ޝާއިއު ކުރީ: ފެބްރުއަރީ 10, 2020 ލިޔުނީ: ޑރ. ޝާފިޔާ ކޮމެންޓްތައް: 0

މިއަދުގެ ލިޔުންކޮޅު ޚާއްޞަކޮށްފައި މިވަނީ ދަރިވަރުންގެ އުނގެނުން އިތުރަށް ތަރައްގީކޮށް ކުރިއެރުވުމަށް ކޮންމެ މުދައްރިސެއްމެ ފަރުވާތެރިކަމާއެކު ކުރަން ޖެހޭ މަސައްކަތަކާ ގުޅޭގޮތުނެވެ. އެއީ ދަރިރުންނަށް ފީޑްބެކްދިނުމެވެ. އެދުރުއަށީގެ ކުރީގެ ލިޔުމެއްގައިވެސް އަޅިއަލުވާ ލެވިފައިވާނެ ފަދައިން ދިވެހިރާއްޖޭގެ ގައުމީ މަންހަޖުގައި ސާފުކޮށް ލިޔެފައިވާނީ މިހާރުގެ މުގައްރަރު ކިޔަވާދިނުމުގައި އުނގެނުމަށް ފަހި ވަޒަންކުރުން (އެސެސްމަންޓް ފޯރ ލާރނިން) ތަންފީޒު ކުރުމަށެވެ. މިމަސައްކަތުގެ އެންމެ މައިގަޑު ކަމަކީ ދަރިވަރުންނަށް ފީޑްބެކްދިނުމެވެ. އެންމެ އާދައިގެ ގޮތުން ބުނާނަމަ، ފީޑްބެކަކީ ކަމެއް ކުރެވިފައިވާ ގޮތާއި ބެހޭގޮތުން މަޢުލޫމާތު ދިނުމާއެކު، އެކަން އިތުރަށް ރަގަޅު ކުރެވިދާނެ ގޮތްތައް ކިޔައިދިނުމެވެ. މިއީ ވަކިން ޚާއްޞަކޮށް ހަމައެކަނި ކިޔަވައިދިނުމުގައި ބޭނުންކުރެވޭ ކަމެއް ނޫނެވެ. ނަމަވެސް އަޅުގަޑުގެ މިލިޔުމުގައި ބަލައިލާނީ އުނގެނުމާއި އުނގަންނާދިނުމުގައި މުދައްރިސުން ދަރިވަރުންނަށް ފީޑްބެކްދިނުމާއި ގުޅޭ ގޮތުންނެވެ. މިއަދުގެ ލިޔުމުގައިވެސް ފުރަތަމަ ބަލައިލާނީ ފީޑްބެކްގެ ޢިލުމީ ވިސްނުން އައިސްފައިވާ ގޮތަށެވެ. އެއަށްފަހު، މުދައްރިސުން ފީޑްބެކްދިނުމުގައި ސަމާލުވާން ޖެހޭ ކަންކަމާއި އަދި އެންމެ އެދެވޭ ގޮތުގައި ދަރިވަރުންނަށް ފީޑްބެކްދިނުމަށް ގެންގުޅެވިދާނެ ދެތިން އުކުޅަކާއި ބެހޭގޮތުންނެވެ.

 ފީޑްބެކްދިނުމުގެ ޢިލްމީ ވިސްނުން

ފީޑްބެކް މިބަސް ފުރަތަމަ ބޭނުން ކުރެވެންފެށީ 1920 ވަނަ އަހަރުތެރޭގައި ކަމަށް ބަހުގެ ޢިލްމުވެރިން ފާހަގަކުރައްވައެވެ (އެޓީމޯއޮންލައިން، 2010). ފީޑްބެކް މިބަހަކީ އިގިރޭސި ބަހުގެ ދެބަހެއް (ފީޑް އަދި ބެކް) އެކުލެވިފައިވާ ކޮމްބައިން (އެކުވެފައި) ބަހެކެވެ. މިބަހަކީ ހުރިހާ ދާއިރާއެއްގައިވެސް މުޢާމަލާތު ކުރުމުގައި، ކަންކަން އޮތް ގޮތާއި، ކަންކަން ރަގަޅުކުރަންވީ ގޮތްކިޔައިދިނުމަށް ބޭނުންކުރެވޭ ބަހެކެވެ.

ކިޔަވައިދިނުމުގެ ދާއިރާގައި ފީޑްބެކްދިނުމާއި ބެހޭގޮތުން ވާހަކަ ދައްކާފައިވާ މުހިންމު ޢިލުމުވެރިން ކަމަށްވާ ޖޯން ހެޓީ އަދި ހެލެން ޓިމްޕާރލީ (2007) ފާހަގަކުރައްވާގޮތުގައި އެއީ ކަމެއް ކުރެވޭ ގޮތާ ގުޅޭ ގޮތުން މީހަކު އަނެކާއަށް ދޭ މަޢުލޫމާތެކެވެ. މިސާލަކަށް ކިޔަވައިދޭ މުދައްރިސު އަދި އެނޫންވެސް އެފަދަ މަގާމެއްގައި ހުންނަ ފަރާތެއް ކަމެއް ކުރެވިފައިވާ ގޮތާއި ބެހޭގޮތުން ރަގަނޅު ނުރަނގަޅު ކަންކަން ކިޔައިދިނުމަކީ ފީޑްބެކްދިނުމެވެ. އެހެން ކަމުން ފީޑްބަކްދިނުމަކީ ކުރެވިފައިވާ ކަމެއް ބެލުމަށްފަހު ދެވޭ މަޢުލޫމާތެއް ކަމަށްވެސް މިދެޢިލުމުވެރިން ހާމަކުރައްވައެވެ. މީގެ އިތުރުން އެހެން ބައެއް އިލުމުވެރިން އިޝާރާތްކުރައްވަނީ އެއީ ސީދާ ދަރިވަރާއި އެކު ކުރެވިފައިވާ މަސައްކަތެއް ވަޒަން ކުރުމުގެ ތެރެއިން އިތުރަށް ރަގަޅު ކުރެވިދާނެ ގޮތް ކިޔައިދިނުން ކަމެވެ (ޝޫޓް، 2008). މިދެރައުޔަށް ވިސްނާލާއިރު ދޭހަވަނީ ފީޑްބެކް ދިނުމަކީ މަގުސަދާއެކު ވަކި އަމާޒަކަށް ވާސިލުވުމަށް ކުރެވޭ ކަމެއް ގޮތުގައެވެ. މާނައަކީ ފީޑްބެކް ދެނީ ކަމެއް ރަނގަޅު ކުރުމަށް، އަދި ރަނގަޅު ކުރެވިދާނެ ގޮތްތައް ކިޔާދެވުމުގެ ތެރެއިންނެވެ. ހަމަ މިބީދައިން ފާހަގަކުރެވޭ އަނެއް ނުކުތައަކީ ފީޑްބެކަކީ އުނގެނުމަށް ފަހިވާނެ ގޮތަށް ކުރިޔަށް އޮތްތާގައި ކުރާނެ ކަންތައް ތަކެއް ކިޔާދިނުން ކަމެވެ. މިޚިޔާލު ތަކުން އެންމެ ބޮޑަށް ހާމަވެގެންދަނީ، ހަމައެކަނި ކަމެއް ރަގަޅޭ ނުވަތަ ގޯހޭ ބުނުމުން ފީޑްބެކް ދެވުނު ކަމަށް ނުބެލެވޭ ކަމެވެ.  

ފީޑްބެކް ދިނުމުގެ މަސައްކަތް ޢަމަލީކޮށް ގެންދާނެ ގޮތާއިބެހޭގޮތުން މޮޑެލެއް ތަޢާރަފު ކުރައްވައިފައިވާ ޖޯން ހެޓީ އާއި ހެލެން ޓިމްޕާރލީ ފާހަގަކުރައްވާފައިވާ މުހިއްމު 3 ސުވާލެއް މިތާގައި ހިމަނާލާނަމެވެ. ތިރީގައިވާ ހޫލަ 1 ގައި ދެވިފައިވާ ތަފުސީލަށް ބަލާއިރު، ފީޑްބެކް ދިނުމުގެ މަސައްކަތުގައި މައިގަޑު ތިން ބާވަތެއްގެ މުޢާމަލާމާތެއް ދަރިވަރާއި މުދައްރިސާއެކު ކުރެވެއެވެ. ފުރަތަމަ ކަމަކީ، ދަރިވަރުން ކުރަންވީ ކަމެއް ރަގަޅަށް ބުނެދިނުމެވެ. އެއީ ފީޑްއަޕް ނުވަތަ ހާސިލުކުރަންވީ ގޯލް ރަގަޅަށް ސާފުކޮށް ދަރިވަރަށް ބުނެދިނުމެވެ. ދެވަނަކަމަކީ، ފީޑްބްކެ ދިނުން، މީގެ މާނައަކީ ދަރިވަރު ހުރި ހިސާބު ނުވަތަ ކުރެވެމުންދާ ކަންކަމާއި ބެހޭގޮތުން ވާހަކަ ދައްކާ ގޯލާއި ހަމައަށް ވާސިލުވުމަށް ކުރަންޖެހޭ ކަންތައްތަކަށް ދަރިވަރުންގެ ވިސްނުން ގެންދިއުމެވެ. ތިންވަނަ ކަމަކީ، ފީޑްފޯރވާރޑް ކުރުމެވެ. މީގެ މާނައަކީ ސީދާ ސީދަލަށް ކުރަންވީ ވަކި ކަމެއް، ހަދަންވީ ވަކި ގޮތެއް، ކަންކުރެވިދާނެ އެކި ގޮތްތައް ހޯދާ ބަލައި އެކަމާއި ބެހޭގޮތުން ވާހަކަ ދެއްކުމެވެ. މިން ކޮންމެ މަރުހަލާއެއްގައި ވެސް މުދައްރިސާއި ދަރިވަރާއި މެދު ކުއްޖާގެ މަސައްކަތާއި ގުޅޭގޮތުން ދެކެވޭ ވާހަކަތަކަކީ ކުއްޖާގެ އުނގެނުމަށް ފަހިވާ ގޮތަށް ދެކެވޭ ވާހަކަތަކަކަށާއި އަދި ކުރެވޭ މަސައްކަތްތަކަށް ވާންޖެހޭނެއެވެ (ހޭޓީ އަދި ޓިމްޕާރލީ، 2007).

ހޫލަ 1. ފީޑްބެކްގެ މަސައްކަތް ދަރިވަރާއި މުދައްރިސާއެކު ކުރެވޭ ގޮތް (ހޭޓީ އަދި ޓިމްޕާރލީ، 2007)

ފީޑްބެކް ދިނުމުގެ މަސައްކަތަކީ ކިޔަވައިދިނުމުގެ ދާއިރާގައި ވަރަށް ފުޅާކޮށް ދެކެވޭ އަޅުގަޑުމެންގެ މުޖުތަމަޢުގައި އެއަށް ދެވޭ ސަމާލުކަން ވަރަށް ކުޑަ މަސައްކަތެއްކަން ފާހަގަ ކުރެވެއެވެ. ވަރަށް ގިނަ ފަހަރަށް ދަރިވަރު ކުރާ މަސައްކަތަކަށް ފީޑްބެކް ދެވެނީ ވަރަށް ޖެނެރަލް/ޢާއްމުކޮށް ރަގަޅޭ ނުވަތަ މިރަގަޅު ކުރާށޭ، ނޫނީ މިގޮތަށް ލިޔެގެން ކަމަކު ނުދާނޭ މިފަދަ ގޮތަކަށެވެ. ހަގީގަތަކީ، މިގޮތަށް ފީޑްބެކްދީގެން ރަގަޅު ކުރަން ކުރަންވީ ކަމެއް އަދި ސާފުކޮށް ދަރިވަރަށް އަންގައި ނުދެވެއެވެ. މާނާއަކީ ވަރަށް ގިނަފަހަރަށް ދަރިވަރުން ކުރާމަސައްކަތް ބަލާފައި ބިނާކުރަނިވި ފީޑްބެކް ދަރިވަރުންނަށް ނުދެވޭ ކަމެވެ. މިކަންކަމާ ގުޅޭ ގޮތުން ޓެޑް ޓޯލްކްފަދަ ފޯރަމުތަކުގައިވެސް މުހިއްމު ވާހަކަތައް ތަޖުރިބާކާރު ބޭފުޅުން ދައްކަވާފައިވެއެވެ. މިގޮތުން 2015 ވަނަ އަހަރު  ޑެނިއަލް ސްވެއިން ދެއްކެވި ވާހަކަ ކޮޅުގައި މުހިއްމު ނުކުތާތަކެއް ފާހަގަކޮށްލެއްވިއެވެ. ޑެނިއަލްގެ ވާހަކައިގެ މައިގަޑު އަމާޒަކީ ތަފާތު މުއައްސަސާތަކުގެ މަސައްކަތް ކުރިއަރުވާ ތަރައްގީކުރުމަށް ބިނާކުރަނިވި ފީޑްބެކްގެ މުހިއްމުކަމާއި ބެހޭގޮތުންނެވެ. އެހެންނަމަވެސް އޭނާގެ ވާހަކައިގައި ސީދާސީދާ ފީޑްދިނުމުގެ މުޢާމަލާއި ކަން ހިނގާގޮތާއި ބެހޭގޮތުން ފާހަގަކޮށްލެވޭ ކަންތައްތަކެއް ބަޔާންކުރެއްވިއެވެ. މިގޮތުން ފީޑްބެކް ދޭމީހާއާއި ފީޑްބެކް ލިބިގަންނަފަރާތުގެ މެދުގައި ދޭދޭ މުޢާމަލާތް ކުރެވޭ ގޮތާއި އަދި އެދެމެދުގައި ދެކެވޭ ވާހަކަތަކުގެ މުހިއްމު އަސަރު ހިމެނެއެވެ. މިގޮތުން އޭނާ ހުށަހަޅުއްވާ ޚިޔާލުގައި (ހޫލަ 2)، ފުރަތަމަ ކަމަކީ ފީޑްބެކް ލިބިދޭ ފަރާތަށް ފީޑްބެކް ދޭފަރާތުން ދޭން އުޅޭ މެސެޖް ވާސިލުވިތޯ، އޭނާއަށް ރަގަޅަށް އަޑުއެހުނުތޯ/ އެއާއި އެކު ދެން ކުރެވޭ ކަންތައްތައް ވަޒަންކުރެވުނުތޯ، ދެން އެއަށްފަހު އެކުރެވުނު ކަންތައްތައް ގޯލާއި ހަމައަށް ދިއުމަށް ރަގަޅަށް ބޭނުންކުރެވޭނެތޯ ބެލުމެވެ. މިޚިޔާލަށް ވިސްނައިލާއިރު ފާހަގަ ކުރެވެނީ ކިޔަވައިދޭ މާހައުލެއްގައިވެސް ދަރިވަރާ އެކު ކުރެވޭ ފީޑްބެކް މުޢާމަލާތުގައި މިދެންނެވި ފަދަ ކަންކަމަށް ސަމާލުވާން ޖެހޭކަމެވެ. ދަރިވަރަށް ކުރަންވީކަންތައް އެނގުމަށްފަހު އެދެވުނު ފީޑްބެކް ބަލާގަނެވުނުތޯ، އަދި ކަމެއް ބަދަލުކުރަން ޖެހޭނަމަ ބަދަލުކުރާނެގޮތް އެނގުނުތޯ، އަދި ކުރެވުނު ވަކި ކަމެއް ގޯލާއި ހަމައަށް ދިއުމަށް ކާމިޔާބީ ކިހާމިންވަރަކަށްތޯ ދެނެގަނެވުމެވެ. އަދި މިގޮތަށް މިކަންކުރެވޭއިރު، ފީޑްބެކް ލިބޭފަރާތުގެ އިހުސާސް، ފީޑްބެކް ދެވޭ ވަގުތާއި ހާލަތް މުހިންމު ދައުރެއް އަދާކުރާކަމަށް ޑެނިއަލް ސްވެއިން އިޝާރަތް ކުރައްވައެވެ.

ހޫލަ 2. ފީޑްބެކް ދިނުމުގައި ސަމާލުކަން ދެވިދާނެ މުހިއްމު ކަންތައްތަކެއް (ސްވެއިން، 2015)

ޓެޑް ޓޯލްގައި މިނޫނަސް އެހެން ބޭފުޅުން މިދާއިރާއާއި ގުޅޭގޮތުން ތަފާތު ތަޖުރިބާތައް ހިއްސާކުރައްވާފައި ވެއެވެ. މިގޮތުން ފާހަގަކޮށްލެވޭ އެހެން ބޭފުޅަކީ، ޖޯއީ ހިރިޝް އެވެ. އޭނާއަކީ ޚާއްޞަކޮށް ތަޢުލީމީ ދާއިރާގައި ފީޑްބެކްގެ ބޭނުންތެރިކަމާ ގުޅޭ ގޮތުން ޝައުގުވެރި ކަންތައްތަކެއް ހުށަހެޅުއްވި މަޝްހޫރު ބޭފުޅެކެވެ. މިގޮތުން އޭނާ ގަބޫލު ކުރައްވާ ގޮތުގައި ޑެނިއަލް ވެސް ފާހަގަ ކުރެއްވިފަދައިން، ފީޑްބެކް ލިބިގަންނަ ފަރާތް ނުވަތަ ދަރިވަރުގެ އިމޯޝަން/އިހުސާސް ކަމެއް ބަދަލުކުރުމުގައި ވަރަށް ބޮޑު ދައުރެއް އަދާކުރެއެވެ. ޖޯއީ ހިރިޝް (2018) ގެ ޓެޑް ޓޯލްކްގައި ޚާއްޞަކޮށް އިޝާރާތް ކުރައްވަނީ ފީޑްބެކް ވާންޖެހޭނީ ދަރިވަރަށް ފަސޭހައިން ގަބޫލު ކުރެވޭގޮތަކަށް ދެވޭ އެއްޗަކަށް ކަމެވެ. ޖޯއީ އިތުރަށް ބާރު އަޅުއްވަނީ ހޭޓީ އާއި ޓިމްޕަރލީގެ މޮޑެލްގައިވާ ފީޑްފޯރވާރޑްގެ (ހޫލަ 1) ބޭނުންތެރިކަމާއި ގުޅޭ ގޮތުންނެވެ. މިގޮތުން ވިދާޅުވަނީ ފީޑްފޯރވަރޑް ވާންޖެހޭނީ ގޯލާއި ހަމައަށް ވާސިލުވުމަށް ދަރިވަރުން އަމިއްލައަށް ކުރެވިދާނެ މުހިއްމުކަންތައްތަކެއް ހޯދާ ބަލަން ލިބޭ ފުރުސަތުތަކަކަށް ކަމެވެ. މިވާހަކަ ކޮޅުގެ އިތުރުން އަޅުގަޑުގެ ޝައުގުވެރިކަން އެންމެ ބޮޑަށް ދިޔަ އެހެން ވާހަކަ ދެއްކުންތެރިޔަކީ ޕްރައިމަރީ ސްކޫލުގެ ތަޖުރިބާކާރު މުދައްރިސެއްގެ ޓެޑް ޓޯލްކްގެ ވާހަކަކޮޅަކަށެވެ. އެއީ ފީޑްބެކްދިނުމުގައި ދަރިވަރަށް އަމާޒުކޮށްގެން، ގާތް ގުޅުމެއްގެ ތެރެއިން، ނޮންޖަޖުމެންޓަލް/ވަކިގޮތަކަށް ގޮތް ކިޔާއުސޫލަށްވުރެ ބޮޑަށް ދޭދޭ ވާހަކަތެރެއިން ކުރެވެން ޖެހޭ ކަމެއްގޮތުގައެވެ. މިގޮތުން ވާހަކަ ދައްކަވަމުން، ނިކް ކޯލްސް (2019) ހާމަކުރެއްވިގޮތުގައި ފޮތުގައި ބޮޅު އަޅާ، ކުރަހާ، ނުބައިފާހަގަ ޖެހުން ފަދަ ކަންކަންކަމަށް ވުރެ ދަރިވަރާއެކު ދެކެވޭ ވާހަކަ ތެރެއިން ފީޑްބެކް ދިނުމުގައި ދަރިވަރުގެ ހިއްސާބޮޑުކޮށްގެން ދެވޭ ފީޑްބެކަކީ މާބޮޑަށްވެސް ފައިދާހުރި ބިނާކުރަނިވި ގޮތެކެވެ. އިސްވެދިޔަ ހުރިހާ ޚިޔާލުތަކަކީވެސް ފީޑްބެކް ދިނުމުގެ މަސައްކަތާއި ގުޅޭ ބަރުދަން ހުރި ވާހަކަތަކެކެވެ. މިކަންކަމަށް ރިޢާޔަތްކޮށް ބައެއް ލިޔުންތެރިން ލިޔުއްވާފައިވާ ފީޑްބެކް ދިނުމުގެ މުދައްރިސުންނަށް ބޭނުން ކުރެވިދާނެ ބައެއް އުކުޅުތައް ދަންނަވާލާނަމެވެ.

ފީޑްބެކް ދިނުމުގައި މުދައްރިސަށް ބޭނުންކުރެވިދާނެ ބައެއް އުކުޅުތައް

މިހާރުގެ ދިރާސާވެރިން ފާހަގަކުރައްވާފައިވާ ވަރަށް ގިނަ ކަންތައްތަކެއް ފީޑްބެކްދިނުމުގެ މަސައްކަތުގައި އަޅުގަޑުމެންނަށް ތަންފީޒު ކުރެވިދާނެއެވެ. މިގޮތުން ތިރީގައިވާ ކަންކަމަކީ ދިރާސާތަކުން ހާމަކުރައްވާފައިވާ ހޯދުންތަކުގެ މައްޗަށް ބިނާކޮށް، މޭރިއޭން ސްޓެންގާރ (2014) ލިޔުއްވާފައިވާ 5 ކަމެކެވެ.

  1. ފީޑްބެކް ވަކިކަމަކަށް އަމާޒުކުރުން: މީގެ މިސާލަކީ ވަރަށް ރަގަޅު މަސައްކަތެކޭ ބުނުމުގެ ބަދަލުގައި ރަގަޅަށްކުރެވުނު ކަންތައްތައް ސީދާކޮށް ވަކިކަމެއް ފާހަގަކޮށް ބުނުން. އަދި ހަމައެހެންމެ ބަދަލުކުރަންޖެހޭ ކަމެއްވެސް މިބީދައިން ރަގަޅުކުރަންވީ ވަކި ކަމެއް ދަރިވަރާއެކު މަޝްވަރާކުރުން.
  2. އަވަހަށް ފީޑްބެކްދިނުން: ކަމެއް ކޮށް ނިމޭހިނދު، ވީހާވެސް އަވަހަކަށް ފީޑްބެކް ދެވުމަކީ އޭގެ އެންމެ ރަގަޅު ވަގުތުކަމުގައި ދިރާސާވެރިން ގަބޫލު ކުރައްވައެވެ. ނަމަވެސް ކޮންމެ ކަމެއް ނިމޭވަގުތުގައި ހުރިހާ ދަރިވަރުންނަށް އެއްފަހަރާއި އެއްވަގުތެއްގައި ފީޑްބެކް ދިނުމަކީ ވާނޭ ކަމެއް ނޫނެވެ. ނަމަވެސް، ދަރިވަރުން މަސައްކަތެއް ނިމުމަށްފަހު، މާގިނަ ދުވަސްތައް ފާއިތު ނުވަނީސް، އަދި ހަފުތާތައް މަސްތައް ވޭތުވެގެންގޮސް ދަރިވަރުން ކުރި މަސައްކަތްތައް ހަދާން ނެތޭހައި ދުވަސްކޮށްފައި ދެވޭ ފީޑްބެކުން އެންމެ ރަގަޅު އަސަރު ނުކުރާނެއެވެ.
  3. ހާސިލުކުރަން ބޭނުންވާ ގޯލަށް ދަރިވަރު ގެންދިއުމަށް ސަމާލުވުން: މިޚިޔާލަކީ ސީދާ ހޭޓީ އަދި ޓިމްޕަރލީ (2007)ގައި އިޝާރާތްކުރެއްވި ވިސްނުމުގެ މައްޗަށް ބިނާކޮށް ކުރެވޭ ކަމެކެވެ. މާނައަކީ ދަރިވަރުން ކުރަންޖެހޭކަމަކީ އޭނާއަށް ރަގަޅަށް ގޯލު އެނގި އަދި އެގޯލާއި ހަމައަށް ދާންވީގޮތް ސާފުކޮށް ކުރަންވީ ވަކި ކަމެއް އިނގޭގޮތަށް ފީޑްބެކް ދިނުމެވެ.
  4. ދަރިވަރުގެ ހުރިހާކަމަކަށް ސަމާލުވެގެން ހުރެ ފީޑްބެކް ދިނުން: މިކަމުގައި ޚާއްޞަކޮށް ވިސްނަންވީ 3 ނުކުތާއެއް ހިމެނެއެވެ. އެއީ ދަރިވަރަށް އޭނާ ކުރާކަންތައް މާބޮޑަށް މޮނިޓަރކޮށް ބަލާކަން އިހުސާސް ވިޔަ ނުދިނުން، މާބޮޑަށް ކޮންޓްރޯލްކުރާގޮތް އިހުސާސް ކުރެވޭފަދަ ގޮތަކަށް ފީޑްބެކް ނުދިނުން، އަދި ހަމައެހެންމެ، މާބޮޑަށް އެކަކު އަނެކަކާއި އަޅާ ކިޔޭފަދަ ވާދަވެރިކަމެއް އިހުސާސްކުރެވޭ ގޮތަށްވެސް ފީޑްބެކް ނުދިނުމެވެ. މިގޮތަކީ ޚާއްޞަކޮށް ގުރޫޕެއްގެ މެދުގައި ފީޑްބެކް ދެވޭއިރު ދިމާވެދާނެ ކަމެކެވެ.
  5. ދަރިވަރުގެ ހިއްސާބޮޑުކުރުން: ފީޑްބެކް ދިނުމުގެ އެންމެ މުހިއްމު ކަމަކީ ދަރިވަރު ކުރަންވާ ކަންތައްތައް ކަމަށްވުމަކީ އޭނާގެ ދައުރު އޭގައި ބޮޑުވަން ޖެހޭ އެންމެ ބޮޑު ސަބަބެވެ. އެހެންކަމުން އޭނާއަށް ފީޑްބެކްދޭއިރު ދެކެވޭ ވާހަކަތައް ބަލައިގަނެވި، ވަކި ކަންތައްތަކެއް ކުރަންވީ ކީއްވެކަން އެނގި، އަދި ކުރަންވީ ކަމެއް ކުރަންވީގޮތް ރަގަޅަށް ސާފުކޮށް އެނގުން މުހިންމެވެ. މިގޮތުން ފީޑްބެކް ދޭއިރު ދަރިވަރުން އަމިއްލައަށް ވަޒަންކުރުން، ރިފްލެކްޓް(ރިވެލި)ކުރުން އަދި މޮނިޓަރކޮށް ބެލުން ފަދަ ކަންތައްތައް ހިމެނުނު މިންވަރަކުން އެފީޑްބެކް ކާމިޔާބުވުން ގާތެވެ.

ފީޑްބެކްދިނުމުގެ ކުލާސްތެރޭގައި ކުރެވިދާނެ ކަންކަމުގެ ބައެއް ޢަމަލީ މިސާލުތައް

  1. ރަގަޅު ކުރާނެ ކަންތައް އެކަނި ފީޑްބެކް ދިނުން: މިގޮތަށް ފީޑްބެކް ދޭއިރު ކޮންމެޓްކުރާނީ ހަމައެކަނި ހަދަންވީ ގޮތް ކިޔައިދިނުމަށެވެ. ނުބައިކޮށް ނުވަތަ ރަގަޅުކަމަށް ލިޔުމުގެ ބަދަލުގައި އިތުރަށް ރަގަޅުކުރާނެ ކަންތައްތަކެއް ލިޔުން
  2. ދަރިވަރުން އަމިއްލައަށް ވަޒަން ކުރުމަށް ފުރުސަތު ފަހިކޮށްދިނުން. މިގޮތަށް ކަން ކުރާއިރު ދަރިވަރު މިކަމަށް ތަމުރީނުކޮށް ހޭނުވުމަކީ މުހިއްމު ކަމެކެވެ. އެހެން ނޫނީ އެންމެ އެދެވޭ ގޮތުގައި ދަރިވަރުގެ އަމިއްލަ މަސައްކަތް ވަޒަންކުރުމުގެ ގޮތަށް އަހުލުވެރި ނުވާނެއެވެ. މިގޮތުން ރަގަޅު މަސައްކަތްތައް އޮންނަ ފުރިހަމަ ގޮތް ހިމެނޭ ސާމްޕަލް ނުވަތަ ގައިޑް ފަދަ ތަކެތި ދަރިވަރު ބެލުމަށް ވެސް ދެވިދާނެއެވެ.
  3. ފީޑްބެކް ސޭންޑްވިޗް: މިގޮތަށް ފީޑްބެކް ދޭއިރު، ރަގަޅު ކޮމެންޓް ކުރާއިރު ރަގަޅުކަންކަން ފާހަގަ ކޮށް އިތުރަށް ރަގަޅު ކުރާނެ ކަންތައް ތަކެއް ހިމަނާލުން. އަދި ހަމައެއާއެކު ކޮންޓެކްސްޓުއަލް ޢިބާރާތްތައް ބޭނުންކުރުން، މިސާލަކަށް މިބައި ރަގަޅު ސަބަބަކީ މީގައި މިވެނި ކަމެއް ހިމެނިފައިވާތީ އަދި މިވެނި ކަމެއް އިތުރު ކޮށްލުމުން މިއަށްވުރެ ފުރިހަމަ ވާނެކަމަށް ފެންނަކަން ހާމަކުރުން.
  4. ފީޑްބެކް ދިނުމަށްފަހު އެއަށް ޢަމަލުކޮށް ރަގަޅު ކުރުމަށް ވަގުތު ދިނުން: މިކަމަކީ ވަރަށް ބޮޑަށް މުދައްރިސު ސަމާލުކަން ދޭން ޖެހޭ ކަމެކެވެ. މިގޮތަށް ވަގުތު ދިނުމުން އެދެވޭ ފީޑްބެކްގެ އަގު ވަޒަންކުރެވި އަދި އެކަމަށް ފަރުވާތެރިވެ ރަގަޅު ކުރުމުގެ ރޫހު އިތުރުވާނެއެވެ.
  5. ފީޑްބެކް ދިނުމަށްފަހު، ދަރިވަރުގެ މަސައްކަތް ދާގޮތް ބެލުން: މިގޮތަށް މަސައްކަތް ކުރާއިރު ޢާއްމު ކުލާހެއްގައި ގަޑި ނިންމާފައި ނަމަވެސް ނުވަތަ އެހެންވަގުތެއްގައިވެސް ދަރިވަރަށް ދެވުނު ފީޑްބެކާ އެއްގޮތަށް ކަންދަނީ ކިހިނެއްތޯ ވާހަކަ ދައްކާލާ ބަލާލުން މުހިއްމެވެ.
  6. ދަރިވަރުން ލައްވާ ލާރނިން ޖާރނަލް ހެއްދުވުން: މިއީ ދަރިވަރުންގެ އަމިއްލަ ވަޒަންކުރުމަށާއި އަދި އުނގެނުމަށް ރިވެލި ކުރަންވެސް އާދަކުރެވޭނެ ވަރަށް މުހިއްމު ގޮތެކެވެ. ދަރިވަރުގެ އުނގެނުމުގެ ޖާރނަލް އެއް ހަދަމުން ދިޔުމުން ފީޑްބެކަށް ދެވޭ ކަންކަން ރަގަޅު ކުރެވެމުން ދާގޮތާ ބެހޭގޮތުންވެސް ލިޔަން ދަރިވަރަށް އިރުޝާދު ދެވިދާނެއެވެ.

އެންމެ ފަހުގެ ވިސްނުން: ފީޑްބެކްގެ ބަދަލުގައި ފީޑްފޯރވާރޑް ކުރުން

މިހާރުގެ ކިޔަވާދިނުމުގެ ތަޖުރިބާކާރު ބޭފުޅުން ފާހަގަ ކުރައްވާގޮތުގައި، ފީޑްބެކް ދިނުމަށްވުރެ ރަގަޅީ ސީދާ ފީޑް ފޯރވާރޑް ކުރުމެވެ. މިޚިޔާލުގެ އަސްލު ނެގިފައިވަނީ ކުރިންވެސް އިޝާރާތްކުރި ޢިލުމުވެރިން ކަމަށްވާ ޖޯން ހެޓީ އާއި ހެލެން ޓިމްޕާރލީގެ މޮޑެލްގެ ތެރެއިންނެވެ. އަދި ޚާއްޞަކޮށް، ޖޯއީ ހިރިޝްގެ މައިގަޑު ވާހަކަ ކޮޅުގައި ފާހަގަކުރައްވާފައިވާ ބައެއް ޚިޔާލުތަކާ ވެސް ގުޅުވައިގެންނެވެ. ޖެނިފާރ ގޮންޒޭލް (2018) ލިޔުއްވާގޮތުގައި، ފީޑްބެކްއަކީ މިހާރު ގަދީމީ ނުވަތަ ކުރީގައި ދަރިވަރުންގެ މަސައްކަތްތައް ރަގަޅުކުރާނެ ގޮތާއި ބެހޭގޮތުން މުޢާމަލާތްކުރެވޭ ގޮތެކެވެ. ރަގަޅުގޮތަކީ ފުރަތަމަ ފަށާއިރުވެސް ފީޑްފޯރވާރޑް ކުރުމެވެ. މާނައަކީ ފީޑްބެކްދޭއިރު ބައެއްފަހަރު ކަމެއް އޮތްގޮތް ރަގަޅު ނުރަނގަޅު ވަކިކުރުން ފަދަ ކަންކަތައްތައް ކުރުމުން ދަރިވަރަށް ނުރަނގަޅު ކަންތައް ބަލައިގަންނަން ދަތިވުން ފާހަގަ ކުރެވުމެވެ. އަދި ހަމައެހެންމެ ގެންނަވީ ބަދަލުތައް ކިޔައިދެމުން ދާއިރުވެސް ދަރިވަރުގެ މެންޓަލް ބްލޮކެއް(ހުއްޓުމެއް) ހުރުންފަދަ ކަންކަން ވުން ފަދަ ގޮތްތައް ވެސް މެދުވެރިވާތީއެވެ. ނަމަވެސް ފީޑްފޯރވާރޑް ކުރާނަމަ އަބަދުވެސް ވާހަކަ ދެކެވޭނީ ދަރިވަރުގެ ހުންނަ/ހުރި ތަފާތުކަންކުރުމުގެ ގާބިލިއްޔަތުތަކަށް ސަމާލުވެ، އެކަމުގެ ތެރެއިން އޭނައަށް މަގުދައްކާދިނުމަށެވެ. ޚާއްޞަކޮށް ފާހަގަކޮށްލެވޭ ދެތިންކަމެއް ތިރީގައި ހިމަނާލާނަމެވެ. މިއާއި ގުޅޭ ވާހަކަ ކޮޅެއް ދެވިފައިވާ ޔޫޓިޔުބު ކުލިޕް އިން ބައްލަވާ ލެއްވުމަކީ މިބައިތައް އިތުރަށް ދޭހަވާނެ ގޮތެކެވެ. ފީޑްފޯރވާރޑް ކުރާއިރު:

  • ކުއްޖާގެ ގާބިލިއްޔަތު އިތުރުކުރުން: ދަރިވަރުގެ ގާބިލިއްޔަތާއި، ކުޅެދުންތައް ތަފާތުކަންކަމަށް އިތުރުކުރުމުގެ މަގުސަދުގައި ވާހަކަދެއްކުން. ޚާއްޞަކޮށް، ދަރިވަރަށް ކުރިޔަށް ދެވޭނެ ކަމުގެ ޔަގީންކަން ދެމުން އެކަމުގެ އިހުސާސްކޮށްދެމުން، ކުރެވެން ހުރިކަންކަމާއި ގުޅޭ ގޮތުން ވާހަކަ ދެކެވި މަޝްވަރާގެ އުސޫލުން ފީޑްފޯރވާރޑް ކުރުން ހިމެނެއެވެ.
  • ކުރެވެން ހުރިކަންކަން ހާމާވެގެން ދިއުން: ފީޑްފޯރވާރޑް ކުރުމުން ދަރިވަރަށް ކުރެވެން ހުރި ވަރަށް ގިނަކަންތައް ތަކެއް ހާމަވެގެން ގޮސް، އެކަން ތަޖުރިބާކުރެވި އުނގެނުން ކުރިއެރުވުމުގެ އިތުރު ގޮތްތަކާއި ކަންކަން ދެނެގަނެވުން ހިމެނެއެވެ.
  • ފީޑްބެކްދޭއިރު މާބޮޑަށް ވަކިކަމަކަށް އަމާޒުކުރެވުމުން، ދަރިވަރުގެ ލިމިޓޭޝަންތައް ނުވަތަ ނުކުރެވޭ ކަންތައްތައް މާބޮޑަށް ފާހަގަކުރެވޭ ތަން އާދެއެވެ. ނަމަވެސް ފީޑްފާރވާރޑް ކުރާއިރު ދަރިވަރު ހުރި ހިސާބާއި ހާލަތާއި، ކުޅެދުންތަކާއި، ހުރިހާ ކަމަކަށް ސަމާލުވެގެން ހުރެ ކުރެވިދާނެ ކަންކަން ހޯދާ ބެލުމަށް ދަރިވަރަށް ފުރުސަތު ފަހިކޮށްދިނުން ހިމެނެއެވެ.
  • ވީހާވެސް ބޮޑަކަށް އަސްލާއި އެއްގޮތަށް ވާހަކަ ގެންދިއުން: ދަރިވަރެއްގެ ވަކި ކަމެއް ބަދަލުކުރަން ބޭނުންވާއިރު އެކަމެއްގެ އަސްލުގޮތުގައި ދަރިވަރާއި ވާހަކަ ދައްކައިގެން ހަގީގީ މައްސަލައަކީ ކޮބައިކަން ދަރިވަރުގެ ވާހަކަ ތެރެއިން ހޯދުން. އެއްވެސް ހާލެއްގައި ސީދާ މުދައްރިސް މިއީ އޭ މައްސަލައަކީ ނުބުނެ ރަގަޅުކުރަންވީކަންތައް ދަރިވަރު ބައިވެރިކޮށްގެން ހޯދުން ހިމެނެއެވެ.
  • ދުރު މުސްތަގުބަލަށް ރަގަޅު އަސަރުތައް ކުރާނެ ކަމެއް: ފީޑްފޯރވާރޑް ދެވެނީ ދަރިވަރުގެ ދުރު މުސްތަގުބަލަށް އަމާޒުކޮށްގެން މަސައްކަތްތަކެއް ނުވަތަ ސުލޫކެއް ރަގަޅު ކުރުމަށް ފުރުސަތު ފަހިކޮށްދިނުމަށެވެ. އެހެންކަމުން ވަކިވަކިން އެއްކަމެއް ކުރުމުގެ ބަދަލުގައި ކުރެވިދާނެ ތަފާތު ކަންކަމާ ބެހޭގޮތުން މަޝްވަރާކޮށް ގޮތްހޯދުން ފީޑްފޯރވާރޑް ކުރުމުގެ ތެރޭގައި ހިމެނެއެވެ.
  • ފީޑްފާރވާޑްއަކީ ދަރިވަރުންގެ މެދުގައި ގުޅުން އިތުރު ކުރެވޭނެ ކަމެއް: ފީޑްބެކާއި ޚިލާފަށް ދަރިވަރުންގެ މެދުގައި ދެކެވޭ ވާހަކަތެރެއިން އުގެނުމުގެ ވަކި ގޯލެއް ހާސިލުކުރާނެ ގޮތަކާއި ބެހޭގޮތުން މަޝްވަރާކޮށް ގޮތް ހޯދާ، ކުރާނެކަންތައްތަކެއް ނިންމުމަށްޓަކައި ފުރުޞަތު ދިނުންވެސް ހިމެނެއެވެ.

މިއަދު މިހުށަހަޅާލެވުނު ވާހަކަ ކޮޅަކީ ކޮންމެ ލެވެލެއްގައި ކިޔަވައިދޭ މުދައްރިސަކަށްމެ މުހިއްމު ޚިޔާލުތަކެކެވެ. ޢިލުމުވެރިން ދައްކަވާފައި ހުންނަ ވާހަކަތަކާއި، އަދި ވަކި ކަމެއް ކުރުމުގައި ފަހުގެ ގޮތްތަކަކީ  ކޮބައިކަން އެނގިގެން ދިޔުމަކީ ޚިޔާލުތައް ތަނަވެސް، ފުޅާ ދާއިރާއަކަށް ކަންކަމަށް ވިސްނުމަށް ލިބޭ ފުރުސަތެކެވެ.  އަޅުގަޑުގެ އެދުމަކީ މިފަދަ ޚިޔާލުތަކާމެދު ތަނަވަސްކޮށް ވިސްނާ ރިވެލި ކުރާ ބަޔަކަށް އަޅުގަޑުމެންގެ ހުރިހާ މުދައްރިސުން ވުމެވެ.   

 

Leave a Comment