މިއަދު ލިޔެލަން ގަސްދުކުރާ ބަޔަކީ އޯޓިޒަމް ހުންނަ ކުދިންގެ ބެލެނިވެރިންނަށް ޚާއްޞަކޮށްލައިގެން ލިޔެލާ ލިޔުންކޮޅެކެވެ. މިކަމަށް ގަސްދުކުރީ ވަރަށް ގިނަ ބެލެނިވެރިންގެ އެދުމާއެކުއެވެ. ބައެއްފަހަރު، ދަރިފުޅަށް އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑަރ ޖެހިފައިވާކަން ނުވަތަ ޖެހިދާނެކަން ގަބޫލުކުރުމަކީ ވެސް ދަތި ކަމެކެވެ. އަދި ޢިލުމީގޮތުން އެކަމާ ގުޅޭ މަޢުލޫމާތު ހުރި ނަމަވެސް އެކަން ދަރިފުޅުގެ ކިބައިން ފެންނަކަން ގަބޫލުކުރުމަކީ ވެސް އުނދަގޫ ކަމެކެވެ. މިއީ އިންސާނީ ތަބީޢަތެވެ. ދަރިންގެ ކިބައިގައި އުނދަގޫ ހާލަތެއް ހުރިކަން އިހުސާސް ކުރެވުނު ނަމަވެސް އެކަން ބަލައިގަންނަން ދަތިވެއެވެ. މިއީ އެއްވެސް ހާލެއްގައި މައިން ބަފައިންނަށް ނުވިސްނޭތީ ކުރެވޭ ކަމެއްވެސް ނޫނެވެ. ހަމަ އިންސާނީ އާދައެވެ. އެފަދަކަމެއް ދިމާވީމާ، ނުވަތަ ފެންނަމުންދާ ނަމަ، ދަރިފުޅަކީ ހުރިހާކަމަކުން ދުޅަހެޔޮ ނޫން ކުއްޖެކަން އެހެން މީހުން ބުނާ އަޑު އެހުމަކީ ވެސް އަދި ފާހަގަކުރެވުމަކީ ވެސް އެއްވެސް ބެލެނިވެރިޔަކަށް ފަސޭހަކަމެއް ނޫނެވެ. ނަމަވެސް ހަގީގަތަކީ، ކަމެއް ފާހަގަކުރެވުމަށްފަހު އެކަން ވީހާވެސް އަވަހަކަށް ގަބޫލުކުރެވުމުން އެކަމަށް ކުރެވެން އޮތްކަންކަން ކުރުމަށް މަސައްކަތް ފެށޭނެއެވެ. ވަރަށް ގިނަފަހަރަށް އެފަދަ ކަމެއް ފާހަގަކުރެވުމުން ޑައިގްނޯސްކުރަން ވެސް ޖެހިލުންވެއެވެ. ނަމަވެސް ޑައިގްނޯސްކޮށްގެން ނޫނީ ދެން ކުރަންހުރި ކަން ކުރަން ފަށައިގަންނަން އުދަނގޫވާނެއެވެ. އަވަހަށް ޑައިގްނޯސް ނުކުރެވޭ ނަމަ، ފަރުވާ ނުކުރެވި ދިގުލާ ދެމިގެންދިއުންވެސް ދިމާވެއެވެ. އަދި ހަމަ ބައެއް ހާލަތްތަކުގައި ފަރުވާކުރެވުނު ނަމަވެސް، މުޅި އުމުރަށް ދިމާވާ ހާލަތެއް ގޮތަށް ވެސް ބެލެނިވެރިންނަށް ފެންނާތީ މިކަންކަމަށް އިސްނެގުމާއި ގަބޫލުކުރުމުގައި ދަތި އުނދަގޫތަކެއް ހުރެއެވެ. ފަރުވާ ކުރިނަމަ ވެސް ތަފާތެއް ނުފެންނާނެ ކަމުގެ ކަންބޮޑުވުން ވެސް ވަރަށް ގިނަ ބެލެނިވެރިންގެ އޮވެއެވެ. މިހުރިހާ އިހުސާސްތަކަކީ ހަމައެކަނި ކުއްޖެއް ބަލަހައްޓާ، އެދަރިފުޅުގެ އެންމެ ގާތުން ބަލާ ބެލެނިވެރިންނަށް ކުރެވޭނެ އުނދަގޫ ހިތްދަތި އިހުސާސްތަކެކެވެ.
1980 ގެ އަހަރުތަކުގައި ގިނަ ދިރާސާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އޯޓިޒަމް ހުންނަ ކުދިންގެ ކިބައިން އެންމެ ބޮޑަށް ފާހަގަކުރެވޭ އެއްކަމަކީ ބެލެނިވެރިންނާއި ވަރަށް ބޮޑަށް އެޓޭޗް (ތަތްވުން) ވެފައިވުމެވެ. ޚާއްޞަކޮށް މަންމައާއެކު މާބޮޑަށް ވެސް އެޓޭޗްވާކަން ދިރާސާތަކުން ހާމަވެއެވެ. މިއެޓޭޗްމަންޓަކީ ސެކިއުރިޓީ އެޓޭޗްމަންޓް (އަމާންކަން އިހުސާސްވުން)ގެ ގުޅުމެކެވެ (ކްރޮވެލް، ކެލޫސްކާރ، އަދި ގޮރެކީ، 2019). މި ސިފަތައް ފާހަގަކުރެވެނީ އޯޓިޒަމް ހުންނަ ކުދިންނަކީ އެމީހުންގެ އެންމެ ކުދި ކުދި ކަންކަން ވެސް ބެލެނިވެރިންނަށް ވަރަށް ބޮޑަށް ބަރޯސާވެގެން ކުރަންޖެހޭތީއެވެ. ޚާއްޞަކޮށް މައިމީހާއަކީ މިފަދަ ކަންކަމުގައި އެންމެ ބޮޑަށް ބަރޯސާވާ މީހާއަށްވާތީ މަންމައާ އެކު އޮންނަ ގުޅުމަކީ އެކުދިންގެ އަމާންކަން އިހުސާސްވުމުގެ މަސްދަރަށް ބަދަލުވެގެން ދެއެވެ. އިތުރު ބައެއް ދިރާސާތަކުގައި މިފަދަ ކުދިންގެ ދިރިއުޅުމުގެ އުނދަގޫ ބައެއް ހާލަތްތަކުގައި، ނުތަނަވަސްކަން ދިމާވާ ކަންކަމުގައި ކުއްޖާގެ ހަމަޖެހުމާއި، ހިތްހަމަޖެހުމަށް އެންމެ ބޭނުންތެރި ފަރާތަކަށް ވަނީ އެކުއްޖާގެ މަންމަކަމުގައި ދިރާސާތަކުން ދައްކައެވެ. (ސިގްމަން، އަދި އަންގޭރަރ، 1984؛ ކެޕްސް، ސިގްމަން، އަދި މުންޑީ، 1994). މި ދިރާސާތަކުން އިތުރަށް ފާހަގަކުރާގޮތުގައި އޯޓިޒަމް ހުރި ކުދިންގެ ތެރެއިން ނުތަނަވަސްކަމެއް ދިމާވުމުން ގާތްގަނޑަކަށް %50 ކުދިން އެކުދިންގެ މައިންގެ ފަރާތުން ރައްކާތެރިކަމުގެ އިހުސާސްގެ ހޯދުމަށް މަސައްކަތް ކުރާކަން ފަހަގަވެފައިވެއެވެ. ޚާއްޞަކޮށް މަންމައާއި ވަކިވާ ވަގުތު ނުވަތަ ނުތަނަވަސްކަން އިހުސާސްވާ ހިނދު މަންމަމެންގެ ގާތްކަން ހޯދުމަށް އަތްދިއްކޮށްލާ ލޮލުން އެކަމަށް ބޭނުންވާ ކަން ހާމަކުރެއެވެ. މިދިރާސާތަކުން އަދި ވެސް ފާހަގަކުރެވޭ ގޮތުގައި ސިކިއުރިޓީ އެޓޭޗްމަންޓާ (އާމަންކަމުގެ ގާތްކަން) ގުޅޭގޮތުން ބަލާއިރު، އޯޓިޒަމް ހުންނަ ކުދިންގެ ތެރެއިން މިއިހުސާސް ބޮޑަށް ލިބޭ ކުދިންގެ އާންމުކަންކަމުގައި އިޖާބަދޭ މިންވަރު އިތުރެވެ. އެހެން ގޮތަކުން ބުނާނަމަ މީހުންނާއި މުޢާމަލާތުކުރުމުގެ ހުނަރު ރަނގަޅެވެ. ޚާއްޞަކޮށް މިކަން ފާހަގަކުރެވެނީ އެފަދަ ރައްކާތެރިކަމެއް އިހުސާސް ނުކުރެވޭ ކުދިންގެ ސުލޫކާއި އިޖާބަދޭ މިންވަރާއި ގޮތް ތަފާތުވެފައިވާ ކަމެވެ (ސިގްމަން، އަދި އަންގޭރަރ، 1984؛ ކެޕްސް، ސިގްމަން، އަދި މުންޑީ، 1994). މި ދިރާސާތަކުން ހާމަވަނީ އޯޓިޒަމް ހުންނަ ކުދިންގެ މިޚާއްޞަ ހާލަތާއެކު ބެލެނިވެރިންގެ ކަންކަން ހުންނަގޮތާއި އަދި މުޢާމަލާތްކުރެވޭގޮތުން އެކަމުގެ އަސަރު ކުއްޖާއަށް ކޮށްފާނެ މިންވަރެވެ. ބެލެނިވެރިންނަކީ އެކުދިންގެ ހުރިހާކަމެއްގައި އެންމެ ބޮޑު ބަރޯސާއެއް ވާނެ ފަރާތެވެ. ބެލެނިވެރިންގެ ދުޅަހެޔޮކަމަކީ ވެސް އޯޓިޒަމްގެ ހާލަތުގައި ބޮޑެތިވަމުން ކުދިންނަށް މުހިންމު ކަމެކެވެ.
އޯޓިޒަމްގެ ހާލަތުގައި ބޮޑެތިވަމުން އަންނަ ކުދިންގެ ބެލެނިވެރިންނަށް އެހީތެރިވެދިނުމުގެ ގޮތުން ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި، ޚާއްޞަ ޕްރޮގްރާމްތައް ވެސް ރާވަފައި ހުރެއެވެ. ސަބަބަކީ އެމީހުންނަކީ ވެސް ކަންކުރަންވީ ގޮތް އެނގޭ، އަދި އެމީހުންގެ ދުޅަހެޔޮކަމަށް ވެސް ބަލަން ޖެހޭ ބައަކަށްވާތީއެވެ. ބެލެނިވެރިން ދުޅަހޮޔޮކޮށް ތިބެގެން ނޫނީ މިފަދަ ކުއްޖެއްގެ ކަންކަން ރަނގަޅަށް ބެލެހެއްޓުން އުދަނގޫ ވާނެކަން ޔަގީނެވެ. ބެލެނިވެރިންގެ ސުލޫކާއި ވިސްނުން ވަކިގޮތަކަށް ބައްޓަން ކުރަންޖެހެނީ ބެލެނިވެރިންގެ ފަރާތުން ދިމާވާ ކޮންމެ ކަމެއްގެ އަސަރު ސީދާ ކުރަނީ ކުއްޖާއަށް ކަމަށްވާތީއެވެ. ބައެއް ގައުމުތަކުގައި މިފަދަ ބެލެނިވެރިންގެ ނަފުސާނީ ޞިއްހަތުގެ ދުޅަހެޔޮކަމަށް ޓަކައި، ބޭނުންވާ އެހީތެރިކަން ނިޒާމު ތެރޭގައި ހަމަޖެހިފައި ހުރެއެވެ. ޚާއްޞަހާލަތްތަކުގައި ދިރިއުޅޭ ކުދިންނާއި އެކުދިންނަށް ބޭނުންވާ ފުރިހަމަ އެހީތެރިކަން ފޯރުކޮށްދިނުމަކީ މިފަދަ ނިޒާމެއްގައި ހަމަޖެހިފައިވާ ހުންނަން ޖެހޭ ކަމެކެވެ. މިސާލަކަށް ނިއުޒިލޭންޑްގެ މެކަންޒީން ސެންޓަރގެ ކަންކަން ފާހަގަކޮށްލަމެވެ. މިތަނުން ބެލެނިވެރިންނަށް ބޭނުންވާ ވާރކްޝޮޕްތަކާއި، ކުދިންނަށް ބޭނުންވާ ތަކެއްޗާއި ވަސީލަތްތަކާއި، އަދި ތަފާތު ބައްދަލުވުންތަކާއި، ފަރުވާތައް ވެސް ރޭވި އެއްފުރާޅެއް ދަށުގައި ހަމަޖެއްސުމަށް ހަރުދަނާ ނިޒާމެއް ގާއިމު ކުރެވިފައިވެއެވެ. މެކަންޒީ ސެންޓަރގެ ވެބްސައިޓުން މިފަދަ ކޮންމެ ބެލެނިވެރިޔަކަށް ވެސް ކިޔާލެވޭ ފަދަ މަޢުލޫމާތުތައް ބޭނުންކުރެވޭނެ ގައިޑްތައް ވެސް ފޯރުކޮށްދެއެވެ. މިވެބްސައިޓް ބަލާލުމަކީ ތިޔައިން ކޮންމެ ފަރާތަކަށް ވެސް އެހީތެރިކަމެއް ފޯރުކޮށްދޭނެ ކަމެއް ކަމަށް ގަބޫލުކުރަމެވެ. މިވެބްސައިޓް ބަލާލުމަށް މެކަންޒީ ސެންޓަރ ގެ ލިންކަށް https://www.mckenziecentre.org.nz/ ފިތާލާށެވެ. އަޅުގަނޑުމެން ރާއްޖޭގައި އަދި މިފަދަ ކަންކަމަށް ވަކި ގޮތްތަކެއް އެންމެ ފުރިހަމަ ގޮތުގައި ހަމަޖެހިފައި ނެތް ނަމަވެސް މިކަންކަމަށް ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމުޢިއްޔާތައް އުފެދެމުން އަންނަ ކަން އުފަލާއެކު ފާހަގަކުރަމެވެ. މިއަދު ގެ ލިޔުމުގައި ބެލެނިވެރިންގެ ސަމާލުކަމަށް ގެންނަން ބޭނުންވާ އިތުރު ދެތިން ނުކުތާއަކަށް އަދި އަލި އަޅުވާލާނަމެވެ.
ޑައިގްނޯސްކުރަން ދެން ލަސް ނުކުރުން
ތިމާގެ ދަރިފުޅުގެ ކިބައިން އެފަދަ ކަމެއް ފާހަގަ ކުރެވިއްޖެނަމަ، ޚާއްޞަ ސްޕެޝަލިސްޓެއް ކޮންމެ ޑައިގްނޯސް ނުކުރިނަމަވެސް އެކަމަށް ކުރެވެން ހުރި ކަން ހޯދާ އަމިއްލައަށް ވެސް އެކަމާ ބެހޭގޮތުން އަހުލުވެރިވުމަކީ ވަރަށް މުހިންމު ކަމެކެވެ. ވަކި ތަނަކުން ޑައިގްނޯސްކޮށްފައި ލިޔުމެއް ދެންދެން، އެކަން ލަސްކުރުން އެއްގޮތަކަށްވެސް ރަނގަޅެއް ނޫނެވެ. ކަމަކާ މެދު ޝައްކެއް ކުރެވުނުހާ އަވަހަކަށް އެހީތެރިކަން ހޯދާ ކުރެވެން ހުރި ކަންކަން ފައްޓާށެވެ. ފަހުން ވާނެގޮތް، އެހާ ބޮޑަށް ނުވިސްނާ، ކުއްޖާއަށް ކޮށްދެވެން އޮތް ކަންކަމަކީ ކޮބާތޯ މަޢުލޫމާތު ހޯދާ މަސައްކަތް ފަށާށެވެ. ރަސްމީ ޑައިގްނޯސިސްއަކަށް ވެސް މަޑުނުކުރާށެވެ. އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑާ ހުންނަ ކުދިންނަށް އެހީތެރިކަން އަވަހަށް ލިބޭވަރަކަށް ފަރުވާ ކާމިޔާބުވުމުގެ ފުރުސަތު ބޮޑުވެގެންދެއެވެ. އަވަހަށް އިންޓަރވެންޝަން ދިނުމަކީ ދަރިފުޅުގެ ތަރައްޤީ އަވަސްކޮށްދީ، ކުއްޖާގެ އުމުރުގެ ކުރީކޮޅުގައި އޯޓިޒަމްގެ އަލާމާތްތައް ކުޑަކުރުމަށް އެންމެ ފައިދާހުރި ގޮތެވެ.
ޑައިގްނޯސް ކުރުމަށްފަހު އޯޓިޒަމްގެ ޢަލާމާތްތައް ޔަޤީންވުމުން
އޯޓިޒަމް އާއި ބެހޭ ގޮތުން ފޮތްތަކާއި ލިޔުންތަކުން ކިޔާ މަޢުލޫމާތު ހޯދުމަކީ ބެލެނިވެރިން ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެކެވެ. ހަމައެކަނި ސްޕެޝަލިސްޓް ކިޔާދޭ ކުޑަ ވަގުތުކޮޅެއްގެ މަޢުލޫމާތު ކޮޅަކަށްވުރެ، އަމިއްލައަށް އެކަމާ ބެހޭގޮތުން އެނގުނުނު ވަރަކުން ދަރިފުޅަށް އެހީތެރިވެދޭން ފަސޭހަވާނެއެވެ. ޚާއްޞަކޮށް ދެވިދާނެ ފަރުވާތަކާއި، ބާވަތްތަކާއި އެކި އެކި ފަރުވާގެ ބޭނުންތަކުގެ މަޢުލޫމާތު އެނގުނު މިންވަރަކުން ނެގޭ ޤަރާރުތަކާއި ނިންމުތަކުގައި އަމިއްލަ ނުފުސުގެ ޔަގީންކަމާއި އިތުބާރާއެކު ބައިވެރިވެވޭނެއެވެ. މިކަމުގައި ތިރީގައިވާ ދެވިފައިވާ ދެތިން ނުކުތާއަށް ވަކިން ސަމާލުކަން ދިނުން މުހިންމެވެ.
- ދަރިފުޅުގެ ހާލަތުގެ މާހިރަކަށް ވުން: ތިމާގެ ދަރިފުޅަށް ދިމާވާ ކަންކަމަކީ އެހެން ކުދިންނަށް ދިމާވާ ކަންކަމާއި ކޮންމެހެން އެއްގޮތް ތަފާތުތޯ ބެލުމަށްވުރެ، ސީދާ ދަރިފުޅުގެ ކިބައިން ފެންނަކަންކަމުގެ މާހިރަކަށް ބެލެނިވެރޔާ ވުން މުހިންމެވެ. އުދަނގޫވަނީ ކޮންކަންތައްތަކެއްތޯ، ވަކިކަމެއް ދިމާވަނީ ކޮން ސަބަބަކާ ހުރެތޯއާއި، ދަރިފުޅު ކަންކަމަށް އިޖާބަދޭގޮތާއި، ކަންކަމުގައި ހުންނަ ރިއެކްޝަން/ކަމަކާގުޅިގެން ކުރާކަންތައް ތަކުގެ ފުރިހަމަ މަޢުލޫމާތު އެއްކުރުން މުހިންމެވެ. ޚާއްޞަކޮށް ދަރިފުޅަށް ނުތަނަވަސްކަން، ހިތްހަމަނުޖެހުން، ބިރުވެރިކަން، ސުލޫކު ހަމައިން ނެއްޓުން، ފަދަ ކަންކަން މެދުވެރިވާނަމަ، އެއިން ކޮންމެ ކަމެއްގެ އަސްލު ދިމާވާ ސަބަބު ބެލެނިވެރިން ހޯދަން ޖެހެއެވެ. މިގޮތުން، ކުއްޖާއަށް ކަމެއް ދިމާވުމުން، ދެންވަނީ ކިހިނެއް، ނުތަނަވަސްކަން ފެށުނީ ކިހިނެއް، މަޖާ ކުރަނީ ކިހިނެއް، މަޖާވީމާ ހަދަނީ ކިހިނެއް، މިފަދަ ވަރަށް އާންމުކަންކަމާ ބެހޭގޮތުން އޮބްޒާރވްކުރެވޭ ލޮލަކުން ބެލުމަކީ މުހިންމު ކަމެކެވެ. ދަރިފުޅަށް އަސަރުކުރާ ކަންތައްތައް ރަނގަޅަށް ދެނެގަނެވި، ވިސްނިއްޖެނަމަ ދިމާވާ ވަރަށް ގިނަކަންކަމާއި މައްސަލަތައް ހައްލުކުރުމާއި، ދިމާވެދާނެ ދަތިތައް ކުރިމަތިވާ ހާލަތްތައް ހުއްޓުވުމާއި އަދި އެކަން މަދުކުރުމާއި، އޭގެ އިތުރުން އެފަދަ ކަންކަން މެދުވެރިވުން މަދުކުރުމަށް ބަދަލުކުރެވިދާނެ ކަންކަންވެސް ދެނެގަނެވޭނެއެވެ. އޯޓިޒަމް ހުންނަ ކުއްޖެއްގެ ކަންކަން ބަލަހައްޓާ ބެލެނިވެރިޔާ ވާންޖެހޭނީ ކުއްޖާއާ ބެހޭގޮތުން ހުރިހާ ކަމެއް އެންމެ ބޮޑަށް އެނގޭ މީހަކަށެވެ.
- ދަރިފުޅުގެ ހުރި ޚާއްޞަ ހާލަތެއް/ގޮތެއް/ކަމެއް ގަބޫލުކޮށް ބަލައިގަތުން: ކުރިންވެސް އިޝާރާތްކުރިހެން، އަމިއްލަ ދަރިފުޅުގެ އުނިކަމެއް ފާހަގަކޮށް ބަލައިގަތުމަކީ ވަރަށް އުނދަގޫ ކަމެކެވެ. އަދި އެކަން ފާހަގަ ކުރެވުނު ނަމަވެސް އެކަމާ މެދު ނުވިސްނާ ހަދާން ނައްތާލާ އެކަމާ އެހާ ވާހަކަ ނުދެއްކުމަށް މަސައްކަތް ކުރެވެއެވެ. އޯޓިޒަމްގެ ހާލަތު ހުރި ދަރިފުޅަށް މަދުވަނީ ކޮންކޮން ކަމެއްކަން، ނުކުރެވެނީ ކޮންކަންތައްތަކެއް ކަން، އުނދަގޫވަނީ ކިހިނެއްކަން ހޯދެވުމުން ކުއްޖާއަށް އެހީތެރިވެދެވޭނެ ވަރަށް ގިނަ ގޮތްތަކެއް ހޯދޭނެއެވެ. މުހިންމު ކަމަކީ އެއިން ކޮންމެ ކަމަކީ ވެސް ކުއްޖާ ބެލެހެއްޓުމުގައި ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ ކަމެއްކަން ގަބޫލުކޮށް އެކަމަށް އަތުކުރި އޮޅާ ތައްޔާރުވެ ކުއްޖާގެ ސީދާ ހާލަތަށް ބޭނުންވާ އެދެވޭ ގޮތްތައް އެކަންކަން ކުރުމެވެ. އެއްވެސް ހާލެއްގައި ދަރިފުޅު އެހެން ކުދިންނާއި އަޅާނުކިޔުމަކީ މިކަމުގައި ވަކިން ސަމާލުވާން ޖެހޭ ކަމެކެވެ. ކުއްޖާގެ ކިތަންމެ ދަތި އުނދަގޫ ހާލަތެއް ހުރިކަން ފާހަގަ ކުރެވުނު ނަމަވެސް އެދަރިފުޅަކީ ކުއްޖާގެ ހުރި ވަކިކަމަކަށް ނުބަލާ ހަމައެންމެ ލޯބިވާ ދަރިފުޅު ކަމުގެ އިޙްސާސް އެދަރިފުޅަށް ކޮށްދިނުމަކީ އެހެން ހުރިހާ ކަމަކަށްވުރެ ބޮޑަށް ކުއްޖާގެ ދުޅަހެޔޮކަމަށް އެހީތެރިވެދޭނެ ކަމެކެވެ.
- އުއްމީދު ދޫކޮށްލާ ގޮތް ހުސްނުވުން: އޯޓިޒަމްގެ ހާލަތުގެ ދަރިއެއް ބެލުމަކީ ވަރަށް ބޮޑު ގޮންޖެހުމެކެވެ. ނަމަވެސް އެކަމާ ކުރިމަތިލައިގެން ދިމާވާ ކަންކަމުގައި ކިތަންމެ ފަހަރަކު ނާކާމިޔާބު ވާކަމުގެ އިހުސާސް ވުމަކީ ވަރަށް ގާތްކަމެކެވެ. ނަމަވެސް އަބަދުވެސް ރަނގަޅަށް ކަންކަންވާނެ ކަމަށް ގަބޫލުކޮށް އެދެވޭ ނަތީޖާތަކާއި ހަމައަށް ދެވުމުގެ އުއްމީދުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އެންމެ މުހިންމު މަގްޞަދަކަށް ވާންޖެހެނީ ދަރިފުޅަށް ދުޅަހެޔޮ ދިރިއުޅުމެއް އުޅެން ދަސްކޮށްދިނުމެވެ. އެކަން ވާނެގޮތަކާމެދު ހާސްވެ، ހިތްހަމަ ނުޖުހުމާއި ނުތަނަވަސްކަމާ ނުރަނގަޅު ވިސްނުންތަކެއް ބޮލަށް ލައިގެން އުޅުމަކީ ކަނޑައެޅިގެން ނަފުސާނީ ނުރަނގަޅު ފައްތަރަކަށް ބެލެނިވެރިޔާވެސް ދާނެ ކަމެކެވެ. އޯޓިޒަމްގެ ހާލަތަކީ މުޅި ޢުމުރުދުވަހު އެއާއެކު އުޅެންޖެހޭ ކަމަކަށް ވާތީ އެއާއެކު ދަރިފުޅު ތައްޔާރުކޮށް ދިރިއުޅެން ދަސްކޮށްދިނުން އެއީ ބެލެނިވެރިންގެ ޒިންމާއެކެވެ. އުމުރުން ދުވަހެއް ދުވަހަކަށް ބޮޑުވަމުން އަންނައިރު ދިރިއުޅުމުގެ ދުވަހީ ކަންކަން މެނޭޖްކުރުމުގެ ގާބިލްކަން އެދަރިފުޅުގެ ކިބައިގައި ތަރައްގީ ކުރުމަކީ ބެލެނިވެރިން ކުރަން ޖެހޭ ކަމެކެވެ. މި މިސްއޫލިއްޔަތު އަދާ ކުރުމުގައި ދިމާވާ ކޮންމެ ގޮންޖެހުމަކީ ލިބޭ ފިލާވަޅުތަކެއް ކަމަށް ގަބޫލުކޮށް އެއިން ފިޔަވަޅުތައް ދަސްކުރުމަކީ ބެލެނިވެރިންނަށް އެންމެ ބޮޑަށް ދެވޭ އިރުޝާދެވެ.
އަޅުގަނޑު އުއްމީދަކީ މިއަދު މިލިޔެލެވުނު ބައިގައިވެސް އޯޓިޒަމްގެ ހާލަތުގެ ދަރިންގެ ގެންގުޅޭ ބެލެނިވެރިންނާއި އަދި މުދައްރިސުންނަށްވެސް މުހިންމު ވާހަކަ ކޮޅެއް ހިމެނުނު ލިޔުމަކަށް ވުމެވެ. މިފަދަ ލިޔުންތަކުގެ ބޭނުމަކީ އާންމުން މިކަމަށް ބޮޑަށް ހޭލުންތެރިވެ ކުރެވެން ހުރި ކަންކަމަށް ތައްޔާރުވެ އަޅުގަނޑުމެންގެ ދަރިންގެ ކޮންމެ ހާލަތެއް ވެސް އެދެވޭގޮތަށް މެނޭޖްކުރުމަށް ރޫހު އެފެއްދުމެވެ.
ހަވާލާދޭ ފަރާތްތައް
ކެޕްސް، އެލް، ސިގްމަން، އެމް، އަދި މުންޑީ، ޕީ (1994). އޯޓިޒަމް ހުންނަ ކުދިންގެ އެޓޭޗްމަންޓް ސެކިއުރިޓީ. ޑިވެލޮޕްމަންޓް އެންޑް ސައިކޯޕެތޮލޮޖީ، 6(2)، 249-261.
ކްރޮވެލް، ޖޭ.އޭ، ކެލޫސްކާރ، ޖޭ، އަދި ގޮރެކީ، އޭ (2019). ބެލެނިވެރިކަމުގެ ސުލޫކާއި އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑަރ ހުންނަ ކުދިންގެ ތަރައްޤީ. ކޮމްޕްރިހެންސިވް ސައިކިއޭޓްރީ، 90، 21-29.
ސިގްމަން، އެމް، އަދި އަންގޭރަރ، ޖޭ.އޭ (1984). އޯޓިސްޓިކް ކުދިންގެ އެޓޭޗްމަންޓް ބިހޭވިއަރސް. ޖާނަލް އޮފް އޯޓިޒަމް އެންޑް ޑިވެލޮޕްމަންޓަލް ޑިސްއޯޑަރސް، 14(3)، 231-244.