މިއަދު ލިޔެލުމަށް ގަސްދު ކުރީ އޯޓިޒަމް ހުންނަ ކުދިންނާ ބެހޭގޮތުން ވަރަށް އާންމުކޮށް މީހުން ކޮށްލާ ބައެއް ސުވާލުތަކަކާ ބެހޭގޮތުން މަޢުލޫމާތުކޮޅެއް ލިޔެލުމަށެވެ. މިއީވެސް މުޖުތަމަޢުގެ މީހުންގެ ހިތުގައި އުފެދޭ ސުވާލުތަކަކަށްވެފައި، އަދި ބެލެނިވެރިންނާއި މުދައްރިސުންނަށް ވެސް ބައެއް ފަހަރު ސީދާ ސީދާ ޖަވާބުދިނުމަށް ދަތި ވާ ބައެއް ސުވާލުތަކެވެ. ސަބަބަކީ އެހެން މީހުން ކުއްޖާއާ މެދު ދެކޭނެ ގޮތާއި ބަލާފާނެ ގޮތާއި ހީ ކޮށްފާނެ އެއްޗެއް ފަދަ ކަންކަމަކީ ބެލެނިވެރިންނަށް ގިނަ އުދާސްތަކަކާއި ނުތަނަވަސްކަމެއް މެދުވެރި ކުރުވާ ކަމެކެވެ. އެއް ލިޔުމަކުން އޯޓިޒަމްއާ ގުޅޭ މުހިންމު ސުވާލުތަކެއްގެ ޖަވާބު ފޯރުކޮށްލައި ދިނުމަކީ މި ލިޔުމުގެ މައިގަނޑު މަގުސަދެވެ.
- އޯޓިޒަމް ހުންނަ ކުއްޖެއް އެއްކޮށް ރަނގަޅު ކުރެވިދާނެތަ؟
މިއީ އެންމެ އާންމުކޮށް ބެލެނިވެރިން ހިތުގައި އުފެދޭ ސުވާލެކެވެ. އެ މީހުންނެކޭ އެއްފަދައިން ހުރިހާ އެންމެނަށް ވެސް އެނގެން ޖެހޭ ޙަޤީޤަތަކީ އޯޓިޒަމް އަކީ އެއްކޮށް ރަނގަޅު ކުރެވޭނެ ހާލަތެއް ނޫންކަމެވެ. ނަމަވެސް، ތަފާތު ތެރަޕީ/ފަރުވާތަކާއި ގޮތްތައް ބޭނުންކޮށްގެން ދިމާވާ ދަތިތައް ހައްލުކޮށް، ދިރިއުޅުމުގެ އެކިއެކި ކަންކަމަށް އެހީތެރިކަން ފޯރުކޮށްދީ ދ އެކުދިންގެ ދިރިއުޅުން ފަހިކޮށްދެވިދާނެއެވެ. މިކަމުގެ ސަބަބުން އޯޓިޒަމްގެ ހާލަތް އެއްކޮށް ރަނގަޅު ނުކުރެވުނު ނަމަވެސް އެހެން މީހުންނަށް ބަރޯސާ ނުވެ ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށް އެހީތެރިވެދެވޭނެއެވެ.
- އޯޓިޒަމްގެ ހާލަތް މެދުވެރިވަނީ ކޮން ސަބަބަކާ ހުރެ ހެއްޔެވެ؟
އޯޓިޒަމްގެ ހާލަތް މެދުވެރިވާ އަސްލު ސަބަބެއް އެއްވެސް ދިރާސާއަކުން ސާފެއް ނުވެއެވެ. ނަމަވެސް، އޯޓިޒަމުގެ ޢަލާމާތްތައް ޢާއިލީ ގޮތުން ވާރުތަވާކަން ލަފާކުރެވިފައިވެއެވެ. އެކަމުގެ ސަބަބެއް ކަމުގައި ދިރާސާވެރިން ހާމަކުރަނީ އޯޓިޒަމްގެ ޢަލާމާތްތަކާ ގުޅޭ ވަރަށް ބައިވަރު ޖީންތަކުގެ ދައުރު ވަކި ކުރެވިފައިވީ ނަމަވެސް ސީދާ ވަކި ޚާއްޞަ ޖީންތަކެއް އަދި ޔަޤީން ކަމާއެކު ވަކި ކުރެވިފައި ނެތްކަމެވެ. ހަމަ އެކަނި ފެންނަން ހުރި ދިރާސީ ނަތީޖާތަކަކީ ސީދާ ޖީން ސްޓްރަކްޗަރ އަށް އަމާޒު ކުރެވި ޑައިގްނޯސްޓިކް ލެބޯޓްރީ ޓެސްޓުތައް ހެދިފައިވާ ހޯދުންތަކެއް ނޫނެވެ. މިގޮތުން ހެދިފައިވާ ދިރާސާތަކުގައި ބެލެވިފައިވާ ކަންކަމަކީ ކުދިންގެ ސުލޫކީ ކަންތައްތަކެއްގެ މައްޗަށް ބަރޯސާވެވި ހޯދިފައިވާ ހޯދުންތަކެވެ.
- އޯޓިޒަމްގެ ހާލަތް މެދުވެރިވަނީ ބެލެނިވެރިންގެ ފުށުން ނުވަތަ އެމީހުންނަށް ކުރެވޭ ކަމަކުންހެއްޔެވެ؟
މި ސުވާލަކީ ވަރަށް ގިނަ ބެލެނިވެރިންނަށް މުހިންމު ސުވާލެކެވެ. ބައެއް ހާލަތްތަކުގައި ބެލެވެރިން އަމިއްލަ ނަފުސަށް ނުވަތަ އެމީހުންގެ ހަޔާތުގައި ހިނގާ ކަންކަމަށް ދަރިފުޅުގެ އޯޓިޒަމްގެ ހާލަތް ގުޅުވާތަން ފާހަގަކުރެވެއެވެ. ނަމަވެސް މިސުވާލުގެ ޖަވާބަކީ ނޫނެކެވެ. މިއީ އެއްވެސް ހާލެއްގައި ބެލެނިވެރިންނަށް ސީދާ ކަން ކުރެވޭ ގޮތަކުން ނުވަތަ ދަރިފުޅު ބެލެހެއްޓޭ ގޮތަކުން ވާކަމެއް ނޫނެވެ. އަދި ހަމައެހެންމެ އެމީހުންގެ މާޟީގައި ކުރެވިފައިވާ ކަމަކުން ވެސް މެދުވެރިވާ ކަމެއް ނޫނެވެ.
- އޯޓިޒަމްގެ ހާލަތަކީ ކިހާ އާންމުކަމެއް ހެއްޔެވެ؟
ދިވެހިރާއްޖޭގައި އޯޓިޒަމް އާންމުވެފައިވަނީ ކިހާ މިންވަރަކަށް ކަމެއް ސީދާ ދިރާސާއަކުން އަދި ޝާއިޢު ކޮށްފައި ނެތެވެ. ނަމަވެސް ސްކޫލުތަކުގައި އޯޓިޒަމްގެ ހާލަތްތަކުގެ ކުދިން ވަރަށް ގިނަކަން ފާހަގަ ކުރެވޭތާ އަހަރުތަކެއް ވެއްޖެއެވެ. އޮސްޓްރޭލިއާ ފަދަ ގައުމުތަކުގައި ކޮންމެ 100 ކުދިންގެ ތެރެއިން 1 ކުއްޖެއް އޯޓިޒަމްގެ ޢަލާމާތައް ހުންނަކަން އެގައުމުތަކުގެ ދިރާސީ ރިޕޯޓްތައް ޝާއިޢުކޮށްފައިވެއެވެ. ހަމަ މިދިރާސާތަކުގައި އަޅުގަނޑު ކުރިން ވެސް ލިޔެފައިވާނެ ފަދައިން އަންހެން ކުދިންނަށް ވުރެ ފިރިހެން ކުދިންގެ ތެރޭގައި އޯޓިޒަމް އާންމުކަން ހާމަވެފައިވެއެވެ.
- އޯޓިޒަމްގެ ޢަލާމާތްތަކާއެކު އެހެން ކަންތައްތަކެއް ހިމެނިދާނެތަ؟
މިއީ އާންމުކޮށް ބެލެނިވެރިންނަށް ޖަވާބު އެނގެންޖެހޭ ސުވާލެކެވެ. ތިމާގެ ދަރިފުޅު އޯޓިޒަމްއަށް ޑައިގްނޯސް ކުރެވުމަށްފަހު އޯޓިޒަމް ހުންނަ އެހެން ކުދިންގެ ކިބައިން ފާހަގަ ނުކުރެވޭ ބައެއް ކަންކަން ފެނި އެކަމާ މެދު ހިތް ނުތަނަވަސް ވެއެވެ. އޯޓިޒަމްއަކީ ޙަޤީޤަތުގައި ވަރަށް ގިނަ ކަންތައްތަކެއް އެކެލެވޭ ކަމެކެވެ. އެހެންވެގެން އޯޓިޒަމާއި ބެހޭގޮތުން ވާހަކަ ދައްކާއިރު އެއީ ސްޕެކްޓްރަމް އެއް ގޮތަށް މާނަކުރެވެއެވެ. މާނައަކީ ބައިވަރު ކަންތައްތަކާއި ގުޅޭ އަދި އެއްގޮތް/ ތަފާތުވާ ގިނަ ހާލަތްތަކެއް ހިމެނޭ ހަމައެހެން އެހެންމެ އެކި ލެވެލްގެ ކަންކަން އެކި ކުދިންގެ ކިބައިގައި ވެސް ފާހަގަ ކުރެވޭ މިންވަރު ތަފާތުވާކަމެކެވެ. އޯޓިޒަމްގެ ހާލަތާއެކު، ވިސްނުމުގެ ދަތިކަން، އުނގެ
ނުމުގެ ދަތިކަން، ހާސްވުންފަދަ އުނދަގޫތައް، އޭޑީއެޗްޑީ (އޭޑީއެޗްޑީ ހުންނަ ކުދިންނަށް ސަމާލުކަން ދިނުމާއި، އިމްޕަލްސިވް ބިހޭވިއަރސް ކޮންޓްރޯލް ކުރުމަށް (ނަތީޖާ ވާނީ ކިހިނެއްތޯ ނުވިސްނާ) ނުވަތަ މާ ބޮޑަށް ހަރަކާތްތެރިވުން ފަދަ ކަންކަން ވެސް ހިމެނެއެވެ. އަދި މީގެ އިތުރުން ޓިއުބަރަސް ސްކްލޮރޯސިސް ކޮމްޕްލެކްސްގެ ކަންކަންވެސް ފާހަގަކުރެވެއެވެ. މިއީ މައިގަނޑު ގޮތެއްގައި ހަށިގަނޑުގެ އެކި ގުނަވަންތަކަށް ކެންސަރު ނޫން (
ބެނިން) ޓިއުމަރުތައް އުފެދުމަށް މެދުވެރިވާ މަދުން ނޫނީ ނުފެންނަ ޖެނެޓިކް ހާލަތެކެވެ. މިފަދަ ހާލަތްތަކުގެ ސަބަބުން ސިކުނޑި، ކިޑްނީ، ހިތް، ލޯ، އަދި ފުއްޕާމޭ ފަދަ ގުނަވަންތަކަށް އަސަރުތައް ކުރެއެވެ. މީގެ އިތުރުން، މޫޑް ބަދަލުވުމުގެ އުނދަގޫތައް، ނިދުމުގެ އުނދަގޫތައް، އަދި ކެއުމާއި، ބަނޑުގެ އުނދަގޫތައް އަދި އެހެން ކަންކަން ވެސް ފާހަގަ ކުރެވެއެވެ. އިސްވެ ބަޔާންވި ކޮންމެ ކަމަކީވެސް އެކި ކުދިންގެ ކިބައިން ފާހަގަކުރެވޭ އެކި ދަރަޖައިގެ ކަންކަމެވެ. މީގެ އެއްވެސް ހާލެއްގައި މާނައަކީ މިހުރިހާ ކަމެއް އެއްކުއްޖެއްގެ ކިބައިން ފެންނާނެ ވާހަކަ އެއް ނޫނެވެ.
- އޯޓިޒަމް ހުންނަ ކުއްޖެއް ނަމަ، އަބަދުވެސް ހުންނާނީ އެއްގޮތަކަށް ހެއްޔެވެ؟
ދަރިފުޅަށް އޯޓިޒަމް ޖެހިފައިވާކަން އެނގުމުން ބެލެނިވެރިން ކަންބޮޑުވަނީ މިކަމުގެ މާނައަކީ ދަރިފުޅުގެ ހާލަތް ބަދަލު ކުރެވޭނެ ގޮތެއް ނޯންނާނެ ކަމަށް ހީވުމެވެ. ބެލެނިވެރިން ވިސްނަންވީ އޯޓިޒަމް އަކީ މުޅި އުމުރަށް ދިމާވާ ހާލަތެއް ނަމަވެސް، ޑައިގްނޯސް ކުރެވިފައިވާ ކުދިން އުމުރުން ދުވަސްވާ ވަރަކަށް ބޮޑުވެ، ކަންކަން ދަސްކޮށް، އެކުދިންގެ ކިބައިގައި ހުނަރުތައް ތަރައްގީވާނެ ކަމެވެ. ހަމައެއާ އެކު އެކުދިންގެ ސިފަތަކާއި ސު
ލޫކުތައް ވެސް އުމުރުން ދުވަސްވާ ވަރަކަށް ބަދަލުވާނެކަމެވެ. އެގޮތުން ދިރިއުޅުމުގައި އެކުދިން އުޅޭ ގޮތާއި އުމުރުގެ އެކި މަރުހަލާތަކުގެ ދެވޭ ތެރަޕީ އާއި ސަޕޯޓުން/އެހީތެރިކަމުން ކުއްޖާގެ ހަޔާތަށް ބޮޑު ތަފާތެއް ގެނެސް ދެވިދާނެކަމެވެ. ދަރިފުޅަށް ބޭނުންވާ ރަނގަޅު ތެރަޕީއަކާއި ދެވޭ އެހީތެރިކަން/ސަޕޯޓަކާއެކު އޯޓިޒަމް ސްޕެކްޓްރަމްގައި އުޅޭ ކުދިން ހަޔާތުގެ ވަރަށް ގިނަ ދަތިތަކާ ކުރިމަތިލާން ދަސްވެ، ދިރިއުޅުމުގެ ޝައުގުވެރިކަމާއި ބޭނުންވާ ގާބިލްކަން ލިބިގަނެވި، މުޖުމަޢުގައި ބޭނުންތެރި އުފެއްދުންތެރި ބަޔަކަށްވެސް އެކުދިން ހެދޭނެއެވެ.
- އޯޓިޒަމް ހުންނަ ކުއްޖެއް ނަމަވެސް އާންމު ސްކޫލަކަށް ފޮނުވިދާނެ ހެއްޔެވެ؟
މި ސުވާލަކީ ވަރަށް ސާފުކޮށް އާއެކޭ ބުނަންޖެހޭ ސުވާލެކެވެ. އެއީ ދިވެހިރާއްޖޭގައި ވެސް އޯޓިޒަމް ހުންނަ ހުރިހާ ކުދިންނަށް ވެސް އުނގެނުމުގެ ފުރުސަތު ދެވެނީ އާންމް ސްކޫލުގެ ނިޒާމުގެ ތެރެއިންނެވެ. އެއްވެސް ކުއްޖެއް ބާކީ ނުކުރާ ތަޞައްވުރުގެ ތެރެއިން ދިވެހިރާއްޖޭގެ ގާނޫނުގައިވާ ގޮތުން އުނގެނުމުގެ ފުރުސަތަކީ ކޮންމެ ކުއްޖަކަށް ވެސް ލިބެންޖެހޭ ހައްގެކެވެ. އޯޓިޒަމްގެ ހާލަތެއް ދަރިފުޅުގެ ހުރި ނަމަވެސް އޭނާ ގޭގައި ބައިންދައިގެން ފޮރުވައިގެން ކުއްޖާއަށް ލިބެންޖެހޭ ހައްގުތަކުން މަހުރޫމު ކޮށްގެން ނުވާނެއެވެ. އެއީ ގާނޫނީ ގޮތުން ކުށެކެވެ. މިކަމަށް ހުރިހާ ބެލެނިވެރިން ވެސް ސަމާލުވާން ޖެހެއެވެ. ކުރީ ޒަމާނުގައި މިފަދަ ހާލަތެއް ކުއްޖެއްގެ ކިބައިން ފާހަގަކުރެވިއްޖެ ނަމަ އެކުއްޖާ އާންމުންގެ ތެރެއަށް ނުނެރެ މީހުންނަށް ފޮރުވައިގެން އުޅުން ފާހަގަ ކުރެވެއެވެ. ނަމަވެސް މިހާރު މިކަމަށް ގިނަ ބެލެނިވެރިން ވެސް ހޭލުންތެރިއެވެ. އޯޓިޒަމް ސްޕެކްޓްރަމްގައި ހިމެނޭ ހުރިހާ ކުދިންނަށް ވެސް ގާނޫނީ ގޮތުން މެއިންސްޓްރީމް ސްކޫލަކަށް ދިއުމުގެ ހައްގު ލިބިގެންވެ އެވެ. ބައެއް މީހުންނަށް އެމީހުންގެ ދިރިއުޅޭ ސަރަހައްދެއްގެ ގޮތުން ވަކި ވަކި ޚާއްޞަ ތެރަޕީތަކާއި ފަރުވާތައް ލިބުމުގެ ދަތިތައް ހުރުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް ބޭނުންޖެހޭ ފަރުވާތައް ހޯދާ ކުއްޖާގެ ޢުމުރާ ގުޅޭ ގޮތުން އެހީތެރިކަން ފޯރުކޮށްދެވޭނެ ހުރިހާ ގޮތެއް ހޯދުމަކީ ބެލެނިވެރިންގެ ޒިންމާއެކެވެ.
- އޯޓިޒަމް ހުންނަ ކުދިންނަށް ބޭސްފަރުވާ އަކީ މުހިންމު އެއްޗެއް ހެއްޔެވެ؟
މިސުވާލުގެ ޖަވާބަކީ ސީދާ އޯޓިޒަމް ހުންނަ ކުދިންނަށް ޚާއްޞަ ބޭސް ފަރުވާއެއް ނުހުރެއެވެ. ނަމަވެސް އެކި ކުދިންގެ ކިބައިގައި އޯޓިޒަމް ސްޕެކްޓްރަމްގައި ފާހަގަކުރެވޭ ކަންކަން ތަފާތުވެ، އުނދަގޫ ސުލޫކުތައް، ނިދުމުގެ އުނދަގޫތައް، ހާސްވުމުގެ އުނދަގޫތައް، ނުތަނަވަސްކަން، އެޕިލެޕްސީ/ފިޓްޖެހުން ފަދަ ކަންކަމަށް ދެވޭ ތަފާތު ބޭސްފަރުވާ ހުރެއެވެ. މިކަންކަމަކީ ވަރަށް ބޮޑަށް ޑައިގްނޯސްކުރުމަށްފަހު ކުއްޖާއަށް ބޭނުންވޭތޯ އެކަމުން ފަރުވާކުރެވިދާނެތޯ ބަލާ ސީދާ ޑޮކްޓަރުން ދޭ ފަރުވާތަކެވެ. މިފަދަ ފަރުވާތަކަކީ ތެރަޕީތަކާއި ވަރަށް ތަފާތު ފަރުވާތަކެކެވެ. އަދި ކޮންމެ ކުއްޖަކަށް ބޭނުން ޖެހޭނެ ކަންކަމަށް ނުވެދާނެއެވެ.
- އޯޓިޒަމްގެ ހާލަތް ދިމާވަނީ ވެކްސިންގެ ސަބަބުން ހެއްޔެވެ؟
މިހާރަކަށް އައިސް ވަރަށް ބޮޑަށް ފެތުރިފައިވާ މި ޚިޔާލަކީ ބައެއް ބެލެނިވެރިންނަށް ގަބޫލުވެސް ކުރެވޭ ކަމެކެވެ. ނަމަވެސް މިސުވާލުގެ ޖަވާބުގައި ފާހަގަކޮށްލަން ބޭނުންވަނީ، އޯޓިޒަމްއާ ސިދާ ވެކްސިންއާ ގުޅުމެއް ނުވާ ކަމެވެ. އޯޓިޒަމްއާ ވެކްސިންއާ ގުޅުވާފައިވާ ޢިލުމީ ދިރާސީ ހެކިތަކެއް ފެންނަން ނެތެވެ. ބައެއް ދިރާސާތަކުން ވެކްސިން ދީފައިވާ އަދި ވެކްސިން ނުދޭ ކުދިންގެ ކިބައިންވެސް ދާދި އެއްވަރަކަށް އޯޓިޒަމްގެ ޢަލާމާތްތައް ފާހަގަ ކުރެވިފައި ވެއެވެ. އެހެންކަމުން މިކަމަކީ ވެކްސިންއާ ގުޅުމެއްވާކަން ގަބޫލުކުރުމަކީ ކުށްހީއެކެވެ.
- އޯޓިޒަމް ހުންނަ ކޮންމެ ކުއްޖެއްގެ ވިސްނުމުގެ ދަތިކަން ހުންނާނެ ހެއްޔެވެ؟
މިއީ ވެސް އާންމުންގެ ވަރަށް ގިނަ މީހުންނަށް ހީކުރެވިފައިވާ ކުށްހީއަކާ ގުޅޭ ސުވާލެކެވެ. ޙަޤީޤަތުގައި އޯޓިޒަމް ހުންނަ ކޮންމެ ކުއްޖަކީ ވިސްނުމުގެ ދަތިކަން ހުރި ކުއްޖެކޭ ބުނުމުގެ ޖާގައެއް ނެތެވެ. އާންމުކޮށް އިންޓެލެކްޗުއަލް ޑިސެބިލިޓީ (އައިޑީ)/ވިސްނުމުގެ ދަތިކަން ފާހަގަކުރެވެނީ ކޮގްނިޓިވް އެބިލިޓީއާއި އެޑެޕްޓިވް ބިހޭވިއަރގެ/ކަންކަމަށް ހޭނުމުގެ ސުލޫކް އެވްރެޖަށްވުރެ ދަށް ނަތީޖާއެއް ލިބުމުންނެވެ. އިންޓެލެކްޗުއަލް ޑިސެބިލިޓީ ހުންނަ ކުދިންގެ ބަހުގެ ހުނަރާއި، ބަހުގެ ނޫން ހުނަރާއި، ޕްރޮސެސިންގ ސްޕީޑާއި، ވޯކިންގ މެމޮރީއާއި، އެޑެޕްޓިވް ބިހޭވިއަރ ނުވަތަ ލައިފް ސްކިލްސް ފަދަ ގިނަ ކަންތައްތަކަކަށް ދަށްކަމަށް ފާހަގަކުރެވެއެވެ. އޯޓިޒަމް ސްޕެކްޓްރަމްގައި ހިމެނޭ ބައެއް ކުދިންގެ ވިސްނުމުގެ ދަތިކަން (ގާތްގަނޑަކަށް %50 ކަމަށް ބެލެވުނު ނަމަވެސް ގިނަ ކުދިންނަކީ އެވްރެޖް ނުވަތަ އެވްރެޖް އަށް ވުރެ މަތީގެ ވިސްނުމުގެ ގާބިލުކަން ލިބިފައިވާ ކުދިންކަން ހާމަވެއެވެ. އޯޓިޒަމް ސްޕެކްޓްރަމްގައި ހިމެނޭ ކުދިން ގިނަ ފަހަރަށް ފާހަގަކުރެވެނީ ޚާއްޞަ ޤާބިލު ކަންތައްތަކެއް ހުންން ބައެއްގޮތުގައެވެ. އެކުދިންނަކީ ކޮގްނިޓިވް އެބިލިޓީގެ ބައެއް ކަންކަމުން، ވާބަލް ސްކިލްސް/ބަސްބޭނުންކުރުމުގެ ހުނަރުގެގޮތުން ނުވަތަ އެޑެޕްޓިވް ބިހޭވިއަރ ސްކިލްސް ފަދަ ކަންކަމަށް އެވްރެޖަށްވުރެ ދަށްކޮށް ފާހަގަކުރެވިދާނެއެވެ. އެހެން ނަމަވެސް އެނޫން އެހެން ދާއިރާތަކުން އެވްރެޖް ރޭންޖުގެ ކުދިންނަށް ވުރެ ވެސް މަތިން އެކުދިންނަށް ލިބިދާނެއެވެ. މިކަމުގައި ޚާއްޞަކޮށް ފާހަގަކޮށްލެވެނީ ރޯޓް މެމޮރީ/ހަދާނުގައި މަޢުލޫމާތު ބެހެއްޓުން ނުވަތަ ނޮން ވާބަލް ސްކިލްސްގައި ކުދިންގެ ކުރިއެރުން ބޮޑުކަމެވެ.
މިއަދުގެ ލިޔުމުގައި ހިމަނާފައިވާ ބައެއް ސުވާލުތަކަށް މަޢުލޫމާތުގެ ހޯދާފައިވަނީ އޮސްޓްރޭލިއާ އަދި ނިއުޒިލޭންޑް ފަދަ ގައުމުތަކުގެ ބެލެނިވެރިންނަށް ތައްޔާރުކޮށްފައިވާ ތަފާތު ގައިޑްތަކުގައި ހިމަނާފައިވާ މުހިންމު މަޢުލޫމާތު ތަކުން ބައެއް ނުކުތާތައް ހިމަނައިގެންނެވެ. އަދި ހަމައެއާއެކު ދިވެހިރާއްޖޭގައި ކަންކަން އޮތްގޮތް ވެސް ސާފުކޮށްލައިދިނުމަށް ބައެއް ޖަވާބުތައް އިތުރަށް ތަފުސީލު ކުރެވިފައިވާނެއެވެ. މި މަޢުލޫމާތަކީ އާންމުންނަށް އެހީތެރިވުމަށް ބޭނުންތެރި މަޢުލޫމާތުތަކަކަށް ވުމާއެކު، ވަކި ލިޔުމަކަށް ސީދާ ހަވާލާދިނުމަށް މިއަދު ގަސްދު ނުކުރަމެވެ. އަޅުގަނޑުގެ އުއްމީދަކީ މިގޮތަށް ލިޔެވޭ ސުވާލާއި ޖަވާބުތަކުގެ ތެރެއިން ދިވެހިރާއްޖޭގެ އާންމުންނަށް ފަސޭހައިން ކިޔައިލެވޭ ފަދަ ގޮތަކަށް އޯޓިޒަމްއާ ގުޅޭ ތަފާތު ސުވާލުތަކުގެ ޖަވާބުތައް ހިމަނާލުމެވެ. ދެންލިޔާ ފަހަރަކުން އަދި އިތުރު ސުވާލުތަކެއް ހުށަހަޅާލުމަށް ގަސްދުކުރަމެވެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ސްކޫލުތަކުން ވެސް ބެލެނިވެރިންގެ އޯޓިޒަމް ގައިޑް ފަދަ ތަކެތި ތައްޔާރުކުރުން މިހާރު ވަރަށް މުހިންމެވެ. އުއްމީދަކީ ކަމާ ބެހޭފަރާތްތަކުގެ ރޫހު ވެސް މިފަދަ ކަންކަމަށް ހުޅުވިގެންދިއުމެވެ.