ޝާއިއު ކުރީ: ނޮވެމްބަރ 25, 2023 ލިޔުނީ: ޑރ. ޝާފިޔާ ކޮމެންޓްތައް: 0

މިއަދުގެ ކޮލަމް ޚާއްޞަމިކޮށްލަނީ ތަޢުލީމީ ދާއިރާގެ ފަހުގެ ލިޔުންތަކުގައި ވަރަށްބޮޑަށް ބަހުސްކުރެވޭ މައުޟޫޢަކާ ގުޅޭ ގޮތުންނެވެ. ޚާއްޞަކޮށް ދަރިވަރުންނަށް އުނގަންނައިދެވޭ އެއްޗަކީ ވިސިބަލް ނުވަތަ ފާޅުކޮށް ފެންނަ އެއްޗަކަށް ހެދުމުގެ މުހިންމު ކަމާ ބެހޭގޮތުންނެވެ މިކަމަށް އިޝާރާތްކޮށް ބޭނުންކުރެވޭ ކޮންސެޕްޓަކީ ވިސިބަލް ލާރނިން ނުވަތަ ހާމަވަނިވި އުނގެނުމެވެ. މިއީ އޮސްޓްރާލިއާގެ މެލްބޮރން ޔުނިވަރސިޓީގެ މަޝްހޫރު ޕްރޮފެސަރ ޖޯން ހެޓީ ގެ ވިސްނުމުގެ ތެރެއިން ވުޖޫދުވެފައިވާ ކިޔަވައިދިނުމުގައި ބޭނުންކުރެވޭ ފިލޯސަފީއެކެވެ. ޖޯން ހެޓީވަނީ މިދާއިރާގައި ދުނިޔޭގައި ވަރަށް ގިނަ ގައުމުތަކުގެ ތަޢުލީމީ ނިޒާމުތެރެއަށް މިފިލޯސަފީ ޢާއްމުކުރުމުގެ މަސައްކަތްތައް ކުރައްވާފައިއެވެ. ޚާއްޞަކޮށް މިދާއިރާއިން ދިރާސާތައް ހައްދަވައި އެއިން ތަފާތު އެތަށް މައުޟޫޢުތަކަކާ ގުޅޭގޮތުން ޢިލުމީ ކަރުދާސްތައް އޭނާ ލިޔުއްވާފައިވެއެވެ. ހޭޓީ (2009) ފާހަގަކުރައްވާގޮތުގައި އުނގެނުމަކީ ވިސިބަލް ނުވަތަ ފެންނަ/ހާމަވަނިވި އެއްޗަކަށް ހެދުމުން ދަރިވަރުންގެ އުނގެނުމުގެ ފެންވަރު އެތަށް ގުނައަކަށް އިތުރު ކުރެވިދާނެއެވެ. އޭނާ ފާހަގަކުރައްވާގޮތުގައި މިކަންކުރުމުގައި އެންމެ ބޮޑަށް ބަލަންޖެހޭ އުޞޫލަކީ ސީދާ މުދައްރިސުން ދަރިވަރުންގެ މަގާމުގައި އުނގެނޭފަރާތުގެ ތަޞައްވުރާއެކު މަސައްކަތް ކުރުމެވެ. މާނައަކީ ދަރިވަރުން ވިސްނާނެ ގޮތާއި، ސިކުނޑީގައި ހިނގާނެ ޚިޔާލުތައް، އެކުދިންގެ މުޢާމަމާލާތް، ދައްކާނެ ވާހަކަ، އެކުދިންގެ ފުށުން ފެންނަ އުނގެނެވުނުކަން ހާމަވާ ހެކިތައް، މިފަދަ ކޮންމެ ކަމެއް އަންދާޒާކޮށް ސީދާ ދަރިވަރުންގެ ގޮނޑީގައި ތިބެގެން މުދައްރިސުންވެސް ޚިޔާލު ކުރުމެވެ (ހޭޓީ، 2009). އުންގެނުން ރާވާއިރު މިފަދަ ކަންކަމަށް ސަމާލުވެ އުނގެނުމަކީ ދަރިވަރުން އަމިއްލައަށް ވެސް އުނގެނެވޭކަން އަންދާޒާ ކުރެވޭ އެކުދިންނަށް ކުރެވޭ ކަންކަމުން އެނގެނުމުގެ ނަތީޖާތައް ހާމަވަނިވިގޮތަކަށް ރޭވޭ ކަމަކަށް ވާން ޖެހެއެވެ (ހޭޓީ، 2009). މިތާނގައި އަޅުގަނޑު މި މާނަކުރާ އުނގެނުމަކީ އެއްވެސް ހާލެއްގައި ތިލަތިލަ ކޮށް ބުނެލެވޭ ޖުމުލައަކުން ނުވަތަ ލިޔެވޭ އެއްޗަކުން ދަރިވަރުންނަށް އުނގެނެވުނުކަން ފެނުމެއް ނޫނެވެ. ޖޯން ހޭޓީގެ ވިސްބަލް ލާރނިން (ހާމަވަނިވި އުނގެނުން) މިކޮންސެޕްޓްގެ ޝަރަހައިގައި އެންމެ ބޮޑަށް އިޝާރާތް ކުރެވިފައިވާ ބައިތަކުގެ ތެރޭގައި ސާރފޭސް ލާރނިން (ތިލަކޮށް އުނގެނުން) އާއި ޑީޕް ލާރނިން (ފުންކޮށް އުނގެނުން) މިދެ މަފުހޫމު ފަރަގު ކުރުން ހިމެނެއެވެ. މިގޮތުން ފާހަގަކޮށްފައިވާ ބައެއް ތަފާތުތައް ތިރީގައިވާ ތާވަލުގައި ދެވިފައި އެވަނީއެވެ.

ތިލަކޮށް އުނގެނުން

ފުންކޮށް އުނގެނުން

މަޢުލޫމާތު ހިތުދަސްކުރުން

މަޢުލޫމާތު ތަފާތު ކަންކަމާ ގުޅުވައިގެން ވިސްނުން އަދި ޚާއްޞަކޮށް ކުރި އެނގިފައި ހުރި އެއްޗަކާ ތަފާތުވާގޮތް ވިސްނާ ތަފާތު ވީ ކީއްވެ ކޮންކަމެއްކަން ދެނެގަތުން

އުނގެނޭ މަޢުލޫމާތުތަކާއެކު މާބޮޑު ވިސްނުމެއް ނުހިނގުން

އުނގެނޭ މަޢުލޫމާތުތަކާ ގުޅޭގޮތުން ކްރިޓިކަލްކޮށް ވިސްނާ ތަފާތު ގޮތްގޮތަށް މަޢުލޫމާތު ބަދަލުވެދާނެ، މާނަދޭހަވެދާނެގޮތްތައް ވިސްނުން

އުނގެނޭ ބައިތަކުގައި ހިމެނޭ މުހިންމު ބަހުސްކުރެވޭކަންތައް، މުހިންމުވާ ކަންކަން މުހިންމުވަނީ ކީއްވެކަން މާބޮޑަށް ސަމާލު ނުވުން

އުނގެނޭ ބައިތައް ބޭނުންކުރެވިދާނެ ގޮތްތަކާއި، ބަހުސްކުރެވިދާނެ ތަފާތު ވިސްނުންތަކާ ޢަމަލުކުރެވިދާނެ ތަފާތު ގޮތްތަކާއި ކަންކަމަށް ސަމާލުވެ ވިސްނުން

ޓެސްޓް ނުވަތަ ގްރޭޑް ލިބޭނީ ކިހިނެއްކަން ބޮޑަށް ސަމާލުވުން

އުނގެނުމުގެ ފޯރި، އެމަޢުލޫމާތު ބޭނުންކުރެވިދާނެގޮތަށް ބޮޑަށް ޝައުގުވެރިވުން

މައިގަނޑު އަމާޒަކީ އެކިޔައިދިން މަޢުލޫމާތު އެގޮތަށް ބޭނުންކުރުން

މައިގަނޑު އަމާޒަކީ އެކިޔައިދިން މަޢުލޫމާތުގެ ތެރެއިން ވިސްނިދާނެ އިތުރު ގޮތްތައް ހޯދައި އެއިން ކުރެވިދާނެ ތަފާތުކަންކަން އަދި އޭގެތެރެއިން އިތުރު ހޯދުންތައް ދެނެގަތުން

 

މިތާވަލުގައިވާ ތަފާތު ކަންކަމަށް ބަލާއިރު، ހޭޓީ ފާހަގަކުރައްވާގޮތުގައި އުނގެނުމަކަށް ވަނީ ފުންކޮށް، ދާއިމަށް ދެމިގެންދާގޮތަށް، މުސްތަޤުބަލުގައި ބޭނުންކުރެވޭގޮތަށް، ދިރިއުޅުމުގައި އޭގެ ފައިދާ ފެންނަގޮތަށް، ކުރާ މަސައްކަތެއްގައި އެއުނގެނުން ބޭނުންކުރެވޭ ގޮތަށް އުނގެނެވޭ އެއްޗަކަށެވެ. މިޚިޔާލަށް ބަލާއިރު ޖޯން ހެޓީ މުޅިން އިންކާރު ކުރައްވާ އުނގެނުމުގެ ސިފަތަކަކީ ހަމައެކަނި ވަގުތީކަމަކަށް އުނގެނޭ އުނގެނުމެވެ. މިސާލަކަށް ސްކޯރ މަތިކުރުމަށް، އިމުތިހާނެއް ހަދާލުމަށް، ރަގަޅު ޖަވާބެއް ދިނުމަށް މިފަދަ އުނގެނުމަކީ ތިލަ އުނގެނުން ނުވަތަ އެއީ ފަހުން މާބޮޑު ބޭނުމެއް ކުރުމުގެ ނިޔަތުގައި އުނގެނެވޭ އެއްޗެއް ނޫން ކަމަށް ހޭޓީގެ ގިނަގުނަ ޢިލުމީ ކަރުދާސްތަކެއްގައި އިޝާރާތްކުރައްވައެވެ.  ހޭޓީ (2009) މިކަމުގެ ތަފުސީލުދެއްވަމުން ހާމަކުރައްވަނީ މުދައްރިސުން މިގޮތަށް އުނގެނުން ފަރުމާކުރުމުން ދަރިވަރުންނަށް ޙަޤީޤީ އުނގެނުމުގެ ތަޖުރިބާތަކެއްވެސް ފޯރުކޮށް ނުދެވޭކަމެވެ. ހަމައެބީދައިން މުދައްރިސުންނަށް ވެސް އުނގަންނައިދިނުމުގެ މަސައްކަތުގެ ޙަޤީޤީ މަންފާއާ ލާބަ ތަޖުރިބާ ކުރުމުގެ ފޮނިކަން ނުލިބޭކަމެވެ. އުނގަންނައިދިނުމަކީ އެއްވެސް ހާލެއްގައި ލިސްޓެއްގައި ޓިކްކޮށްފައި މަޤުޞަދު ހާސިލުވެއްޖެކަމުގެ ހެކި ދެއްކުމެއް ނޫނެވެ. އެއާއި ޚިލާފަށް އެއަށްވުރެ ފުންކޮށްވިސްނާ، އުނގެނުމަކީ ދިރިއުޅުމަށް ކުރާކަމަކަށް ހެދުމަށް ދަރިވަރުން ތަމުރީނު ކޮށް އެކުދިންގެ ވިސްނުންވެސް އެގޮތަށް ތަރައްގީވާން ފުރުޞަތު ދޭންޖެހޭނެއެވެ. މިކޮންސެޕްޓަށް އިޝާރާތްކުރަމުން ޖޯން ހެޓީ ގެ މަޝްހޫރު ފޮތްތަކުގައި ވަރަށް ގިނައިން ވާހަކަ ދެކެވޭ އެހެން ނުކުތާއަކީ ދަރިވަރުން އަމިއްލައަށް އުނގެނުމުގެ ރޫހު އުފެއްދުމާއި އެކަން ތަރައްޤީކޮށް ކުރިއެރުވުމަކީ ހާމަވަނިވި އުގެނުމަކަށް ހެދުމުގައި ކޮންމެހެންވެސް މުދައްރިސުން ސަމާލުވާންޖެހޭ ކަމެކެވެ. މިއިޝާރާތްކޮށްލެވުނު ވާހަކަ ކޮޅަށް ބަލާއިރު ފާހަގަކޮށްލެވޭ ދެތިން ކަމެއް ޚުލާޞާކޮށްލާނަމެވެ. ވިސިބަލް ލާރނިން/ހާމަވަނިވި އުނގެނުމަކީ ދަރިވަރުންނަށް އެނގެނެވިއްޖެކަން މުދައްރިސުންނަށް ސާފުކޮށް ހާމަވުމާއެކު ދަރިވަރުންނަށް ވެސް އެކަން އިހުސާސްވެ ފާޅުކޮށް ހާމަވުމެވެ. އެހެން ޢިބާރާތަކުން ދަންނަވާނަމަ އުނގެނެވުމުގެ ހެކި ދެފަރާތަށްވެސް ސާފުކޮށް ފެންނަ އޮތުމާއެކު ހާމަވުމެވެ. އެގޮތުން ބަލާއިރު، މުދައްރިސުންނަށް އުނގަންނައިދެވިއްޖެކަމުގެ ހެކި ހާމަވާއިރު ދަރިވަރުންނަށް އެނގެނެވުނުކަމުގެ ހެކި އޮންނަންވާނީ ހާމަވެފައެވެ.

ދާދިފަހުން 30 ނޮވެމްބަރ 2020 ގެ އެޑިޔުކޭޝަން ވީކް ވެބިނާރައެއްގައި ޖޯން ހޭޓީ އަދި އެފަދަ ދެތިން ޢިލުމުވެރިން ބަހުސްކުރެއްވީ ދުނިޔޭގެ މުޅި ތަޢުލީމީ ނިޒާމުގައި މިއައިސްފައިވާ ފުރަބަންދުގެ ތެރޭގައިވެސް ދަރިވަރުންނަށް އެނގެނެވޭ އުނގެނުން ވިސިބަލްކޮށް ފެންނަ އެނުނގެނުމުގެ ހެއްކާއެކު ގެންދިއުމަށް ރާވަންޖެހޭކަމެވެ. މިވެބިނާރުގެ މައިގަނޑު މައުޟޫޢަކީ ދަރިވަރުންގެ އުނގެނުން ކޮންމެ ހާލަތެއްގައިވެސް ކޮންމެ ތަނެއްގައިވެސް ވަޒަންކުރެވެން ޖެހެނީ އުނގެނުމުގެ ހާމަވި ހެއްކާއެކު ކަމުގައެވެ. އަނެއްކާވެސް މިތާނގައި އަޅުގަނޑު ހާމަކޮށްލަން ބޭނުންވާ ނުކުތާއަކީ އުނގެނުމުގެ ހާމަވި ހެއްކަކީ އެއްވެސް ހާލެއްގައި ވަގުތީގޮތުން އުނގެނެވޭ އުނގެނުމެއް ގޮތަށް ނުވިސްނުމެވެ. މިވެބިނާރގައި ފާހަގަކޮށްލެވުނު މުހިންމު ވާހަކަކޮޅަކީ ދަރިވަރުންނަށް އެއްޗެއް އުނގަންނަދެވުނު ހެކި ހޯދުމަށް އެންމެ މުހިންމުކަމަކީ އެކުދިންނަށް އެނގެނުން އެއްޗެއް އެހެން މީހަކަށް ކިޔައިދިނުން/ކިޔަވައިދިނުން، ނުވަތަ ދޭހަކަށް އެނގެނު އެއްޗަކާ ބެހޭގޮތުން ވާހަކަ ދައްކަން އެނގުންފަދަ ކަންކަމެވެ. އަޅުގަނޑަށް މިވާހަކަ ކޮޅު އަޑުއަހަމުން ދިޔައިރު ވިސްނާލެވުނު ކަމަކީ ޢާއްމު ކުލާސްރޫމެއްގައި އެއްޗެއް ކިޔަވައިދިނުމަށް ފަހު އަޅުގަނޑުމެން މުދައްރިސުން ދަރިވަރުން އެކަކު އަނެކަކަށް އެނގެނު އެއްޗެއް ކިޔަވައިދޭން ހަވާލު ކުރަނީ ކިހާމިންވަރަކަށްބާއެވެ. ފަހަރުގައި ސުވާލެއްގެ ޖަވާބު ކިޔަދޭން ހަވާލު ކޮށްފާނެއެވެ. ނަމަވެސް މުދައްރިސު ކިޔަވައިދިންގޮތަށް ނުވަތަ އެއަށްވުރެވެސް ފުރިހަމައަށް ދަރިވަރަށް އެކަން އެނގެނު ނުވަތަ ވިސްނުނުގޮތާއެކު ހިމަނައިގެން ކިޔައިދޭން ބުނެވެނީ ކިތަށް ފަހަރުބާއެވެ. މީގެ ވެސް މާނައަކީ ސުވާލެއްގެ ޖަވާބަށްވުރެ ފުންކޮށް އުނގެނުމާމެދު ވިސްނާ އުސޫލުން ދަރިވަރުންނަށް މިފަދަ ހަރަކާތްތައް ހަވާލު ކުރުމުގެ މުހިންމު ކަމެވެ. މިސާލަކަށް ލިޔުންތެރިކަން ކިޔަވައިދޭއިރު، ރަގަޅު ޕެރެގްރާފެއް ލިޔާއިރު ވިސްނަންޖެހޭ ކަންކަން އެލިޔެވިފައި އޮތީ ރަގަޅަށްތޯ ބެލުމަށް، އިތުރަށް ޕެރެގްރާފު ލިޔާއިރު ރަގަޅުކުރުމަށް ކުރާނެ ކަންކަން، ހަމަ އަސްލުގައިވެސް ކުރެވިދާނެ ކަންކަމާ ބެހޭގޮތުން ދަރިވަރުން އެއްކުއްޖަކު އަނެއްކުއްޖަކާއި ވާހަކަ ދައްކާ ހެދުމެވެ. މިތާގަނގައި ދަންނަވަން މިއުޅޭ އެންމެ މުހިންމު ނުކުތާއަކީ ދަރިވަރުންނަށް އެކަމެއް ކުރަންޖެހޭގޮތް މީހަކަށް ކިޔައިދޭން އެނގުން އެކަންޏެއް ނޫނެވެ. އޭގެ އިތުރުން އަމިއްލައަށް އޭނާ އެކަން ކުރާނެގޮތް އެނގުމާއެކު، އެހެންމީހަކަށްވެސް ރަގަޅަށް ޕެރެގްރާފެއް ލިޔާނެގޮތް ކިޔައިދޭން އެނގުމެވެ. މިތާނގައި މިފާހަގަކުރެވުނު މިސާލުގައި ދަރވަރަށް އެނގެނު އެއްޗެއް އެހެންމީހަކަށް ކިޔަވައިދޭން އެނގުމާއި އަދި އަމިއްލަ އަށް ކުރެވޭ މަސައްކަތް ނުވަތަ އެނގިފައިވާ އެއްޗެއް ރަގަޅަށް ވަޒަންކޮށްލަން އެނގުން ހިމެނެއެވެ. އަމިއްލަ އަށް ލިޔެވިފައިވާ ޕެރެގްރާފު އެންމެ ރަގަޅަށް ވަޒަންކުރާއިރު އޭގައި ހުރި ރަގަޅު ކަންކަން ރަގަޅުވީ ކީއްވެ، ނުރަނގަޅު ކަންކަން ނުރަނގަޅުވީ ކީއްވެ، އެކަން ރަގަޅުކުރުމަށް އަލުން ކުރެވިދާނީ ކީއް، ގެންނާނީ ކޮންބަދަލުތަކެއް، މިފަދަ ހުރިހާކަމެއް ދަރިވަރު އަމިއްލަ އަށް ކުރަން އެނގޭނަމަ ޔަގީނުންވެސް އެދަރިވަރަށް އެވަނީ އަމިއްލައަށް އެނގުނުކަމުގެ ހެކިތައް ވަރަށް ބޮޑަށް ހާމަކޮށް ފެންނަންށެވެ. އެއްވެސް ހާލެއްގައި ލިބުނު ސްކޯރއެއް ނުވަތަ ގުރޭޑެއްގެ ވާހަކަ މިތާގައި އަޅުގަނޑު އިޝާރާތް ނުކުރަމެވެ. އަޅުގަނޑު ދެކޭގޮތުގައި އުނގެނުމަކީ އެއީ ސްކޯރއެއް ހޯދުމަށް ގުރޭޑެއް ހާސިލުކުރުމަށްވުރެ މާބޮޑަށް ވެސް ފުންކޮށް ކުރަންޖެހޭކަމެކެވެ.

މީގެ ހަމަ ކުޑަދުވަސްކޮޅެއްގެ ކުރިން ޖޯން ހެޓީ އަދި އޭރަނ ހެމިލްޓަން ލިޔުއްވާފައިވާ ގޯލްޑްޕޭޕާރސް އަކީވެސް ވިސިބަލް ލާރނިން/ހާމަވަނިވި އުނގެނުމާއި ގުޅޭ ގޮތުން ފާހަގަކޮށްލެވޭ ޢިލުމީ ލިޔުންތަކެކެވެ. މިލިޔުންތަކުން ފާހަގަކުރެވުނު އެންމެ ޚާއްޞަކަމަކީ އެލިޔުންތަކުގައި ބަހުސްކުރައްވާފައިވާ މުޅި ދުނިޔޭގެ ތަޢުލީމީދާއިރާއާއި ގުޅޭ މުހިންމު ބަހުސްތަކެވެ. މިގޮތުން މިސިލްސިލާ ލިޔުންތަކުގައި މައިގަނޑު ހަތަރު ކަރުދާހެއް ކޮންމެ ކަރުދާހެއްގައިވެސް މުހިންމު ބަހުސެއް ކުރައްވާފައިވެއެވެ. މިލިޔުންތަކަކީ ވަރަށް ޝައުޤުވެރި ގޮތްތަކަކާއި ސުރުޚީތަކެއް ބޭނުންކޮށްގެން ލިޔުއްވާފައިވާ ލިޔުންތަކަކަށްވާތީ މިތާގައި އެއިން ކޮންމެ ކަރުދާހެއްގެވެސް މައިގަނޑު ބަހުސުގެ ޚުލާޞާއަށް އަލި އަޅުވާލާނަމެވެ. މިކަރުދާސްތައް ޑައުންލޯޑް ކޮށްލެއްވުމަށް މިލިންކަށް ފިއްތަވާލައްވާށެވެ.

ކަރުދާހުގެ ސުރުޚީ

މައިގަނޑު ބަހުސް

ވިސްނާލުން މުހިންމު ކަންތައްތައް

އޭސް ގުޑް އޭސް ގޯލްޑް (ރަން ފަދައިން ރަގަޅު)

 

ތަޢުލީމީ ނިޒާމަށް ކުރާ ޚަރަދާއި ބައްދަލުވަރަށް ނަތީޖާ ނެރެވޭހެއްޔެވެ. ރަގަޅަށް އުނގަންނައިދެވޭ ކަމުގެ ހެކިތައް މުސްތަގުބަލަށް ތައްޔަރުކުރެވޭ ޖީލްތައް އެޚަރަދު ކުރުމުން ބޭނުންވި މިންވަރަށް ހާސިލުވޭ ހެއްޔެވެ. ކާމިޔާބު ކަމާއެކު ރަންފަދަ ރަގަޅު ގައުމަށް ޚިދުމަތްކުރާނެ ކިތަށް ޢިލުމުވެރި ހުނަރުވެރިން ނެރެވޭ ހެއްޔެވެ. (ހެޓީ އަދި ހެމިލްޓަން، 2020)

މިއީ އަޅުގަނޑުމެންފަދަ އިގުތިޞާދީގޮތުން އެތަށް ގުނައަކަށް ދަށް ގައުމުތަކުގައި ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ ނުކުތާއެކެވެ. ދިވެހިރާއްޖެއަކީ ގައުމުގެ އެހެން ދާއިރާތަކާއި އަޅާ ކިޔާއިރު ތަޢުލީމަށް ފުދޭވަރަކަށް ޚަރަދު ކުރާ ގައުމެކޭ ދެންނެވިދާނެއެވެ. ނަމަވެސް އުނގެނޭކަމުގެ ހެކިތައް، ބޭނުންވާ ދާއިރާތަކުން ރަގަޅުފެންވަރުގެ ޢިލުމީ އުފެއްދުންތެރި ކަންކުރަންއިނގޭ ހުނަރުވެރި ކުދިން ނެރެވޭ ހެއްޔެވެ. މިއީ ކަރުދާސްތަކުގައި ކުރެވިފައިވާ ބަހުސްތައް ކިޔާލުމުން އަޅުގަނޑުގެ ހިތުގައި އުފެދުނު މުހިންމު ސުވާލެކެވެ. މިކަމަކީ ތަޢުލީމީ ދާއިރާގެ ބޭފުޅުންވެސް ވިސްނާލުން މުހިންމު ނުކުތާއެއް މެއެވެ.

ރިއަލް ގޯލްޑް ވާރސަސް ފޫލްސް ގޯލްޑް (ހަޤީޤީ ރަނާ އަސްލުނޫން ރަން ތަފާތު)

ތަޢުލީމީ ދާއިރާގެ ކަންކަން ހަރުދާނާކުރުމަށް 1800ގެ ދުވަސްވަރުން ސުރެން ދިރާސާ ހަދަމުންދާއިރު އޭގެ ތެރެއިން ކިތަށް ދިރާސާއިންތޯ ނުވަތަ ނަތީޖާއިންތޯ ސީދާ ދަރިވަރުންގެ އުނގެނުން ހަރުދަނާ ކުރުމަށް އެހީތެރިވެދެނީ ބެލޭހެއްޔެވެ. ދިރާސާތަކުން ހާމަކޮށްފައިވާ ކަންތައްތަކުން ވަކި ކަމެއްގައި ކަމުދަނީ ނުވަތަ ކާމިޔާބީ މިވެނިގޮތެކޭ ބެލެނީ ކިހާމިންވަރަކަށްތޯ މިދެޢިލުމުވެރިން ސުވާލު އުފައްދައެވެ. (ހެޓީ އަދި ހެމިލްޓަން، 2020)

މިއީ ޙަޤީޤަތުގައި ދިވެހިރާއްޖެފަދަ ގައުމަކަށް ވަރަށް މުހިންމު ސުވާލެކެވެ. އަޅުނގަޑުމެން މުޖުތަމަޢުތަކުގައި ދިރާސީކަންކަން އަދި މިވަނީ ކިރިޔަ ކިރިޔާ ފެށިފައޭ ދެންނެވިޔަސް މުޅި އެކުން ދޮގަކަށް ނުވާނެއެވެ. މިގޮތުން ދިރާސާތައް ހަދާ އެދިރާސާތަކުގެ ޢަމަލީބޭނުން ކުރެވިދާނެ ގޮތްތަކާއި ބެހޭގޮތުން މާބޮޑު ސަމާލުކަމެއް ނުދެވެއެވެ. މާނައަކީ ހެދޭ ކޮންމެ ދިރާސާއެއްގައިވެސް އެއިން ލިބިދޭނެ ކޮންމެސް ފައިދާތަކެއް އެކަން ތަންފީޒު ކުރެވިދާނެ ގޮތްތަކެއް ވަޒަން ކުރާނެ ބަޔަކުވެސް އަޅުގަނޑުމެންގެ ތެރޭގައި ތިބެން އެބަޖެހެއެވެ. ދިރާސީތަފާތު ހެކިތަކާއެކު ކަންކަންތަންފީޒު ކުރެވެމުން ކާމިޔާބު ވޭތޯ ނުވޭތޯ ބަލާނެ ޢިލުމީ ބަޔަކުވެސް އެބަތިބެންޖެހެއެވެ. އަދި ކޮންމެ ދިރާސާއަކުން ފެންނަ ނަތީޖާތައް ބޭނުންކުރެވެނީ ކިހިނެއްކަން، އެހީތެރިވެދެނީ ޢަމަލީކޮންކޮން ކަންތައްތަކެއްގައި ކަންވެސް ބެލެންޖެހެއެވެ.

ގެޓިން ޓް ގޯލްޑް (ރަންހޯދުން)

 

މިތާގައި ގޯލްޑް މާނަކޮށްފައިވަނީ ގޯލްޑް މިލަފުޒުގެ އަކުރުތައް ބޭނުންކޮށްގެން އެކުލަވާލެވިފައިވާ ޕްރޮސެސްއަކަށެވެ. އެހެން ގޮތަކަށް ދަންނަވާނަމަ، މުޅި ތަޢުލީމީ ސިސްޓަމްގެ ވިސިބަލް ލާރނިންއަށް އަމާޒުކޮށްގެން ރޭވުމަށެވެ. އެއީ

·       ޖީ އަކުރުން- ގޯލް ހަންޓް (ބޭނުންވާ ޓާރގެޓް ރަގަޅަށް ދެނެގަތުން)

·       އޯ އަކުރުން- އޮޕޮރޓުޔުނިޓީ ސިފްޓް (ގޯލާއި ހަމައަށް ދާނެ ރަގަޅު ސިސްޓަމެއް، މެކޭނިޒަމެއް ގާއިމުކުރުން)

·       އެލް އަކުރުން- ލިފްޓް އޮފް (ކަނޑައެޅި ކަންކަން ތަންފީޒުކޮށް ގާއިމުވާ މިންވަރު ބަލާ ހަރުދަނާވަމުންދާ ގޮތް ބެލުން)

·       ޑީ އަކުރުން- ޑަބަލްބެކް (ކުރެވޭ މަސައްކަތްތައް ބަލާ، ނަތީޖާތަކަށް ބަލައިގެން ދެން އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަނެ އަލުން ފަރުމާކޮށް ވިސްނުން)

މިކަރުދާހުގެ މައިގަނޑު ބަހުސަކީ ކަންކަން ކުރެވޭގޮތް ހެއްކާއެކު ބަލާ ވަޒަންކޮށް އޭގެ ނަތީޖާއަށް ބަލައިގެން ރަނަށް ހެދިދާނެ ވާހަކައެވެ. ނަމަވެސް ރަނަށް ހެދުމަށް މަސައްކަތް ކުރަންޖެހެނީ ވަރަށް ސިސްޓަމެޓިކްކޮށް ޢަމަލީ ކަންތައްތަކެއްގެތެރެއިން ހެކީގެ އަލީގައި ކަމުގައެވެ. (ހެމިލްޓަން އަދި ހެޓީ، 2020)

ޚާއްޞަކޮށް މިފަދަ ކަންކަމަށް ވިސްނާލާއިރު މުޅިގައުމުގެ ސްޓްރެޓިޖިކް ޕްލޭން ފަދަ ކަންތައްތައް ރޭވި އެއީ ސަރުކާރު ބަދަލުވާ ކޮންމެ ފަހަރަކު އަބަދު ބަދަލުވާ އެއްޗަކަށް ނުހަދުން މުހިންމެވެ. މުޅިގައުމުން އެތަށް ޚަރަދެއް ކޮށްގެން ކުރެވޭ މަސައްކަތްތަކުގެ ނަތީޖާ ބޭނުންވާ ޓާރގެޓްތައް ޙާސިލުވޭތޯ ނޫންތޯ ބަލަން ޖެހެއެވެ. މިތާގައި ފާހަގަކޮށްލުން މުހިންމު އަނެއް ނުކުތާއަކީ ދިވެހިރާއްޖެފަދަ ގައުމުތަކަކީ ވަރަށް ގިނައިން ދުނިޔޭގެ ތަންތާގައި ކަންތައް ކުރާގޮތް ބަލައިގެން އެތަންތާގައި ހަދާފައިވާ ދިރާސާތައް ބަލައިގެން އޭގެ ނަތީޖާތަކަށް ގާތްގަޑަކަށްހެން ކޮޕީކޮށްގެން ކަންކުރެވެމުންދާ ކުދި ކުދި ގައުމުތަކެވެ. މިފަދަ ހާލަތެއްގައި މިޢިލުމުވެރިން މިފާހަގަކުރާހެން ރާއްޖެއަށް އަސްލު ޙަޤީޤި ރަނަކީ ކޮބައިތޯ ބަލަންޖެހެނީ ރާއްޖެއަށް  އެ އެއްޗެއްގެ ބޭނުން ހިފޭ މިންވަރަކަށް ރާއްޖޭގެ ހާލަތާއި، ސަގާފަތާއި އުޅުންގުޅުމުގެ ގޮތްތަކަށް ފެތޭ މިންވަރަށް ބަލައިގެން ތަހުލީލު ކުރެވިގެންނެވެ. މިއީވެސް މިފަދަ ލިޔުންތައް ކިޔާލުމުން ވިސްނާލުމަށް ލިބޭ މުހިންމު ނުކުތާއެކެވެ.

ނޮޓް އޯލް ދެޓް ގްލިޓާރ އިސް ގޯލްޑް (ވިދާހާ އެއްޗަކީ ރަނެއް ނޫން).

މިއީ ދުނިޔޭގައި މިހާރު އެންމެ ބޮޑަށް ބަހުސްކުރެވޭ އެއް މައުޟޫޢަށް އިޝާރާތްކޮށް ލިޔެވިފައިވާ ކަރުދާހެކެވެ. ޚާއްޞަކޮށް މި ކަރުދާހުގެ މައިގަނޑު މައުޟޫޢު ގުޅިގެންދަނީ ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތަކާއެވެ. އެވަސީލަތްކަކީ ކިތަންމެން ވަރަށް ވިދާ ބަބުޅާ، މަޝްހޫލު ވަސީލަތްތަކެއް ނަމަވެސް ކިޔަވައިދިނުމަށް އެންމެ މުހިންމެ އެންމެ ބޮޑަށް ބަރޯސާވާންޖެހޭ އެއްޗެތި ނޫންކަމަށް ވެދާނެކަމެވެ. ޙަޤީޤަތުގައި މިޢިލުވެރިންގެ ޚިޔާލުތައް ގުޅިގެންދާމައިގަނޑު ވިސްނުމަކީ ކޮންމެ އެއްޗެއްގެ ވެސް ބޭނުންކުރަން ޖެހޭނީ އެއްޗެއްގެ ބޭނުންކުރަން ކަނޑައެޅި މަގުޞަދާ އެކަމުން އެމަޤުޞަދު  ހާސިލުވާ މިންވަރު ބަލަމުން ހެއްކާއެކުގައި ނެގޭ ގަރާރުތަކާ އެކުކަމެވެ. އެއްވެސް ހާލެއްގައި އެންމެ މަޝްހޫރު ކުރާ ނުވަތަ ބޭނުންކުރާ ވިސީލަތެއް ވަކި ބާވަތެއްގެ ތަޢުލީމެއް ނުވަތަ އުނގަންނައިދިނުމަކަން ކަމުދޭތޯ ނުވަތަ ނޫންތޯ ވަރަށް ރަގަލަށް ތަހޫލީ ކުރެވިގެންނޫނީ ބޭނުން ނުކުރުމަށެވެ. ވިދާހާ އެއްޗަކީ ރަނަށް ނުވާނެކަން މުޅި ކަރުދާހުގެ ސުރުޚީއަކަށް ލިޔެވިފައިވާ މިސަބަބަށްޓަކައެވެ. (ހެމިލްޓަން އަދި ހެޓީ، 2020)

މި ކަރުދާހުގައި ފާހަގަ މިކުރާ އެންމެ މުހިންމު ނުކުތާއަކީ އަޅުގަނޑަށް ވަރަށް ކަމުދިޔަ ބަހުސެކެވެ. ސަބަބަކީ ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަޅުގަނޑުމެން މިދަނީ ޓެކްނޮލޮޖީގެ ވަސީލަތްތަކަކީ އުނގެނުމާއި އުގަންނައިދިނުމަށް އެންމެ ފައިދާ ކުރަނިވި އެއްޗެހިކަމަށް ދެކި މުޅި ތަޢުލީމީ ސިސްޓަމުގެ ހުރިހާ އެންމެ އެއަށް އަހުލުވެރި ކުރެވޭ ތޯ މަސައްކަތް ކުރަމުންނެވެ. މިފަދަ ދަނޑިވަޅެއްގައި ކޮންމެ އެއްޗަކީ އެންމެ ރަގަޅު ވަސީލަތަށް ނުވެދާނެކަން، ނުވަތަ ކިޔަވައިދޭން އުޅޭ ވަކި ބާވަތެއްގެ ބައިތަކެއް ނުވަތަ ދަސްކޮށްދޭންޖެހޭ ހުނަރަކާ އެންމެ ބޮޑަށް ނުގުޅޭ ވަސީލަތަކަށް ވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ޚުލާޞާކޮށް ދަންނަވާނަމަ ކިޔަވައިދޭއިރު ކޮންމެ ޓޫލެއް ނުވަތަ ޓެކޮނޮލޮޖީގެ ވަސީލަތެއް ބޭނުންކުރަން ނިންމާނަމަ އެރަގަޅުވަނީ ކީއްވެ، ކިހިނެއް، ކޮންސަބަބަކާހުރެ، ހާޞިލުކުރަން ބޭނުންވާ މަގުޞަދަށް އެހީތެރިވެދެނީ ކިހިނެއް މިހުރިހާ ސުވާލަކަށް މުދައްރިސުން ސަމާލުވާން ޖެހެއެވެ. ކޮންމެ އެއްޗެއް ކޮންމެ ކަމެއް ކުރުމަށް އެންމެ އެކަށޭނަ ނުވެދާނެއެވެ. ހަމައެހެންމެ އެ ވަސީލަތެއް ބޭނުންކުރެވޭ ގޮތުން އޭގެ ހަގީގީ ލާބައާއި މަންފާގެ ބަދަލުގައި އެހެން ކަންތައްތަކެއް މެދުވެރިކުރުވާ ގޮތަކަށްވެސް ތަފާތު ވަސީލަތްތައް ބޭނުންކުރެވިދެއެވެ. އެންމެ މުހިންމު ކަމަކީ ޢިޚްތިޔާރު ކުރެވޭ ކޮންމެ ޓޫލެއް، ވަސީލަތެއް، ބޭނުންކުރަން ރޭވޭގޮތް މިއިންކޮންމެ ކަމެއްވެސް ދުރާލާ ވިސްނާ ފަރުމާ ކުރުމުގެ ތެރެއިން ވަޒަންކުރެވިގެން ވަސީލަތްތައް އިޚްތިޔާރު ކުރުމެވެ.

 

ހެޓީ އާއި ހެމިލްޓަންގެ ކަރުދާސްތަކުން ފާހަގަކޮށްލެވުނީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކެއްގައިވެސް އެންމެ ބޮޑު ބަޖެޓް/ޙަރަދު ހަމަޖައްސާކަމަކީ ތަޢުލީމީ ދާއިރާއަށް ކަމަށްވާއިރު އެލާރިން އެދެވޭ ފައިދާ ގައުމަށް ކުރަނީ ކިހާމިންވަރަކަށްތޯ ބެލެނީ ކުޑަމިންވަރަކަށް ކަމެވެ. އެކި ގައުމުތަކުގައި ތަޢުލީމީ ދާއިރާއަށް ކުރާ ޚަރަދުތަކުގެ ތާވަލުތަކާއެކު ޙާޞިލުވި ނަތީޖާތަކަށް ބަލާއިރު ހަގީގީ އުނގެނުމުގެ ނަތީޖާ ނުވަތަ ދުރު މުސްތަގުބަލުގެ ނަތީޖާއަށް ބަލާއިރު ހާސިލުވެފައިވާ މިންވަރު ކުޑަކަން އެބޭފޫޅުންގެ ބަހުސުގައި އިޝާރާތްކުރައްވައެވެ (ހެޓީ އަދި ހެމިލްޓަން، 2020). މިފަދަ ކަންކަމަކީ ވިސިބަލް ލާނރިން ފަދަ މުހިންމު ކަންކަމަށް ކިޔަވައިދިނުމުގައި ސަމާލުކަންދޭންވާ ވަރަށް ނުދެވޭތީކަމަށް މިދެބޭފުޅުންގެ ވެސް ފާހަގަކުރައްވައެވެ. ޚާއްޞަކޮށް ތަޢުލީމަކީ ވަގުތީކަމަކަށް ސެޓިފިކެޓެއްތަކެއްދީ ޑިގްރީތަކެއް ގިނަކުރުމަށް ކުރެވޭ ކަމެއްގެ ބަދަލުގައި ގައުމަށް ޚިދުމަތްކުރާނެ ޢިލުމީ ސިކުނޑިތަކެއް ތަމުރިނުކުރަން ކުރާ ކަމަކަށް ހަދަން ޖެހޭކަމަށް ނުހަނުބޮޑަށް ބާރު އަޅުއްވާފައި ވެއެވެ. އޭގެ އިތުރުން ކިޔަވައިދިނުމަކީ ދަރިވަރުންނަށް އެމީހުން ކިޔަވާއެއްޗެއްސަކީ ފަހުން ބޭނުންހިފަންޖެހޭ އެއްޗެހިތަކެއްކަން ގަބޫލުކޮށްދީ އޭގެ ބޭނުންކުރާނެ ގޮތާއެކު ރޭވެން ޖެހޭ މަސައްކަތެއްކަން ހުރިހާ ކަރުދާސްތަކެއްގައިވެސް އަލިއަޅުވާލާފައިވެއެވެ.

މިއަދުވެސް މިލިޔެލެވުނު މައުޟޫޢަކީ އަޅުގަނޑު ވަރަށް ގަޔާވާ ލިޔުންތެރިޔެއްގެ ލިޔުންތަކުން ހޮވާލެވިފައިވާ އުނގެނުމާއި އުނގަންނައިދިނުމާ ގުޅޭ ވަރަށް މުހިންމު ވާހަކަ ކޮޅެކެވެ. ހަގީގަތުގައި މިފަދަ ވާހަކަތަކާއި ގުޅޭގޮތުން ލިޔުމަކީ އަޅުގަނޑުގެ އަމިއްލަ ފަންނީ ކުރިއެރުމަށްވެސް ވަރަށް ބޮޑަށް އެހީތެރިވެދޭ ވިސްނުން ފުޅާވެގެންދާ ކަމެކެވެ. މިލިޔުންކޮޅުގައި ހުށަހަޅައި ލެވުނު ކަރުދާސްތައް ކިޔަމުން ދިޔައިރު ކޮންމެ ޢިބާރާތެއް އަދި ބަހުސްގެ މައުޟޫޢެއް އަޅުގަޑަށް ވީ ހަމަ އާ އުނގެނުމަކަށެވެ. ކޮންމެހެން އެލިޔުމުގައިވާ ޚިޔާލަކީ އާ ޚިޔާލަކަށް ވާތީ އެއް ނޫނެވެ. އެ ޢިލުމުވެރިންގެ ބަހުސްތަކުގެ ޚިޔާލުތައް ހުށަހަޅާލާފައިވާ ގޮތާއި، އެލިޔުންތަކުގެ ލިޔުމުގެ ސްޓައިލާއި، މަޢުލޫމާތު ފޯރުކޮށްދިނުމަށް ބޭނުންކޮށްފައިވާ އާދާއިގެ ބަހުރުވައާއި، އިގިރޭސި ބަހުގެ ރީތި ޢިބާރާތްތަކާއި މިއިން ކޮންމެ ބައެއްވެސް ހިމެނިގެންދިޔައީ ހަމަ ހަޤިޤަތުގައިވެސް ތިންމަސް ނުވަތަ ހަތަރު މަސް ދުވަހުގެ ޓްރެއިނިންއެއް ހަދާލުމުން ވެސް ނުލިބޭފަދަ އަގު ނުކުރެވޭ އުނގެނުމަކަށެވެ. ދަންނަވަން މިއުޅޭ ވާހަކަ އަކީ އުންގެނުމަކީ ކުރިޔަށް ވިސްނާ ކުރެވޭ ކަމެކެވެ. އެއްވެސް ހާލެއްގައި ވަގުތީގޮތުން ވަކި އެއްޗެއް ކިޔާ ނިންމާލެވި ވަކި ސެޓްފިކެޓެއް ހާސިލުކުރެވި މިބޭނުމަށްޓަކައި ކުރާ ކަމެއް ނޫނެވެ. ކިޔާ ކޮންމެ އެއްޗެއްގެ ވެސް އޭގެ ބޭނުމަށް ވިސްނާ، އެބޭނުންކުރެވިދާނެ ގޮތްތަކަށް ޚިޔާލުކޮށް އެއިން ވިސިބަލް/ހާމަވަނިވި ހެއްކާއެކު އުގެނެން ދަސްކުރަން އަޅުގަނޑުމެން ދަރިވަރުން އަހުލުވެރި ކުރުވަން ޖެހެއެވެ. އުގެނުމަކީ އެއްވެސް ހާލެއްގައި ފޮއްޓެން ފުރާއެއްޗެހި އަޅައި ބަންދުކޮށްފައި ބަހައްޓަން ކުރާ ކަމެއް ނޫނެވެ. އެއްޗެއް ކިޔަވާފައި އޭގެ ބޭނުމެއް ނުކުރާނަމަ އޭގެ ބޭނުމެއް ހަގީގަތުގައިވެސް  ނޯންނާނެއެވެ. އުނގެނޭ ކޮންމެ އެއްޗެއްގެ ބޭނުމާ މެދު ޚިޔާލުކުރަން ދަރިވަރުންނަށް ދަސްކޮށްދީ އަދި ހަމައެހެންމެ އަޅުގަނޑުމެން މުދައރިސުންވެސް އެފަދަގޮތަކަށް އުނގެނުމުމާމެދު ވިސްނުން ބެހެއްޓުން މުހިންމެވެ. ވިސިބަލް ލާރނިންއަކީ އުނގަނައިދިނުމުގައި ބޭނުން ކުރެވޭ ފަލްސަފާއެކެވެ. އުނގެނުން ފަރުމާކުރުމުގައ ބޭނުންކުރަންޖެހޭ ވިސްނުމެކެވެ. ހަރުދަނާ ތަޢުލީމީ ނިޒާމެއް ގާއިމު ކުރެވޭނީ ވިސިބަލް ލާރނިން ކިޔަވައިދިނުމުގެ ތެރޭގައި ހިމަނައިގެން ގެންދާނެ މުދައްރިސުންތަކެއްވެސް ތިބުމާއެކު ދަރިވަރުންނަކީވެސް ވިސިބަލް ލާރނިންއަށް އަހުލުވެރި ކުރެވިފައިވާ ބަޔަކަށް ހަދައިގެންނެވެ. މިކަމަކީ އަޅުގަނޑު ދެކޭގޮތުގައި މުޅި ތަޢުލީމީ ނިޒާމުގެ ކޮންމެ ބޭފުޅަކަށްމެ އަދި ކޮންމެ ހައިސިއްޔަތެއްގައި މަސައްކަތްކުރައްވާ ބޭފުޅަކަށްވެސް ވިސްނާލުން މުހިންމު ކަމެކެވެ.

r

Leave a Comment