ޝާއިއު ކުރީ: ނޮވެމްބަރ 24, 2023 ލިޔުނީ: ޑރ. ޝާފިޔާ ކޮމެންޓްތައް: 0

މިއަދުގެ ވާހަކަ ކޮޅު މި ލިޔެލަނީ އޯޓިޒަމް ހުންނަ ކުދިންގެ ކިބައިން ފާހަގަކުރެވޭ ޓަޗް ސެންސިޓިވިޓީ ނުވަތަ ގައިގައި އަތްލުން، ގައިގޯޅިވުން، ހަގު( ބައްދާލުން) ކުރުން މިފަދަ ކަންކަމާއި ގުޅޭގޮތުން ހިމަނާލެވޭ ބައެއް މަޢުލޫމާތެވެ. އާންމުކޮށް ކުޑަކުދިންނަކީ މީހުންގެ ގާތްކަން ވަރަށް ބޭނުންވާ ހަގު (ބައްދާލަން) ބޭނުންވާ ކުދިންނެވެ. ނަމަވެސް އޯޓިޒަމްގެ ޢަލާމާތްތައް ހުންނަ ކުދިންގެ މިކަން ފެންނަ ގޮތާއި މިކަމާމެދު ރިއެކްޓް/އިޖާބަދޭގޮތް ތަފާތުވާ ކަން ފާހަގަކުރެވެއެވެ.

އޯޓިސްޓިޒަމްގެ ޢަލާމާތްތައް ހުންނަ ކުދިންނަކީ ވަރަށް ގިނަކަންތައްތަކުގައި ހައްސާސް/ނާޒުކު ކުދި ބައެކެވެ. މިގޮތުން އަލިކަމާއި އަޑާއި މީހުންނާއި ގައިގޯޅިވުން މިނޫން ވެސް ގައިގައި އަތްލުންފަދަ އެންމެ އާދައިގެ ކަންކަމުގައި ވެސް އެހެން އާންމުކކުދިންނަށް ވުރެ އެކުދިންނަށް އިހުސާސްވާ ގޮތް އިތުރެވެ. ޙިއްސުގެ އުނި އިތުރު ކަމުގެތެރެއިން އަޑުއިވުން، ފެނުން، އަތްލުން، ރަހަބަލުން، ވަސްދުވުން، މިފަދަ އެކި ހިއްސުތަކާއި ގުޅޭ ސެންސިޓިވިޓީ ހުރެއެވެ (ކްރިސްޓޮފަރ، 2019). މިގޮތުން ހިއްސުތަކަށް ދިމާވާ އުނިއިތުރެއްގެ ސަބަބުން ހައިޕަރސެންސިޓިވް، ހައިޕޮސެންސިޓިވް ނުވަތަ އެކަމުން ދިމާވާ އެހެން ކަންތައްތަކެއް ވެސް ހުރެދާނެއެވެ. އަދި މިކަމުން އާންމު ދިރިއުޅުމުގެ ވަރަށް ގިނަ ކަންތައްތަކަށް އަސަރު ކުރުވާނެ ކަމަށް ކްރިސްޓޮފަރ (2019) ލިޔުއްވައެވެ. ފާހަގަކުރެވޭ ގޮތުގައި ކުއްޖާ އުޅޭ ތަނުން ނުވަތަ މާހައުލުން ދިމާވާ މިފަދަ ކަމަކުން ހައިޕަރ އަދި ހައިޕޯ ސެންސިޓިވިޓީ ވެސް ފާހަގަވުމަކީ އާންމު ކަމެކެވެ. ނަމަވެސް ޢިލުމުވެރިން ދެކޭގޮތުގައި އޯޓިޒަމް ސްޕެކްޓްރަމްގައި ހިމެނޭ އެކި ކުދިންގެ މެދުގައި ސެންސަރީ ސެންސިޓިވިޓީ (ހިއްސުތަކުގެ އިހުސާސް) ވަރަށް ބޮޑަށް ތަފާތުވުމަކީ އެކަށީގެންވާ ކަމެކެވެ. އެއީ އާންމުކޮށް ވަކިހިއްސަކަށް އަސަރުކުރުވާގޮތް އެކި ކުދިންގެ ކިބައިގައިވެސް ތަފާތުވާކަމަށް ބެލެވޭތީއެވެ. މިސާލަކަށް ކަމަކަށް އިޖާބަދިނުމުގައި ނޭނގުމާއި ލަސްވުން ފަދަ ކަންކަމަކީ ހައިޕޯ ސެންސިޓިވިޓީގެ ސަބަބުން ވާކަންކަމެވެ.  އަދި މާބޮޑަށް ވަކިކަމަކަށް ގަޔާވުން ގިނަގިނައިން ކުރުން ފަދަ ކަންކަމަކީ ކަންކަމަކީ ހައިޕަރ ސެންސިޓިވިޓީ ގެ ސަބަބުން ދިމާވާކަމެކެވެ. މިސާލަކަށް މާބޮޑަށް އަޑު ގަދަވުމުން ކަންފަތުގައި އަތްއަޅާ ނިވާކޮށް، ގަދަ އަލި ހުންނަ ތަންތަނުން ދުރުހެލިވުން ހިމެނެއެވެ. އެފަދަ ވަގުތުގައި ވަރަށް ނުތަނަވަސްވެ އުނދަގޫތަކެއް އިހުސާސްވާކަން ހަރަކާތުން  ނުވަތަ ލައްވާ އަޑުތަކުން ކުދިން ހާމަކުރެއެވެ. ދިރާސާވެރިން ފާހަގަކުރާގޮތުގައި މިހެންދިމާވަނީ ސެންސަރީ ޕްރޮސެސިންގ ޑިސްއޯޑަރ (އެސް.ޕީ.ޑީ) ގެ ސަބަބުންނެވެ. މި ހާލަތް މެދުވެރިވެފައިވާ ނަމަ ޙިއްސީ ޕްރޮސެސިންގ އަށް އުނދަގޫ ހާލަތްތައް ނުވަތަ ގެއްލުން ލިބެއެވެ. މާނައަކީ އިހުސާސްތަކާ މެދު ސިކުނޑިން ފާހަގަކުރާ ގޮތާއި، އޭގެ ފަހުން ޙިއްސީ މަޢުލޫމާތަކަށް ރިއެކްޓް/އިޖާބަދެވޭ ގޮތްތަފާތުވުމެވެ. އަދި ވަކިން ޚާއްޞަކޮށް، އެސް.ޕީ.ޑީ އިން ކުއްޖާގެ ސުލޫކުތަކާއި މޮޓޯ ސްކިލްސް އަދި އެކަން ކަމަށް އިޖާބަދެވޭ ގޮތަށް (އަތުގެ އިހުސާސް، ގައިގައި ޖެހުމުން ކުރެވޭ އިހުސާސް، ހަރަކާތްތައް ބެލެންސްކޮށް ކުރުމާއި، ހަރަކާތްތައް ކޯޑިނޭޓް ކުރުން) ފަދަ ކަންކަމަށް ވެސް އަސަރުކުރެއެވެ(ނީލް، އޮލްސަން، އަދި ޕެލިކާނޯ، 2016).  

ކުރިން ވެސް އެހެން ލިޔުމެއްގައި އިޝާރަތް ކުރެވިފައިވާނެ ފަދައިން އޯޓިޒަމް ހުންނަ ގިނަ ކުދިންނަށް، އާންމު މީހުންގެ މުޢާމަލާތްތަކުގައި އަދި ގުޅުންތަކުގައި ބައިވެރިވާން ދަސްކުރަން ދަތިވެ އެވެ. އެހެންކަމުން މުޢާމަލާތް ކުރުމުން ނުވަތަ ސީދާ ލޮލަށް ބެލުމުން ދުރުހެލިވުން ނުވަތަ މައިންބަފައިންގެ ސަމާލުކަމާއި، ބައްދާލުމާއި، ނުވަތަ ބޮސްދިނުން ފަދަ ކަންކަމާ ދެކޮޅު ހަދާފާނެއެވެ. އޯޓިޒަމް ހުންނަ ކުދިން ގައިގައި އަތްލުމަށް ދެކޮޅު ހަދާކަން ދިރާސާތަކުން ވެސް ފާހަގަކުރެވިފައިވެއެވެ. ކަންމިހެން އޮތްކަމުގައި ވިޔަސް މީގެ މާނައަކީ އޯޓިޒަމް ހުންނަ ކުދިންނަށް މި އިހުސާސް ބޭނުން ނުވާ ވާހަކައެއް ނޫނެވެ. ކޮންމެ ކުއްޖަކަށްވެސް ލޯތްބާއި އަޅާލުމާއި ގާތްކަން އިހުސާސްކުރެވޭ ގޮތްތަކުގެ ތެރޭގައި ގައިގައި ބައްދާލާ ގަޔާކައިރިކޮށްލުން ހިމެނެއެވެ. މިކަމަކީ އިންސާނީ ޠަބީޢަތުގައި ހިމެނޭ ކަމެކެވެ. ޙީއްސީ ނާޒުކުކަމަކާ ހެދި މިކަމަށް ސިކުނޑީގައި އިޖާބަދެވޭގޮތަކީ ކުރިން އިޝާރާތްކުރިހެން ސެންސަރީ ޕްރޮސެސިންގ ޑިސްއޯޑަރ (އެސް.ޕީ.ޑީ)ގެ ސަބަބުން ވާކަމެކެވެ. އެހެންކަމުން އެ ޖަޒުބާތީ ހުސްކަން ފުރިހަމަ ކުރެވޭނެ އެހެން ގޮތްތަކެއް ޢިލުމުވެރިން ހުށަހަޅައެވެ.    ގެވަރޓަރ، ނަޖާރ، އަދި ސިސިލިއާނޯ، (2023)ގެ ދާދި ފަހުން ޝާއިޢުކުރައްވާފައިވާ ލިޔުމުގައި ވާގޮތުން މިފަދަ ކަންކަމަށް ވެސް އޯޓިޒަމްކުދިން ތަމުރީނުކޮށް ދުޅަހެޔޮކޮށް މީހުންގެ ގާތްކަމާއި ލޯތްބާއި އަޅާލުމުގެ އިހުސާސްތަކަށް ފަރިތަކުރުވިދާނެއެވެ. ސީދާ ކުއްޖާގެ ގައިގައި ބައްދާލާ ގާތް ކޮށްލުމަށް އިދިކޮޅު ހަދާނަމަ ވެސް ބައްދާލުން ފަދަ އިހުސާސްތަކުން ކުދިން މަހުރޫމު ވިޔަ ނުދިނުމަށް ކުރެވޭނެ ކަންތައްތަކެއް ވިސްނާލުން މުހިންމެވެ.

އެންމެ ފުރަތަމަ ކަމަކީ ކުއްޖާގައިގައި ބައްދާލާން އުޅޭކަން އޭނާއަށް އެންގުމެވެ. އޭރުން އެކަމާމެދު ކުއްޖާ ދެކޭގޮތް/އިޖާބަދޭގޮތް ހާމަވާނެއެވެ. އޯޓިޒަމް ހުންނަ ކުދިންނާ މުޢާމަލާތު ކުރާއިރު އެއްވެސް އިޝާރާތަކާއި ނުލައި އެކަން ކުރުން ރަނގަޅެއްނޫނެވެ. މިގޮތުން އެކުދިންނާއި މުޢާމަލާތުކުރުމުގައި އާންމުކޮށް ގެންގުޅޭ ތަސްވީރުތަކުގައި ބައްދާލާ ގާތްކޮށްލާ މަންޒަރުތަކުގެ ފޮޓޯ ގެންގުޅުން ހިމެނެއެވެ. ކުދިން އެކަމަށް ފަރިތަކުރުވުމުގެ ގޮތުން އަދި ހިތްހަމަނުޖެހުމަކަށް  ނުވަތަ ނުތަނަވަސްކަމަކަށް ދިއުމުގެ ޖާގަ ކުޑަކުރުމުގެ ގޮތުން މިފަދަ ތަސްވީރުތައް ބޭނުންކޮށްގެން އެ އިހުސާސްތަކަށް ކުއްޖާ ފަރިތަކުރުމަކީ ރަނގަޅުކަމެކެވެ. އަދި ހަމައެހެންމެ ކުއްޖާއަށް މިކަމުގެ ތެރެއިން ދަސްކޮށްދެވޭ އަނެއްކަމަކީ އޭނާގެ ކޮންޓްރޯލް އަމިއްލަ ކަންކަމުގައި ބޭއްވުމެވެ. ޚާއްޞަކޮށް ކޮންމެ މީހަކު އޭނާގައިގައި އަތްލާ ހަދަން ފުރުސަތު ނުދިނުމަށް ވެސް މިކަމުގެ ތެރެއިން ދަސްކޮށްދެވޭނެއެވެ. ހަމައެހެންމެ މަންމަ ނުވަތަ ބައްޕައާއެކު ބައްދާލުމުގައިވެސް ކުއްޖާގެ އިޚްތިޔާރު އޮންނަ ކަމެއްކަން އަދި މިއީ ދަރިފުޅުގެ ކިބައިގައި އޮޓޮނޮމީ (އަމިއްލަ ކޮންޓްރޯލް) ގެ އިހުސާސެއް އުފެދިގެންދާނެ ވެސް ގޮތެކެވެ.

ދެވަނައަށް ވިސްނަން ޖެހޭ ކަމަކީ މިފަދަ ކުދިންގެ ގައިގައި ބައްދާލާއިރު ބައްދާލުމުގައި ހުންނަ ޕްރެޝަރު/ބާރު ކުޑަކުރުމެވެ. މިކުދިންނަށް އާންމު މީހުން ލޯބިން ގޮސް ބޮނޑިކޮށްލާ ކޮށްލުން އެއީ އެހާ ހިތްގައިމު ކަމަކަށް ނުވުމަކީ އެކަށީގެންވާ ކަމެކެވެ. އެކުއްޖެއްގެ ގޮތް ދެނެގަތުން މިކަމުގައި ވަރަށް މުހިންމެވެ. މިސާލަކަށް ބާރުބާރަށް ފިއްތާލާ ބައްދާލުމަކީ ލޯބިން މައިންބަފައިން ކުރާ ކަމެއް ނަމަވެސް އެކަމަކީ ސީދާ އޯޓިޒަމް ހުންން ކުއްޖާއަށް މާ ފަސޭހަކަމަކަށް ނުވުމަކީ އެކަށީގެންވާ ކަމެކެވެ. ކުއްޖާގެ ގައިގައި ބައްދާ ނުލެވުމަކީ ގާތް ގުޅުމަށް ހުރަހެއް ކަމުގައި ވެދާނެ ކަމަށް ހީވިޔަސް، ދަރިފުޅުގެ ނުތަނަވަސްކަމަކީ އެމީހުންގެ ޙިއްސީ ޕްރޮސެސިންގ ތަފާތުތަކުގެ ސަބަބުން އިޖާބަ ދެވޭ ގޮތްކަން މައިންބަފައިން ދެނެގަތުން މުހިންމެވެ.  ސަބަބަކީ ބައެއް ކުދިންގެ  ބައްދާލުމަށް ފޫހިވާ ވާއިރު ހަމަ އެކަމުން މަހުރޫމުވާ ކަމުގެ އިހުސާސް މާބޮޑަށް ވާ ކުދިންވެސް އޯޓިޒަމް ހުންނަ ކުދިންތެރޭގައި ތިބެދާނެކަން ދިރާސާތަކުގައި ހާމަކުރެއެވެ. މާނައަކީ ކޮންމެ ކުއްޖެއްގެ މިފަދަ ކަންކަމުގެ ސެންސިޓިވިޓީ/ނާޒުކުކަން ހުންނަ މިންވަރު ތަފާތުވުމެވެ. އެހެންކަމުން ބެލެނިވެރިން އެންމެ ބޮޑަށް ސަމާލުވާންވީ އަމިއްލަ ދަރިފުޅުގެ ހުންނަނީ ކޮންކަމެއްތޯ ރަނގަޅަށް ދެނެގަތުމަށެވެ.

އޯޓިޒަމް ހުންނަ ކުދިންގެ ތެރެއިން ގައިގައި ބައްދާލުމަށް ނުރުހުންވާ ކުދިންނަށް އެހީތެރިވުމުގެ ގޮތުން ބޭނުންކުރެވޭ އެހެން ގޮތްތަކަށް ލިޔުންތެރިން އިޝާރާތްކުރެއެވެ. މިސާލަކަށް ސެސިމިސްޓްރީގެ ޝޯއެއްގައި ދައްކާ ’ސްޓާރފިޝް ހަގް‘ (ދެއަތް ކައިރިކޮށްލާ އިނގިލިތައް ޖައްސާލުން) އަދި އޭގެ އިތުރުން ’އެލެފެންޓް ހަގު‘ (އަތް ނޭފަތާ ދިމާލަށް އުފުލާލާފައި ދެއަތް ޖައްސާލުން) އަދި ’ހައިފައިވް‘ (ދެމީހުންގެ އަތްތިލަ އުފުލާލާފައި ޖައްސާލުން) ފަދަ ގޮތްތައް ބޭނުންކުރެވިދާނެ ކަމަށް ބައެއް ލިޔުންތެރިން ބަޔާން ކޮށްފައިވެއެވެ. މި ދެންނެވުނު ކަންކަމަކީ އާންމުކޮށް މިކަހަލަ ކުދިންނަށް ’ހަގް‘  ނުވަތަ ބައްދާލުމުގެ އިހުސާސް ކުރުވަން ބޭނުންކުރެވިދާނެ ކަންތައްތަކެއް ކަމަށް ގޯލްޑަން ކެއަރ ތެރަޕީ (އޯޓިޒަމްގެ ލަފާދޭ މަޢުލޫމާތު މަންސައެއް) ގެ ވެބްސައިޓްގައި ހާމަކޮށްފައިވާ ކަންކަމެވެ. މީގެ އިތުރުން އެ ވެބްސައިޓްގައި ބަޔާންކޮށްފައިވާ ގޮތުގައި އޯޓިޒަމް ހުންނަ ކުދިންގެ ތެރެއިން ބައެއް ކުދިންނަށް ގިނައިން ބައްދާލަން ބޭނުންވާ ކަންވެސް ހާމަވެއެވެ. މިފަދަ ހާލަތްތަކުގައި ބޭނުންކުރެވިދާނެ ތަފާތު ތަކެތި ވެސް މިހާރު ހެދިފައި ހުރެއެވެ. މިސާލަކަށް ވެއިޓް ބްލޭންކެޓް (ވެއިޓެއް ލެވިފައިވާ ބެލްންކެޓެއް ބޭނުންކުރުން)، ސެލްފްހަގިން (ގައިގައި ދެއަތް ޖައްސާލުން)، އަދި ޕެޓްހަގިން (ގާތްކޮށް ގެންގުޅޭ ޕެޓްގައި ބައްދާލުން) ފަދަ އުކުޅުތައް ބޭނުންކުރެވިދާނެއެވެ. މިބާވަތުގެ ކޮންމެ ކަމަކުންވެސް ކުއްޖާގެ ގައިގައި ހަގުކޮށްލެވިފައިވާ ކަމުގެ އިހުސާސްކުރުވާ އަރާމު އިތުރުކޮށް ހާސްކަން ފިލުވައިދޭ ”ޓަޗް“ އިހުސާސްކުރެވޭނެ ކަމަށް މިވެބްސައިޓްގެ ލިޔުންތަކުގައި އިޝާރާތްކޮށްފައިވެއެވެ.

މިއަދު މި ހިމަނާލެވުނު ވާހަކަ ކޮޅަކީ ވެސް ކުރިން ލިޔެވިފައިވާ ލިޔުންތަކާއި އެކު އޯޓިޒަމްގެ ހާލަތްތަކުގެ އުޅޭ ކުދިން ބެލެހެއްޓުމަށާއި ނަފުސާނީ އަދި އިޖުތިމާޢީ ކަންކަން އިންތިޒާމު ކުރުމަށް އެހީތެރިވެދޭނެ މަޢުލޫމާތު ކޮޅެކެވެ. ބޭނުމަކީ މިފަދަ ޚިޔާލުތައް ބޭނުންކޮށްގެން އަދި އެއިން އާޚިޔާލުތައް ދެނެގަނެ އުފައްދާ ބަޔަކަށް އަޅުގަނޑުމެންގެ ބެލެނިވެރިންނާއި މުދައްރިސުން ވުމެވެ. ސަމާލުވާންޖެހޭކަމަކީ، ދިރާސާވެރިންނާއި ތަޖުރިބާކާރުން ލިޔުއްވާފައިވާ ގިނަ ކަންކަމަކީ އެއިން އެމީހުންނަށް އެދެވޭ ނަތީޖާތަކެއް ފެނި ތަޖުރިބާ ކުރެވި ދެވިފައިވާ ޚިޔާލުތަކެއް ނަމަވެސް އޯޓިޒަމްގެ ހާލަތްތައް ހުންނަ ކުދިންނަކީ އެކި މުޖުތަމަޢުތަކުގައި ވަރަށް ތަފާތު ބަޔަކަށްވާކަމެވެ. މިގޮތަށް ހުށަހެޅޭ ކޮންމެ މަޢުލޫމާތު ކޮޅެއް ވެސް ބޭނުންކުރަން ޖެހޭނީ ކުއްޖާ ރަނގަޅަށް ދަސްކޮށް ދެނެގަނެ ކުއްޖާގެ ހާލަތުގައި ރިޢާޔަތް ކުރަންޖެހޭ ކަންކަން ސިކުނޑީގައި ބަހައްޓައިގެން އެކުއްޖަކަށް އެކަން ކަމުދޭތޯ ބަލާ އުސޫލުންނެވެ. ރަނގަޅުގޮތް ކަނޑައެޅޭނީ އެކަން ތަޖުރިބާކޮށް ބަލައިގެންނެވެ. އެއްވެސް ގޮތަކީ އެންމެ ރަނގަޅު އެންމެ ކާމިޔާބު ގޮތް ކަމަށް ނިންމާނީ ސީދާ ކުއްޖާއަށް އެކަން ރަނގަޅުވާނަމަ އެވެ. އުއްމީދަކީ މި ފޮޅުވަތުގައި ލިޔާ ލިޔުންކޮޅުތައް މިވިސްނުމާއެކު ބޭނުންކުރުމުގެ ރޫހު މުދައްރިސުންނާއި ބެލެނިވެރިންގެ އޮތުމެވެ. އަދި މި ހިމަނާލެވުނު މަޢުލޫމާތު ކޮޅަކީ ބެލެނިވެރިންނަށް ބޭނުންކޮށްލެވޭނެ ލުއި މަޢުލޫމާތު ކޮޅަކަށް ވުމުގެ އުއްމީދުގައި ނިންމާލަމެވެ.

 

ހަވާލާދޭ ފަރާތްތައް

 

  • ގޯލްޑަން ކެއަރ ތެރަޕީ، 2023، https://www.goldencaretherapy.com/hugging-sensitivities-in-children-with-autism/
  • ގެވަރޓަރ، ސީ، ނަޖާރ، އޭ.އެމް، އަދި ސިސިލިއާނޯ، އެމް (2023). އޯޓިޒަމް ހުންނަ ކުދިންނަށް ކުޅޭއިރު އޮގްމެންޓޭޓިވް އަލްޓަނޭޓިވް ކޮމިއުނިކޭޝަން އެޕްލިކޭޝަންތަކުގެ މައްޗަށް މަލްޓި ސިމްބަލް މެސެޖްތައް އުފެއްދުމަށް ދަސްކޮށްދިނުން. އެޑްވާންސެސް އިން ނިއުރޯޑިވެލޮޕްމަންޓަލް ޑިސްއޯޑަރސް، 7(3)، 314-328.
  • ކްރިސްޓޮފަރ، ސ.(2019). އޯޓިޒަމް ހުންނަ ކުދިންގެ ގައިގައި ޓަޗް ހައިޕަރސެންސިޓިވިޓީ–އެނަލިސިސްއެއް. އިންޓަރނޭޝަނަލް ޖާނަލް އޮފް ރިސާރޗް އެންޑް އެނަލިޓިކަލް ރިވިއުސް، 6(2)، 616-622.
  • ނީލް، އެލް، އޮލްސަން، ނ.ސީ، އަދި ޕެލިކާނޯ، އީ (2016). އޯޓިސްޓިކް އަދި އާންމުކޮށް ތަރައްގީވަމުން އަންނަ ކުދިންގެ ޔަގީންކަން ނެތް ކަންކަމަށް އިންޓޮލަރެންސް، ސެންސަރީ ސެންސިޓިވިޓީސް، އަދި ހާސްކަމާ އޮންނަ ގުޅުން. ޖާނަލް އޮފް އޯޓިޒަމް އެންޑް ޑިވެލޮޕްމަންޓަލް ޑިސްއޯޑަރސް، 46، 1962-1973.

 

Leave a Comment