ދަރިވަރުންނަށް ޑިޖިޓަލް ލިޓްރެސީ/ ޓެކްނޮލޮޖީގެ ލިޔަންކިޔަން ދަސްކޮށްދިނުމުގެ މުހިންމުކަން ޝާއިއު ކުރީ: ނޮވެމްބަރ 23, 2023 ލިޔުނީ: ޑރ. ޝާފިޔާ ކޮމެންޓްތައް: 0 މައިކްރޮސްފްޓް ކޮމްޕެނީގެ އިސްވެރިޔާ ބިލް ގޭޓްސް 1994 ވަނަ އަހަރު ވިދާޅުވި ބަސްކޮޅެއްގައި ’މަޢުލޫމާތުވަނީ އިނގިލި ކުރިޔާ ހިސާބަށް ގެނެވިފައިކަން‘ ހާމަކުރެއްވުމުން އޭގެ ހަގީގީ މާނަތައް މާ ބޮޑަކަށް އޭރު ތަޞައްވުރު ކުރެވިފައެއް ނެތެވެ. ނަމަވެސް އޭގެ ފަހުން ދިހަދިހައިގެ އަހަރު ތަކަކަށްފަހު ޓެކޮނޮލޮޖީ މިވަނީ ޚިޔާލުވެސް ނުކުރެވޭހާ ކުރިއަރާފައެވެ. ޓެކްނޮލޮޖީގެ މި އިނގިލާބީ ކުރިއެރުމުގެ ސަބަބުން ދުނިޔެ މިވަނީ މީގެ ދެތިން އަހަރެއްގެ ފަހަތަށް ހިނދުކޮޅަކަށް ބަލާލި ނަމަވެސް ނުފެންނަވަރުގެ ބަދަލުތަކެއް އައިސްފައެވެ. ޓެކްނޮލޮޖީ ބޭނުންކުރަން އެނގުމަކީ ލިޔަންކިޔަން ދަތުމާއި އެއްވަރު ކަމެއްގޮތަށް ބެލިފައެވެ. ސަބަބަކީ މިޒަމާނުގައި ޓެކޮނޮލޮޖީއާ ނުލައި ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމުގައި ދަތިތައް ދިމާވުމެވެ. މިއަދުގެ ވާހަކަކޮޅު މި އަމާޒު ކޮށްލަނީ މިޒަމާނުގެ ދަރިވަރުންނަށް ކިޔަވައިދޭއިރު ސަމާލުކަން ދޭންޖެހޭ މުހިންމު ކަމެއް ކަމަށްވާ ޑިޖިޓަލް ލިޓްރެސީ ނުވަތަ ޓެކްނޮލޮޖީ ލިޔަންކިޔަން އެނގުމާ ބެހޭގޮތުންނެވެ. މިހެން ދެންނެވީމަ، ފަހަރުގައި މާނަކުރުމުގައި އޮޅުމެއް އަރާފާނެއެވެ. ނަމަވެސް ހަގީގަތަކީ ޓެކްނޮލޮޖީ އަކީ ވެސް ހަމަ އެހެން އެއްޗެތި ލިޔަން ކިޔަން ދަސްކުރާހެން އެބޭނުންކުރަން ދަސްކޮށް އޭގެ ރަގަޅު ގޮތުގައި ބޭނުންކުރަން ދެނެގަންނަން ޖެހޭ އެއްޗެކެވެ. ވަރަށް ގިނަ ބޭފުޅުން ވިސްނަވާގޮތުގައި ޓެކްނޮލޮޖީގެ ޓޫލެއް ބޭނުން ކުރަން އެނގުމުން އޭގެ ލިޔަންކިޔަން އެނގުނީ ކަމަށް ގަބޫލު ކުރެވިދާނެއެވެ. ނަމަވެސް މިއީ މުޅިއެކުން އަދި ރަގަޅު ވިސްނުމެއް ނޫނެވެ. މިތާގައި މިމާނަ ކުރެވޭ ޓެކްނޮލޮޖީގެ ލިޔަން ކިޔަން އެނގުމަކީ އެއްޗެއް ލިޔެ ކިޔަން ދަސްކުރުމަށް ވުރެ ގިނަ ކަންތައްތަކެއް ހިމެނޭ ކަމެކެވެ. އެގޮތުން އޭގޭ ބޭނުންކުރުމުގެ މިންތަކެއް، ހުދޫދުތަކެއް، އިންތަކެއް، އަޚްލާޤިއްޔާތުތަކެއް، އަދި އުސޫލުތަކެއް ދަސްކޮށް އެއަށް ފަރިތަވުމަކީ ޑިޖިޓަލީ ލިޓްރޭޓް ނުވަތަ ޑިޖިޓަލް ލިޔެންކޔަން ދަތުމެވެ (ބެލްޝޯވް، 2012). ދިވެހިރާއްޖޭގެ ގައުމީ މަންހަޖުގައި ވެސް ކަނޑައެޅިފައިވާ ގޮތުން މަދަރުސީ ހަޔާތް ނިމޭއިރު ހުރިހާ ދަރިވަރުން ވެސް ޑިޖިޓަލީ ލިޓްރޭޓް ނުވަތަ ޑިޖިޓަލް ޓެކްނޮލޮޖީ ބޭނުންކުރަން އެނގޭ އޭގެ ކަންތައްތަކަށް އަހުލުވެރި ކުދިބަޔަކަށް ވާންޖެހެއެވެ. މިމައުޟޫއަށް ލިޔަން ވިސްނާލެވުނު ހިނދު ދެން ޚިޔާލަށް އައީ، 2016 ވަނަ އަހަރު އަޅުގަނޑު މަސައްކަތްކުރި ދިރާސީ ޕްރޮޖެކްޓެއްގެ މައިގަނޑު ހޯދުންތަކެވެ. އެދިރާސާގެ މައިގަނޑު އަމާޒަކީ ނިއުޒިލޭންޑްގެ ކޮމްޕެނީތަކަށް އެންމެ ބޮޑަށް ބޭނުންވަނީ ކޮންބާވަތެއްގެ ހުނަރުތަކަކާއި ގާބިލިއްޔަތުތަކެއްތޯ ދެނެގަތުމެވެ. ދިރާސާ ހެދުނީ ނިއުޒިލޭންޑްގެ މަޝްހޫރު ބޮޑެތި ކޮމްޕެނީތަކުގެ ވެރިންނާއި ޢާއްމު މުވައްޒަފުންނާ އެކު ބަސްދީގަތުން ނަގައިގެންނެވެ. ޖުމުލަ ގޮތެއްގައި ހުރިހާ ކޮމްޕެނީތަކުން ވެސް ފާހަގަކުރި މުހިންމު ހުނަރުތަކެއް ވަރަށް ސާފުކޮށް ދިރާސާގެ ނަތީޖާގެ ތެރޭގައި ހާމަވިއެވެ. އެއީ މުވާޞަލާތުކުރުމުގެ (ލިޔުމާއި ވާހަކަ ދެއްކުން) ހުނަރާއި، ޓީމްވާރކް (ބައިވެރިވެގެން މަސައްކަތް ކުރުމުގެ ހުނަރާއި، މައްސަލަ ހައްލުކުރުމުގެ ހުނަރާއި ޑިޖިޓަލް ލިޓްރެސީ ހުނަރު (ޓެކްނޮލޮޖީ ލިޔަންކިޔުން) އެވެ. އަދި އޭގެ އިތުރުން ނަތީޖާއިން ހާމަވީ ހުރިހާ ހުނަރެއްވެސް ގުޅިގެންދަނީ ޑިޖިޓަލް ލިޓްރެސީ ހުނަރުތަކުގެ ތެރެއަށް ވަދެ ލާމެހިދާ ފަދަގޮތަކަށްކަމެވެ. މާނައަކީ މިސާލަކަށް ޓީމްވާރކް ނުވަތަ ބައިވެރިވެގެން މަސައްކަތް ކުރުމުގައިވެސް ޑިޖިޓަލް މަންސަތަކުގައި ދުރުންދުރަށްވެސް މަސައްކަތް ކުރުމުގެ ހުނަރު ގުޅިގެންދަނީ ޑިޖިޓަލް ލިޓްރެސީ ހުނަރުތަކާއެވެ. ހަމައެގޮތަށް މުވާޞަލާތު ކުރުންވެސް ގުޅިގެންދަނީ ޑިޖިޓަލް މަންސަތަކުގައި ބޭނުން ކުރެވޭ އިންތަކާއި، މިންތަކާއި، އަޚްލާޤިއްޔާތާއި ގުޅުވައިގެން ލިޔުމާއި ވާހަކަ ދެއްކުމުގެ ހުނަރުތައް އެނގޭ މިންވަރާއެކުއެވެ. ހަމަ މިބީދައިން މައްސަލަ ހައްލު ކުރުންވެސް ވަނީ ހަމަ ޑިޖިޓަލް ލިޓްރެސީގެ ހުނަރުތަކާ ގުޅިފައެވެ. މިދިރާސާގެ ބައިވެރިން އެންމެ ބޮޑަށް ފާހަގަ ކުރި ކަމަކީ ޢާއްމުކޮށް ކިޔަވައި ނިމިގެން ވަޒީފާއަށް ވަންނަ ދަރިވަރުންނަށް ޑިޖިޓަލް ޓެކްނޮލޮޖީ ބޭނުންކުރަން އެނގޭކަމެވެ. ނަމަވެސް މުޅިއެކުން އެކުދިންނަކީ ޑިޖިޓަލީ ލިޓްރޭޓް/ ޑިޖިޓަލް ޓެކްނޮލޮޖީ މަސައްކަތުގެ ދާއިރާއަށް ބޭނުންކުރަން އެނގޭ ބަޔެކޭ ނުބުނެވޭނެ ކަމެވެ. އެއް ސަބަބަކީ ޑިޖިޓަލް ލިޓްރެސީ އަކީ ހަމައެކަނި ޑިޖިޓަލް ޓެކްނޮލޮޖީ ބޭނުންކުރަން އެނގުމެއް ނޫނެވެ. އެއަށްވުރެ ފުޅާކޮށް މާނަ ކުރެވޭ ކަމެކެވެ. ޢާއްމުކޮށް ޑިޖިޓަލް ލިޓްރެސީގެ މާނަކުރާނަމަ އެއީ ދިރިއުޅުމުގައި ބޭނުންވާ ތަފާތު ކަންކަމަށް ޓެކްނޮލޮޖީގެ ތަފާތު ޓޫލްތައް، މިސާލަކަށް އިންޓަރނެޓް، ޑިޖިޓަލް ޕްލެޓްފޯމްތައް ބޭނުންކުރަން އެނގި އެ ބޭނުންކޮށްގެން މަޢުލޫމާތު ހޯދާ، ފޯރުކޮށްދީ، މުވާޞަލާތުކޮށް ހިއްސާކުރަން ވެސް އެނގުމެވެ. މީގެއިތުރުން އެންމެ މުހިންމު ކަމަކީ އޭގެ ބޭނުންކުރުމުގެ އުސޫލުތަކާއި މިންތަކާއި ހުދޫދުތައް ރަގަޅަށް އެނގުމާއެކު އެކަންކަމަށް ދުވަހީ ދިރިއުޅުމުގައި ވެސް ސަމާލުވުމެވެ. މިފަދަ ކަންކަމާއި ބެހޭގޮތުން ޑިޖިޓަލް ލިޓްރެސީ ހުނަރުތަކާ ގުޅުވައިގެން ވަރަށް ފުޅާކޮށް ވާހަކަދައްކަވާފައިވާ އެއްބޭފުޅަކީ ޑަގް ބެލްޝޯއެވެ. ޓެޑް ޓޯލްކްގައި އޭނާ 2012 ވަނަ އަހަރު ދެއްވި ތަގުރީރަކީ މިގޮތުން ފާހަގަކޮށްލެވޭ ފުރިހަމަ ވާހަކަ ކޮޅެކެވެ. މިވާހަކަ ކޮޅުގެ ތަފުސީލު ބައްލަވާލެއްވުމަށް ދެވިފައިވާ ވީޑިއޯއަށް ފިއްތަވާލައްވާށެވެ. މިތާނގައި އަޅުގަނޑު އެންމެ ބޮޑަށް ފާހަގަ ކޮށްލަން ބޭނުންވާ ނުކުތާއަކީ ޑިޖިޓަލް ލިޓްރެސީ އަކީ އެއާބެހޭގޮތުން ކިޔަވައިދިނުމަށްވުރެ އޭގެ ހުނަރުތަކާއި ގާބިލިއްޔަތުތައް އަށަގަންނުވަން ޖެހޭ ކަމެއްކަމެވެ. އެއްވެސް ހާލެއްގައި ޑިޖިޓަލް ޓެކޮނޮލޮޖީއާ ބެހޭގޮތުން ކިޔަވާދިނުމަކުން އަދި މުޅިއެކުން ދަރިވަރުން ޑިޖިޓަލީ ލިޓްރޭޓްބަޔަކަށް ނުހެދޭނެކަމެވެ. އެންމެ ކުރީޒަމާނުގެ ކިޔަވައިދޭން ބޭނުންކުރި ބޯޑު ބޭނުންކޮށްގެން ނުވަތަ މަޢުލޫމާތުތަކެއް ޝަރަހަކޮށްދީގެން ޑިޖިޓަލް ޓެކްނޮލޮޖީގެ ބޭނުންކުރާނެގޮތް ދަރިވަރުންނަށް ދަސްކޮށް ނުދެވޭނެއެވެ. މިބީދައިން، ވިސްނާއިރު ޑިޖިޓަލް ޓެކޮނޮލޮޖީއާ ބެހޭ މަޢުލޫމާތު ތަކެއް ކިޔައިދެވުމަކުން ދަރިވަރުންނަކީ އެންމެ ރަގަޅަށް ޑިޖިޓަލް ޓެކްނޮލޮޖީ ބޭނުންކުރަން ދަންނަ ބަޔަކަށް ވެސް ނުހެދެއެވެ. އެއާއި ޚިލާފަށް ޑިޖިޓަލް ޓެކްނޮލޮޖީގެ އާލަތްތައް ބޭނުންކުރެވިދާނެ ގޮތާއި އަދި ބޭނުންކުރުމުގައި ވިސްނަންޖެހޭ ކަންކަމަށާއި އުސޫލުތަކަށް ފަރިތަވެ ބޭނުންކުރުމުގެ ހުނަރު ދަރިވަރުންގެ ކިބައިގައި ހަރުލެއްވޭނީ އޭގެ ބޭނުން ދަރިވަރުން ކުރަން ފުރުސަތު ދެވި އުނގެނުމުގެ ތެރެއަށް އެތަކެތި ވަދެގެންނެވެ. މިހާރުގެ ޑިޖިޓަލް ޓެކްނޮލޮޖީގެ ޢިލުމުވެރިން ފާހަގަކުރައްވާ ގޮތުގައި މިޒަމާނުގެ ދަރިވަރުންނަކީ ޑިޖިޓަލް ޓެކްނޮލޮޖީއަށް ވަރަށް އަހުލުވެރި ބައެއް ނަމަވެސް މުޅިއެކުން އެކުދިންނަކީ އެ އާލަތްތައް އުނގެނުމުގައި އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރަން އެނގޭ ބައެއް ނޫނެވެ (ސްޓިންގާރ، 2018). މިޢިލުމުވެރިޔާގެ ޚިޔާލަށްވިސްނާލާއިރު، މިއި ދުނިޔޭގެ ޓެކްނޮލޮޖީ ކުރިއަރާފައިވާ ގައުމުތަކުގައި ޑިޖިޓަލް ޓެކްނޮލޮޖީ ބޭނުންކުރުމާ ބެހޭގޮތުން ދައްކަވާފައިވާ ވާހަކަ އެކެވެ. މިގޮތުން އުފެދޭ ސުވާލަކީ ޚާއްޞަކޮށް ދިވެހިރާއްޖެފަދަ ކުޑަކުޑަ ގައުމެއްގެ އަދި ހަމައެފަދައިން އިންޓަރނެޓާއި ޑިޖިޓަލް ޓެކްނޮލޮޖީގެ އާލާތްތައް އެހާ ޢާއްމު ނޫން ތަނެއްގައި ދަރިވަރުންގެ އުނގެނުމަށް މިތަކެތި ބޭނުންކުރަން އަހުލުވެރިކުރުން ވާނީ މާބޮޑަށް ވެސް އުނދަގޫ ކަމަކަށް ކަމެވެ. ސަބަބަކީ، އަޅުގަނޑުމެންގެ ދަރިވަރުންނަށް އެމީހުންގެ އުނގެނުމުގެ ތެރޭގައި ޑިޖިޓަލް ޓެކްނޮލޮޖީ ބޭނުން ކުރަން ފުރުސަތު ލިބޭލެއް މަދެވެ. ކިޔަވައިދޭއިރު މުދައްރިސް އަޅުވާ ޕަވަރޕޮއިންޓް ޕްރެޒެންޓޭޝަން އަކުން ނުވަތަ ދައްކާ ވީޑިއޯ އަކުން ދަރިވަރުންނަށް ޑިޖިޓަލް ޓެކްނޮލޮޖީ އެންމެ ފުރިހަމަ ގޮތުގައި އުނގެނުމުގައި ބޭނުންކުރަން ދަސްކޮށް ނުދެވެއެވެ. ހަމަ މިބީދައިން ހާލަކުން ފަހަރަކު ޕަވަރޕޮއިންޓް ބޭނުންކޮށްގެން އެއްޗެއް ހަދާލަން ދިނުން ނުވަތަ އިންޓަރނެޓުން މަޢުލޫމާތެއް ހޯދައިގެން އެއްޗެއް ލިޔަންދިނުމުން މިއީ ޑިޖިޓަލް ޓެކްނޮލޮޖީ އުނގެނުމުގައ ބޭނުންކުރަން ފުރުސަތު ދެވޭނެ ހަމައެކަނި ގޮތެއްވެސް ނޫންމެއެވެ. ވެބްސައިޓެއްގައި ލިޔެފައިވާ މަޢުލޫމާތެއް ކޮޕީކޮށްލައިގެން ފޮތަށް ނެގުމަކުން ނުވަތަ ޕަވަރޕޮއިންޓް ސްލައިޑެއްގައި ލިޔެލުމުން އެއީ ޑިޖިޓަލީ ދަރިވަރުން ލިޓްރޭޓް ކުރެވުނީ ކަމަށް ބަލައިގަތުން ރަގަޅެއް ނޫނެވެ. މިއަށް ވުރެ ބޮޑަށް ޑިޖިޓަލް ޓެކްނޮލޮޖީ އުނގެނުމަށް ޓަކައި ދަރިވަރުން ބޭނުންކުރަން ފުރުސަތު ފަހިކޮށްދޭން ޖެހެއެވެ. ދިވެހިރާއްޖޭގެ ސްކޫލެއްގައި ދާދި ފަހުން ބޭއްވުނު ޕްރޮފެޝަނަނަލް ޑިވިލޮޕްމެންޓްގެ ގަޑިއެއްގައި ހަދާލެވުނު ކުޑަކުޑަ ސާވޭއަކުންވެސް ފާހަގަކުރެވުނީ ގިނަ މުދައްރިސުން ޑިޖިޓަލް ޓެކްނޮލޮޖީ ބޭނުންކުރުން މާނަ ކުރަނީވެސް ޕަވަރޕޮއިންޓްފަދަ ވަސީލަތްތައް ބޭނުންކޮށް ކިޔަވައިދިނުމަށެވެ. އެހެންގޮތަކަށް ދަންނަވާނަމަ، އެންމެ ބޮޑު މިންވަރަކަށް ކިޔަވައިދޭން ބޭނުންވާ މަޢުލޫމާތުތަކެއް ވީޑިއޯއެއް މެދުވެރިކޮށް ޝަރަހަ ދައްކާލުން ފަދަ ކަންތަކަކީ އެންމެ ޢާއްމުކޮށް ޑިޖިޓަލް ޓެކްނޮލޮޖީ ކިޔަވައިދިނުމުގައި ބޭނުންކުރެވޭ ގޮތެވެ. މިހާރު ކޮވިޑްގެ ހާލަތް މެދުވެރިވުމާއެކު، އަޅުގަނޑުމެންގެ ވަރަށް ގިނަ މުދައްރިސުން ގޫގްލްސުއިޓް ފަދަ ޓޫލުތަކަށް އަހުލުވެރިވެ ސަރޓިފިކެޓްތައް ނަގައިފައިވާ ވާހަކަ ގިނަ މީޑިއާ ތަކުން ހާމަވެއެވެ. ނަމަވެސް ކޮށްލުން މުހިންމު ސުވާލަކީ އެސަރޓިފިކޭޓާއެކު ލިބިފައިވާ ވަސީލަތްތައް އެދެވޭ ގޮތުގައި ދަރިވަރުންނަށް އުގަންނައިދޭއިރު ބޭނުން ކުރެވޭ ބާވައެވެ. ދަރިވަރުންނަކީ ޑިޖިޓަލީ ލިޓްރޭޓްބަޔަކަށް ހެދުމަށް މަސައްކަތްތަކެއް ކުރެވޭ ބާވައެވެ. އަދި ހަމައެހެންމެ އެތަކެތީގެ އެންމެ ފައިދާ ކުރަނިވި ގޮތަށް ބޭނުންކުރުމަށް މުދައްރިސުން ފަރިތަވަމުން އެބަ ދޭބާވައެވެ. ނޫންނަމަ، ހޯދުނު ސަރޓިފިކޭޓް/ކަރުދާސްކޮޅާއެކު، ކުރިންވެސް ގެންގުޅުން ޕަވަރޕޮއިންޓް ސްލައިޑްތައް ބޭނުންކޮށްގެން ކިޔަވައިދިނުން ކުރިޔަށް ގެންދެވެނީ ބާވައެވެ. މިއީ މުޅިންވެސް މުދައްރިސުން އަމިއްލަ ކިޔަވައިދިނުމުގައި ރިވެލިކޮށްލުން މުހިންމު ކަންކަމެވެ. ކިޔަވައިދިނުން ތަރައްގީ ކުރުމަކީ ހަމައެކަނި ވަކި ކަހަލަ ސަރޓިފިކެޓަކުން ވާކަމެއް ނޫނެވެ. ކިޔަވައިދިނުމުގައި ޑިޖިޓަލް ޓެކްނޮލޮޖީ ބޭނުންކުރުމުގެ އެންމެ މުހިންމު ކަމަކީ ދަރިވަރުންނަށް އެމީހުންގެ އުނގެނުމުގައި ޓެކްނޮލޮޖީ ބޭނުންކުރުމަށް ފުރުސަތު ދިނުމެވެ. މިގޮތަށް ދަރިވަރުންނަށް ފުރުސަތު ފަހިވާގޮތަށް އުނގެނުމުގެ ހަރަކާތްތައް ރާވައި ކުރިޔަށް ގެންދިއުމުގެ ރޫހެއް އަދި ސަރޓިފިކެޓަކުން ވަކި ޓޫލެއް ބޭނުން ކުރަން އެނގުމަކުން ނުއުފެދެއެވެ. ދަރިވަރުންނަކީ ފުރިހަމައަށް ޑިޖިޓަލީ ލިޓްރޭޓް ކުދިބަޔަކަށް ހެދުމަށް ޓަކައި ކުލާހުގައި ގެންދެވޭ ހަރަކާތްތަކުގައި ޑިޖިޓަލް ޓެކްނޮލޮޖީގެ ގިނަ ފަންނިއްޔާތުތައް ބޭނުން ކުރުމަށް ފުރުސަތު ދޭންޖެހޭނެއެވެ. މިގޮތަށް ދެވޭ ފުރުސަތުތަކުގެ ތެރެއިން ދަރިވަރުންނަށް ދަސްކޮށްދޭންޖެހޭ ކަން ކަމަކީ އިންޓަރނެޓް ފަދަ ތަފާތު މަންސަތަކުގައި ހުންނަ މަޢުލޫމާތު ހޯދުމާއި، ބޭނުންކުރުމާއި، ހިއްސާކުރުމާއި ފޯރުކޮށްދިނުމުގައި ބަލަންޖެހޭ މިންގަނޑުތަކަށް ސަމާލުވެގެން އެތަކެތި ބޭނުން ކުރުމެވެ. ޑިޖިޓަލީ ލިޓްރޭޓް ބަޔަކަށް ދަރިވަރުން ހެދޭނީ މިގޮތަށް މުދައްރިސުން އުނގެނުމުގެ ކަންކަން ރާވައިގެންނެވެ. ދަރިވަރުންނަށް ޑިޖިޓަލް ލިޓްރެސީ ކިޔަވައިދެވިދާނެ ގޮތްތައް ސްޓިންގާރ (2018) ހާމަކުރައްވާ ގޮތުގައި ދަރިވަރުން އުނގެނުމުގެ ތެރޭގައި ޑިޖިޓަލް ޓެކޮނޮލޮޖީގެ ވަސީލަތްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރުމަށް ފުރުސަތު ފަހިކޮށްދިނުމަކީ މިހާރުގެ ކިޔަވައިދިނުމުގެ ނިޒާމުގައި ކޮންމެހެން ބޭނުން ކަމެކެވެ. ސަބަބަކީ މިޒަމާނުގެ ކުދިންގެ ޢާއްމު ދިރިއުޅުމުގައި ވެސް ޓެކޮނޮލޮޖީގެ ވަސީލަތްތައް އަދާކުރާ ދައުރު ވަރަށް ބޮޑެވެ. އަދި ހަމަ އެއާ ނުލައި ދިރިއުޅުމުގެ އެހެނިހެން ކަންކަން ކުރަން އުނދަގޫވާފަދައިން އުނގެނުމަށްވެސް އެކުދިންނަށް ދަތިވާނެއެވެ. އެހެންކަމުން އުނގެނުމުގެ އެންމެ އެދެވޭ ގޮތަށް އެތަކެތި ބޭނުންކުރަން ދަސްކޮށްދީ އަހުލުވެރި ކުރަންޖެހެއެވެ. މިގޮތުން ސަމާލުކަންދެވިދާނެ ދެތިން ކަމެއް ސްޓިންގާރ (2018) އިރުޝާދުދެއްވައެވެ. މިތާނގައި ހިމަނައިލާފައިވާ މުހިންމު ޕޮއިންޓްތަކަކީ ސްޓިންގާރ (2018) ލިޔުއްވާފައިވާ މުހިންމު ނުކުތާތަކެއް ނަމަވެސް ޝަރަހާއި މިސާލުތަކަކީ ރާއްޖޭގެ ހާލަތާއި ގުޅުވައިގެން ލިޔެވިފައިވާ ޚިޔާލުތަކެވެ. ކުރިޓިކަލް ތިންކިން/ ތަފާތުކޮށް ވިސްނުމަށް ބާރު އެޅުން މިތާގައި ކުރިޓިކަލްތިންކިން މާނަ މިކުރެވެނީ ފެންނަ ކޮންމެ އެއްޗަކީ ހަގީގަތްކަމަށް ފުރަތަމައިނުން ގަބޫލުކުރުމުގެ ކުރިން އެކިޔައިލެވުނު މަޢުލޫމާތާ މެދު ތަފާތު ގޮތަކަށް ވިސްނައި އެކަން މާނަކުރެވިދާނެ އެހެނިހެން ގޮތްގޮތަށް ދަރިވަރުންގެ ޚިޔާލު ގެންދަން ދަސްކޮށްދިނުމެވެ. ޚާއްޞަކޮށް މިކަމަކީ މިޒަމާނުގެ މީޑިއާތަކުގައިވާ މަޢުލޫމާތުތައް ކިއުމުގައިވެސް އަދި ދެނެގަތުމުގައި ވެސް ވަކިން ބޮޑަށް ސަމާލުކަން ދޭންޖެހޭ ކަމެކެވެ. ދުނިޔެ މިވަނީ މަޢުލޫމާތު ބޭނުން ފުށަކަށް ބޭނުންގޮތަކަށް ބަދަލުކޮށްގެން ލިޔެވޭ މިންވަރަށް ހުޅުވިފައެވެ. އިންޓަރނެޓުގެ ވެބްސައިޓެއްގައި ލިޔެވިފައިވާ ކޮންމެ މަޢުލޫމާތަކީ އެންމެ ރަގަޅު މަޢުލޫމާތު ކަމަށް ނިންމުމުގެ ކުރިން އެއާ މެދު ޚިޔާލުކޮށް ވިސްނަން ދަރިވަރުންނަށް ދަސްކޮށްދީ އަހުލުވެރި ކުރުވުން މުހިންމެވެ. މިކަން ކުރެވެނީ ދަރިވަރުންގެ ދުވަހީ އުނގެނުމުގެ ތެރެއަށް ޑިޖިޓަލް ޓެކޮނޮލޮޖީ ބޭނުންކުރުން ވައްދައި އަދި އެފަދަ ވިސްނުންތަކަށް ފުރުސަތުދީ މަގުދައްކައިދީގެންނެވެ. ސޯޝަލް މީޑިއާ ބޭނުންކުރުން އުނގެނުމުގެ ތެރޭގައި ހިމަނައި ކޮލެބޮރޭޓިވްކޮށް އުނގެނުމަށް ފުރުސަތު ދިނުން މިޒަމާނުގެ ދަރިވަރުންނަކީ ވަރަށް ޅަޢުމުރުގައިވެސް ސޯޝަލް މީޑިއާގެ ތަފާތު މަންސަތަކަށް ވަރަށް ޢާއްމު ބައެކެވެ. ފޭސްބްކު، އިންސްޓާރގްރާމު، ޓްވިޓަރ، ސްނެޕްޗެޓް، މެސެންޖަރ، އަދި ބްލޮގް ތައް ފަދަ ތަފާތު އެތަށް މަންސަތަކަކީ ދަރިވަރުން ވަރަށް ޅަޢުމުރުގައި ފަރިތަވާ ތަންތަނެވެ. މިތަކެއްޗަކީ މިޒަމާނުގެ ދަރިވަރުންގެ ދިރިއުޅުމުގެ ތެރެއިން ވަކިވެސް ކުރެވޭނެ އެއްޗެއް ނޫނެވެ. އެއާޚިލާފަށް އެބޭނުންކުރަންވީ ރަގަޅުގޮތްތަކާ އާދަތައް ދަސްނުވެ ސިއްރުން ބޭނުންކުރަން ފެށުމުން އޭގެ ގެއްލުން އެތަށް ގުނަޔަކަށް އިތުރުވެ ފޫނުބެއްދޭވަރުގެ ކަންކަން ވެސް ދިމާވުން ގާތެވެ. މިގޮތުން ބަލާއިރު އެންމެ ރަގަޅު ގޮތަކީ ދަރިވަރުން ޢާއްމުކޮށް ބޭނުންކުރާ ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތައް/މަންސަތައް އެކުދިންގެ އުނގެނުމުގެ ތެރޭގައި ހިމަނުމެވެ. މިގޮތަށް ދެވޭ ފުރުސަތުތަކުގައި ދަރިވަރުންގެ އެއްކޮށް ކޮލެބޮރޭޓިވްކޮށް ކުރެވޭ ފަދަ މަސައްކަތްތަކާއި މަޝްވަރާތައް ހަވާލުކޮށްގެން އޭގެ ތެރެއިން އުނގެނުން ރޭވުމަކީ މުހިންމު ކަމެކެވެ. ސޯޝަލް މީޑިއާގެ މިފަދަ ވަސީލަތްތަކަކީ ދަރިވަރުންގެ ގިނަ ގުނަ ހުނަރުތަކެއް އިތުރަށް އާލަކުރެވިދާނެ މަންސަތަކެކެވެ. މިސާލަކަށް، ލިޔުންތެރިކަން، އުފެއްދުންތެރިކަން، ޚިޔާލުހުށަހެޅުން، މަޝްވަރާކުރުން، ސުވާލުކޮށް ކަންކަން އޮޅުން ފިލުވަން ދަސްކުރުން، މީހުންނަށް އިހުތިރާމުކުރުން، ރަގަޅަށް ކޮމެންޓްކުރުން، މީހުންބަލައިގަންނަ ގޮތަށް މުވާސަލާތުކުރުން، މީހުންގެ އަބުރަށް އިހުރާމުކުރުން، އެހެންމީހުންގެ މިނިވަންކަމަށް އަރައި ނުގަނެ ޚިޔާލު ފާޅުކުރުން، މީހުންގެ ޝަޚްޞީ ސިފަތަކަށް އިހުތިރާމު ކުރުން، ތަފާތު މީހުންގެ ސަގާފަތްތަކާއި އެމީހުންގެ ގޮތުގައި މީހުން ބަލައިގަތުން، ފާޑުކިއުމުގެ ރީތި އާދަތައް ހަރުލުން މިފަދަ އެތަށް ކަމަކަށް ސޯޝަލް މީޑިއާގެ ތެރެއިން ގާބިލިއްޔަތުތައް ތަރައްގީ ކުރެވިދާނެއެވެ. އިސްވެ ދެންނެވުނު ހުނަރުތަކަކީ ޒަމާނާއެކު ދަރިވަރުން އަހުލުވެރިކުރުވާ ތަމުރީނު ކުރަންޖެހޭ ކަންކަމެވެ. އެއްވެސް ހާލެއްގައި އެކަންކަމަކީ ފޮތަކުން ކިޔައިގެން ދަސްކޮށްދެވޭނެ ކަންތައްތަކެއް ނޫނެވެ. ކޮޕީ ނުކޮށް ތަފާތު ވެބްސައިޓްތަކުގައި ހިމެނޭ މަޢުލޫމާތުތައް ބޭނުންކުރަންދަސްކޮށްދީ ގައިޑުކޮށްދިނުން މިއީ މިޒަމާނުގައި ކުދިންނަށް ވަރަށް ޅަފަތުގައި ދަސްކޮށްދޭން ފަށަން ޖެހޭ ހުނަރެކެވެ. އެއްސަބަބަކީ، މަޢުލޫމާތަކީ ކޮންމެވެސް މީހަކު ލިޔެފައިވާ އެއްޗެއްކަން، އެމަޢުލޫމާތު އަމިއްލަ އަށް ލިޔާ އެއްޗެއްގައި ބޭނުންކުރާނަމަ އެލިޔުނު ފަރާތަށް ހަވާލާދޭންވާ ގޮތާއި ބަލަންޖެހޭ މިންގަނޑުތަކާއި ގޮތްތަކަށް ދަރިވަރުން އަހުލުވެރި ކުރުވަން ޖެހެއެވެ. މިކަމުގައ ބަލަންޖެހެނީ ހަމައެކަނި ލިޔެވިފައި ހުންނަ މަޢުލޫމާތު އެކަންޏެއްވެސް ނޫނެވެ. އަދި ތަފާތު ތަސްވީރުތަކާއި ވީޑިއޯތައް އެކި ސޯޝަލް މީޑިއާގައި އެނބުރެމުންދާއިރު އެއީ ކާކުގެ މިލްކިއްޔާތެއްކަން ނޭނގި އަދި އެހެން ފަރާތަކަށް ފޯރުކޮށްދީ ހިއްސާކޮށްފިނަމަ ނުކުމެދާނެ ނުރަނގަޅު ނަތީޖާއަށް ވެސް ދަރިވަރުން އަހުލުވެރި ކުރުވަން ޖެހެއެވެ. ހަމައެކަނި އިނގިލިން ފިތާލައިގެން އެއްތަނުން އަނެއްތަނަށް ފެންނަހާ އެއްޗެއް ހިއްސާ ކުރުން ފަދަ ކަންކަމާ ދުރުވަން ދަރިވަރުންނަށް އިރުޝާދު ދީ އަހުލުވެރި ކުރުވަން ޖެހެއެވެ. އަމިއްލަ ޝަޚްޞީ މަޢުލޫމާތާއި އަދި އަނެކާގެ މަޢުލޫމާތު ވެސް ރައްކައުތެރިކުރަން ދަސްކޮށްދިނުން ސޯޝަލް މީޑިއާތައް މިހާ ބޮޑަށް ހުޅުވިފައިވާ ޒަމާނެއްގައި، އެންމެ ބޮޑަށް ދަރިވަރުންނަށް ދަސްކޮށްދޭން ޖެހޭ އެއްކަމަކީ އަމިއްލަ ޝަޚްޞީ މަޢުލޫމާތު ރައްކައުތެރިކުރާނެ ގޮތެވެ. ހަމަ މިބީދައިން އެހެންމީހުންގެ ޝަޚްޞީ މަޢުލޫމާތު ވެސް ޢާއްމު ޑިޖިޓަލް ޕްލެޓްފޯމްތަކުގައި ބޭނުންކޮށް ފަތުރާ ހެދުމުން ދުރުކުރުވުމެވެ. މިކަންކަމަކީ އަބަނދުމެ ހަދާންކޮށްދީ އިރުޝާދު ދީ ދަރިވަރުންގެ ސުލޫކު ބައްޓަން ކުރަންޖެހޭ ކަންކަމެވެ. މިގޮތުން ކުރެވޭ ވަރަށް ކުޑަކުޑަ ކަމަކުން ނުކުމެދާނެ ނަތީޖާތަކާއި އެއިން އަމިއްލައަށް ވެސް ލިބިދާނެ ގެއްލުމާއި އެހެންމީހަކަށް ވެދާނެ އިހާނެތި ގޮތްތަކަށް ދަރިވަރުންގެ ވިސްނުންތައް ގެންގޮސް ޚިޔާލުކުރުވާ މަގުދައްކައި ދޭންޖެހެނީ ސްކޫލު ނިޒާމާއި ބެލެނިވެރިންވެސް އެއްބާރު ލައިގެންނެވެ. ކުރިންވެސް އިޝާރާތް ކުރިފަދައިން މިފަދަ ކަންކަމަކީ އެކަންކަމަށް ލޯހުޅުވި ކަންކަން ކުރުމުގެ ތެރެއިން އަށަގަންނަ ސިފަތަކެވެ. އެއްގޮތަކަށްވެސް މަޢުލޫމާތެއް ދަސްކޮށް އިމުތިހާނު ކުރުވުމަކުން މިފަދަ ކަންކަމެއް ދަސްކޮށް ނުދެވޭނެއެވެ. ޑިޖިޓަލް ޑިސްޓްރަކްޝަން (ޓެކްނޮލޮޖީ ހުރަހަކަށް ވުން) މެނޭޖުކުރާނެގޮތް ދަރިވަރުންނަށް ދަސްކޮށްދިނުން އުނގެނުމުގައި އެދެވޭ ގޮތުގައި ޑިޖިޓަލް ޓެކޮނޮލޮޖީ ބޭނުންކުރުމަށް އެހީތެރިވެދިނުމަށްޓަކައި ޑިޖިޓަލް ޓެކްނޮލޮޖީއަކީ ހުރަކަށް ވިޔަ ނުދިނުމަށް ކުރެވިދާނެ ކަންކަމަށް ދަރިވަރުން ފަރިތަ ކުރުވަން ޖެހެއެވެ. މިގޮތުން އެފަދަ ކަންކަމުން ދުރުވާނެގޮތްތައް ދަސްކޮށްދިނުމަކީ މިޒަމާނުގެ ދަރިވަރުންނަށް ވަރަށް މުހިންމު ކަމެކެވެ. އަތުގައި ފޯނެއް އޮންނަ ޢުމުރުގެ ކުއްޖެއްނަމަ މިހާރުގެ ކުދިން ހެނދުނު ތެދުވެ ފުރަތަމަ ބަލާލާނީ ފޯނުގައިވާ ތަފާތު މެސެޖްތައް ނުވަތަ ޓްވިޓަރ، ފޭސްބްކް، މެސެންޖަރ ފަދަ މަންސަތަކުގައި ހުންނަ އެއްޗެއްސަށެވެ. ހެނދުނު ސައިބޯން އިންނަ ގަޑީގައި، މެންދުރު ކާން އިންނަ ގަޑިވެސް، އަދި ހަމައެހެންމެ ކިޔަވާ ވަގުތު ނުވަތަ އެހެން ވަގުތުތަކުގައިވެސް ލޮލުގެ ހުއްޓުންވާނީ އަތުގައި އޮންނަ ފޯނަށް އަމާޒު ކުރެވިފައެވެ. މިކަމަކީ އެކުދިންގެ ކިބައިގައި ހަރުލާފައިވާ ގޯސް އާދައެއް ކަމަށް ނިންމުމުގެ ކުރިން، އެފަދަ ސުލޫކު ތަކުން އުނގެނުމަށް އަސަރު ނުކުރާނެ ފަދަގޮތަކަށް އަމިއްލަ ނަފުސުގެ ކަންކަން ކޮންޓްރޯލްކޮށް ޑިޖިޓަލް ޓެކްނޮލޮޖީ އުނގެނުމުގެ ހުރަހަކަށް ނުވާގޮތަށް ބޭނުންކުރަން ދަސްކޮށްދިނުމަކީ މިހާރުގެ ދަރިވަރުންނަށް ބޭނުންތެރި ކަމެކެވެ. ވަކި އަމާޒަކަށް މަސައްކަތެއް ކުރުމަށް ނިންމޭ ހިނދު އެހެން ހުރިހާ ޑިސްޓްރެކްޝަން (ހުރަސް) ތަކުން ދުރުހެލިވެގެން މަސައްކަތް ކުރުމަށް ފަރިތަކުރުވުމަކީ މިޒަމާނުގެ ދަރިވަރުންނަށް ދަސްކޮށްދީ ފަރިތަ ކުރުވަން ޖެހޭ ކަންކަމެވެ. ޑިޖިޓަލް ޓެކޮނޮލޮޖީ މެދުވެރިކޮށް ލިބޭ ތަފާތު މަޢުލޫމާތުގެ ބޭނުން އެކަށޭނަގޮތަށް ކުރަން ދަސްކުރުން މަޢުލޫމާތު ވަނީ އިނގިލި ކުރީގައޭ ބުނެވޭ ބަހަކީ މިހާރު އެންމެ ޢާއްމުކޮށް އިވޭ އަޑެކެވެ. ހަގީގަތުވެސް ތެދެކެވެ. ބޭނުންވާ ކޮންމެ މަޢުލޫމާތެއް ގޫގްލުކޮށްލާއިރު މިހާރު އެކި ގައުމުތަކުގައި ލިޔެވިފައިވާ ހުންނަ އެއްޗެތި އެއްތަނަކަށް އެއްކޮށްލާދެއެވެ. އެމަޢުލޫމާތުތަކުގެ ބޭނުން އެގޭ އަސްލު ހަގީގީ ބޭނުމުގައި ކުރަން ދަރިވަރުން ފަރިތަކުރުވަން ޖެހެއެވެ. މާނައަކީ އުނގެނުމުގެ ކަންކަން ކުރިއެރުވުމަށް، ހުނަރުތައް ތަރައްޤީކުރުމަށް، ވިސްނުންތައް ފުޅާކޮށް، ގާބިލުކަން އިތުރުކުރުމަށް، ތަފާތުވިސްނުންތައް ބިނާކޮށް، އުފެއްދުންތެރި ޚިޔާލުތައް ނެރެ އާކަންތައްތައް ދަސްކުރުމަށް އަދި ހަމަ އެހެންމެ ތަފާތު ޢަމަލީ މަސައްކަތްތައް ކުރުމަށް އެލިބޭ މަޢުލޫމާތުގެ ބޭނުން އެންމެ އެދެވޭ ގޮތަށް ހިފަންދަސްކޮށްދޭން ޖެހެއެވެ. މިހުށަހަޅާ މަޢުލޫމާތުތަކަކީ މިޒަމާނުގެ ކިޔަވައިދިނުމުގެ މުޅި ނިޒާމު އެކަމަކަށް ސަމާލުވާން ޖެހޭ ކަންކަމެވެ. އެއް ކަމަކީ ޓެކްނޮލޮޖީ އަކީ އެއްދުވަހުން އަނެއްދުވަހަށް ބާރު ސްޕީޑެއްގައި ކުރިއަރަމުން ދާ އެއްޗަކަށް ވެފައި އެއާ ނުލައިން ދަރިވަރުންގެ އުނގެނުމުގެ ކަންކަން ރޭވުމަކީ ދަތިކަމަކަށްވާނެއެވެ. ހަމައެހެންމެ، އެތަކެތިން ދަރިވަރުން ދުރުކޮށްގެން ކިޔަވއިދިނުން އެންމެ ފުރިހަމަ ގޮތުގައި ކުރިޔަށްވެސް ގެންދިއުން އުނދަގުވާނެއެވެ. މިފަދަ ހާލަތެއްގައި އެންމެ މުހިންމު ކަމަކީ އެއަށް ދަރިވަރުން ރަގަޅަށް ތަމުރީނު ކުރުވާ އޭގެ ބޭނުން އެދެވޭ ގޮތުގައި ހިފާނެގޮތްތަކަށް ފަރިތަ ކުރުވުމެވެ. މިކަމުގައިވެސް އެންމެ ބޮޑު ޒިންމާއެއް ނެނގޭނެ ބަޔަކީ ހަމަ މުދައްރިސުންނެވެ. މި ވާހަކަ ކޮޅުގައި ހުށަހަޅައިލެވިފައިވާ ޚިޔާލުތައް އުނގަންނައިދިނުމުގައި ބޭނުންކުރާނެ ގޮތްތަކަށް ވިސްނާ، ރިވެލިކޮށް، އާ ޚިޔާލުތަކުގެ އަލީގައި ކިޔަވައިދިނުން ފަރުމާ ކުރާ ބަޔަކަށް ވުމަކީ އަޅުގަނޑުގެ ވަރަށް އުއްމީދު ކުރާ ގޮތެވެ. ކިޔަވައިދިނުމާއި ޓެކްނޮލޮޖީ އެދުރު އަށި