އޯޓިޒަމް އަކީ ކޮބާ؟
އެންމެ ފުރަތަމަ ވެސް ބަލާލުން މުހިންމު ވަނީ އޯޓިޒަމް އަކީ ކޮބާތޯ؟ މިސުވާލުގެ ޖަވާބު ކުރުކޮށް ނަމަވެސް ހިމަނާލުމަށްފަހު މިއަދުގެ ފޮޅުވަތުގައި އޭގެ ބައެއް ޢަލާމާތްތަކާއި ބެހޭގޮތުން ކުރު ތަޢާރަފެއް ވެސް ލިޔެލާނަމެވެ.
އޯޓިޒަމް އަކީ ކުޑަކުދިން ވަރަށް ޅަޢުމުރުގައި ފާހަގަކުރެވެންފަށާ އުދަނގޫ ދަތިތަކަށް ބޭނުންކުރާ ބަހެކެވެ. މި މަފުހޫމު ބޭނުންކުރެވެނީ ކުޑަކުދިންގެ ކިބައިގައި ހުންނަ އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯރޑާސް މިގޮތަށެވެ. މި ބަހުގެ މާނަ އެންމެ ތިލަކޮށް ދޭހަކޮށްލާއިރު ފާހަގަކޮށްލެވެނީ އެއީ ކުޑަކުއްޖަކަށް އިޖުތިމާޢީ ވަކި ޙާލަތްތަކެގައި އެކަށީގެންވާ ގޮތެއްގައި މީހުންނާއި މުޢާމަލާތުކުރުމުގައި ދިމާވާ ’ނިއުރޯޑިވެލޮޕްމަންޓަލް ޑިސްއޯޑަރސް‘ ނުވަތަ ސިކުނޑީގެ އިޖުތިމާޢީ މަސައްކަތްތަކަށް ދިމާވާ ދަތިތަކެކެވެ. އާންމުކޮށް މިބާވަތުގެ ދަތިތަކަށް ކުރުކޮށް ކިޔަނީ އޭ އެސް ޑީ އެވެ. އެއީ އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯރޑާސް މި ބަހުގެ އިނގިރޭސިބަހުން ކުރުކޮށް ކިޔާގޮތެވެ. މިކަން ދިމާވުމުން ނަތީޖާއެއްގެ ގޮތުން އެފަދަ ކުއްޖަކަށް ކޮންމެ ދުވަހެއްގެ އޭނާގެ ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމާއި އާންމު ދިރިއުޅުމުގައި ބޭނުންވާ ހުނަރުތައް ދަސްކުރަން އުނދަގޫވެއެވެ. ހަމައެހެންމެ ކުއްޖާގެ ސުލޫކާއި މުވާސަލާތާއި އިޖުތިމާއީ ކަންކަމުގައި، ޚާއްޞަކޮށް އިޖުތިމާއީ-ޖަޒުބާތީ ހުނަރުތައް ނަގައިގަނެ ދޭހަވުމުގެ ގާބިލްކަމަށް ވެސް އަސަރު ފޯރައެވެ. އެހެން ކަމުން އޯޓިޒަމްގެ މިފަދަ ދަތިތައް ދިމާވެފައިވާ ކުދިންގެ އިޖުތިމާއީ ހުނަރުތައް ކުރިއެރުމަށް ހުރަސްއެޅި ދިރިއުޅުމުގެ ހުރިހާ ކަމަކަށްވެސް އަސަރުކުރުމަކީ އެކަށީގެންވާކަމެކެވެ.
އޭ އެސްޑީ އަކީ ސީދާ ކުދިންގެ ސިކުނޑީގެ މަސައްކަތްތަކަށް ދިމާވާ ކަމަކަށް ވާތީ މިކަން އެއްކޮށް ރަނގަޅުކޮށް ފަރުވާދެވޭނެ ގޮތް އަދި ހޯދިފައި ނުވެއެވެ. އޭއެސް ޑީ އަކީ ނިއުރޯޑިވެލޮޕްމަންޓަލް ޑިސްއޯޑަރސް ގެ ސަބަބުން ދިމާވާ ކަމެކެވެ. މާނައަކީ އެއީ ސިކުނޑީގެ މަސައްކަތްކުރާ ގޮތަށް އަސަރު ފޯރުވައި، ނިއުރޯލޮޖިކަލް ޑިވެލޮޕްމަންޓަށް ބަދަލު ގެނުވައި، އިޖުތިމާޢީ، ކޮގްނިޓިވް، އަދި އިމޯޝަނަލް މަސައްކަތްތަކަށް (ފަންކްޝަންތަކަށް) ދިމާވާ ދަތިތަކަކުން ކުރިމަތިވާ އުނދަގޫ ހާލަތްތަކެކެވެ.
ތިރީގައި މިވަނީ އޭއެސްޑީ ހުންނަ ކުދިންގެ ކިބައިން ފާހަގަކުރެވޭ ބައެއް ނިޝާންތަކާއި އަލާމާތްތަކެވެ. އެންމެ އާންމުކޮށް ފެންނަ ކަންކަން ދެވިފައިވާ ތަސްވީރުގައިވެސް ހިމަނާލެވިފައި އެވަނީއެވެ.
- ސީދާ ލޮލަށް ބެލުން (އައިކޮންޓެކްޓް) މަދުވުމާއި މޫނުމަތީގެ އާންމު އެކްސްޕްރެޝަން (އިހުސާސްތައް) ކުޑަވުން
- ނަން ދެނެގަނެ އެއަށް ގޮވާލުމުން އިޖާބަދޭން އުދަނގޫވުން
- އެހެންމީހުންނާއި ވަކިން އެކަނިތަންތާގައި އިނުމަށް އިސްކަންދިނުން
- މީހުންނާއި ބައްދާލުން (ހަގު) ފަދަ ގައިގޯޅިވުމަށް ދެކޮޅުހެދުން
- ވާހަކަ ދެއްކުމުގެ ގާބިލިކަން ތަރައްޤީ ލަސްވުން
- އަމިއްލައަށް ވާހަކަ ފެށުމާއި އެހެން މީހުންނާ މުޢާމަލާތްކުރުމުގައި އުދަނގޫވުން.
- ބައެއްފަހަރު ވާހަކަ ދައްކާއިރު އާދަޔާ ހިލާފު ރާގެއް، ރޮބޮޓެއް ފަދައިން ވާހަކަ ދެއްކުން ނުވަތަ ލަވައެއްގެ ރާގަށް ވާހަކަ ދެއްކުން
- އަމިއްލަ ޚިޔާލު ފާޅުކުރުމާއި މީހުންގެ އިޙްސާސްތައް ވިސްނައިގަތުމަށް ނުކުޅެދުންތެރިވުން.
- އާންމުކޮށް ވާހަކަ ދައްކާއިރު ބޭނުންކުރާ ބަސްކޮށާރާއި، ޢިބާރާތްތަކާއި، ޖުމްލަތަކާއި، ސުވާލުތައް، ވިސްނުމަށް އުދަނގޫވުމާއެކު ކޮގްނިޓިވް (ވިސްނުމުގެ) ފަސޭހަކަން ކުޑަވުން
- ލޮޅުން، އެނބުރުން، ނުވަތަ އަތް ޖަހާލުން ފަދަ ހަރަކާތްތައް ތަކުރާރުކުރުން
- ކޯޑިނޭޝަން އަށް ދިމާވާ މައްސަލަތައް، މިސާލަކަށް ފައިގެ އިނގިލި ޖައްސައިގެން ހިނގުމާއި ހަށިގަނޑު ހަރު (ސްޓިފް) ވުން ފަދަ މައްސަލަތައް
- އައްޔާއި އަޑުގެ އެކި ލެވެލް/ދަރަޖަ/ރިދަމް ތައް މާބޮޑަށް އިހުސާސްވުން (ސެންސިޓިވްވުން)
- ވަކި ޚާއްޞަ ކާނާތަކަކަށް ލޯބިކުރުން.
މިއީ ދުނިޔޭގައިވެސް އަދި ދިވެހިރާއްޖޭގައިވެސް މިހާރު ވަރަށް ބޮޑަށް އާންމުކޮށް ފެންނަ ކުދިންނަށް ދިމާވާ އުދަނގޫ ހާލަތަކެވެ. ބައެއް ލިޔުންތެރިން މިއީ ބައްޔެއްގޮތަށް ސިފަކުރި ނަމަވެސް ޙަޤީޤަތުގައި ބޭސްތަކަކުން މިކަން އެކީ އެކަށްޗަކަށް ފަސޭހަ ނުކުރެވެއެވެ. އެހެންކަމުން ގިނަ ޢިލުމުވެރިން މިކަން މާނަކުރަނީ އުދަނގޫ ހާލަތްތަކެއްގޮތަށެވެ. މާނައަކީ ބަލީގެ ސީދާ ފަރުވާ ހޯދުމަށްވުރެ އެހާލަތްތައް މެނޭޖް/ތަންޒީމުކުރެވިއްޖެނަމަ ކުއްޖާގެ އާންމު ދިރިއުޅުން ހަމަޖެއްސުމަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެވުމެވެ. މިކަމަކީ ސީދާ ސިކުނޑީގެ މަސައްކަތްތަކަށް ދިމާވެފައިވާ ކަމަކަށްވާ ހިނދު އަޅުގަނޑުގެ ވިސްނުން ބޮޑަށް ބަރުވަނީ މިއީ ދުރާލާ ޑައިގްނޯސްކުރެވި ކުއްޖާއަށް ދޭންވާ އެހީތެރިކަމާއެކު ދެވޭ ފަރުވާ އެއްގޮތުގައެވެ. މި ކަމަކީ ކުއްޖާ ބަލަހައްޓާމީހުން، ޚާއްޞަކޮށް މުދައްރިސުންނާއި ބެލެނިވެރިން އިތުރު ސަމާލުކަމާއެކު އެކުދިންނަކީ މުޖުތަމަޢުގެ އެހެންވެސް ފަރުދުން ފަދައިން ދިރިއުޅުން ހަމަޖެއްސޭނެ ބަޔަކަށް ހެދުމަށެވެ.
އެމެރިކާގެ އޯޓިޒަމް އެންޑް ޑިވެލޮޕްމަންޓަލް ޑިސެބިލިޓީސް މޮނިޓަރިން ނެޓްވޯކުން ދާދިފަހުން ހާމަކުރި ދިރާސީ ރިޕޯޓްގައި ހާމަކޮށްފައިވާ ގޮތުގައި ކޮންމެ 54 ކުއްޖަކުން ގާތްގަނޑަކަށް އެއް ކުއްޖެއްގެ ކިބައިގައި އޭއެސްޑީގެ ޢަލާމާތްތައް ފާހަގަކުރެވެއެވެ. ޚާއްޞަކޮށް އެލިޔުމުގައި އިޝާރާތްކޮށްފައިވަނީ މިއީ 2000ގެ އަހަރުތަކުގައި 150 ކުދިންގެ ތެރެއިން އެއްކުއްޖެއްގެ ފާހަގަކުރެވެމުން އައި ނަތީޖާ އަށް މިހާރު އައިސްފައިވާ ބަދަލުކަމަށެވެ. މާނައަކީ މިކަމަކީ ދުނިޔޭގައި ވަރަށް ބޮޑަށް ހަލުވިކަމާއެކު ގިނަވަމުންދާ ބާވަތެއްކަން ފާހަގަކުރެވުމެވެ. އެލިޔުންތެރިން ފާހަގަކުރައްވާ ގޮތުގައި އަންހެން ކުދިންނަށް ވުރެ ފިރިހެން ކުދިންގެ ކިބައިން އޭއެސްޑީގެ ޢަލާމާތްތައް ފެންނަ މިންވަރު އިތުރެވެ. ދިވެހިރާއްޖޭގައި މިފަދަ ކުދިންގެ ދަފުތަރެއް ތަންޒީމީ ގޮތަކަށް ތަރުތީބުކުރެވި ނުހެދެއެވެ. އަދި އެފަދަ ކަންކަމާ ގުޅޭ ދިރާސާތައް ހެދި މަޢުލޫމާތުތައް ޝާއިޢު ކުރެވޭލެއް ވެސް އެހާމެ މަދެވެ. ނަމަވެސް މިކަމަކީ ތަޢުލީމާއި ޞިއްޙީ ނިޒާމުގެ މަސައްކަތްތައް ދުރާލާ ރޭވުމަށް ނުހަނު ބޭނުންތެރި ބޮޑު ސަމާލުކަމެއް ދޭންޖެހޭ ކަމެކެވެ. އަޅުގަނޑުގެ އުއްމީދަކީ މިއަދު މި ހިމަނާލެވުނު ލިޔުންކޮޅަކީ ވެސް މި ދާއިރާގައި މަސައްކަތްކުރައްވާ ހުރިހާ އެންމެނާއި، ޚާއްޞަކޮށް ބެލެނިވެރިންނާއި އަދި އެހެނިހެން މަސްލަހަތްތެރިންނަށް ވެސް އިތުރަށް ފިކުރު ހިންގާލުމަށް އެހީތެރިވެދިން މުހިންމު މަޢުލޫމާތުކޮޅަކަށް ވުމެވެ.
ހަވާލާދޭ ފަރާތްތައް
ބައެއް މަޢުލޫމާތުތައް ނެގިފައިވަނީ ސީޑީއެސް (ސެންޓަރ ފޮރ ޑިސީސްކޮންޓްރޯލް އެންޑް ޕްރިވެންޝަން) ވެބްސައިޓުންނެވެ. ތިރީގައި އެވެބްސައިޓްގެ ލިންކްދެވިފައިއެވަނީ އެވެ. https://www.cdc.gov/ncbddd/autism/signs.html