ތުއްތު ކުދިންނަށް ދަސްކޮށްދެވޭ އެންމެ ފުރަތަމަ އިޖުތިމާޢީ ހުނަރުތަކުގެ ތެރޭގައި ހިމެނޭ އެއްކަމަކީ ވާހަކަ ދެއްކުމުން އިޖާބަދިނުމެވެ. ޚާއްޞަކޮށް ކުއްޖާއަށް ގޮވާލުމުން ބަލާލާއި، ބުނާބަހަކުން ނުވަތަ އިޝާރާތަކުން ނަމަވެސް އޭނާއަށް އަޑު އިވިއްޖެކަން ހާމަކުރުމެވެ. އާންމުކޮށް ތުއްތު ކުދިން އެމީހުންގެ ނަމުން ގޮވާލުމުން އިޖާބަދޭން ފަށަނީ ގާތްގަނޑަކަށް ޢުމުރުން 8-10 މަސް ދުވަހުގެ ތެރޭގައެވެ. މިކަމަ ކުއްޖާގެ ފުރަތަމަ އުފަން ދުވަހުގެ ކުރިން ކޮންމެހެން ވެސް ދަސްވާންޖެހޭ ކަމެއްކަން ބެލެނިވެރިންނަށް އެނގުން މުހިންމެވެ. ކުއްޖާގެ ޢުމުރުން އެއް އަހަރު ވާއިރު، ނަމުން ގޮވާލުމުން ޖަވާބު ނުދޭނަމަ ނުވަތަ އިޖާބަދިނުމުގެ ބަލާނުލާކަން ފާހަގަ ކުރެވިއްޖެނަމަ އޭގެ މާނައަކީ ބެލެނިވެރިންގެ ސަމާލުކަމަށް އެކަން އައުން މުހިންމު ވާކަމެވެ. މިކަމަކީ އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯރޑާރސް (އޭ.އެސް.ޑީ) ހާލަތްތަކާއި އުފަންވާ ކުދިންގެ ކިބައިން ފާހަގަކުރެވޭ ޢަލާމާތްތަކުން އެންމެ އަވަހަށް ފާހަގަ ކުރެވޭ އެއްކަމެވެ. މިއަދުގެ ވާހަކަ ކޮޅު މިއަމާޒުކޮށްލަނީ ނަމުން ގޮވާލުމުން އިޖާބަދިނުން ލަސްވުން ނުވަތަ ނޭނގުމާ ބެހޭގޮތުންނވެ. އަދި އެކަން ކުއްޖެއްގެ ކިބައިން ފާހަގަކުރެވޭނަމަ އިޖާބަދޭން ދަސްކޮށްދިނުމަށް ކުރެވިދާނެ ކަންކަމާ ބެހޭގޮތުންނެވެ.
ކުއްޖާއަށް ގޮވާލުމުން އެކަމަށް އިޖާބަދިނުން މުހިންމުވަނީ ކީއްވެހެއްޔެވެ. މިކަމުގެ އެއް ސަބަބަކީ، ކުއްޖާގެ ނަމުން ގޮވާލުމުން އިޖާބަދިނުމަކީ އިޖުތިމާޢީ އެހެން ހުނަރުތައް ދަސްކުރުމަށް ކޮންމެހެން ލާޒިމުވާ އަސާސީ ހުނަރަކަށްވާތީއެވެ. ނަމުން ގޮވާލުމުން އިޖާބަ ދޭން ނޭނގޭނަމަ ނަތީޖާއެއް ގޮތުން ކުއްޖާގެ ހެދި ބޮޑުވުން ތަރައްގީވެ ކުރިޔަށް ދިޔުމުގައި ގިނަ ދަތިތަކަކާ ކުރިމަތިލާން ޖެހެއެވެ. މީގެ ސަބަބުން ދިމާވާ ކަންކަމުގެ ތެރޭގައި ތިރީގައިވާ ބަޔާންވެފައިވާ ކަންކަން ފާހަގަކޮށްލެވެއެވެ.
- ސަމާލުކަން ދިނުން
- ބުނާ އެއްޗެހި ވިސްނުމަށް ދަތިވުން
- އެކްސްޕްރެސިވް ލޭންގުއޭޖް ނޭނގުން (ވާހަކައިގައި ބޭނުން ކުރެވޭ އިޝާރާތްތަކާއި ނިޝާންތަކާއި އަޑުތަކާއި ބަސްތައް ދޭހަވުން)
- ކުއްޖާއާ ކުރެވޭ ދޭދޭ މުޢާމަލާތްތައް ދެނެގަތުމަށް އުނދަގޫވުން
- އަމިއްލައަށް ކަންކަން މެނޭޖްކުރުމާއި ރައްކައުތެރިކަން ހާދަން ދަތިވުން
ތުއްތު އިރު ކުދިންނަށް އެމީހުންގެ ނަން އެނގޭތޯ ބެލުމަކީ މުހިންމު ކަމެކެވެ. އެކަން ކުރާނެ ގޮތްތަކުގެ ތެރޭގައި ”ނަން ޓެސްޓް“ ކުރުން ފަދަ ހަރަކާތްތައް ހިމެނެއެވެ. މިކަމާ ގުޅޭ ގޮތުން ދިރާސާވެރިން ހޯދާފައިވާ ކަންކަމުގެތެރޭގައި އޯޓިޒަމްގެ އެންމެ ފުރަތަމަ ޢަލާމަތްތައް ފެންނަ ކުދިންގެ ކިބައިން ނަމަށް އިޖާބަދޭން ނޭނގުމުގެ ދަތިކަން ފާހަގަކުރެވެއެވެ. ބައެއް ދިރާސާވެރިން ހާމަކުރައްވާ ގޮތުގައި އުމުރުން 9 މަހުގެ ތެރޭގައި އޭ.އެސް.ޑީ ގެ ޢަލާމަތްތައް ހުންނަ ތުއްތު ކުދިންނަށް އެމީހުންގެ ނަން ދެނެގަނެވެއެވެ. ނަމަވެސް ކުއްޖާގެ ޢުމުރުން އެއް އަހަރުވެ ދެވަނަ އަހަރުތެރޭގައި އެކަމުގެ ގާބިލުކަން ގެއްލޭކަން ފާހަގަކުރެވިފައިވެއެވެ. މިދިރާސާވެރިން ހާމަކުރާގޮތުގައި އޭ.އެސް.ޑީ ގެ ޢަލާމާތްތައް ފެންނަ ކުދިން އުމުރުން 36 މަސް ދުވަހުގެ ރިސެޕްޓިވް ލޭންގުއޭޖް (އެހެނީ، އިޖާބަދިނުމުގެ ގޮތްތައް) ދަށްވެއެވެ. ނަމަވެސް ކުރީކޮޅުގައި މިކަން ޑައިގްނޯސްކުރެވި ކުއްޖާ އެކަމަށް ތަމުރީނު ދެވިއްޖެނަމަ ކުދިން ނަމަށް އިޖާބަދިނުން ވަރަށް ބޮޑަށް ރަނގަޅު ކުރެވެއެވެ (މިލަރ، އިއޮސިފް، ހިލް، ޔަންގް،ޝްވިޗެންބަރގް، އަދި އޮޒޮނޮފް، 2017). އޯޓިޒަމްގެ ޢަލާމާތްތައް ހުންނަ ކުދިންނަށް އެމީހުންގެ ނަމަށް އިޖާބަދޭން ދަސްކޮށްދިނުމަކީ ވަގުތު ނަގައިގެން އަދި ވަކިވަކިން ކުދިންގެ ޚާއްޞަ ކަންތައްތަކަށް ރިޢާޔަތްކޮށްގެން ކުރިއަށް ގެންދާ ކަމަކަށް ހަދަންޖެހެއެވެ. ތިރީގައި އެވަނީ މިގޮތުން ކުރެވިދާނެ މުހިންމު ކަންތައްތަކާއި އޭގެ ކުރު ތަފުސީލެކެވެ.
- އެއްގޮތްތަކަކަށް ރޫޓިންއެއް ގާއިމްކުރުން: އޯޓިސްޓިޒަމްގެ ޢަލާމާތްތައް ހުންނަ ކުދިންނަށް ނަމަށް އިޖާބަދޭން ދަސްކޮށްދޭން ޖެހެނީ ސްޓްރަކްޗަރޑް (ޙާއްޞަގޮތަކަށް ކަންރޭވިފައިވާ) މާހައުލުތަކުގައެވެ. މިސާލަކަށް ކޮންމެ ދުވަހަކު އެއްގޮތަކަށް ކަންކަން ކުރެވޭ ފަދަ މާހައުލެއް ޝެޑިއުލް ކޮށްގެން ގާއިމު ކުރެވުން މުހިންމެވެ.
- ވިޝުއަލް އެއިޑްސް (ތަސްވީރު ފަދަ ތަކެތި) ބޭނުންކުރުން: ވިޝުއަލް (ތަސްވީރުފަދަ) ތަކެއްޗަކީ އެ ކުދިންނަށް އެމީހުންގެ ނަން ވަކި ކަންކަމާ ގުޅުވައިލުމަށް އެހީތެރިވެދޭނެ ތަކެއްޗެވެ. މިހެން ކަމުން ނަން ބޭނުންކޮށްގެން ތައްޔާރުކުރެވިފައިވާ ޚާއްޞަކޮށް އެކުދިން ކުރާ ކަންކަމާ ގުޅުވައިގެން ފަރުމާ ކުރެވިފައިވާ ތަސްވީރު ފަދަ ތަކެތި ގެންގުޅުމަކީ އެމީހުންގެ ނަން ދެނެގަތުމުގެ މަސައްކަތްތައް އިތުރު އެހީތެރިކަމެއް ފޯރުކޮށްދޭނެ ކަމެކެވެ.
- މަޖާ އަދި ޝައުގުވެރިވާ ގޮތަށް ކަންކަން ރޭވުން: ކުއްޖާގެ ނަން ގޮވާއިރު އެމީހުންގެ ސަމާލުކަން ސީދާ ހޯދޭނެ ގޮތަށް މަޖާވާނެ ގޮތްތައް ބޭނުންކޮށް ކުދިންގެ ޝައުގުވެރިކަންކަމާއި ގުޅޭ އެކަމަށް އެހީތެރިވެދޭ ހަރަކާތްތައް ނުވަތަ ތަކެތި ބޭނުންކުރުން އިޖާބަދިނުމުގެ ޝައުޤުވެރިކަން އިތުރުވާނެ ކަމެކެވެ.
- ސާދާ ބަސް ބޭނުން ކުރުމާއި ތަކުރާރުކުރުން ހިމެނޭގޮތަށް ކަންކަން ރޭވުން: ކުދިންގެ ނަން ގޮވާއިރު ސާފުކޮށް އަދި ކުރު ކުރު ޖުމުލަ ބޭނުންކުރުން ވެސް ހިމެނެއެވެ. ހަމަ މިގޮތަށް އެމީހުންގެ ނަމާއި އިޖާބަދިނުމާއި ކުއްޖާ ބޭނުންވާ ކަމަކާއި އޮންނަ ގުޅުން ވަރުގަދަ ކުރުމަށްޓަކައި އެމީހުންގެ ނަން ގިނަފަހަރު ތަކުރާރުވާނެ ހެން ކަންކަން ރޭވުންވެސް ހިމެނެއެވެ.
- ތަފާތު ހިއްސުތައް ބޭނުންކުރެވޭ ގޮތަށް ކަންކަން ރޭވުން: އޯޓިސްޓިޒަމްގެ ހާލަތާއެކު އުޅޭ ކުދިން ތަފާތު ހިއްސުތައް ބޭނުންކުރެވޭ ގޮތަށް ރޭވިފައިވާ ހަރަކާތްތަކަށް ރައްދުނިން ގާތްވާނެއެވެ. މިސާލަކަށް ކޮނޑުގައި މަޑުމަޑުން އަތްލާއިރު ނުވަތަ އިސްކަންދޭ ޙިއްސީ އެއްޗެއް ފޯރުކޮށްދިނުމަކީ އެމީހުންނަށް ފޯކަސްކޮށް ޖަވާބުދާރީވުން އިތުރުކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.
- ޕޮޒިޓިވް ރިއިންފޯސްމަންޓް ބޭނުންކުރުން: ކުއްޖާއަށް ހިތްވަރުލިބޭ (އިނާމު/ތަޢުރީފުކުރުން) ފައްސިގޮތްތައް ބޭނުންކޮށްގެން ހަރަކާތްތައް ރޭވުމަކީވެސް ކުދިންގެ ނަން އިޖާބަދިނުމަށް ދަސްކޮށްދެވޭނެ ގޮތްތަކެވެ. މިގޮތުން ޕޮޒިޓިވް ފީޑްބެކާއި އިނާމުތައް ދިނުމާއި، ތައުރީފު، ހައި-ފައިވް ނުވަތަ ކުޑަ ޓްރީޓެއް ދިނުން ފަދަ އާދައިގެ ދިރިއުޅުމުގައި ކުދިންގެ ނަމަށް އިޖާބަދޭން ދަސްކޮށްދިނުމަށް އެހީތެރިވެދޭނެއެވެ.
- ފިޔަވަޅުތަކަށް ކަންކަން ބަހާލުން: ކުއްޖާ ނަމަށް އިޖާބަދިނުމަށް ވަރަށް ބޮޑަށް ދަތިވާކަން ފާހަގަކުރެވޭނަމަ، ފިޔަވަޅުތަކަކަށް ބަހައިލައިގެން އެކަންކުރުމުން ތަންޒީމީ ގޮތަކަށް ކުއްޖާއަށް ނަމަށް އިޖާބަދިނުން ދަސްކޮށްދެވިދާނެއެވެ. މިސާލަކަށް ނަން ކިޔާއިރު ތިމާއާ ދިމާއަށް ބޯ އަނބުރާލަން ދަސްކޮށްދީނުން ވަކި ހަރުފަތަކަށް ހެދިދާނެއެވެ. އަދި ބޮލުގެ ހަރަކާތާއެކު، މޫނަށް ބަލާލުން އެހެން ހަރުފަތެއްގޮތަށް ހަމަޖެއްސިދާނެއެވެ. ތިންވަނަ ހަރުފަތެއްގޮތުގައި އަޑުން ނުވަތަ އިޝާރާތުން އިޖާބަދޭން ދަސްކޮށްދިނުން ރަނގަޅެވެ. މިގޮތަށް ފިޔަވަޅުތައް ބަހައިލުމުގެ ބޭނުމަކީ ބައިވަރު ކަންތައް އެއްފަހަރާ ކުއްޖާއަށް ދަސްކޮށްދިނުމަށް ވުރެ ކުދި ފިޔަވަޅުތަކަކަށް ބަހައިލައިގެން ކުއްޖާ ތަމުރީނު ކުރުމެވެ.
ވަކި ޚާއްޞަ ފިޔަވަޅުތަކެއް ތެރެއިން ކުއްޖާއަށް ނަމަށް އިޖާބަދިނުން ދަސްކޮށްދޭނަމަ، އެންމެ މުހިންމު ކަމަކީ ކުއްޖާގެ ނަންއަޑު އެހުމަށް ދަސްކޮށްދިނުމެވެ. މިގޮތަށް ދަސްކޮށްދޭއިރު އޭނާއަށް ބޭނުންޖެހޭ ކަންކަމާ ގުޅުވައިގެން (އެބަހީ: ”ޝާމިން ގޮސް ބޫޓު ނަގާ“، ”ޝާމިން މިތަނަށް އަންނަންވީނު“ ފަދަ) ގޮތަކަށް ނަން ބޭނުންކޮށްގެން ވާހަކަ ދެއްކުން ކުރިޔަށް ގެންދިއުމެވެ.
މީގެ އިތުރުން ކުއްޖާއަށް ނަމަށް އިޖާބަދޭން ދަސްކޮށްދޭއިރު ކޮންޓްރޯލް ކުރެވޭ ރިއިންފޯސަރސް (ވަކިގޮތަކަށް ސުލޫކު ބައްޓަން ކުރުމަށް ހިތްވަރުދިނުން) މިސާލަކަށް ޗިޕްސް އަދި ބަބުލްސް ބޭނުންކޮށްގެން ކުރެވިދާނެ ކަމަކީ ކުއްޖާގެ ފަހަތުގައި ހުއްޓިލާފާއި ޗިޕްސް އަދި ބަބްލްސް ދިނުމުގެ ކުރިން ކުއްޖާގެ ނަން ގޮވާލުމަށްފަހު ވަގުތުން އޭނާގެ ކޮނޑުގައި އަތްލާފައި ޗިޕްސް ނުވަތަ ބްލޯ ބަބުލްސް އޭނާގެ އަތަށް ދިނުން އެއީ އެއް ހަރުފަތެވެ. މިގޮތަށް ތަމުރީނު ކުރާއިރު ލަސްލަހުން ބޭނުންކުރާ ތަފާތު ޕްރޮމްޓްތައް މަދުކުރަމުން ދިއުން މުހިންމެވެ. ހަމަ މިބީދައިން އެންމެ ފުރަތަމަ ކައިރިން އަތްޖައްސާލާފައި ގޮވާލާ އެ ދޭއެއްޗެއް ދިނުމަށް ފަހު ފަހުން ފޫޓެއް ނުވަތަ ދެ ފޫޓެއްހާ ދުރުގައި ހުރެ އޭނާގެ ކޮނޑުގައި އަތްލުން ފަދަ ކަންކަން ވެސް ކުރެވޭނެއެވެ. މިގޮތަށް ހަރަކާތް ގެންދިއުމުގެ މައިގަނޑު ބޭނުމަކީ ކޮންމެ ކަމެއްވެސް ކުދި ކުދި ފިޔަވަޅުތަކެއް ބޭނުންކޮށްގެން ކުއްޖާއަށް އޭނާގެ ނަން ދަސްކޮށް ދިނުމަށް މަސައްކަތް ކުރުމެވެ. މިގޮތަށް ހަރަކާތް ގެންދިޔުމުން ކުއްޖާއަށް އިނގޭނީ އޭނާ ނަމުން ގޮވާލުމުން ބަލާލުމުން އޭނާ ބޭނުންވާ ކަންކަން ހާސިލުކުރަން ފަސޭހަކަމެވެ.
- ކުރަންވާގޮތުގެ ނަމޫނާ ދައްކައިގެން ކަންކަންކުރުން: ކުއްޖާގެ ނަން ތަކުރާރުކޮށް ކިޔައި، ބޭނުންވާ ސުލޫކު ވަކިގޮތަކަށް ކުރާނެ ގޮތުގެ ނަމޫނާ ދެއްކުމެވެ. މިއީ ކުއްޖާއަށް ކަންކުރަންވާ ގޮތް ދަސްކޮށްދިނުމަށް ނުހަނު ބޮޑަށް އެހީތެރިވެދޭނެ ކަމެކެވެ. މިގޮތުން ދުވަހީ ދިރިއުޅުމުގެ އެކިކަންކަމުގައި އުޅޭއިރު، ނަން ބޭނުންކޮށްގެން ގެންދެވޭ ހަރަކާތަށް ޕްރެކްޓިސް/ތަމުރީނު ކުރުވުން ހިމެނެވެ. މިކަން ކުރުމުގައި ހިތްވަރުދީ، އިނާމުދީ އަދި ފީޑްބެކްދިނުން އެއީ ހަރަކާތުގައި ކޮންމެހެންވެސް ހިމެނެން ޖެހޭ ކަންކަމެވެ.
- ޕްރޮފެޝަނަލް ފަރާތްތަކުގެ އެހީތެރިކަން ހޯދުން: ކުއްޖާގެ ވަކި ވަކި ބޭނުންތަކަށް ޚާއްޞަކޮށްގެން އިތުރު ގޮތްތައް ހޯދުމަކީ ކުއްޖާގެ އޯޓިޒަމްގެ ޢަލާމާތްތަކުގެ ބޮޑު ކުޑަ މިންވަރަށް ބަލައި ސަމާލުކަން ދޭންޖެހޭ ކަމެކެވެ. މިސާލަކަށް ބއެއް ކުދިންނަށް ސްޕީޗް ތެރަޕިސްޓުންގެ(ވާހަކަ ދެއްކުމަށް ފަރުވާކޮށްދޭފަރާތްތައް) އޮކިއުޕޭޝަނަލް ތެރަޕިސްޓެއް (އާންމު ދިރިއުޅުމުގެ ކަންކަމުގައި އެހީތެރިވުމަށް ފަރުވާކުރާ ފަރާތްތައް)، ނުވަތަ އޯޓިޒަމް ސްޕެޝަލިސްޓެއްގެ (ޚާއްޞަކޮށް އޯޓިޒަމްގެ ފަރުވާ ކުރާފަރާތްތައް) މަޝްވަރާ ހޯދުމަކީ މިކަމުގައި ވަރަށް ބޮޑަށް ބޭނުންޖެހޭނެ ކަމެކެވެ. މިފަދަ ޕްރޮފެޝަނަލް ފަރާތްތަކަކީ ކުއްޖާގެ ހުރި އޯޓިޒަމްގެ އުދަނގޫތަކުގައި ލުއިގޮތްތައް ހޯދުމާއި އެކަން މެނޭޖުކޮށް ދިރިއުޅުމުގެ އާންމު ހާލަތްތައް ފަސޭހަކޮށްދިނުމަށް ބޭނުންތެރިކެމެވެ. ޚާއްޞަކޮށް ކުއްޖާއަށް އޭނާގެ ނަން ދަސްކޮށްދިނުމާއި އެނަމަށް އިޖާބަދިނުމަށް އުދަނގޫވާ ކުދިންނަށް އެކި ބާވަތުގެ އެހީތެރިކަން ބޭނުންވާ މިންވަރު ތަފާތުވާނެއެވެ. މިގޮތުން ސީދާ ކުއްޖާއަށް ބޭނުންވާ ފަރުދީ (ޕާރސަނަލައިޒްޑް) ގައިޑްލައިންތައް ބޭނުން ޖެހިދާނެއެވެ. ހަނދާން ނައްތާލައިގެން ނުވަނެ މުހިންމު ނުކުތާއަކީ އޯޓިޒަމްގެ ހާލަތަށް ބަލާއިރު ކޮންމެ ކުއްޖަކީވެސް ޚާއްޞަ ކުއްޖެއް ކަން، އެކުއްޖެއްގެ ކިބައިގައި ފަރުދީގޮތުން ހުންނަ ކުޅެދުންތަކާއި، ނުކުޅެދުންތަކާއި، ކަންކަމުގައި ކުއްޖާގެ ޝައުގުވެރިކަމާއި، ގަޔާވާ ކަންކަމާއި، އަދި އުނގެނުމުގެ ސްޓައިލްތަކަށް ބަލައިގެން އެކަން އެއްފަހަރުން އަނެއްފަހަރަށް ގެންނަން ފެންނަ ބަދަލުތައް ބަލައި ތަންޒީމީގޮތަކަށް ކުއްޖާއަށް ނަމަށް އިޖާބަ ދިނުމަށް ދަސްކޮށްދެވޭނެ ގޮތްތަކެވެ. ޕެރޮޗޮނ،ޑި މާޓިނޯ، އައިއެލޯ، ބެކަރ، ކާޕެންޓަރ، ޗަންގް، އަދި ޑޯސަން (2021) ފާހަގަކުރައްވާ ގޮތުގައި ޑިޖިޓަލް ޓެކްނޮލޮޖީގެ ބައެއް ވަސީލަތްތަކާއެކު އޭ.އެސް.ޑީގެ ޢަލާމާތްތައް ހުންނަ ކުދިންނަށް ނަން ދެނެގަނެ އިޖާބަދޭން ދަސްކޮށްދެވޭނެއެވެ. މިގޮތުން ޑިޖިޓަލް ޓެކްނޮލޮޖީގެ ވަސީލަތްތައް ޕްރޮމްޕްޓް ގޮތަށް ބޭނުންކުރެވިދާނެއެވެ.
އިސްވެދެންނެވުނު ބައިތަކުގެ އިތުރުން ކުއްޖާ އުޅޭ މާހައުލުގެ އެންމެންވެސް އޭ.އެސް.ޑީ ހުންނަ ކުދިން ދެނެގަނެ އެކުދިންނާއި މުޢާމަލާތު ކުރާއިރު ކަން ކުރަންޖެހޭ ގޮތާއި އަދި ކުއްޖާއަށް ބޭނުންވާ ކަންކަން ފަހިކޮށްދިނުމަށް ކަން ކުރަންވީ ގޮތްވެސް އެނގެން ޖެހެއެވެ. އަޅުގަނޑުގެ އެދެނީ މިއަދު މިލިޔެލެވުނު ވާހަކަ ކޮޅުގައިވެސް މުޖުތަމަޢުގައި މިފަދަ ކުދިން ގެންގުޅޭ ބެލެނިވެރިންނާއި މުދައްރިސުންނަށް ފައިދާ ހުރި ޚިޔާލުތަކަކާއި މަޢުލޫމާތު ކޮޅެއް ހިމެނުނު ލިޔުމަކަށް ވުމެވެ.
ހަވާލާދޭ ފަރާތްތައް
- މިލަރ، އެމް، އިއޮސިފް، އޭ.އެމް، ހިލް، އެމް، ޔަންގް، ޖީ.އެސް، ޝްވިޗެންބަރގް، އޭ.ޖޭ، އަދި އޮޒޮނޮފް، އެސް (2017). އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑަރ ޖެހިފައިވާ ތުއްތު ކުދިންނަށް ނަމަށް ދޭ ޖަވާބު: ޕްރޮސްޕެކްޓިވް ދިރާސާއެއް. ދަ ޖާނަލް އޮފް ޕީޑިއޭޓްރިކްސް، 183، 141-146.
- ޕެރޮޗޮން، އެސް، ޑި މާޓިނޯ، އެމް، އައިއެލޯ، އާރް، ބެކަރ، ޖޭ، ކާޕެންޓަރ، ކޭ، ޗަންގް، ޒެޑް، … އަދި ޑޯސަން، ޖީ (2021). އޯޓިޒަމް ހުންނަ ކުޑަކުދިންގެ ނަމަށް ދޭ ޖަވާބު ވަޒަންކުރުމަށް ސްކޭލް ކުރެވޭ ކޮމްޕިއުޓޭޝަނަލް އެޕްރޯޗެއް. ޖާނަލް އޮފް ޗައިލްޑް ސައިކޮލޮޖީ އެންޑް ސައިކިއޭޓްރީ، 62(9)، 1120-1131.