް ޖެހިލުންވެ ހުރުމުން ބެލެނިވެރިންގެ އުފާތަކާއި ބޭނުންތަކަށްވެސް ކުދިން ގޮވައިގެން އުޅޭ އިރު ބުރޫ އެރުމަކީ މުޅިއެކުން ރަނގަޅު ގޮތެއް ނޫނެވެ. އެއާ ޚިލާފަށް ކަންކަން ރަނގަޅަށް އިންތިޒާމުކޮށް ރޭވުމަކީ އެންމެ ބޮޑަށް ސަމާލުވާން ޖެހޭ ކަންކަމެވެ.

މިއަދުވެސް މިލިޔެލެވުނީ މި ދުވަސްކޮޅަކީ ސްކޫލުތަކުގެ ކުދިންގެ ޗުއްޓީ ދުވަސްވަރަށް ވެފައި މިދުވަސްވަރު މިފަދަ ކުދިން ގެންގުޅޭ ބެލެނިވެރިން ސަމާލުވެލަންޖެހޭ ދެތިން ކަމަކަށް އަލި އަޅުވާލުމަށް ގަސްދުކޮށް ލިޔެވުނު ލިޔުންކޮޅެކެވެ. އުއްމީދަކީ މިއީ ކިތަންމެ އާދައިގެ ވާހަކަ ކޮޅެއް ނަމަވެސް މިކަންކަމަށް ސަމާލުވެގެން ކުދިން ގޮވައިގެން ތަންތަނަށް ދިޔުމުގައި ޕްލޭންތައް ރާވައި ކުރާނެ ކަންކަން ހަމަޖެއްސުމެވެ. ބޭނުމަކީ އޯޓިޒަމް ހުންނަ ކުއްޖެއް ނަމަވެސް އެކުދިންގެ ޗުއްޓީގެ އުފާތަކުން އަދި ބެލެނިވެރިންނަށް ވެސް މިފަދަ އުފާތަކުން މަހުރޫމު ނުވެ ކުދިންނާއެކު އުފާވެރި ޗުއްޓީއެއް ހޭދަކޮށްލުމަށް އެހީތެރިވެދިނުމެވެ.

 

ހަވާލާދޭ ފަރާތްތައް

ލެފެލް، އެލް.(2022). ސެންސަރީ އޯވަރލޯޑް: ޔުނިވާސަލް ޑިޒައިން ޕްރިންސިޕަލްސް މެދުވެރިކޮށް ތީމް ޕާކްތަކުގައި އޯޓިޒަމް ފްރެންޑްލީ އޭރިއާތައް އުފެއްދުން.

Leave a Comment