ދިވެހިރާއްޖޭގެ ގައުމީ މަންހަޖުގައި ބަޔާންކޮށްފައިވާ ގޮތުން ސްކޫލު ނިމިގެން ދަރިވަރުން ނުކުންނައިރު ކުރިޓިކަލްކޮށް (ތަފާތުކަންކަމާ ގުޅުވައިގެން) ވިސްނަން ދަރިވަރުންނަށް އެނގެންޖެހެއެވެ. މިއީ ދިރިއުޅުމުގެ ހުރިހާ މަރުހަލާއަކަށް ވެސް ކޮންމެ ދަރިވަރަކަށް ބޭނުންޖެހޭ ވިސްނުމުގެ ވައްތަރެކެވެ. ކުރިޓިކަލްކޮށް ވިސްނަން ދަސްކޮށްދެވެނީ އެ އާބެހޭގޮތުން ކިޔަވައިދީގެންނެއް ނޫނެވެ. އެއާއި ޚިލާފަށް އެކަން ކުރެވެނީ އެކުދިންނަށް ކިޔަވައިދިނުމުގައި ގެންގުޅޭ އުކުޅުތަކާއި އަދި އުނގެނުމުގެ މާހައުލުގައި ފަހި ކޮށްދެވޭ ތަފާތު ފުރުސަތުތަކުގެ ތެރެއިން ލިބިދޭ އުނގެނުމުގެ ތަޖުރިބާއިންނެވެ. ޢާއްމުކޮށް ކުރިޓިކަލް ތިންކިން މާނަކުރާނަމަ އެއީ ކަންކަމުގައި ވަކިގޮތަކަށް ކަމެއް ނިންމުމަށް ތަފާތު ކަންކަންކަމާ ގުޅުވައިގެން ވިސްނަން އެނގުމޭ ދެންނެވިދާނެއެވެ. ސަބަބަކީ ކަމެއްގައި ކުރިޓިކަލްކޮށް ވިސްނާނަމަ އެއާއި ގުޅޭ ހުރިހާ ދާއިރާއަކާއި، ކަމެއް ދިމާވާން މެދުވެރިވާ ސަބަބުތަކާއި، އަދި އޭގެ ސަބަބުން ނުކުމެދާނެ ނަތީޖާތަކަށް ވިސްނުން ހިންގަން ޖެހެއެވެ. މިގޮތުން ކަމެއްގައި ހުރި ރަނގަޅު ނުރަނގަޅު ގޮތްތައް ބަލައި، ވަކިކަމަކުން ނުކުމެދާނެ ނަތީޖާ/އަސަރު، އަދި ދިމާވެދާނެ ކަންތައްތަކެއް ޚިޔާލަށް ގެނައުން ވެސް ހިމެނެއެވެ. އެހެން ޢިބާރާތަކުން ދަންނަވާނަމަ އެއީ ވަކި ޤަރާރެއް ނުވަތަ ނިންމުމަކާ ހަމައަށް ދިއުމުގެ ކުރިން ތަހުލީލީ (އެނަލިސިސް) ނަޒަރަކުން ކަމަކާ ގުޅޭ ގޮތުން ވިސްނުމެވެ. މިއަދުގެ ވާހަކަކޮޅު މިޚާއްޞަކޮށްލަނީ ކިޔަވައިދިނުމުގައި ކުރިޓިކަލް ތިންކިން ހިމެނުމުގެ މުހިއްމުކަމާއި އެކަން ކުރާނީ ކިހިނެއްކަން ބަލާލުމަށެވެ.
ކްރިޓިކަލް ތިންކިންގެ މައިގަޑު ޢިލުމީ ވިސްނުން
ކްރިޓިކަލް ތިންކިން މި މަފުހޫމަކީ މީގެ 2500 އަހަރުގެ ވެސް ކުރިން ސޮކްރެޓްސް ފަދަ ފިލޯސަފަރުންގެ ވިސްނުންތަކުގައި ލިޔުންތަކުން ފެނިފައިވާ އުނގެނުމާއި އުނގަންނާދިނުމާ ގުޅޭ މުހިއްމު މަފްހޫމެކެވެ. މި މަފްހޫމް ގުޅިގެންދާ ކަމަށް އެންމެ ބޮޑަށް ފާހަގަ ކުރެވެނީ ސުވާލުކުރުމާއި ސުވާލުއުފެއްދުމައި، ގަރީނާހޯދުމާއި ކަންކަންވަނީ ކިހިނެއްކަން ސާބިތުކުރުމާއި ވަކި ނަތީޖާއަކާއި ހަމައަށް ދިއުމަށް ފީނާ މަޢުލޫމާތު އެއްކުރުމާއެވެ. އަދި ހަމަ އެހެންމެ ވިސްނޭ ކަމެއް އެއީ ރަނގަޅު ގޮތްތޯ ނުވަތަ ނުރަނގަޅު ގޮތްތޯ އަދި އެކަން ބަދަލުކުރުމުގެ ކުރިން އޭގެ ސަބަބު ހޯދާ ޢިލުމީ ހެކި ނުވަތަ ރީޒަނިން/ލޮޖިކް ގެ މައްޗަށް ބަރޯސާވެ ވިސްނުމެވެ (ދަފައުންޑޭޝަން އޮފް ކްރިޓިކަލް ތިންކިން، 2020). މި މަފްހޫމް އެންމެ ބޮޑަށް ޢާއްމުވެގެން ދިޔައީ ވިހިވަނަ ގަރުނުގެ މެދުތެރެއާ ހިސާބުގައި ލިޔުންތެރިންގެ ފޮތްތަކުންނެވެ. ބައެއް ޢިލުމުވެރިން ފާހަގަކުރައްވާގޮތުގައި އެއީ ވަކި ޚާއްޞަ ޢިލުމެކެވެ. އެއާއި ގުޅިގެންދަނީ ކަމެއްގައި ހުނަރުވެރިކަމާއެކު ވަކިކަހަލަ ގޮތަކަށް ރޭވިގެން ކަންކަމާ މެދު ވިސްނުމެވެ. އަދި އެވިސްނުމުގައި ތަހުލީލުކުރުމާއި، މަޢުލޫމާތު އެއްކުރުމާއި، ވަޒަންކުރުން ފަދަ ކަންކަން ހިމެނެއެވެ. ހަމަމިއާއެކު އެވަޒަންކުރުން ގުޅެނީ އޮބްޒަރވޭޝަންއާއި، ހެއްކާއި، ގަރީނާއާ އަދި ސަބަބުތަކުގެ މައްޗަށް ބަރޯސާވެގެން ކުރެވޭ ޚިޔާލުތަކާއި ވިސްނުމާއެވެ.
އެންމެ ފުރަތަމަ ކްރިޓިކަލް ތިންކިން އާ ބެހޭގޮތުން ލިޔުއްވި ފަރާތްތަކުގެ ތެރޭގައި ހިމެނޭ އެއްބޭފުޅަކީ އެޑްވާރޑް ގްލެސާރ އެވެ. އޭނާ ދެކިލައްވާގޮތުގައި އެއީ ކަމެއްގައި ކްރިޓިކަލްކޮށް (ތަފާތު ގޮތްތައް/ކަންތައްތައް/ސަބަބުތައް ގުޅުވައިގެން) ވިސްނުމުގެ ގާބިލުކަން ލިބުމެވެ (ގްލެސާރ، 1941). މީގެ ތެރޭގައި ފާހަގަކުރެވޭ 3 ކަމެއް ހިމެނެއެވެ. އެއީ (1) ކަމެއް/މައްސަލައެއް ހައްލުކުރުމުގައި އެހެން ގޮތަކަށް ވިސްނުމުގެ ޖާގަ ދިނުމުގެ ގޮތް ގެންގުޅުން، (2) ތަފާތު ސަބަބުތައް/ހެކި ހޯދާނެގޮތުގެ މަޢުލޫމާތު އެނގުން، އަދި (3) އެމަޢުލޫމާތު ކަންކަމުގައި ބޭނުންކޮށް ހެއްކާއި ގަރީނާ ތަހުލީލުކުރަން އެނގުމެވެ. އެހެންގޮތަކުން ދަންނަވާނަމަ ކްރިޓިކަލް ތިންކިން އެންމެ ބޮޑަށް ގުޅިގެންދަނީ ޢިލުމީކޮށް ވިސްނުމާއި އެވިސްނުން ގުޅިގެންދާ ކަންކަން ސާފުކޮށް ދެނެގަތުމަށް އަމިއްލައަށް އެނގުމާއެވެ. މީގެ މާނައަކީ ވަކިކަމަކަށް ވިސްނެނީ މިހެންވެ، އޭގެ ހެކިތަކަކީ މިހިރީކަން އެނގޭ މިންވަރަށް ކަންކަން ހޯދާ ދެނެގަތުމުގެ ހުނަރުތައް ލިބުމެވެ (ގްލެސާރ، 1941). ގްރެސާރ (1941) މި ޚިޔާލާއެކު މިމަފްހޫމާ ބެހޭގޮތުން ލިޔެވިފައިވާ ލިޔުންތަކާއި ކުރެވިފައިވާ ޢިލުމީ ބަހުސުތައް ވަރަށް ގިނައެވެ. މިގޮތުން ފާހަގަކޮށްލެވޭ ބައެއް ދިރާސާވެރިން ހާމަކުރައްވާގޮތުގައި ކްރިޓިކަލް ތިންކިން އަކީ ވަކި އަމާޒަކާއި އެކު އަމިއްލައަށް ކަމެއްގައި ވަކިގޮތެއް ނިންމުމުގެ ވިސްނުންތަކާއި ޚިޔާލުތައް ހިންގުމުގެ ގާބިލުކަން ލިބުމެވެ (އަބްރާމީ، ބާރނާރޑް، ބޮރޚޮސްކީ، ވޭޑީ، ސާރކްސް، ޓެމިން އަދި ޒެންގް، 2008). މިޢިލުމުވެރިން އިތުރަށް އިޝާރާތްކުރައްވާގޮތުގައި ކުރިޓިކަލް ތިންކިން އަކީ 21 ވަނަ ގަރުނުގެ ހުރިހާ ދަރިވަރުންނަށް ވެސް ލިބިދޭން ޖެހޭ ގާބިލު ކަމެކެވެ. ސަބަބަކީ މިއީ ހުޅުވާލެވިފައިވާ މަޢުލޫމާތުގެ ދުނިޔެއަކަށް ވުމެވެ. އަދި ހަމައެހެންމެ މި ބަވަނަ ވަމުން ބަދަލުވަމުން އަންނަ ދުނިޔޭގެ މަސްރަހުގައި ހިނގާ ކަންކަން ދަރިވަރުން އަމިއްލައަށް ވަޒަންކޮށް، ތަހުލީލުކޮށް، ވަކި އުސޫލުތަކަކާއި ވަކި ފިކުރުތަކަކަށް ބަރޯސާވެގެން ގޮތްނިންމަން ޖެހޭ ވަރަށް ގިނަ ހާލަތްތައް ދިމާވާނެއެވެ. އެފަދަ ހާލަތްތަކުގައި ދަރިވަރުންގެ ޚިޔާލުތަކާއި ވިސްނުންތައް ގެންގުޅެންވާ ގޮތް މަދަރުސީ ހަޔާތް ނިމިގެން ދާއިރު ދަރިވަރުނަށް އެނގެން ޖެހެއެވެ.
އިސްވެ ދެންނެވުނު ދިރާސާވެރިންގެ ކުރިންވެސް އެހެން ބައެއް ޢިލުމުވެރިން ހާމަކުރައްވަނީ ތަޢުލީމު ދިނުމުގައި ކުރިޓިކަލް ތިންކިން ހިމެނުމަކީ ވަރަށް ބޮޑަށް ސަމާލުކަން ދެންޖެހޭ ކަމެއް ގޮތުގައެވެ. މިގޮތުން ޝެފުލާރ (1973) އަދި ބައިލިން އާއި ސީގެލް (2003) ހާމަކުރައްވަނީ ތަޢުލީމު ދިނުމުގެ އެންމެ މުހިންމު އެއް ބިންގަލަކީ ދަރިވަރުންގެ ކިބައިގައި ކުރިޓިކަލްކޮށް ވިސްނުމުގެ ގާބިލުކަން ހަރުލެއްވުމެވެ. އިތުރަށް ބަޔާންކުރައްވާ ގޮތުގައި އެއީ ދަރިވަރުން އަމިއްލައަށް ވިސްނަން ދަސްކޮށްދިނުމެވެ. ސަބަބަކީ މަދަރުސީ ހަޔާތް ނިމިގެން މުޖުތަމަޢަށް ނުކުންނައިރު، ކަންކަމުގައ ރަގަޅު ގޮތްތައް ނިންމައި، ދިރިއުޅުމުގައިން ނަގަންޖެހޭ ތަފާތު ޤަރާރުތައް ނެގުމުގައި ވިސްނުން ގެންގުޅެންވީ ގޮތާއި ބަލަންވީ ކަންކަމާ މެދު ޚިޔާލު ކުރުމަށް ގާބިލު ބަޔަކަށް ދަރިވަރުން ވާންޖެހޭތީއެވެ. އިސްވެދިޔަ ޢިލުމީ ވިސްނުންތަކަށް ބަލާއިރު ކުރިޓިކަލްކޮށް ވިސްނަން ދަރިވަރުންނަށް ދަސްކޮށްދިނުމަކީ މުހިންމު ކަމެއްކަން ހާމަވެއެވެ. ނަމަވެސް ބައެއް ޢިލުމުވެރިން ދެކިލައްވާގޮތުގައި އެކަން ކުރުމަކީ އެހައި ފަސޭހަ ކަމެއް ނޭނެވެ (އެޑަމްސް، 1999؛ ބޭންގަރޓް-ޑްރޮއުންސް އަދި ބޭންކާރޓް، 1990؛ އެލެން، ބާރކޮއުޒް، ހަންޓް އަދި ލޮއުޑެން، 1997؛ ހަލްޕާރން، 1998). މިދިރާސާވެރިންގެ އިޝާރާތްކުރައްވާގޮތުގައި، މިއީ ވަކި މުދައްރިސެއްގެ ޒިންމާއަކަށް ނުވާތީ އަދި ވަކި މައްދާއަކަށް ޚާއްޞަވެފައިވާ ކަމަކަށް ނުވާތީ ދަރިވަރުންނަކީ ކުރިޓިކަލްކޮށް ވިސްނަން އެނގޭ ބަޔަކަށް ހެދުން ކަށަވަރު ކުރުން ދަތިވެއެވެ. ނަމަވެސް މިކަމަކީ ކޮންމެ މާއްދާއެއްގައި ކޮންމެ މައުޟޫޢެއް ކިޔަވައިދޭއިރުވެސް ވަރަށް ބޮޑަށް ސަމާލުކަންދީގެން ގާތުން މޮނިޓަރކޮށް ދަރިވަރުންގެ ކިބައިގައި ހަރުލެއްވޭތޯ ބަލަންޖެހޭ ގާބިލިއްޔަތެކެވެ. މިގޮތުން އުނގެނުމުގެ މާހައުލުގައި ދެވޭ ފުރުސަތުތަކުން ދަރިވަރުންގެ ވިސްނުން ތަރައްގީވަމުން އަންނަގޮތް ދެނެގަނެ ދަރިވަރުންގެ އަމިއްލަ ޚިޔާލުތަކާއި، ސުވާލުތަކާއި ތަފާތު ފިކުރުތަކަށް ޖާގަ ހުޅުވައިލައިގެން ކިޔަވައިދިނުން މުހިއްމެވެ.
ކްރިޓިކަލްކޮށް ވިސްނުމުގެ ގާބިލުކަން ހަރުލެއްވިދާނެ ގޮތްތައް
21 ވަނަ ގަރުނުގައި ދަރިވަރުންނަށް އެންމެ ބޭނުންތެރި އެއް ގާބިލިއްޔަތަކީ ކްރިޓިކަލްކޮށް ވިސްނަން އެނގުން ކަމުގައި ކުރިންވެސް އިޝާރާތް ކުރެވިއްޖެއެވެ. ހަމައެއާއެކު އަޅުގަޑުމެން ގައުމީ މަންހަޖުގައިވެސް މިކަމަށް ވަނީ ވަރަށް ބޮޑަށް ބާރު އަޅައިފައެވެ. ކުރިޓިކަލްކޮށް ވިސްނުމަކީ ކިޔައިދީގެން ދަސްކޮށްދެވޭ ކަމެއް ނޫނެވެ. އެކަމަކީ ދަރިވަރުން އަހުލުވެރިކޮށް، ތަމުރީނުކޮށް، ހާނުވައިގެން ތަރައްގީ ކުރެވޭ ގާބިލިއްޔަތެކެވެ. ކްރިޓިކަލްކޮށް ވިސްނުމަކީ ހަމައެކަނި ވިސްނުމުގެ ވައްތަރެއްނޫނެވެ. އެއީ ކުރެވޭ ކަމެއް އެއަށް ވުރެ ރަގަޅަށް އަމިއްލައަށް ކުރުމަށް ގެންގުޅެވޭ ވިސްނުމެކެވެ. މިގޮތަށް ވިސްނުން ބައްޓަން ކުރުމުގައި އެންމެ މުހިންމު ވަނީ ކުރެވޭ ކަންކަން ތަހުލީލުކޮށް، ދެނެގަނެ، ވަޒަންކުރުމުގެ ތެރެއިން ހެއްކާއެކު ގޮތްތައް ކަންކަން ނިންމުމަށް ދަރިވަރުން އަބަދު ތަމުރީނު ކުރުވުމެވެ. މިފަދަ ޚިޔާލުތައް މުދައްރިސުންގެ ކިޔަވައިދިނުމުގައި ތަންފީޒު ކުރާނެގޮތްތަކާއި ބެހޭގޮތުން ތަޖުރިބާކާރު މުދައްރިސެއްގެ ވާހަކަކޮޅެއް 2018ވަނަ އަހަރު ޓެޑްޓޯލްކްގައި ބްރެއިން އޮޝީރޯ ހުށަހަޅުއްވާފައިވެއެވެ. އޭނާ ހުށަހެޅުއްވި އެންމެ މުހިންމު ވާހަކަ ކޮޅަކީ ދަރިވަރުންނާ ސުވާލުކުރެވޭގޮތެވެ. ޚާއްޞަކޮށް ހުޅުވާލެވިފައިވާ ގޮތަށް އަދި އިތުރަށް ވިސްނަން ޖެހޭ ގޮތަށް ކުރެވޭ ސުވާލުގެ ބާވަތްތައް ބޭނުންކުރުމަށް އޮޝީރޯ އިރުޝާދު ދެއްވައެވެ. މިވާހަކަ ކޮޅުގެ ތަފުސީލު ބައްލަވާލެއްވުމަށް ވީޑިއޯ ލިންކަށް ފިއްތަވާލައްވާށެވެ.
ކިޔަވައިދޭއިރު ކްރިޓިކަލްކޮށް ވިސްނުމަށް ދަރިވަރުންނަށް އެހީތެރިވެދިނުމަށް އެންމެ އެކަށޭނަ އެއްގޮތަކީ އެޑްވާރޑް ޑިބޯނޯ (1985) ގެ ތިންކިން ހެޓްސް (ވިސްނުމުގެ ތޮފިތައް) ފަދަ އުކުޅުތައް ކުލާހުގައި ގިނަ ގިނައިން ބޭނުން ކުރުމެވެ. އެކި ކުލައިކުލައިގެ ތޮފިތައް ރަމުޒުކޮށްދޭ ތަފާތު ވިސްނުމުގެ ގޮތްތައް ބޭނުންކުރުމުން އެކި ކަންކަމާ ގުޅުވައިގެން ދަރިވަރުންނަށް ވިސްނުމަށް އެހީތެރިވެދޭނެއެވެ. މީގެ އިތުރުން ބެންޖަމިން ބްލޫމް (1956) ބްލޫމްސް ޓެކްސޮނޮމީގެ ސުވާލުކުރުމުގެ ވައްތަރުތައް ބޭނުންކޮށްގެން ވެސް ދަރިވަރުންގެ ކިބައިގައި ކްރިޓިކަލްކޮށް ވިސްނުމުގެ ހުނަރު ތަރައްގީ ކުރެވޭނެއެވެ. މިދެތިއަރީގައި ދެވިފައިވާ ލިންކަށް ފިތާލުމުން މިކަމާގުޅޭ ކްލާސްރޫމުގެ މިސާލުތައް ބައްލަވާލެއްވޭނެއެވެ.
އިސްވެދިޔަ ދެ ތިއަރީގެ އިތުރުން ދަރިވަރުންނަކީ ކްރިޓިކަލްކޮށް ވިސްނަން ދަންނަ ކުދިބަޔަކަށް ހެދުމަށް ކިޔަވައިދިނުމުގައި ހިމަނާލެވިދާނެ މުހިއްމު 5 އުކުޅެއް ދާދި ފަހުން ލީ ކެރޮލް އަދި ޓެރީ ހެއިކް (2019) ގެ ލިޔުމެއްގައި ޝާއިޢުކޮށްފައިވެއެވެ. އެއީ:
- ތަފާތު ޚިޔާލުތަކަށް ޗެލެންޖްކުރުން: ކިޔަވައިދެމުން ދާއިރު މުދައްރިސުގެ ޚިޔާލު ހުރިހާ ކަމަކަށް ދިނުމަށް ވުރެ ދަރިވަރުންގެ އަމިއްލަ ޚިޔާލުތައް އުފައްދަން ފުރުސަތު ދިނުމަކީ ކުރިޓިކަލްކޮށް ވިސްނުމުގެ ހުނަރުތައް ދަރިވަރުންގެ ކިބައިގައި ތަރައްޤީ ކުރެވޭނެ ގޮތެކެވެ. ހަމައެއާކު ދަރިވަރުން ހުށަހަޅާ ކޮންމެ ޚިޔާލެއްގެ ހަގީގީ މާނައާ ބޭނުން އެކިގޮތްގޮތަށް ވިސްނުން ފުޅާކުރުމަށް އެހީތެރިވެދިނުންވެސް މުހިންމެވެ. މީގެ މާނައަކީ ދަރިވަރަށް ވަކި ކަމެއް ކުރަން ހަވާލު ކުރާއިރު އެކަމަކާ މެދު ވިސްނިދާނެ ގޮތްތައް ޚިޔާލު ކުރަން ފުރުސަތު ދިނުމާއެކު އެޚިޔާލުތަކަށް ޗެލެންޖުކޮށް ސަބަބާމެދު ވިސްނާ އެކަން އިތުރަށް ބެލުމަށް މުދައްރިސު ސުވާލު އުފައްދާ ހެދުމަކީ ބޭނުންތެރިކަމެއް ކަމެވެ.
- ދަރިވަރު ހުށަހަޅާ ޚިޔާލަކާއި އަދި ވިސްނުމާމެދު ވަކިގޮތަކަށް ޖަޑޖް(ގޮތް ނުނިންމުން) ނުކުރުން: މިސާލަކަށް ކުރަމުންދާ މަސައްކަތަކަށް ނުވަތަ ތަފާތު ޕްރޮޖެކްޓްތައް ހަދަމުންދާއިރު ދަރިވަރަކު ހުށަހަޅާ ޚިޔާލަކީ މުދައްރިސަށް ގަބޫލު ކުރެވޭގޮތުގައި އެންމެ އެކަށޭނަގޮތް ނޫންކަމުގައި ވިޔަސް އެއީ ރަނގަޅު ނުރަނގަޅު ކަމުގައި ކަނޑަނައަޅައި އެކަމާމެދު ފުންކޮށް ވިސްނުމަށް އިތުރު ޖާގަ ދީ އެކަމަށް ބާރުދިނުން ހިމެނެއެވެ.
- ވަކި ފޯކަސްއަކާއެކު ކަމެއް ކުރާއިރު ހެއްކާއި ދަލީލާއެކު ވިސްނުމަށް ބާރު އެޅުން: މިކަމަކީ ޚާއްޞަކޮށް ކުރިޓިކަލްކޮށް ވިސްނުމަށް ދަރިވަރުންގެ އަމިއްލަ ވިސްނުން ބައްޓަން ކުރެވޭނެ ކަމެކެވެ. ކޮންމެ ކަމެއްގައިވެސް ކޮންމެ ޚިޔާލެއްގައިވެސް ފަހަތުގައި އޮންނަ ވިސްނުންތަކުގެ ސަބަބުތަކެއް/ރީޒަންސް އޮންނާނެއެވެ. އެކަންތަކުގެ ޚުލާޞާ އަމިއްލަ ޚިޔާލަށް ގެނެސް ވަކިގޮތަކަށް ކަމެއް ގަބޫލު ކުރެވޭނަމަ އެކަން ވަނީ ކިހިނެއްކަން، ކީއްވެގެންކަން، ކޮންގޮތަކަށްކަން، ބުނުމަށް އެހީތެރިވެދިނުމެވެ.
- ގަބޫލުކުރެވޭ ކަމަކަށްވުރެ ބޮޑަށް ކަމާގުޅޭ މަޢުލޫމާތާއި/ޑާޓާ/ހެކި އެއްކުރުމަށް ބާރުއެޅުން: މި ކަމަކީ ކުރިން ދެންނެވިހެން ވަކި ކަމެއްވަނީ ވަކި ސަބަބަކާ ގުޅިގެންކަން އޮޅުންފިލުވުމަށް އެކަމާއި ގުޅޭ ޑާޓާ އެއްކޮށް ހެކިހޯދާ އެކަން ޢިލުމީގޮތަކަށް ތަހީލީލީ ނަޒަރަކުން ބެލުމަށް ތަމުރީނު ކުރުވުމެވެ. ކޮންމެ ކަމެއް ހަމައެކަނި އެއީ އެންމެން ގަބޫލު ކުރާގޮތެއްވީމަ ކަން އޮންނަން ޖެހޭ ގޮތްކަމަށް ނިންމުމަށް ވުރެ ބޮޑަށް އަމިއްލައަށް އެކަމާ ބެހޭގޮތުން ހޯދާ ހެއްކާއެކު ވިސްނަން ފުރުސަތުތައް ފަހިކޮށްދިނުމެވެ.
- ޚިޔާލުތައް ޓެސްޓްކޮށް ތަހުލީލު ކުރުމުގައި ދެމިހުރުމަށް މަގުދެއްކުން: އަބަދުވެސް ވަކި ކަމަކާމެދު ވަކިގޮތަކަށް ވިސްނޭނަމަ، އެކަމަކާ ގުޅޭ ގޮތުން އެވިސްނުން އަންނަނީ ކީއްވެކަން އެޚިޔާލާއެކު ދިމާވެދާނެ ތަފާތު ކަންތައް ވިސްނާ ތަހުލީލުކުރުމުގައި ދެމިހުރުމަށް ބާރު އެޅުން ހިމެނެއެވެ. އަދި ވަކިގޮތެއް ވަކި ކަމެއް ނިންމުމަށްފަހު އެކަން އޮންނަން ޖެހޭނީ އަބަދުވެސް އެގޮތަށް ކަން ނުވިސްނުމަށް އިރުޝާދު ދިނުންވެސް ހިމެނެއެވެ. މީގެ އެންމެ ބޮޑު ބޭނުމަކީ ވިސާނާލެވޭ މުހިއްމުކަމެއްގައި ނުރަނގަޅު ގޮތަކަށްވެސް ވިސްނުން ނުވަތަ ޚިޔާލު އޮވެދާނެކަމަށް ގަބޫލުކޮށް އެކަމުގެ ފުންމިނަށް ދާން ދަރިވަރުންގެ ޝައުގުވެރިކަން އުފެއްދުމާއެކު އެގޮތަށް ވިސްނުން ބައްޓަންކުރުމަށް ފުރުސަތު ފަހިކޮށްދިނުމެވެ.
އިސްވެދިޔަ އުކުޅުތަކަކީ ކޮންމެ މުދައްރިސެއް ވެސް ކިޔަވައިދިނުމުގައި އަބަދުމެ ސަމާލުވެ ބޭނުން ކުރެވޭތޯ ބަލަންޖެހޭ ކަންތައްތަކެކެވެ. މީގެ އިތުރުން ދަރިވަރުންނަކީ ކުރިޓިކަލްކޮށް ވިސްނަން އެނގޭ ކުދިބަޔަކަށް ހެދުމަށް ހޫލަ1ގައިވާ ހަރުފަތްތަކަށް ވަކިން ޚާއްޞަކޮށް ކިޔަވާދިނުމުގައި ރިޢާޔަތް ކުރެވިދާނެއެވެ. މިހަރުފަތްތަކުގެ ތަފުސީލު ތިރީގައިވާ ދެވިފައި އެވަނީއެވެ.
- ވަކިކުރަން އެނގުން: މިއީ ކްރިޓިކަލްކޮށް ވިސްނުމުގެ ހުނަރު ލިބިދިނުމަށް އެންމެ މުހިންމު ހަރުފަތެވެ. ތަފާތު ވިސްނުންތައް ގުޅޭކަންކަމާއި، ސަބަބުތައް، ވަކިކޮށް ސާފުކޮށް އެނގޭފަދަ ގޮތަކަށް ޚިޔާލުތައް ވަކިކުރަން ދަރިވަރު ހާނުވާން ޖެހޭނެއެވެ .
މުދައްރިސު ކަން ކުރާނެގޮތް: އާހަލަތެއް ދިމާވާ ހިނދު ނުވަތަ ދަރިވަރުންނާއި ކުރިމަތި ކުރުވާއިރު، ކާކު، ކީއް، ކިހިނެއް، ކޮންގޮތަކަށް، ކީއްކޮށްގެން، ކީއްވެ، މިފަދަ ސުވާލުތައް އަމިއްލައަށް އުފައްދަން ދަރިވަރުން ތަމުރީނު ކުރުވުން.
- ދިރާސާކުރުން: ކަންކަން ދިރާސާކޮށް ހޯދަބަލައި މަޢުލޫމާތު އެއްކޮށް ހެއްކާއި /ގަރީނާ /ތަފުސީލުތައް ހޯދުމަށް ދަރިވަރުން ތަމުރީނު ކުރުވަންޖެހޭނެއެވެ.
މުދައްރިސު ކަން ކުރާނެ ގޮތް: ސީދާ މިވެނި ކަމަކާއި ބެހޭގޮތުން މަޢުލޫމާތު ހޯދަން ބުނުމަށް ވުރެ، ލިބިފައިވާ މަޢުލޫމާތަކީ ކޮބައިތޯ އެމަޢުލޫމާތުން ނުފުދެނީ ކީއްވެތޯ، އޭގެއިތުރުން ހޯދަންޖެހެނީ ކޮންބައިތަކަކާއި ބެހޭގޮތުންތޯ ދަރިވަރާއެކު މަޝްވަރާކުރެވި ސުވާލު އުފައްދާ މުދައްރިސު ބައިވެރިވެގެން ކަމުގެ ހަގީގަތްތައް/ ސަބަބުތައް/ ރީޒަން/ ގަރީނާތައް ހޯދުމަށް މަސައްކަތް ކުރުމެވެ.
- ޒާތީ ވިސްނުން ވަކިކުރުން: އަމިއްލަ ޒާތީ ވިސްނުމޭ ބުނެވެނީ ވަކި ގަރީނާއަކަށް ނުވަތަ ހެއްކަކަށް ސަބަބަކަށް ބަރޯސާ ނުވެ ހަމައެކަނި އެމިހަކަށް ގަބޫލު ކުރެވޭ ގަބޫލު ކުރުންތަކަކަށް ބަރޯސާވެ ހުށަހެޅޭ ޚިޔާލުތައް ނުވަތަ ވިސްނުންތަކެވެ. ކްރިޓިކަލްކޮށް ވިސްނަން ދަރިވަރުން ތަމުރީނު ކުރާއިރު މިފަދަ ޒާތީ ވިސްނުން ވަކިކުރަން ދަސްކޮށްދިނުން މުހިއްމެވެ. މުދައްރިސު ކަން ކުރާނެ ގޮތް: ކޮންމެ ވިސްނުމެއްގެ ފަހަތުގައިވާ ސަބަބާއި/ރީޒަން/ އަދި އެކަމަށް ބާރުދޭ ހެއްކާއެކު ވާހަކަ ދެއްކުމަށް ބާރު އަޅާ އެފަދަ މަޝްވަރާތައް ކުރިޔަށް ގެންދިއުން ރަގަޅުވާނެއެވެ. މިސާލަކަށް، ތިހެން ތިވސްނެނީ ކީއްވެބާ.. ކޮބާ ތިކަމުގެ ފަހަތުގައި އޮތް ޚިޔާލަކީ… ތިހެން ތިބުނަނީ ކީއްވެ… މިފަދަ ސުވާލުތައް ދަރިވަރުންނަށް އަމާޒު ކުރުވުމުން ޒާތީ ވިސްނުންތައް ވަކިކުރުމަށް އެހީތެރިވެދޭނެއެވެ.
- ތަހުލީލީ ޚުލާޞާކުރުން: މިބާވަތުގެ ވިސްނުމަކީ ވަރަށް ގިނަފަހަރަށް ދަރިވަރުންނަށް ތަމުރީނުދީ ހާނުވަން އުދަގޫ ގޮތެކެވެ. ކޮންމެ ވިސްނުމެއްގެ ފަހަތުގައިވެސް ހެކިތަކާއެކު އޭގެ އަލީގައި ޚުލާޞާކޮށް ވާހަކަ ދައްކުވަން މަސައްކަތް ކުރުވުމަށް ސަމާލުވުން މުހިންމެވެ.
މުދައްރިސު ކަން ކުރާނެ ގޮތް: ތަފާތު ވިސްނުންތައް ދަރިވަރުން ހިއްސާކުރަން ފުރުސަތު ދޭއިރު، ޚުލާޞާކޮށް މައިގަޑު ޕޮއިންޓެއް، ނުކުތާއެއް ހުށަހެޅުމަށް ފުރުސަތުދިނުމާއެކު އެކަން އެގޮތަށް ވަނީ ކޮން ހެއްކެއް، ދަލީލެއް، ރީޒަނެއް، ސަބަބަކާ ގުޅިގެންތޯ ސުވާލު ކޮށް އަދި ސުވާލު އުފައްދަން ދަރިވަރުންނަށް ފުރުސަތު ދިނުމެވެ. މިގޮތުން ތިޚިޔާލާއި ހިސާބަށް އާދެވުނީ ކިހިނެއް، އެއީ ކީއްވެ މިފަދަ ސުވާލު ހިމަނައިގެން ދަރިވަރުން ބައިވެރިކޮށްގެން މަޝްވަރާ ކުރުމުގެ ގިނަ ފުރުސަތުތައް ފަހިކުރެވިދާނެއެވެ.
- ގުޅޭ ގޮތް ދޭހަކުރުން: ކްރިޓިކަލް ކޮށް ވިސްނާއިރު އެންމެ އުދަގޫ އެއްކަމަކީ ވަކި ކަމެއް ވަނީ ވަކި މިވެނި ސަބަބަކާ ހުރެއޭ ސާފުކޮށް ދޭހަކުރުމެވެ. ވަރަށް ގިނަފަހަރަށް ވަރަށް ބައިވަރު މަޢުލޫމާތުގެ އަލީގައި ވާހަކަ ދައްކާއިރު ސީދާ ސީދާ ވަކިކަމެއް ވަނީ މިހެންވެގެންނޭ ޔަގީން ކުރެވޭނީ ވަރަށް ރަގަޅަށް މަޢުލޫމާތު އެއްކުރެވި ހެއްކިތައް ގުޅިގެންދާ ގޮތް ސާފުކޮށް އެނގިގެންނެވެ.
މުދައްރިސު ކަން ކުރާނެ ގޮތް: ދަރިވަރުން ހޯދާ މަޢުލޫމާތުތަކާއި އެއްކުރެވޭ ތަފާތު ހެކިތައް ސީދާ ސީދާ ގުޅޭ ކަންކަމާ ބެހޭގޮތުން އެކުދިން ލައްވާ ވާހަކަ ދައްކުވާ އެބައިތަކުގެ ގުޅުންތައް ވަކި ކަމެއް ވަނީ މިހެންވެ، އެހެން ނުވަނީ މިހެންވެ، މިހެން ދިމާވާނީ މިހެންވެ.. މިފަދަ ޢިބާރާތްތައް ބޭނުންކޮށްގެން ދަރިވަރުން މަޝްވަރާކުރުމަށް ޖާގަދިނުމެވެ.
- އިތުރު ޝައުގު އުފެއްދުން: މިއީ ކްރިޓިކަލްކޮށް ވިސްނަން ދަސްކޮށްދިނުމުގައި މުހިއްމު ހަރުފަތެކެވެ. އެއްސަބަބަކީ ކަމެއް ވަކިގޮތަށް ވިސްނުން ބައްޓަންވުމަށްފަހު އެއީ އެންމެ ފަހު ވިސްނުންކަމަށް ގަބޫލު ކުރެވިއްޖެނަމަ ދެން އެކަމަކާބެހޭގޮތުން ހޯދުމުގެ ޝައުގު ދަށްވެއެވެ. އެހެންކަމުން ކޮންމެ ވިސްނުމެއްގެ ނުވަތަ ނިންމުމެއްގެ ފަހަތުގައި އަދިވެސް އޮވެދާނެ އިތުރު ކަންތައްތައް ހޯދާ ބެލުމުގެ ޝައުގު އަބަދުވެސް ތަރައްގީ ކުރަންޖެހެއެވެ. އެއި ކަންކަމަށް ބަދަލު އައުމަކީ އަބަދުމެ ހިނގާ ކަމެކެވެ. އެހެންވެ އިތުރަށް ހޯދުމަކީވެސް އަބަދު ކުރަންޖެހޭ ކަމެކެވެ.
މުދައްރިސު ކަން ކުރާނެ ގޮތް: މިކަން ކުރުމަށް އެންމެ ރަގަޅު ގޮތަކީ ދަރިވަރުންނާއި ގިނަގިނައިން ހުޅުވިފައިވާ ސުވާލުތައް ކުރިމަތިކުރުވާ ކަންކަމުގެ ހަގީގަތްތައް ދެނެގަނެ ހޯދާބެލުމަށް ފަހިވާ ގޮތަށް ސުވާލު ކުރުމެވެ. މިކަން ކުރަންޖެހެނީ ވަކި ޚައްޞަ ފިލާވަޅެއްގެ ތެރެއިންނެއް ނޫނެވެ. ދަރިވަރުންނަށް ހަވާލު ކުރެވޭ ކޮންމެ މަސައްކަތެއްގައި ވެސް އަދި ކުރެވޭ ކޮންމެ މަޝްވަރާއެއްގައި ވެސް ހުޅުވިފައިވާ ސުވާލު ކުރުން މުހިއްމެވެ. އާއެކޭ ނޫނެކޭ ފަދަ ޖަވާބުތައް ދެވޭ ސުވާލުން ދަރިވަރުންގެ ވިސްނުން ހަނިވެއެވެ. މިބާވަތުގެ ސުވާލުތައް ނުކުރުމަށް މުދައްރިސު ވެސް ސަމާލުވުން މުހިންމެވެ.
މި އިޝާރާތްކުރެވުނު ވާހަކަ ކޮޅަކީ ކުރިންވެސް އަޅުގަޑުގެ އެހެން ލިޔުންތަކުގައި ފާހަގަކޮށްފައިވާނެހެން މުދައްރިސަށް ބަރޯސާވެގެން ކިޔަވައިދޭ ކިޔަވައިދިނުމުގައި ތަންފީޒު ކުރުމަށް ދަތިވާނެ ކަންތައްތަކެކެވެ. ބޭނުންވަނީ ދަރިވަރުންނަށް މުހިންމު މައްސަލަތަކާއި، އެކުދިންގެ ވިސްނުން ހަރަކާތްތެރި (އެކްޓިވް) ކުރުވޭނެ ކަންކަމާ ގުޅުވައިގެން ދަރިވަރުންނަށް އަމާޒުކޮށް ކިޔަވައިދޭ އުސޫލުތައް ބޭނުންކުރުމެވެ. މިފަދަ ކޮންމެ ލިޔުންކޮޅަކީވެސް ހަމައެކަނި ސަފުހާތަކެއްގައި ލިޔެ ކިޔާލުމަށް ބާއްވާލެވޭ މަޢުލޫމާތު ތަކެއްގެ ބަދަލުގައި ކިޔަވައިދިނުމުގައި މިކަން ތަޖުރިބާކޮށް، އަސްލު ކުލާސްރޫމެއްގައި މިކަން ތަންފީޒު ކުރާއިރު ދިމާވާ ދަތިތަކާ ގޮންޖެހުންތައް ތަޖުރިބާކޮށް ހޯދާ، އަމިއްލަ ކިޔަވައިދިނުން ރިވެލި ކުރާ ބަޔަކަށް މުދައްރިސުންވުމަކީ އަޅުގަޑުގެ ވަރަށް ބޮޑު އުއްމީދެކެވެ.