މިއަދުގެ ލިޔުން މި ޚާއްޞަކޮށްލަނީ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގެ ތަޢުލީމީ ނިޒާމުގައި ޚާއްޞަ ސަމާލުކަމެއް ދޭ ކިޔަވައިދިނުމުގެ ފިލޯސަފީއަކާ ގުޅޭގޮތުންނެވެ. އާދެ، ’އެއްވެސް ކުއްޖަކު ބާކީ ނުކުރާނަން“ މިކޮންސެޕްޓާ ގުޅޭ ކިޔަވައިދިނުމުގެ ފިލޯސަފީއަކީ އިންކްލޫސިވް އެޑިޔުކޭޝަން ނުވަތަ ޝާމިލުކޮށްގެން ކިޔަވައިދިނުމެވެ. އިންކްލޫސިވް ކޮށް ޝާމިލުކޮށްގެން ކިޔަވައިދިނުން މިއީ ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް މިހާރު ތަޢުލީމީ ނިޒާމުގައި ޚާއްޞަ ސަމާލުކަމެއް ދީގެން ތަންފީޒުކުރެވޭ ކަމެކެވެ.
މި މައުޟޫޢަށް ލިޔުމަށް ގަސްދު ކުރެވުނު ހިނދު ހަދާނަށް އައީ ނިޔުޒިލޭންޑްގައި އަޅުގަޑު އުޅުނު ދުވަސްވަރު މަސައްކަތްކޮށްލަން ލިބުނު ދިރާސީ ޕްރޮޖެކްޓެއްގައި ދެވުނު ސްކޫލަކުން ފެނުނު މަންޒަރުތަކެކެވެ. އަޅުގަޑުގެ ދިރާސާއަކީ ސީދާސީދާ އިންކްލީސިވް އެޑިޔުކޭޝަންއާ ގުޅޭ ދިރާސާއެއް ނޫނަސް އެދުވަހު އަޅުގަޑަށް ފެނުނު މަންޒަރުތައް އަދިވެސް ހަދާނުގައި ސާފުކޮށް އެބަހުއްޓެވެ. އެއީ މެންދުރުގެ ކާގަޑީގެ ވަގުތު ކަމުން އިންޓަވިއު އަށް ހަމަޖައްސާފައިވާ ކުދިންކޮޅު އަންނަންދެން ބައިގަޑިއިރެއް ހާއިރު ސްކޫލުގެ ގޯތި ތެރޭގައި ހިނގާލަން ފުރުސަތު ލިބުނެވެ. އެ ވަގުތު ސްކޫލްގެ ގޯތިތެރެއިން އެފެނުނު މަންޒަރުތަކަކީ ހަމަ ހައިރާންވާހާ އުފާވެރި މަންޒަރުތަކެވެ. އެ ސްކޫލަކީ އިންކްލޫސިވްކޮށް (ޝާމިލުކޮށް) ކިޔަވައިދޭ ސްކޫލެއް ކަމުން ޚާއްޞަ އެހީ އަށް ބޭނުންވާ ވަރަށް ގިނަ ދަރިވަރުން އެ ސްކޫލުގައި އުޅެއެވެ. ކޮންމެ ދެ ދަރިވަރެއް ތިން ދަރިވަރެއް އެއްކޮށް ފެނުނު އިރު އޭގެ ތެރެއިން ކޮންމެ ގުރޫޕެއްގެ ވެސް އެއްކުއްޖަކީ ފާހަގަ ކުރެވޭވަރުގެ ޚާއްޞައެހީތެރިކަމެއް ބޭނުންވާ ކުއްޖެކެވެ. ބައެއް ކުދިން ފްރޮލުލި ގޮނޑީގައެވެ. އަނެއްބައި ކުދިން ވާހަކަ ދައްކާ ހަދާ ތަންފެނުނީ އިޝާރާތްބަސް ބޭނުންކޮށްގެންނެވެ. އެހެން ދެކުއްޖެއް އަތުގައި ހިފައިގެން އެއްކޮށް ހިނގާތަން ފެނުނެވެ. ގަބޫލު ކުރެވޭ ގޮތުގައި އެއީ ފެނުމުގެ ދަތިކަމެއް ހުރި ކުދިންނަށް ވުން ވެސް އެކަށީގެންވެއެވެ. އަދި ޚާއްޞަކޮށް ފާހަގަކުރެވުނު އެއްކުއްޖަކީ އަނގަ ރަގަޅަށް ނުލެއްޕި ހުންނަ ކުއްޖެއްކަމުން އަނގައިން ބޭރުވަމުން ދިޔަ ސޮނިފުހޭ ރުމާލެއް ގާތުގައި ހުރި ކުއްޖާގެ އަތުގައިވެސް އޮތްތަން ފެނުނެވެ. އޭނަވެސް ބައެއްފަހަރު އެކުއްޖާގެ އަނގަ ކައިރި ފޮހެދީ ހަދާތަން ފެނުނެވެ. އެއްވެސް ފަސްޖެހުމެއް ތަފާތުކަމެއް ނެތި ވަރަށް އާދައިގެ ކަމެއްގޮތުގައެވެ. މި މަންޒަރުތަކުގައި އެންމެ ބޮޑަށް ފާހަގަކުރެވުނީ މިއީ ފަށާތަޢުލީމުގެ ކުދިންގެ ސްކޫލަކަށް ވާތީ ފެނުނު ކުދިންގެ ޢުމުރު ވާނީ ގާތްގަޑަކަށް 8 އަހަރާއި 10 ދެމެދުގެ ޢުމުރު ކުދިންނަށެވެ. މި ކުދިންގެ މެދުގައި އޮތް ގާތްކަމާއި އެކުވެރިކަމާއި އެއްކުއްޖަކު އަނެއްކުއްޖެއްގެ ތަފާތުކަމަށް ނުބަލައި އެހީތެރިވެދެމުން ދިޔަ ގޮތްތަކާއި ސްކޫލުގެ ގޯތިތެރޭގައި ދަރިވަރުން އުޅުނު އިރު އެހެން އެހީތެރިއަކާ ނުލައި ދަރިވަރުން އަމިއްލައަށް ކަންކަން މެނޭޖުކުރުމުގައި އޮތް އެކުވެރިކަމާ އުފާވެރި މަންޒަރުތަކަކީ ހަމަ ހަޤީޤަތުގައިވެސް ބަލާ މީހެއްގެ ހިތް ލޯބިން ފުރޭނެ ފަދަ އަސަރުގަދަ މަންޒަރުތަކެކެވެ. މިއީ އަޅުގަޑުގެ ހަދާނުން 4 އަހަރު ވެގެން ދިޔައިރުވެސް އިއްޔެގައި ފެނުނު ކަމެއްހެން ހަރުލާފައިވާ ހުރި މަންޒަރުތަކެކެވެ.
އަޅުގަޑު ގަބޫލު ކުރާގޮތުގައި އިންކްލީސިވް އެޑިޔުކޭޝަންއަކީ ކިޔަވާދިނުމުގެ ފިލޯސަފީއާ (ވިސްނުމާ) ގުޅެން ޖެހޭ ކަމެކެވެ. އެއްސަބަބަކީ ވިސްނުމެއް ބަދަލުވެގެންނޫނީ ކިޔަވައިދިނުމުގެ ވައްޓަފާޅިއެއް، އެކުޅެއް، އަދި ގޮތެއް ވެސް، ބަދަލެއް ނުކުރެވޭނެއެވެ. އިސްވެދިޔަ ސްކޫލުން ފެނުނު މަންޒަރުތަކަކީ ސްކޫލުގެ ހަމަޖެހިފައި އޮންނަ ސްކޫލުގެ ފިލޯސަފީ އާއި ވިޝަން އާ ގުޅޭ މުހިންމު ވިސްނުންތަކެކެވެ. އެ ދުވަހުގެ އަޅުގަޑުގެ އިންޓަވިއުއެއް ޕްރިންސިޕަލާއެކު ވެސް ހަމަޖެހިފައި އޮތެވެ. ޕްރިންސިޕަލާއެކު ދެކެވުނު ވާހަކައިގެ ތެރޭގައި ސްކޫލުގެ ކިޔަވައިދިނުމުގެ ފިލޯސަފީގެ ވާހަކަ ވަރަށް ބޮޑަށް ދެކެވުނެވެ. އެސްކޫލުގެ ކޮންމެ މުދައްރިސެއްގެ ވިސްނުން، ކޮންމެ ބެލެނިވެރިއެއްގެ ވިސްނުން، އަދި ސްކޫލުގެ ތެރޭގައި އުޅޭ ކޮންމެ މީހެއްގެ ވިސްނުން އިންކްލޫސިވްކޮށް ކިޔަވއިދިނުމުގެ ފިލޯސަފީއާ ވަނީ ގުޅި ލާމެހިފައެވެ. ކޮންމެ ބާވަތެއްގެ ޚާއްޞަ އެހީއެއް ހުންނަ ކުއްޖެއް ނަމަވެސް އެއީ އެހެން ކުއްޖަކާ ތަފާތުކޮށް ފެންނަ ކުއްޖެއް ނޫންކަމުގައި އޭނާ ބަޔާން ކުރިއެވެ. ހުރިހާ ކުދިންނަނީވެސް އެއް މުޖުތަމަޢެއްގައި އުޅެން ޖެހޭ ކުދިންކަމުގައި އޭނާ ފާހަގަ ކުރެއްވިއެވެ. އެހެންވުމުން ޢާއްމު ކުލާސްރޫމުގެ ކުދިންވެސް އެހެން ކުދިންގެ ހުންނަ ތަފާތު ތަކާއެކު ކޮންމެ ދުވަހަކު ވަގުތު ހޭދަ ކުރަން ލިބުމުން ދިރިއުޅުމުގެ އެތަށް ކަމަކަށް ލޯ ހުޅުވޭނެ ކަމުގައި އޭނާ ކިޔައިދިނެވެ. ދަންނަވަން މިއުޅޭ ވާހަކައަކީ ހުރިހާ ކުދިންވެސް ޝާމިލުކުރަން ޖެހޭކަން، ތަޢުލީމަކީ ހުރިހާ ކުދިންނަށްވެސް ލިބިދޭންޖެހޭ ހައްގެއްކަން އޭގެ ފުރިހަމަ މާނައިގައި ގަބޫލުކުރުމާއެކު، ވަކިކުއްޖެއް ބާކީ ނުކޮށް އެހެން ކުދިންނާއެކު އުނގެނުމުގެ ފުރުސަތު ދެވިދާނެކަން މިފަދަ މިސާލުތަކުން ހާމަވެއެވެ. އޭގެ އިތުރުން އިންކުލޫސިވްކޮށް ކިޔަވައިދިނުމަކީ ހަމައެކަނި މުދައްރިސުންނަށް ކިޔަވައިދޭ ގޮތްތަކެއްގެ ތެރެއިން ތަންފީޒު ކުރެވޭ މަސައްކަތެއް ނޫންކަން އޭގެ ބަދަލުގައި ތަޢުލީމު ފޯރުކޮށްދޭ ހުރިހާ ފަރާތްތައް ވެސް އެފިލޯސަފީގެ ފުރިހަމަ މާނައާއެކު ބަލައިގަތުން މުހިންމުކަން މި ހިއްސާ ކޮށްލެވުނު މިސާލުން ހާމަވެއެވެ.
އިންކްލޫސިވް އެޑިޔުކޭޝަން މިކޮންސެޕްޓް ލިޔުންތަކުން ފުރަތަމަ ތަޢާރަފު ވީ 1980 ގެ އަހަރުތަކުގައި ސްޕެޝަލް އެޑިޔުކޭޝަން (ޚާއްޞަ ތަޢުލީމު) ކޮންސެޕްޓްގެ ބަދަލުގައި ބޭނުންކުރެވެން ފެށި މަފުހޫމެއްގޮތުގައެވެ (ކޮޒްލެސްކީ އަދި އަރިސް، 2016). މި ޢިލުމުވެރިން ދެކިލައްވާގޮތުގައި އިންކްލޫސިވް އެޑިޔުކޭޝަންގެ މަފުހޫމް ތަޢާރަފުވުމުން ހުރިހާ ދަރިވަރުންގެ އުނގެނުން އެއް ހަމައަކުން ޝާމިލު ކުރުމުގެ މަސައްކަތަށް އިތުރު ބާރެއް ލިބުނެވެ. ޚާއްޞަކޮށް، ކޮންމެ ބާވަތެއްގެ ޚާއްޞައެހީ އެއް ހުރި ކުއްޖެއް ނަމަވެސް ޢާއްމު ކުލާސްރޫމެއްގައި އޭނާގެ ޢުމުރާއި އެއްވަރުގެ ކުދިންނާއެކު، މަންހަޖެއްގެ ތެރެއިން ދެވޭ ފުރުސަތުތަކާއި، އުނގެނުމަށް ފަހިކޮށްދޭ މާހައުލާއި، އުނގެނުމަށް ދެވޭ އެހީތެރިކަން އެހެން ދަރިވަރުންނާއި އެއް ހަމައަކުން ރޭވުމަށް ބާރު އެޅެންފެށިއެވެ (ބުއި، ކުއިރކް، އަލްމާޒަން، އަދި ވެލެންޓީ، 2010). މީގެ އިތުރުން ޚާއްޞަ އެހީތެރިކަމެއް ބޭނުންވާ ކުދިންނަށް ކިޔަވައިދިނުމަކީ ވަކި މުދައްރިސެއްގެ ޒިންމާއެއް ކަމުގައި ދުށް ވިސްނުން ބަދަލުވެ، ކޮންމެ މުދައްރިސެއް ވެސް މިކަމަށް ތައްޔާރުވެ އަހުލުވެރިވުމަކީ މުހިންމު ކަމެއް ކަމުގައި ބެލެންފެށުނެވެ.
އެލިޒަބަތް ކޮޒްލެސްކީ (2016) އިޝާރާތްކުރައްވާގޮތުގައި ކުރިން ވަކިކޮށްގެން ޚާއްޞައެހީ އަށް ބޭނުންވާ ކުދިންނަށް ކިޔަވައިދިނުމުގެ ވިސްނުން ތަޢުލީމީ ނިޒާމުގައި ބަދަލުވާން ފެށީ އިންކްލޫސިވް އެޑިޔުކޭޝަންގެ މައިގަނޑު އުސޫލުތައް ތަންފީޒު ކުރެވެން ފެށުމުންނެވެ. ތަޢުލީމަކީ ހުރިހާ ކުދިންނަށްވެސް ހަމަހަމަކޮށް ލިބެންޖެހޭ ހައްގަކަށް ވާއިރު، ކޮންމެ ބާވަތެއްގެ ޖިސްމާނީ، ނަފުސާނީ އަދި ވިސްނުމުގެ ތަފާތު ހުރުމަކީ އެހެން ކުދިންނާއެކު އުނގެނުމުން އެކުދިން މަހުރޫމު ކުރެވެން ޖެހޭ ކަމެއް ނޫން ކަމުގައި ކޮޒްލެސްކީ (2018) ވަކާލާތުކުރައްވައެވެ. އޭނާގެ ރައުޔުގައި އެންމެ ބޮޑަށް ބާރު އެޅެނީ ޢާއްމު ކުލާސްރޫމެއްގައި (މެއިންސްޓްރީމް) ހުރިހާ ދަރިވަރުންނަށް ވެސް ތަޢުލީމުގެ ފުރުސަތު އެހެން ކުދިންނާ އެއްގޮތަށް އެއްހަމައަކުން ލިބިދޭން ޖެހޭނެކަމެވެ (ކޮޒްލެސްކީ، 2018). އެހެން ޢިބާރާތަކުން ދަންނަވާނަމަ، ކޮންމެ ކުލާސްރޫމެއްގައި ވެސް ތިބޭ ހުރިހާ ދަރިވަރުންނަށް އެއް މަންހަޖެއްގެ ތެރެއިން، އެއް ނިޒާމެއްގެ ތެރެއިން އެއްހަމައަކުން އުނެގެނުމުގެ ފުރުސަތު ފަހިކޮށްދޭނެ ގޮތްތައް ދެނެގަތުން މިހާރުގެ ތަޢުލީމީ ނިޒާމުތެރެއިން ލާޒިކުރެއެވެ. އެއީ ޚާއްޞައެހީއަށް ބޭނުން ކުއްޖެއްތޯ ނުވަތަ ނޫންތޯ ފަރަގުކޮށް ތަފާތު ކުރުމަކާނުލައެވެ. މި ވިސްނުމުން ތަޢުލީމީ ނިޒާމު ރާވާނަމަ ކޮންމެ މުދައްރިސަކަށް ވެސް އެކި ބާވަތްތަކުގެ ޚާއްޞަ އެހީ ބޭނުންވާ ދަރިވަރުން ހިމަނައިގެން ކިޔަވައިދިނުމުގެ ގޮތްތަކާއި އެކުޅުތައް އެނގެން ޖެހެއެވެ. ނޫނީ، ސްކޫލު ސިސްޓަމް ރޭވިފައި އޮންނަން ޖެހޭނީ ޢާއްމު ކުލާސްރޫމެއްގައި ވެސް ހުރިހާ ބާވަތެއްގެ ދަރިވަރުންނަށް ވެސް އުނގެނުމުގެ މާހައުލެއް ފަހިކޮށްދެވޭ ފަދަ ގޮތަކަށެވެ.
ހުރިހާ ދަރިވަރުން ޝާމިލުކޮށްގެން ކިޔަވައިދޭ މާހައުލެއްގައި ޚާއްޞައެހީއަށް ބޭނުންވާ ކުދިންނާ އަދި ވަކި ޚާއްޞައެހީ އަކަށް ބޭނުން ނުވާ ކުދިންނަށް ވެސް ލިބިދޭ ނުހަނު ގިނަ ފައިދާތަކެއް ވާކަމުގައި އެކި ދިރާސާތަކުން ހާމަވެފައިވެއެވެ. މިސާލަކަށް ބުއި، ކުއިރކް، އަލްމާޒަން، އަދި ވެލެންޓީ (2010) ފާހަގަކުރައްވާގޮތުގައި ޢާއްމުކުލާސްރޫމެއްގައި ޚާއްޞައެހީއަށް ބޭނުންވާ ކުދިން ކިޔަވަން ފުރުސަތު ލިބުމުން އެކުދިންގެ އުނގެނުން ހާޞިލުވާ މިންވަރު އިތުރުވެއެވެ. މި ދިރާސާވެރިން އިތުރަށް ހާމަކުރައްވަނީ އެކުދިންނާއެކުގައި އުޅޭ ވަކި ކަހަލަ ޚާއްޞައެހީއަކަށް ބޭނުން ނުވާ ކުދިންގެވެސް ތަފާތު އެކި ހުނަރުތައް ކުރި އެރުމަށް ފުރުސަތުތައް މިފަދަ ކުލާސްރޫމުތަކުގައި މަގު ފަހިވެގެންދެއެވެ. މިބީދައިން ޚިޔާލުކުރައްވާ އެހެން ބައެއް ޢިލުމުވެރިން ފާހަގަކުރައްވާގޮތުގައި މިފަދަ ކުލާސްރޫމެއްގައި ހުރިހާ ކުދިންނަށްވެސް އެކި ބާވަތުގެ ކުޅެދުންތަކާއި ނުކުޅެދުން ހުންނަ ކުދިންނާ މުޢާމަލާތު ކުރަންވެސް ދަސްވެއެވެ (ޑްޕިސް، ބާރކްލޭ، ހޮލްމްސް، ޕްލެޓް، ޝާހާ، އަދި ލިވައިސް، 2006). ހަމައެހެންމެ، މިފަދަ ކިޔަވއިދިނުމުގެ މާހައުލުތަކުގައި ކުދިންގެ ކިބައިގައި ހުންނަ ތަފާތުގޮތްތައް ބަލައިގަތުމާއި، މުވާޞަލާތު ކުރުމުގެ ހުނަރުތަކާއި، މީހުން ދެނެގަތުމުގެ ހުނަރުތަކާއި، ތަފާތުތަކާއެކު ދިރިއުޅެން ދަސްވުން ފަދަ ކަންތައްތައް ދަރިވަރުންގެ ކިބައިގައި ހަރުލެއްވުމަށް އެހީތެރިވެދެއެވެ (ބުއި، ކުއިރކް، އަލްމާޒަން، އަދި ވެލެންޓީ، 2010). މިހުށަހަޅާ ލެވުނު ޚިޔާލުތަކަށް ބަލާއިރު، ޝާމިލުކޮށް ކިޔަވައިދޭ ކިޔަވައިދިނުމުގެ މާހައުލުގައި ހުރިހާ ދަރިވަރުންނަށް ވެސް ލިބިދޭ ފައިދާތަކާއި ހާޞިލުވާ މިންވަރު އިތުރުވާކަން ހާމަވެގެންދެއެވެ. މިފަދަ ކުލާސްރޫމުތަކުގައި ބޭނުންކުރެވިދާނެ ކިޔަވައިދިނުމުގެ ދެތިން ގޮތެއް ހިމަނާލާނަމެވެ.
އިންކްލޫސިވް އެޑިޔުކޭޝަން ކުލާސްރޫމެއްގައި ބޭނުން ކުރެވިދާނެ ކިޔަވައިދިނުމުގެ ބައެއް ގޮތްތައް
މުދައްރިސުން ފިލާވަޅުތައް ރާވަން ޖެހެނީ ވަކި ފެންވަރެއްގެ ވަކި ކަމަކަށް މޮޅު ކުދިންނަށް އަމާޒުކޮށްގެނެއް ނޫނެވެ. އެއާއި ޚިލާފަށް، ކުލާހުގައި ތިބޭ ހުރިހާ ދަރިވަރުންގެ އެކި ކަންކަމަށް ރިޢާޔަތްކޮށްނެވެ. މި ގޮތަށް ފިލާވަޅު ރޭވިދާނެ ގިނަ ގޮތްތަކެއް ކުރިން މި ކޮލަމުގައި ލިޔެވިފައިވާ ޑިފަރެންޝިއޭޓެޑް އިންސްޓަރކްޝަން (ބަދަލުގެނެސްގެން ކިޔަވައިދިނުން) މި މައުޟޫޢުގައި ވެސް އަލި އަޅުވާލެވިފައިވާނެއެވެ. މީގެ އިތުރުން އިންކްލޫސިވް ކްލާސްރޫމެއްގައި ބޭނުން ކުރެވިދާނެ ފަސް ކަމެއް ތިރީގައި ބަޔާންކޮށްލާނަމެވެ.
- ކުލާހުގެ ކޮންމެ ދަރިވަރެއްގެ ވެސް އިންޑިވިޑުއަލް އެޑިޔުކޭޝަނަލް ޕްލޭން (އައި އީ ޕީ) ދެނެގަތުން
މިހާރުގެ ތަޢުލީމީ ނިޒާމުގައި ހުރިހާ ދަރިވަރުން ވެސް ފަށާތަޢުލީމު މަރުހަލާގެ ކުރިން އައި އީ ޕީ ހަދައެވެ. ދިވެހިރާއްޖޭގައިވެސް ދަރިވަރުންގެ ކިބައިން ތަފާތު ކަމެއް ނުވަތަ އެހެން ކުދިންނާ ފަރަގުކަމެއް ޢާއްމު ހެދިބޮޑުވުމުގައި އުޅޭނަމަ އައި އީ ޕީ ހަދައެވެ. މިކަމަކީ ވަރަށް ގިނަ ގައުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ވަކި ޚާއްޞަ ޑީޕާރޓްމަންޓަކުން ބަލަހައްޓާ މޮނިޓަރ ކުރެވޭ ކަމެކެވެ. މިފަދަ އެއްވެސް ހާލަތެއް މެދުވެރިވެފައިވާ ނުވަތަ ފާހަގަ ކުރެވޭ ވަކި ޚާއްޞަ އެހީތެރިކަމެއް ދޭން ޖެހޭ ކުއްޖެއް ކުލާހަކަށް އަންނަ ނަމަ އެމުދައްރިސަކަށް ދަރިވަރުގެ އައިޕީގެ މަޢުލޫމާތު ހިއްސާކުރުން މުހިންމު ވާނެއެވެ. މި ފަދަ މަޢުލޫމާތުތަކަށް ރިޢާޔަތްކޮށްގެން ކުލާހުގެ ކިޔަވައިދިނުން ރޭވުމުން ހުރިހާ ދަރިވަރުންނަށްވެސް އުނގެނުމުގައި އެއްވަރަކަށް އެހީތެރިވެދޭން މުދައްރިސަށް ފަސޭހަވާނެއވެ.
- ޔުނިވަރސަލް ޑިޒައިން އޮފް ލާރނިން (ޔޫ ޑީ އެލް) ކިޔަވައިދިނުމުގައި ބޭނުން ކުރުން
ޚާއްޞަކޮށް އިންކްލޫސިވް ކުލާސްރޫމެއްގައި ކިޔަވައިދޭއިރު މުދައްރިސުންނަށް ބޭނުންކުރެވިދާނެ ގޮތްތަކުގެ ތެރޭގައި ޔޫ ޑީ އެލް ފަދަ ކޮންސެޕްޓްތައް ހިމަނައިގެން ކިޔަވައިދިނުން ރޭވުން މުހިންމެވެ. ޔޫ ޑީ އެލް އަކީ އިންކްލޫސިވް އެޑިޔުކޭޝަން ދާއިރާގެ މަޝްހޫރު ދިރާސާވެރިން ކަމުގައިވާ އޭން މެއިޔަރ އަދި ޑޭވިޑް ރޯސްގެ ލިޔުންތަކުން 1990 ގެ އަހަރުތަކުގެ ތެރޭގައި ތަޢާރަފު ކުރެވިފައިވާ އިންކްލޫސިވް ކުލާސްރޫމުގެ ކިޔަވައިދިނުމާ ގުޅޭ މުހިންމު ތިއަރީއެކެވެ. މި ތިއަރީގެ މައިގަނޑު ވިސްނުންތައް ގުޅިފައިވަނީ ތިން ކަމަކާއެވެ. އެ ތިންކަންތައް ހިމަނާލެވިފައިވާ ހޫލަ 1 ގައި ވާގޮތަށް ބަލާއިރު، ފާހަގަ ކުރެވެނީ ކޮންމެ ކަމެއްގައިވެސް ތަފާތު ގިނަ ބާވަތުގެ ގޮތްތަކެއް ބޭނުންކުރުމުގެ މުހިންމު ކަމެވެ. މީގެ ބޭނުމަކީ އެކި ކުދިންގެ ހުންނަ ކުޅެދުންތަކާއި ނުކުޅެދުންތަކަށް ވެސް އަމާޒުކޮށްގެން ކުލާހުގައި ރޭވޭ ހަރަކާތްތަކުގައި ގިނަގޮތްގޮތް ބޭނުން ކުރުމެވެ. މިސާލަކަށް ކޮންމެ ކުއްޖަކުވެސް އެކުއްޖަކާ އެންމެ ގުޅޭ ގޮތަކަށް ނުވަތަ ބޭނުންވާ ގޮތަކަށް ކިޔަން ހަވާލު ކުރާ އެއްޗެއް ކިއުމުގެ ފުރުސަތު ދިނުން ހިމެނެއެވެ. މާނައަކީ ކިޔަން ހަވާލު ކުރެވޭ އެއްޗެއް ހަވާލު ކުރެވޭއިރު، ކިޔުންތައް ހުންނާނީ އެކި ފޮންޓް ސައިޒުތަކުގެ ޕްރިންޓް ކުރެވިފައި، ބަލައިގެން ކިޔަން އުދަނގޫ ކުދިންނަށް އަޑު އަހަން، ފޮތުން ކިޔަން އުދަނގޫ ކުދިންނަށް ތަސްވީރު ކާޑާއެކު، ނުވަތަ ޓެކްނޮލޮޖީގެ ވަސީލަތްތަކާއެކު އަދި މިނޫން ވެސް އެހެނިހެން ގޮތްތަކެއް ބޭނުން ކުރެވޭގޮތަށް ހަމަޖެހިފައެވެ. ހަމައެހެންމެ، ހަވާލު ކުރެވޭ ޓާސްކްތައް ފުރިހަމަ ކުރުމުގައި ވެސް ދަރިވަރުންނަށް އެއްގޮތަށް ވުރެ ގިނަ ގޮތް އިޚްތިޔާރު ދެވުމެވެ. މިސާލަކަށް އެނގެނު އެއްޗަކާ ބެހޭގޮތުން ވާހަކަ ދެއްކުން، ތަސްވީރު ކުރެހުން، އެއާ ބެހޭގޮތުން ލިޔުން، އަތުންލިޔުން/ޓައިޕްކުރުން، ވީޑިއޯ ހެދުން، ޕޮސްޓަރ ހެދުން، ހަރަކާތުން ދެއްކުން، ލަވައަކުން ހުށަހެޅުން އެހެންވެސް އެކުއްޖަކު ގަޔާވާ ގޮތަކަށް އޭނައަށް އެނގުނު އެއްޗެއް ބުނެދޭނެ ތަފާތު ގޮތްތަކެއް ހިމެނުމެވެ. މިގޮތަށް ކިޔަވައިދޭއިރު ސްޓޭންޑަޑައިޒްޑް ނުވަތަ ހުރިހާ ދަރިވަރުން އެއްގޮތަކަށް ހުރިހާ ކަމެއް ކުރާކަށް ނުޖެހޭނެއެވެ. މިފަދަ ގޮތްތަކަކީ ކިޔަވައިދިނުން ރާވާއިރު ދުރާލާއި ރާވާނަމަ ކުރުން އުނދަގޫ ކަންތައްތަކެއް ނޫނެވެ.
- ދިރިއުޅުމުގައި ބޭނުންންވާ ހުނަރުތަކަށް ކިޔަވައިދިނުން އަމާޒު ކުރުން
މިއީ އިންކްލޫސިވް ކުލާސްރޫމުގައި ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭ ކަމެކެވެ. ދިވެހިރާއްޖޭގެ ގައުމީ މަންހަޖުގައިވެސް ވަރަށް ބޮޑަށް ބާރު އަޅައިފައިވާ ކަމެކެވެ. ދަރިވަރުން ތައްޔާރުކުރަން ޖެހެނީ ދިރިއުޅޭށެވެ. ދިރިއުޅުމަށް ބޭނުންވަނީ ދިރިއުޅުމުގެ ހުނަރުތަކެވެ. ކިޔައވައިދިނުމުގެ މައިގަނޑު މަގުސަދަކީ ކިޔަވައިދޭ ގޮތްތަކުގެ ތެރެއިން ދަރިވަރުން ދިރިއުޅުމުގެ ހުނަރުތައް ތަރައްގީކުރުމެވެ. މިގޮތުން މީހުންނާ މުޢާމަލާތުކުރުމާއި، އަމިއްލަ ނަފުސު މެނޭޖުކުރުމާއި، ކަންކަން ދެނެގަނެ ހޯދާނެ ގޮތް އެނގުމާއި، މައްސަލަ ހައްލުކުރަން އެނގުމާއި، ކަންކަމުގައި ވިސްނާނެ ގޮތް އެނގުމާއި މިފަދަ ހުނަރުތަކާ ގުޅުވައިގެން ކިޔަވައިދިނުން ރޭވުން އެއީ އިންކްލޫސިވް ކްލާސްރޫމުތަކުގެ ކިޔަވައިދިނުން ބައްޓަން ކުރަންޖެހޭ އެންމެ މުހިންމު އެއް އުސޫލެވެ.
- ގިނަ މުދައްރިސުން ބައިވެރިވެގެން ކޮލެބޮރޭޓީވްކޮށް ކިޔަވައިދިނުން
އިންކްލޫސިވް ކުލާސްރޫމުތަކަކީ ޢާއްމުކޮށް އެންމެ މުދައްރިސެއް އެކަނި ކިޔަވައިދިނުމަށް ވުރެ ދޭއް ނުވަތަ ތިން މުދައްރިސުން ބައިވެރިވެގެން ކިޔަވައިދިނުން ރާވައި މެނޭޖްކުރެވޭ ތަނެކެވެ. މާނައަކީ އެކި ބާވާތުގެ އެހީތެރިކަން ބޭނުންވާ ކުދިންނަށް އައި އީ ޕީގައި ފާހަގަ ކޮށްފައިވާ ކަންތައްތައް ރިޢާޔަތްކޮށްގެން ކުލާހުގައި އެ ދަރިވަރުންނަށް އުނގެނުމުގެ މާހައުލެއް ފަހިކޮށްދޭން މަސައްކަތް ކުރުމެވެ. މި ފަދަ ކުލާސްރޫމުތަކުގައި ޚާއްޞަ އެހީއަކަށް ބޭނުންވާ ކޮންމެ ދަރިވަރަކަށް މުދައްރިސެއް ހަމަޖެހިފައި ހުރުން ކޮންމެހެން މުހިންމުވަނީ އަކީ ނޫނެވެ. ތިން މުދައްރިސުން ވެސް ކިޔަވައިދިނުން މެނޭޖު ކުރާނީ އެއްކޮށް ހުރިހާ ކުދިން ޝާމިލު ކޮށްގެން ގެންދެވޭގޮތަށް ބައިވެރިވެގެންނެވެ.
- ދަރިވަރުންގެ ސުލޫކު ވަކިގޮތަށް ބައްޓަން ކުރުން
އިންކްލޫސިވް ކޮށް ކިޔަވައިދޭ ކުލާސްރޫމުތަކަކީ ތަފާތުތަކެއް ހުންނަ ނުވަތަ ވަކި ބާވަތެއްގެ ޚާއްޞައެހީތެރިކަމެއް ބޭނުންވާ ދަރިވަރުން ތިބޭ ކުލާސްރޫމަކަށް ވާތީ އެކި ބޭނުންތަކާއި، ކަންކަމަށް ރިޢާޔަތްކޮށްގެން ކުލާސްރޫމުގެ ކަންތައް މެނޭޖުކުރަންޖެހެއްވެ. އެހެން ކަމުން ކުލާހުގެ ހުރިހާ ކުދިންވެސް ވަކި ގޮތަކަށް ހުރިހާ ކަމެއް ވަކި ރޫޓީންތަކަކަށް އާދަ ކުރުވުމާއެކު، ޚާއްޞަ އުސޫލުތަކެއް ކުލާހުގައި އޮންނަން ޖެހޭނީ ގާއިމު ކުރެވިފައެވެ. މިގޮތުން ގަވާޢިދުތައް ރަގަޅަށް މޮނިޓަރ ކުރުމާއި، ރޫޓީންސް ރަގަޅަށް ގެންދިއުމާއި ސަމާލުވާންޖެހޭ ކަންކަން އަބަދު ހަދާންކުރެވޭނެ ގޮތްތައް ފެންނަން ހުރުމާއި މި ހުރިހާ ކަމަކީވެސް އިންކްލީސިވް ކުލާސްރޫމުތަކުގައި ވަރަށް ބޮޑަށް ބަލަން ޖެހޭ ކަންކަމެވެ. މިސާލަކަށް ކުލާސްރޫމުގައި ގެންގުޅެން ޖެހޭ އުސޫލުތަކަކީ:
- ކޮންމެދުވަހެއްގެ ޢާއްމުކޮށް ކުރާނެކަންތައް ލިޔެވިފައި އޮތުން
- ކުލާހުގެ ގަވާޢިދުތައް ކުދިންގެ ސުލޫކު ހުންނަންވާ ގޮތް ސާފުކޮށް ދޭހަވާނެ ގޮތަށް ފެންނަން ހުރުން
- ދަރިވަރުން އެކަކު އަނެކަކަށް އެހީތެރިވެދޭނެގޮތްތައް ލިޔެވި ހަމަޖެހިފައި އޮތުން
- ކުލާސްރޫމު ސިގްނަލްތައް ގެންގުޅުން (އަޑުމަޑުކުރުން، މަސައްކަތު ވަގުތު، ކިޔާވަގުތު،އެއްޗެތި ތަރުތީބުކުރާވަގުތު، މިފަދަ އެހެންވެސް ބޭނުންތެރި ތަފާތު ސިގްނަލްތައް ކުލާހުގައި ބޭނުން ކުރުމަށް ތައްޔާރު ކުރެވިފައި ހުރުން)
- ކުލާހުގައި އެއްޗެތި ތަރުތީބު ކުރެވި ރަގަޅަށް ލޭބަލް ކުރެވިފައި (ނަން ޖަހައިފައި) ހުރުން
- ދަރިވަރުންނަށް ދިމާވާ ކަންކަމުގައި ވަކިވަކިން ވާހަކަ ދެއްކުން
- އިންކްލޫސިވް ކުލާސްރޫމެއްގައި ހުރިހާ ކުދިންނަށް ހާސިލުވަންޖެހޭ މަޤުސަދު އޮންނާނީ އެއްގޮތަކަށް ނޫނެވެ. އެހެންކަމުން ކޮންމެ ދަރިވަރެއްގެ ވެސް ކުރިއެރުންތައް ބެލޭނީ ވަކިވަކިން އެކުއްޖެއްގެ ކަނޑައެޅިފައިވާ ގޯލްތަކަށް ވާސިލުވުމަށް އެހީތެރިވެދިނުމަށެވެ.
މިއަދުގެ ކޮލަމް ނިންމާލަމުންވެސް އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ މިހުށަހަޅައި ލެވުނު މަޢުލޫމާތު ކޮޅަކީވެސް ކިޔަވައިދިނުމުގެ ދާއިރާއާ ގުޅޭގޮތުން ލިޔެވުނު މުހިންމު ވާހަކަ ކޮޅެކެވެ. އަޅުގަޑުގެ އުއްމީދަކީ އަޅުގަޑުމެންގެ ސްކޫލުގެ މާހައުލުންވެސް ޚާއްޞައެހީތެރިކަމަކަށް ބޭނުންވާ ކުދިންނަށް ކިޔަވައިދިނުމަކީ ބުރަކަމެއް ގޮތުގައި ދެކުމަށްވުރެ ކުރާހިތުން ޝައުޤުވެރިކަމާއެކު އެންމެން ބައިވެރިވެގެން ކުރާ މަސައްކަތަކަށް ހެދުމެވެ.