މިއަދު ލިޔެލަން ގަސްދުކޮށްފައިވާ މައުޟޫޢަކީ ހުރިހާ ދަރިވަރުންގެ ކިބައިގައި ވެސް ކުރިއަރުވަންޖެހޭ ތޫނިފިލިކަމުގެ ވައްތަރެކެވެ. ޢާއްމުގޮތެއްގައި ތޫނުފިލިކަން މާނަކުރެވެނީ ކަމެއްގައި ލިބިދޭ ގާބިލުކަމަކަށެވެ. މިބީދައިން ވިސްނާނަމަ، ތޫނުފިލިކަމަކީ އިންސާނަކު ދުނިޔެއަށް އަންނައިރު ލިބި ނިމިފައިވާ ގާބިލުކަމެއް ނޫނެވެ. އެހެންކަމުން، އެއީ ކުރިއެރުވޭނެ، އިތުރުކުރެވޭނެ، ލިބިގަނެވޭނެ، ދަސްކޮށްދެވިދާނެ، ފަރިތަކުރުވިދާނެ، އެތަށް ކަމަކާ ގުޅިގެންދާ ގާބިލުކަމެކޭ ދެންނެވިދާނެއެވެ. މިއަދުގެ މައުޟޫޢު އަކީ ނަފުސާނީ ތޫނިފިލިކަން ނުވަތަ އިމޯޝަނަލް އިންޓަލިޖެންސްގެ މުހިންމު ކަމާ ބެހޭގޮތުން ބައެއް ވާހަކަ ހުށަހަޅާލުމެވެ. ޚާއްޞަކޮށް ދަރިވަރުންގެ ކިބައިގައި ނަފުސާނީ ތޫނުފިލިކަން އިތުރު ކުރެވޭނީ ކިހިނެއްތޯ ބަލާލުމެވެ. ނަފުސާނީ ތޫނުފިލިކަން ގުޅިގެންދާ ވަރަށް ގިނަ ކަންތައްތައް ހިމެނެއެވެ. މިސާލަކަށް އަމިއްލަނަފުސު ދެނެގަތުން، އެހެންމީހުން ދެނެގަތުން، މީހުންނާއެކު ދިރިއުޅެން އެނގުން، މީހުންނާއި މުޢާމަލާތު ކުރަން އެނގުން، އަމިއްލަ ޖަޒުބާތުތައް ކޮންޓްރޯލް ކޮށް މެނޭޖުކުރަން އެނގުން، ކަންކަން ދިމާވުމުން ހައްލުކުރަން އެނގުން، އަދި އުދަގޫ ހާލަތްތައް ދިމާވުމުން ގޮތް ހުސްނުވެ ކަންކަން މެނޭޖުކުރަން އެނގުން ފަދަ އެތަށް ކަމެކެވެ. މިދެންނެވި ކޮންމެ ކަމަކީ އަޅުގަނޑުމެންގެ ދަރިން ކުޑައިރުއްސުރެ ތަރުބިއްޔަތު ކޮށް ކިޔަވައިދެމުންދާއިރު ދަސްކޮށްދޭންޖެހޭ ކަންކަމެވެ.
އިމޯޝަނަލް އިންޓަލިޖެންސަކީ ކޮބައިކަން މާނަކުރައްވާ ޢިލުމުވެރިން އެންމެ ބޮޑަށް އިޝާރާތް ކުރައްވާ އެއް ނުކުތާއަކީ މީހުންދެނެގަތުމާއި އެމީހުންގެ ތަފާތުތައް ރިޢާޔަތް ކުރުމާއެކު ވިސްނުމާއި މުޢާމަލާތް ކުރަން އެނގުމެވެ (ކޮޕަރ އަދި ސަވަފް 1997؛ މޭޔަރ އަދި ސެލޮވީ، 1993). މިޢިލުމިވެރިންގެ އިތުރުން، ތަންކޮޅެއްފަހުގެ ބައެއް ދިރާސާވެރިން ޚާއްޞަކޮށް ބަލާލަފައިވާ މުހިންމު ދެބައެއް ފާހަގަކުރެވެއެވެ. އެއީ އަމިއްލަ ނަފުސު ދެނެގަތުމާއި އެހެންމީހުންގެ ގޮތްތައް ވެސް ދެނެގަތުމެވެ. މި ދެ ރައުޔު ވެސް ގުޅިގެންދަނީ ބޮޑަށް މަސައްކަތުގެ ދާއިރާއާ ގުޅުވައިގެން މީހުން ކިބައިގައި ހުރުން ލާޒުކުރާ ނަފުސާނީ ތޫނިފިލިކަމާއެވެ. ނަމަވެސް ޢާއްމު ކުލާސްރޫމެއްގައި ނުވަތަ މަދަރުސާއެއްގައި ވެސް ދަރިވަރުންނަށް ދަސްކޮށްދެވިދާނެ ކަންކަމުގެ ތެރޭގައި މިދެބައިވެސް މިޒާމާނުގެ ދިރާސާވެރިން ހިމަނުއްވައެވެ (ގޯރޑަން އަދި މިޓައިސް، 2006). މި ޢިލުމުވެރިންގެ ރައުޔުގައި ނަފުސާނީގޮތުން ތޫނުފިލި ކުދިބަޔަކަށް ދަރިވަރުން ހެދޭނީ އަމިއްލަ ނަފުސު ދެނެގަތުމާއި އަދި އެހެންމީހުން ދެނެގަންނަން ދަސްކޮށްދީގެންކަން ފާހަގަކުރައްވާފައިވެއެވެ. އަދި ޚާއްޞަކޮށް، ގޯލްމަން (1996) ލިޔުއްވާގޮތުގައި ނަފުސާނީ ތޫނުފިލިކަމުގެ ތެރޭގައި މައިގަނޑު ތިންބައެއް ވެއެވެ. އެއީ (1) އަމިއްލަ ނަފުސު ދެނެގަނެ އިހުސާސްތަކާއި ޖަޒުބާތުތައް ކޮންޓްރޯލްކުރަން އެނގުން، (2) ކަންކަން ދިމާވުމުން އަމިއްލަ މޫޑް މެނޭޖުކުރުމާއި ކޮންޓްރޯލް ކުރަން އެނގުން، އަދި (3) ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިއަކާ ހަމައަށް ވާސިލުވުމުގައި ޝައުގުވެރިކަމާއެކު ދެމިހުރުމާއެކު މަސައްކަތް ކުރަން އެނގުމެވެ (ގޯލްމަން، 1996). މިރައުޔުގެ އިތުރުރުން، ގޯލްމަންގެ ފަހުގެ އެހެން ލިއުންތަކުގައި އިތުރަށް އިޝާރާތްކުރައްވާގޮތުގައި އަމިއްލަ ނަފުސު މެނޭޖުކުރަން ނޭނގޭ، އަމިއްލަ ޖަޒުބާތުތައް ކޮންޓްރޯލްކުރުމުގައި ދަތިތައް ދިމާވާ އަދި އެހެންމީހުން ދެނެގަތުމުގެ ތޫނުފިލިކަން ނެތުމާއި މައްސަލަތައް ދިމާވުމުން ހަދާނެ ގޮތް ނޭނގި ގޮތް ހުސްވާ މީހުންނަކީ، އުނގެނުމުގެ ދާއިރާގައި ކިތަންމެ ތޫނިފިލި ނަމަވެސް ކާމިޔާބީތައް ހާސިލުކުރުމުގައި ދަތިތަކާ ކުރިމަތިވާނެ ބައެކެވެ (ގޯލްމަން، 2001). މީގެ އިތުރުން، ސެރަޓް (2017) ބަޔާންކުރައްވާގޮތުގައި ސޯޝަލް ސްކިލްސް ނުވަތަ މީހުންނާއި މުޢާމަލާތުކުރުމުގެ އިޖުތިމާޢީ ހުނަރުތައް ލިބިގަތުމަކީ ދަރިވަރުންގެ ނަފުސާނީ ތޫނުފިލިކަން އިތުރުވެ ދިރިއުޅުމުގެ ކާބިޔާބީތައް ހާސިލުކުރުމުގައި ފަސޭހަވާނެކަމެކެވެ. މި ބޭފުޅުންގެ ރައުޔުތަކުގައި އިޝާރާތްކުރެވޭ އެންމެ މުހިންމު ނުކުތާއަކީ ދަރިވަރުންނަކީ ކާބިޔާބު ފަރުދަކަށް ހެދުމަށް ހަމައެކަނި އުނގެނުމުގެ ދާއިރާގައި މޮޅު ކުއްޖަކަށް ހެދުމަކުން ނުފުދޭ ކަމެވެ. އޭގެ އިތުރުން ދިރިއުޅުމުގައި އެހެން މީހުންނާއެކު މުޖުތަމަޢެއްގައި އުޅެން އެނގެނީ ނަފުސާނީ ތޫނުފިލިކަންވެސް އެކުދިންގެ ކިބައިގައި ތަރައްގީކޮށްގެންކަން ވެސް ހާމަވެއެވެ. މިވާހަކަތަކުގެ އިތުރު ތަފުސީލާއެކު ޑެނިއަލް ގޯލްމަން (2017) ދައްކަވާފައިވާ މުހިންމު ވާހަކަ ކޮޅު ވީޑިއޯ އިން ބައްލަވާ ލައްވާށެވެ.
ނަފުސާނީ ތޫނިފިލިކަމަކީ ދަރިވަރުންނަށް ދަސްކޮށްދޭން ޖެހޭ އަދި ތަރައްގީކުރަންޖެހޭ ތޫނުފިލިކަމުގެ ބާވަތެއްކަން އިސްވިދިޔަ ހުރިހާ ރައުޔުތަކެއްގައިވެސް އަލި އަޅުވާލެވިފައިވެއެވެ. ދާދިފަހުން ތަޢުލީމީ ދާއިރާގެ ތަޖުރިބާކާރެއްކަމަށްވާ ޖެނިފާ ސްނެލިން (2020) ހާމަކުރައްވާގޮތުގައި ދަރިވަރުންނަށް ނަފުސާނީ ތޫނުފިލިކަން ދަސްކޮށްދީ ތަރައްގީ ކުރަންފަށަން ޖެހެނީ ވަރަށް ޅަފަތުގައެވެ. މި ވާހަކަކޮޅު އިތުރަށް ދޭހަކުރައްވާގޮތުގައި، އެންމެ ފުރަތަމަ ޕްރީސްކޫލު ދުވަސްވަރު ކުއްޖާ ކުލަފަންސުރު އެކަކު އަނެކަކާ އެކު ޝެއަރ/ހިއްސާ ކުރުމުން ފެށިގެން މި ތޫނުފިލަކަން ދަސްވާން ފަށައެވެ. މިފަދަ ގިނަކަންކަމުގެ ތެރެއިން ސްކޫލުގައި އުޅޭއިރު ކުއްޖާގެ ޢާއްމު ދިރިއުޅުމުގެ ތެރޭގައި އެހެންކުދިން ހިމަނަން ދަސްކޮށްދެވެއެވެ. ވަކިން ޚާއްޞަކޮށް އެއްކޮށް ކުޅުމާއި، އެކުއްޖަކު ދެރަވުމުން އަނެއްކުއްޖަކު ވެސް އެކަމާމެދު ހިތުގަޖެހުމާއި، އެކަކު އަނެކަކުގެ އިހުސާސްތައް ދެނެގަތުމާއި، އެއްކުއްޖަކު އަނެއްކުއްޖަކާއެކު ބައިވެރިވެގެން ކަންކަން ކުރުމާއި މިފަދަ ގިނަގުނަ ފުރުސަތުތަކާއި ތަޖުރިބާތައް ދަރިވަރުންނަށް ޅައުމުރުގައި ފަހިކޮށްދިނުމަކީ ނަފުސާނީ ތޫނުފިލިކަން އިތުރުކޮށް ތަރައްގީކުރެވޭނެ ގޮތްތަކެވެ (ސްނެލިން، 2020). މި ޚިޔާލުތަކަށް ބަލާލާއިރު، ކިޔަވައިދޭއިރު ދަރިވަރުންގެ ނަފުސާނީ ތޫނުފިލިކަން ކުރިއެރުވިދާނެ ވަރަށް ގިނަ ގޮތްތައް ވާކަން ހާމަވެގެން ހިނގައްޖެއެވެ. ނަމަވެސް މިކަންކަމަކީ ކިޔަވައިދިނުން ރާވާއިރު ބޮޑަށް ސަމާލުކަން ދެވިގެން ފަރުމާ ކުރެވޭނަމަ ވަރަށް ފުރިހަމައަށް ވެސް ކުރެވިދާނެ ކަންކަމެވެ. ނަފުސާނީ ތޫނިފިލިކަމަކީ މިޒަމާނުގެ ކުދިންނަށް ވަރަށް ބޮޑަށް ބޭނުންޖެހޭ ތޫނުފިލިކަމުގެ ވައްތަރެކެވެ. މިކަމަށް ބާރުއަޅުވާ އިރުޝާދު ދެއްވަމުން، ގޯރޑަން (2019) ލިޔުއްވާގޮތުގައި ނަފުސާނީ ތޫނުފިލިކަން ދަސްކޮށްދެވޭނެ ތަފާތުގޮތްތަކެއް ވެއެވެ. އެގޮތުން އެލިޔުންތެރިޔާ ފާހަގަކުރައްވާފައިވާ ދެތިން ގޮތެއް މިލިޔުމުގައި ފާހަގަކޮށްވާހަކަދައްކާލާނަމެވެ.
- ކިޔަވައިދިނުމުގެ ތެރެއަށް ސޯޝަލް (އިޖުތިމާޢީ) އިމޯޝަނަލް (ނަފުސާނީ) އުނގެނުން ގުޅުވުން: މިޢިލުމުވެރިޔާ އިޝާރާތްކުރައްވާގޮތުގައި ނަފުސާނީ ތޫނުފިލިކަމަކީ ވަކިން ކުލާސްނަގައިގެން ވަކި މައުޟޫޢެއް ގޮތަށް ކިޔަވައިދެވޭ އެއްޗަކަށްވުރެ ކިޔަވައިދިނުމުގެ ތެރޭގައި ތަފާތު ކަންކަން ހިމަނައިގެން ދަސްކޮށްދެވިދާނެ ހުނަރުތަކެކެވެ. މިސާލަކަށް ސައިންސްގެ މާއްދާގެ މޮލިކުލްސް ފިލާވަޅުގައި ކިޔަވައިދޭއިރު ކެމިކަލް ރިއެކްޝަން، އެއް އެޓޮމް އަނެއް އެޓޮމްއާ ގުޅިގެންދާގޮތް ކިޔަވައިދެވެއެވެ. މިފަދަ ފިލާވަޅެއްގައި ދަރިވަރުންނާއި ދެކެވޭ ވާހަކައިގައި ރަގަޅު ޕާރޓްނާޝިޕް ނުވަތަ ގުޅުން ބިނާވާގޮތް، ދެމެހެއްޓޭގޮތް ފަދަ މައުޟޫޢުތަކަށް އަލި އަޅުވާލެވިދާނެއެވެ. އެފަދަ ކަންކަމަށް އިޝާރާތްކޮށް ވާހަކަ ދައްކާއިރު ދިރިއުޅުމުގައިވެސް ގުޅުންތައް ދެމެހެއްޓުމުގައި ބަލަން ޖެހޭ ކަންތައްތަކާއި އުސޫލުތައް އޮންނަކަން ވާހަކަ ތެރެއިން ގެނެވިދާނެއެވެ. މިފަދަ އެހެން މިސާލަކީ ހިސްޓްރީ ފަދަ މާއްދާތައް ކިޔަވައިދޭއިރު ހިނގާފައިވާ ތަފާތު ހާދިސާތަކާއި ދިމާވާފައި ހުންނަ މައްސަލަ ތައް ކިޔައިދޭއިރު ވާހަކައިގައި އެފަދަ މައްސަލަތައް ހައްލުކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކޮށް ވާހަކަ ދެއްކުމެވެ. މިޚިޔާލުގައި އެންމެ ބޮޑަށް އިޝާރާތްކުރެވެނީ ކޮންމެ މާއްދާއެއްގައިވެސް މިފަދަގޮތަކަށް ގުޅުވާ ލެވިދާނެ ބައިވަރުކަންކަން ހުންނާނެ ކަމެވެ.
- މައްސަލަ ހައްލުކުރުމުގެ ތެރެއަށް ދަރިވަރުން ހޭނުވުން: ކިޔަވައިދޭއިރު ތަފާތު ޕްރޮޖެކްޓްކާއި މައްސަލަތައް މެދުވެރިކޮށް ދަރިވަރުންނަށް ހަގީގީ ކަންކަންފަދަ ކަންކަމާ ގުޅުވައިގެން ކިޔަވައިދިނުން ފަރުމާކުރުމަކީ ދަރިވަރުންގެ ނަފުސާނީ ތޫނުފިލިކަން އިތުރުކުރުމުގައި މުހިންމު ދައުރެއް އަދާ ކުރާކަމެކެވެ. މިސާލަކަށް އެންމެ ޅަޢުމުރުގެ ޕްރީސްކޫލުގެ ދަރިވަރުންގެ ތެރެއިން އެކުދިންގެ ’ޓާރން‘ ޖެހެންދެން މަޑު ކުރަން އުދަނގޫ ކުދިން ވަރަށް ދިމާވެއެވެ. އެފަދަ ކުލާހެއްގައި ދަރިވަރުންނަށް އެކަމުގައި ކަންކުރާނެގޮތާ ބެހޭގޮތުން ވާހަކަ ދެއްކިދާނެއެވެ. އަދި އެކުދިންގެ އަމިއްލަ ޚިޔާލުތަކަށް ޖާގަދެވޭ ގޮތަށް މުދައްރިސު ސުވާލުކޮށް ހެދުމުން މައްސަލަ ހައްލުކުރުމުގެ ވިސްނުން ތަރައްގީކުރަން ފަސޭހަވެއެވެ.
- ކަންކަން ނިންމުމުގައި ދެމިހުރުމާއި ޢަޒުމު ވަރުގަދަވުން: މިކަމަކީ ޚާއްޞަކޮށް ކުދިން ވަކިކަމެއް ނިންމުމުގެ ޝައުގުވެރިކަން ހުރުމާއެކު ކަމެއް ނިމެންދެން ދެމިހުރުމުގައި އަމިއްލަ ނަފުސު މެނޭޖުކުރުން ވަރަށް ބޮޑަށް ގުޅިގެންދާ ކަމެކެވެ. މިފަދަ ކަންކަމަކީ ދަރިވަރުން ވަރަށް ބޮޑަށް ތަމުރީނުކުރަން ޖެހޭކަމެކެވެ. އެހެން ނޫންނަމަ ހާސިލުކުރަން ބޭނުންވާ ގޯލްތަކާއި ލަނޑުދަނޑިތައް ހާސިލުކުރުމުގައި ދެމިހުރުމަށް ދަތިވާނެއެވެ. މިކަމަކީ ސްކޫލުގެ ތެރެއިން ދަރިވަރުންނަށް ދަސްކޮށްދޭން ޖެހޭ މުހިންމު އެއްކަމެވެ. ކާމިޔާބާއި ހިސާބަށް ދެވެނީ ވަރަށް ގިނަ ގުރުބާނީތައް ވެގެންކަން އެގުރުބާނީތައް ވުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރަނީ އަމިއްލަ ސިކުނޑި، އަމިއްލައަށް ކަންކަން މެނޭޖުކޮށް ކޮންޓްރޯލު ކޮށްގެންކަން، ބުރަމަސައްކަތާއި މިންނަތުންކަން ދަރިވަރުންނަށް ގިނަގިނަ ހަދާންކޮށްދީ ވާހަކަ ދެއްކުމަކީ މިކަމަށް އެހީތެރިވެދޭނެ ގޮތްތަކެވެ. ކޮންމެ ދަރިވަރަކަށްވެސް އެދަރިވަރެއްގެ ލެވެލުން ހިތްވަރުދީ ތަރުހީބުދީ ހެދުމުގެ ތެރެއިންނާއި ލިބޭ ކުދި ކާމިޔާބުތައްވެސް ފާހަގަކޮށް ހެދުމުގެ ތެރެއިން ހުރިހާ ކުދިންގެ ވެސް ނަފުސާނީ ތޫނުފިލިކަން ތަރައްގީ ކުރުމަށް އެހީތެރިވެދޭނެއެވެ. މިހާރު ވެސް އަޅުގަނޑުމެންގެ ތެރޭގައި މިފަދަ ކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދެވޭކަން ފާހަގަކުރެވެއެވެ. އަޅުގަނޑުމެންގެ މުޖުތަމަޢުގެ ވަރަށް ގިނަ ކުދިންނަކީ ވަރަށް ހިތްވަރާއެކު މަސައްކަތް ކުރުމުގެ ރޫހު ހުންނަ ކުދިންނެވެ.
- ނަމޫނާ ދައްކާ އެފަދަ ނަމޫނާތަކަށް އިހުތިރާމު ކުރަން ދަސްކޮށްދިނުން: ދިރިއުޅުމުގައި ދަސްކުރަންޖެހޭ ނަފުސާނީ ތޫނުފިލިކަމުގެ އެންމެ މުހިންމު އެއްބަޔަކީ އެހެންމީހުންނާއެކު ދިރިއުޅެން އެނގުމާއި އެހެންމީހުންނަށް އިހުތިރާމުކޮށް ޢާއްމު އިޖުތިމާޢި ސުލޫކީ މިންގަނޑުތަކަށް ތަބާވެ މުޢާމަލާތު ކުރަން އެނގުމާއި މިފަދަ ކަންކަމަށް ދަރިވަރުން ހޭލުންތެރި ކުރުމެވެ. މިހާރު މިޒަމާނުގައި މިކަންކަން ދަސްކޮށްދިނުމަކީ އަދި މާބޮޑަށް ވެސް މުހިންމު ކަމެއް ކަމަށް ދެކެމެވެ. ސަބަބަކީ ޒަމާން ބަދަލުވަމުން އައިސް އިހުތިރާމު ކުރުމުގެ މާނަވެސް މިވަނީ ވަރަށް ބޮޑަށް ތަފާތު ވެފައެވެ. މިހާރު ޒަމާނީ އުސޫލުތަކަށް ބަލާއިރު ވާހަކަ ދެއްކުމުގެ މިންވަންކަމާ، ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމާ، މިފަދަ ކަންކަމަކީ ބައެއް ފަހަރު މުޖުތަމަޢު ތެރޭގައި އޭގެ ނޭދެވޭ އަސަރުވެސް ކުރަމުން ދާ ކަންކަމެވެ. މިފަދަ ހާލަތެއްގައި، ސްކޫލުން ދަރިވަރުންނަށް ދަސްކޮށްދިނުން އެންމެ މުހިންމު އެއްކަމަކީ އެއްކުއްޖަކު އަނެއްކުއްޖަކަށް އިހުތިރާމު ކުރުމާއި، ތަފާތުތައް ބަލާގަތުމާއި، ވާހަކަ ދެއްކުމުގައި ހިފަހައްޓަންޖެހޭ އަދަބު އަޚުލާގާއި، އެކި ކުދިންގެ ކަންކަން ރިޢާޔަތްކޮށްގެން ތަފާތުތައް ބަލައިގަންނާނެ ގޮތާމެދު ހޭލުންތެރި ކުރުވުމެވެ. މިއީ ދަރިވަރުން މަދަރުސީ ނިޒާމު ނިންމާ މުޖުތަމަޢުގެ ތެރެއަށް ނުކުންނަ އިރު ހުރުން ލާޒިމު ސިފަތަކެވެ.
- ކަންކަމަށް ފަސޭހައިން ހޭނެން އެނގުން: މިއީ މިޒަމާނުގައި ވަކިން ޚާއްޞަކޮށް ދަރިވަރުންގެ ކިބައިގައި ހަރުލެއްވުން މުހިންމު ސިފައަކަށް ވެއެވެ. ސަބަބަކީ ދުނިޔޭގެ ހާލަތު ބަދަލުވަމުންދާލެއް ހަލުއިވެ، ދިމާވާކަންތަކާއި ، މައްސަލަތަކާއި، ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުވަމުންދާއިރު. ފަސޭހައިން ކަންކަމަށް ގޮތް ހުސްވެ ހަދާނެ ގޮތް ބޮޑުވާނަމަ ދިރިއުޅުމުގައި އެތަށް އުދަނގޫތަކަކާ ކުދިން ކުރިމަތި ލާންޖެހިދާނެއެވެ. ކަންކަމަށް ފަސޭހައިން ހޭނޭ ކުދިންނަށް މީހުންދައްކާ ވާހަކަ ތަފާތު ވީނަމަވެސް ބަލައިގަންނަން ފަސޭހަވެ، އެއިން ކުއްޖާގެ ޢާއްމު ދުޅަހެޔޮކަމަށް ކުރާ އަސަރު ކުޑަކުރެވޭނެއެވެ. މިފަދަ ސިފަތަކަކީ ޚާއްޞަކޮށް މިޒަމާނުގެ ސްކޫލުތެރޭގައި، ދަރިވަރުންނަށް ކޮންމެ ހެން ވެސް ތަމުރީނު ލިބިދޭން ޖެހޭ ސިފަތަކެވެ. ސަބަބަކީ ބުލީ/ގަނާކުރުންފަދަ ކަންތައް މިހާރު ޢާއްމުވަމުން ދާއިރު، އެފަދަ ކަންކަމާ ކުރިމަތިލާން އެނގި އެއިން ކުރާ އަސަރު ކުޑަކުރެވޭނީ ކުއްޖާގެ ކިބައިގައި ހުންނަ ރެސިލެއެންސް ނުވަތަ ކަންކަމުގައި ކުރިމަތިލުމުގެ ގާބިލުކަމަށް ހޭނިގެންނެވެ. ކޮންމެ ކަމެއް ދިމާވުމުން ނުވަތަ ކުއްޖަކު ނޭދެވޭ އެއްޗެއް ބުނާ އަޑު އިވުމުން އެއާމެދު ހަދާނެ ގޮތް ނޭނގޭނަމަ އެއިން ކުރާ ނޭދެވޭ ނަފުސާނީ އަސަރުތައް މުޅިދިރިއުޅުމަށް ކުރަމުން ދިއުމަކީ އެކަށީގެންވާ ކަމެކެވެ.
އިސްވެދިޔަ ތަފާތު ޚިޔާލުތަކަށް ނަޒަރު ހިންގާލާއިރު، އިމޯޝަނަލް އިންޓެލިޖެންސަކީ ދަސްކޮށްދެވޭ، ތަމުރީނުކުރެވޭ، ހޭނުވޭ، ކުރިއެރުވޭ ތޫނުފިލިކަމުގެ ވައްތަރެއްކަން ހާމަވެއެވެ. މިގޮތަށް ލިޔެވޭ ކޮންމެ ޚިޔާލަކީ މުޅިއެކުން އާ ޚިޔާލުތަކަކަށް ނުވިނަމަވެސް މިފަދަ ކަންކަމަށް ރިޢާޔަތްކޮށްގެން އުނގެނުމާއި އުނގަންނާދިނުން ރޭވުމަކީ އަޅުގަނޑުމެން މަދަރުސީ ތަޢުލީމު ހަރުދަނާ ކުރެވޭނެ ކަންކަމެވެ. އަދި އޭގެ އިތުރުން ދަރިވަރުންގެ ކުރިއެރުން އިތުރު ކުރެވި މުޖުތަމަޢުގެ ދުޅަހެޔޮކަން ދެމެހެއްޓެނިވި ގޮތެއްގައި ރޭވިދާނެ ގޮތްތަކެވެ. މިފަދަ ކޮންމެ ޚިޔާލަކާ މެދުވެސް ރިވެލިކޮށް، ކިތަންމެ ކުޑަކުޑަ ކަމަކުންވެސް އަންނަން އޮތް ޖީލުތަކަށް ފައިދާ ކުރަނިވި ގޮތްތައް ހޯދުމަކީ މުދައްރިސުންގެ އަތްމަތީގައި އޮތްކަމެކެވެ. އަޅުގަނޑުގެ އުއްމީދަކީ މުދައްރިސުންނަކީ އަބަދުވެސް ދުޅަހޮޔޮ ޖީލެއް ތަރުބިއްޔަތު ކުރުމުގެ ޒިންމާ ނަޒާހަތްތެރިކަމާއެކު އަދާކުރާ ބަޔަކަށް ވުމެވެ.